ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް ދުނިޔޭގެ އެތަކެއް ފަންނާނުން ވެސް ގެންދަނީ އާއްމުން ހޭލުންތެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ބޮލީވުޑްގެ އެންމެ މަޤްބޫލު އަދި އެންމެ ހުނަރުވެރި އެއް ކޮމީޑިއަން ޖޯނީ ލިވަރގެ ޓްވިޓަރއަށް ދޫކޮށްލާފައި ވީޑިއޯއެއް ވައިރަލްވެފައި ވާއިރު، އެ ވީޑިއޯއަށް ދިވެހީންގެ ސަމާލުކަން ވެސް މިހާރު ވަނީ ލިބިފައެވެ.

ޖޯނީ ލިވަރގެ ވީޑިއޯގައި އޭނާ ވަރަށް މުހިންމު ވާހަކައެއް ބުނެއެވެ. މަންމަގެ ބަނޑުގައި ނުވަމަސް ދުވަހު ހޭދަކޮށްފައިވާއިރު، މަންމަ ބުނީތީވެސް މި ދުވަސްވަރު ބޭރަށް ނުގޮސް ގޭގައި މަޑުކޮށްލަން ޖެހެއެވެ.

ޖޯނީ ލިވަރް: އެކުވެރިންނޭ މިއަދު ފެންނާނެ ކޮރޯނާ ވައިރަސްގެ ސަބަބުން މީހުން ކިހާވަރަކަށް ކަންބޮޑުވެގެން އުޅޭކަން. އަދި ތިޔަރީތަކާއި ސަރުކާރުގެ އެންގުންތައްވެސް ބުނަނީ ގެއިން ބޭރަށް ނުނުކުތުމަށް. އެކަމުން (ގެއިން ބޭރަށް ނުކުމެ އުޅުމުން) ބަލި ފެތުރި އެންމެންނަށް ގެއްލުންތަކެއް ކުރިމަތިވެދާނޭ. ނަމަވެސް ގޭގަ ތިބެތިބެ އަހަރުމެން ފޫހިވޭ، ބައެއް މީހުން ވަރަށް ބޮޑަށް ވެސް ފޫހިވޭ. އެމީހުން ބުނާގެ ގޭގަ ކިހާއިރެއް ވަންދެންހޭ މަޑުކޮށްގެން ތިބެންވީ؟ ކިހާ ޚަބަރެއްހޭ އަޑުއަހަންވީ؟ ކިތައް ފިލްމުތޯއޭ ބަލާނީ؟ އެކަކު އަނެކެއްގެ މޫނަށް ބަލަން ތިބެންވީ ކިހައި ދުވަހެއް ވަންދެންހޭ؟

ޖޯނީ ލިވަރް: އަހަރެންވެސް ހިތަށް އެރި ކުޑަކޮށް ބޭރަށް ޖެހިލައި ހިނގާލާފަ އަންނާނަމޭ. އަހަރެން ނުކުންނަން ފެށި އިރަށް މަންމަ ބުނެފި:

މަންމަ: ކޮންތާކަށް ތިޔަ ދަނީ؟

ޖޯނީ ލިވަރ: އަހަރެން މި ދަނީ ތިރިއަށް، ކުޑަކޮށް ހިނގާލަން.

މަންމަ: ބޭރަށް ގޮސްގެން ނުވާނެ. އެތާ އިށީންދެ އިނދޭ.

ޖޯނީ ލިވަރ: އަޅެ މަންމާ، ތިރިއަށް ގޮސް ގޯތިތެރޭ މި އިމާރާތުގެ ގޯތިތެރޭ ކުޑަކޮށް ހިނގާލާފަ އަންނަންށޭ މިދަނީ.

މަންމަ: ގޮސްގެން ނުވާނެ، އެއްވެސް ތާކަށް ގޮސްގެން ނުވާނެ. އެންމެންވެސް ޓީވީން އެކިޔަނީ، އަމީތާބު ބައްޗަންވެސް އެ ބުނަނީ ގޮސްގެން ނުވާނޭ. މި ބުނީނު ގޮސްގެން ނުވާނޭ. މަޑުން އިނދޭ.

ޖޯނީ ލިވަރ: މަޑުން އިންނާށޭ؟

މަންމަ: އާނ، މަޑުން އިންނާށޭ. އަހަރެންގެ ބަނޑުގަވެސް ނުވަ މަސްދުވަހު މަޑުން އޮތްގޮތަށް މަޑުން އިނދޭ. ފަނަރަ ވަރަކަށް ވިއްސަކަށް ދުވަހު އިންނަން ޖެހުނީމަ ކިހިނެއްތަވީ؟ އިށީންދޭ! ގޮސްގެން ނުވާނެ!

ޖޯނީ ލިވަރ: އެބުނީ ރަނގަޅު ވާހަކައެއް.

ޖޯނީ ލިވަރ: ރަހުމަތްތެރިންނޭ! މަޑުމަޑުން ގޭގަ ތިބުމަކީ ތިބާއާ އެހެން މީހުނަށްވެސް، އެންމެނަށްްވެސް އެންމެ ފައިދާކުރާނެ ގޮތް.

ޖޯނީ ލިވަރގެ ހެއްވާ މަޖާ ސްޓައިލްގައި އެ ބުނެލީ ރަނގަޅު ވާހަކައެކެވެ. މި ދުވަސްކޮޅު ގޭގައި މަޑުކޮށްލަމާ ހިނގާށެވެ. ކުރިއަށް އޮތް ދުވަސްތައް އުޖާލާވާނީ އޭރުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.