ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރ އަދި ޅެންވެރިޔާ އީސާ ޝަރީފުގެ ފުރަތަމަ ޑިޖިޓަލް ޅެން ފޮތް “ފުރިހަމަ ޚިޔާލު” ގެ ނަމުގައި އޭނާގެ ދަރިވަރުންނަށް ހަދިޔާކޮށްފިއެވެ. އީސަ ބުނާގޮތުގައި މިފަދަ ފޮތެއް އެކުލަވާލުމުގެ މަގްސަދަކީ ވޭތުވެދިޔަ ދޮޅު އަހަރެއްހައި ދުވަހު އީސަގެ ފޭސްބުކް ގައި ޝާޢިއުކުރަމުން ގެންދިޔަ ބައެއް ޅެން ކިޔުންތެރިންނަށް ޑިޖިޓަލް މީޑިއަމް ފަދަ ޒަމާނީ ވަސީލަތެއްގެ އެހީގައި ފަސޭހަ ކަމާއެކު ކިޔައިލުމުގެ މަގުފަހި ކޮށްދިނުމެވެ.

އީސަގެ މި ޅެން ފޮތުގައި 210 ޅެން ހިމެނޭއިރު އޭނާ ވަނީ ޅެންވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އެ ހުނަރު ދަސްކޮށްދިނުމަށްޓަކައި ކޯސްތަކެއް ވެސް ހިންގާފައެވެ. އެގޮތުން ތަފާތު ރަށްރަށަށް ގޮސްގެންނާއި އަދި މާލޭގެ ކޮލެޖަކާއި ގުޅިގެން 17 ކޯހެއް ހިންގާފައި ވެއެވެ. މީގެތެރެއިން ގިނަ ކޯސްތަކަކީ ހިލޭސާބަހަށް ހިންގައިފައިވާ ޅެންކޯސްތަކެވެ.

އީސަގެ “ފުރިހަމަ ޚިޔާލު” މި ދާލަމުން ޑައުންލޯޑްކޮށްލެވޭނެއެވެ.

‘އީސަ އޮންލައިން ޕޮއެޓްރީ’ގެ ނަމުގައި  ލެވެލް 1 ގެ 4 ކޯހަކާއި ލެވެލް 2 ގެ ކޯހެއް ހިންގައި ޅެންވެރިކަމުގެ އަސާސީ ހުނަރު 254 ދަރިވަރަކަށް އީސަ ވަނީ އުނގަންނައިދީފައެވެ. ޢަދި މިހާތަނަށް މިދިޔަ ދެ އަހަރެއްހައި ދުވަސްތެރޭގައި 350 އަށް ވުރެ ގިނަ ޅެން ހަދާފައިވާނެ ކަމަށް އޭނާ ބުނެއެވެ. އީސަ ޅެން ހައްދަވަން ފެއްޓެވި ފަހުން މިވީ 2 އަހަރު ކަމުގައި ވިޔަސް އޭގެކުރިން އޭނާ ވަނީ ލަވަ ހެދުމުގައި 33 އަހަރު ހޭދަކޮށްފައެވެ. 

“މި ފޮތަކީ އަޅުގަނޑުގެ އެކުވެރީންނާއި އަދި ވޭތުވެދިޔަ ދޮޅު އަހަރެއްހައި ދުވަހުގެ ތެރޭގައި އަޅުގަނޑު ޅެންވެރިކަން ކިޔަވައިދީފައިވާ ދަރިވަރުންނަށް ބޭނުންތެރި ފޮތަކަށް ވާނޭ ކަމުގައި ހީކުރަން.” އީސަ ވިދާޅުވިއެވެ. އީސަގެ ޅެންވެރިކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އުސްތާޛު އާދަމް ނަޞީރު އިބުރާހީމަށް ޝުކުރުދަންނަވާ ކަމުގައި އޭނާ ވަނީ ބުނެފައެވެ.

މިފޮތުގައި ހިމެނޭބައިތަކުގައި  ފޮތަށް ނަންދެވުނު ގޮތާއި، އަލްއުސްތާޛް އާދަމް ނަސީރު އިބްރާހީމް މިފޮތާމެދު ދެކެލައްވާ ގޮތް އަދި އީސަގެ ބައެއް ދަރިވަރުންގެ ބަސްވެސް ވަނީ ހިމަނާލާފައެވެ. އަދި އީސަގެ ޅެންތަކުގެ އިތުރުން ކޯސްތަކުގައި ދަރިވަރުން ހަދާފައިވާ ބައެއް ޅެންތައްވެސް މިފޮތުގައި ހިމެނެއެވެ. ދަރިވަރުންނަށް ޚާއްސަކުރި ނަމަވެސް ކޮންމެ ބޭފުޅަކުވެސް މި ފޮތް ކިޔާލުމަކީ އީސަގެ އެދުމެކެވެ.

އީސަގެ އެދުމަކީ މި ޅެން ފޮތް ވީހައިވެސް ގިނަބަޔަކަށް، ވީހައިވެސް ގިނަ ބޭފުޅުން ފޯރުކޮށްދިނުމެވެ.​

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.