ފާއިތުވެ ދިޔަ ވިއްސަކަށް އަހަރުގެތެރޭގައި ދެތިން ފަހަރަކު ހޮނޑައިދޫއަށް ޒިޔާރަތް ކޮށްލުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިފައި ވެއެވެ. މި ގޮތުން، ދާދި މިދާކަށްދުވަހު އެކުވެރިންތަކަކާއެކު، އެ ރަށަށް ދިޔުމުގެ ފުރުޞަތު ލިބިގެންދިޔަ ދިޔުމަކީ، މި ރިޕޯޓު ކިޔުންތެރިންނަށް ހިއްސާކޮށްލުމަށް، އަޅުގަނޑުގެ ހިތުގައި ޝައުޤުވެރިކަން އުފެދުނު މައިގަނޑު ސަބަބެވެ.
މީގެ އިތުރުން، ހޮނޑައިދޫއިން ހަނިމާދޫއަށް ބަދަލުކުރި މީހުންގެ ތެރޭގައި ހިމެނޭ އަޅުގަނޑުގެ ތިން އެކުވެރިއަކު މި ދަތުރުގައި ބައިވެރިވެ، އެ އެކުވެރިންގެ އުފަން ރަށަށް ދެވުމުން، އެ އެކުވެރިންގެ އިހުސާސްތަކާއި، ޝުޢޫރުތައް ކިޔުންތެރިންނަށް ހިއްސާކޮށްލުމަކީ ވެސް މި ލިޔުން ހުށަހެޅުމުގެ އެއް ބޭނުމެވެ. މިހާރު ރަށުތެރެ އޮތް ގޮތުގެ ފޮޓޯތައް ހިއްސާކުރުމާއެކު، އަޅުގަނޑަށް ފާހަގަވި ބައެއް ކަންކަން ކިޔުންތެރިންނަށް ހިއްސާކޮށްލުމުގެ އިތުރުން، އެއްފަސްކުރުމުގެ ސިޔާސަތާއި ގުޅުންހުރި ދެތިން ބަހެއް، މި ލިޔުމުގައި ހިމަނައިލަން ގަސްތުކުރަމެވެ.
އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ހޮނޑައިދޫ މީހުން ހަނިމާދޫއަށް ބަދަލުކޮށްފައިވަނީ، ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫނު ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައެވެ. އެއީ 1999 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. 1999 ވަނަ އަހަރު ހޮނޑައިދޫން މީހުން ބާލައި ނިންމިކަމުގައި ވީނަމަވެސް، ރަސްމީގޮތެއްގައި ހޮނޑައިދޫއަކީ ފަޅުރަށެއްކަމުގައި ހަމަޖައްސާފައިވަނީ 2000ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.
ހޮނޑައިދޫ މީހުން، އެ އަތޮޅު ހަނިމާދޫއަށް ބަދަލު ކުރިތާ މިހާރު ވިއްސަކަށް އަހަރު ފާއިތުވެފައިވާއިރު މިހާރު އެ ރަށް ފެންނަން އޮތީ ކިހިނެއްތޯއެވެ! މިއީ އަޅުގަނޑުގެ ހިތުގައި ވެސް ކުރިން އުފެދުނު ސުވާލެކެވެ. އެހެންނަމަވެސް މިހާރު ވަރަށް ސާފު ޖަވާބެއް ލިބިއްޖެއެވެ.
ދަތުރުން ފަށަމާ ހިނގާށެވެ. ހަނިމާދޫން ފުރީ ހެނދުނު އަށްގަޑި ތިރީހުގައެވެ. އިސްޕީޑު ލާންޗެއްގައި ހަނިމާދޫން ހޮނޑައިދުއަށް ދިޔުމަށް ގާތްގަނޑަކަށް ހޭދަވީ ފަނަރަވަރަކަށް މިނެޓެވެ. ރަށަކީ ކުޑަކުޑަ ރަށަކަށް ވީނަމަވެސް، ރަށުގެ މަލަމަތިން ފެންނަނީ ފެހިކަމާއި އާރޯކަމެވެ. ދިގުކޮށް ހެދިފައިވާ ރުކުގެ ލަޝްކަރުގެ ސަބަބުން ރަށުގެ މަލަމަތި ފެންނަނީ ވަރަށް އުސްކޮށެވެ.
ހޮނޑައިދޫއަކީ ގާމަތީ ރަށެކެވެ. ގާމަތީ ރަށަކަށްވުމުން ދަތުރުގެ އެންމެހާ ބައިވެރިން ވެސް ފޭބީ ރަށުގެ ފަޅުތެރޭގައި ލާންޗު އެޅުމަށްފަހު ތެމިގެންނެވެ. އިރުވައި މޫސުމަށްވުމުން ރަށަށް ފޭބީ ހުޅަނގުފަރާތުންނެވެ. ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ސާފު ހުދުހުދު ދޮންވެލިގަނޑެވެ. މަޢުލޫމާތު ލިބުނުގޮތުގައި، އެ ރަށުގައި އެކި މޫސުމުގައި އެކިތަނަށް ބަދަލުވާ ވެލިގަނޑެއް އޮވެއެވެ. މިގޮތުން އިރުވައި މޫސުމުގައި އެ ވެލިގަނޑު ރަށުގެ ހުޅަނގުފަރާތުގައި އޮންނައިރު ހުޅަނގު މޫސުމުގައި މި ވެލިގަނޑު އޮންނަނީ ރަށުގެ އިރުމަތި ފަރާތުގައެވެ.
ހޮނޑައިދުއަށް ފޭބުމާއިއެކު އެއްބަޔަކު މެންދުރުގެ ކެއުން ތައްޔާރުކުރުމަށް މަސް ބޭނުމަށް ނަނުއެއްލަން ތައްޔާރުވިއެވެ. ނަނު އެއްލިތާ މާގިނައިރެއްނުވެ ދުވަހުގެ މެންދުރު ކެއުން ތައްޔާރުކޮށް އިތުރުވާ ވަރަށް ވެސް މަސް ބޭނިއްޖެއެވެ. ބޭނި މަސްތަކުގެތެރޭގައި ރަތްމަހާއި، ހަންޖާއި، ފިލޮޅު ހިމެނެއެވެ. ހޮނޑައިދޫ ފާހަގަ ކުރެވެނީ ރަށުގެ ވަށައިގެން ވެސް މަސްވެރިކަން ރަނގަޅު ރަށެއްގެ ގޮތުގައެވެ. މީގެ އިތުރުން ރަށުގެ ހުޅަނގުފަރާތުގައި އޮންނަ ތިލައާއި ރަށުގެ އިރުމަތީ ފަރާތުގައި އޮންނަ ތިލައަކީ ވެސް، ފަރުމަސްވެރިކަމަށް މި ހިސާބުގައި މަޝްހޫރު ތިލަތަކެކެވެ.
ދަތުރުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުގެ ހިތުގައި އޮތީ އެ ރަށުގައި މީހުން އުޅުނު ދުވަސްވަރު މީހުން ދިރިއުޅުނު ސަރަހައްދު މިހާރު އޮތްގޮތް ބަލައިލުމެވެ. ރަށުގެ ހުރިހައި ގެތަކެއް ހެން ވެސް ރާނާފައިވަނީ ތެޅިގަލާއި އުވައާއި، ނުވަތަ ސިމެންތި ބޭނުން ކޮށްގެނެވެ. އެ ރަށުގައި ނަމާދުކުރުމަށް ބިނާކޮށްފައިވާ ކުޑަކުޑަ މިސްކިތުގެ ފުރާޅު ފިޔަވައި، އެއްވެސް ގެއެއްގެ ފުރާޅު މިހާރު ފެންނާކަށް ނެތެވެ. ހުރިހައި ގެއެއްގެ ފާރުތައް އެކިއެކި މިންވަރަށް ވެއްޓިފައިވާއިރު، ވިނައިން ފެށިގެންގޮސް މާސިންގާ ބޮޑެތި ގަސްތައް މިހާރު ވަނީ އެ ބިނާތަކުގެ މައްޗަށް ވެރިވެގަނެފައެވެ.
އަޅުގަނޑުގެ ތިން އެކުވެރިންނާއި، އުފަން ރަށަށް އާދެވުމުން ކުރެވޭ އިހުސާސާއިގުޅޭގޮތުން ވާހަކަ ދައްކާލީމެވެ. “މިހާރު މިތަނަށް އާދެވުމުން އެންމެ ބޮޑަށް އިހުސާސް ކުރެވެނީ އެ ދުވަސްވަރު އަހަރެމެން އުޅުނު މާހައުލުގެ ކުޑަކަން. އެ ހުރީ ނަމާދުކުރަން ގޮސް އުޅުނު މިސްކިތް. އެ ކުޑަ މިސްކިތްވެސް ރަށު ރައްޔިތުން ނަމާދަށް އެރިޔަސް ނުފުރޭ. އަސްލު ވަރަށް އުފާވޭ މިހާރު ހަނިމާދޫ ކަހަލަ ރަށަކަށް ސަރުކާރުން އަހަރެމެން ބަދަލުކުރީމަ.”
“ރަށުގައި ހަރުފުރާގެ ތިބޭނީ ދެތިން މީހުން. ހުރިހައި ފިރިހެން ވެރިންހެން ވަޒީފާތަކުގައި އުޅޭނީ ރަށުން ބޭރުގަ. އީދެއް ކަހަލަ ދުވަސްވަރެއްގައި އެންމެން ރަށަށް އަންނާނެ. އެ ދުވަސްވަރު ވަރަށް ކަންތައްތައް އޮންނާނެ. ރަށުގައި އާންމު ހާލަތުގައި މިތިބެނީ ދެތިން ފިރިހެނުން. އެފަދަ ހާލަތުގައި މީހަކު ނިޔާވުން ކަހަލަ ކަމެއް ވެއްޖެނަމަ ވަރަށް ކަންތައް ބޮޑުވޭ.”
“އުމުރުން 24 އަހަރު ވަންދެން ދިރިއުޅުނު ތަނަކީ މިއީ. އުމުރުގެ އެންމެ މަޖާ ދުވަސްވަރު މިތަނުގައި ހޭދަކުރެވުނީ. މިތަނަށް އާދެވުނީމަ ވަރަށް ތަފާތު އިހުސާސެއް ކުރެވެނީ. ލަފާފުރުމުގެ ދަތިކަމާ އަދި މިނޫންވެސް ތަފާތު އުނދަގޫތަކާއެކު މިތާ އުޅެންޖެހުނު ނަމަވެސް އެ ދުވަސްވަރު މިތަނުގައި އުޅުނީ ވަރަށް ހިތްހަމަޖެހިގެން. ވަރަށް އުފަލުގަ.”
އެކުވެރިން އެ މީހުންގެ ވާހަކަތައް ހިއްސާކުރިއެވެ.
މިހައި ހިސާބުން އަޅުގަނޑަށް އެ މާހައުލުން އިހުސާސް ކުރެވުނު ބައެއް ކަންކަން ހިއްސާކޮށްލާނަމެވެ. ރަށުގައި އޮންނަނީ އެންމެ މަގެކެވެ. ކުދިކުދި ގެތަކެކެވެ. މި ކުދިކުދި ގެތަކުގައި ދިރިއުޅުނު ބައެއް އާއިލާތަކުގައި ފަސް ކުދިން ނުވަތަ ހަ ކުދިން ތިބެއެވެ. ނަމަވެސް އެ އާއިލާތައް ދިރިއުޅެމުން އައިސްފައިވާ ގެތައް ހުންނަނީ ދެ ބަޔަކަށެވެ. އޭރުގެ ގޮތަށް ބުނާނަމަ އެތެރެ ގެޔާއި ބޭރުގެއެވެ. މިހާރުގެ ގޮތަށް ބުނާނަމަ ކޮޓަރިއަކާއި ސިޓިންގ ރޫމެކެވެ. ގިފިލި ހުންނަނީ ގެޔާއި އިން ވެގެން ގޭގެ ކޮންމެ އެއްފަރާތެއްގައެވެ. ބަދިގެ ހުންނަނީ ގެޔާއި ވަކިންނެވެ. މިއީ ހޮނޑައިދޫގެ މަދު ގެއެއް ފިޔަވައި ބިނާކުރެވިފައިވާ ގޮތެވެ. ހިތްހަމަޖެހުމާއި އުފާވެރިކަމުގައި މި ބޮޑެތި އާއިލާތައް އެ ކުދި ގެތަކުގައި ދިރިއުޅުން ހަމަޖައްސާލައިގެން އުޅުނު އުޅުމަކީ ހަމަ އަޖައިބު ކުރުވަނިވި ކަންކަމެވެ.
އާބާދީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ހޮނޑައިދޫ މީހުންނާއި އަދި ހއ. ހަތިފުށި މީހުން ހަނިމާދޫއަށް ބަދަލުކުރެވި މިހާރު ދިރިއުޅެމުން ދަނީ ހަނިމާދޫގައެވެ. ހދ. ފަރިދޫ، ހދ. ކަނޑުމާވައިދޫ އަދި ހދ. ކުނބުރުދޫ މީހުން ވެސް އާބާދީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން މިހާރު ހދ. ނޮޅިވަރަންފަރަށް ވަނީ ބަދަލުކޮށްފައެވެ. ލިޔަން މިއުޅެނީ އެއްފަސް ކޮށްފައިވާ ރަށްތަކުގެ ލިސްޓެއް ނޫނެވެ. ނަމަވެސް ފެންނަން އޮތް އެންމެ ބޮޑު ހަޤީޤަތަކީ ދިވެހިރާއްޖެއަށް ބޭނުންވާ ތަރައްޤީ ގެނެވޭނީ އެއްފަސްކޮށްގެން ކަމެވެ. މިހާރުވެސް ރާއްޖޭގައި މީހުން ދިރިއުޅޭ ސަތޭކަ އައްޑިހައަށްވުރެ ގިނަ ރަށް އޮތްއިރު ކޮންމެ ރަށަކަށް އެއް ފެންވަރެއްގެ ނުވަތަ އެއް މިންވަރަކަށް ޚިދުމަތްތައް ދިނުމަކީ ދިވެހި ސަރުކާރަށް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ކޮންމެ ރަށެއްގައި ބަނދަރެއް، ކޮންމެ ރަށެއްގައި ބޭންކެއް، ކޮންމެ ރަށެއްގައި ޔުނިވާސިޓީ، ކޮންމެ ރަށަކަށް އެއް ފެންވަރެއްގެ ސިއްހީ ޚިދުމަތް، ކޮންމެ ރަށެއްގައި ނަރުދަމާ އަދި ކޮންމެ ރަށެއްގައި ފެނުގެ ނިޒާމް، މި ލިސްޓު މިހެން ކިތަންމެ ދިގުކޮށްވެސް ލިޔެވިދާނެއެވެ. ނަމަވެސް މިފަދަ ހުރިހައި ޚިދުމަތެއް އެއްފެންވަރެއްގައި ފޯރުކޮށްދިނުމަކީ އާބާދީ އެއްފަސްކޮށްގެން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ރާއްޖެއަށް އެކަށީގެންވާ ތަރައްޤީ ގެންނަން ބޭނުންނަމަ ފުރަތަމަ ކުދިކުދި އާބާދީތަކަށް ބެހިފައި އޮތްއޮތުމަށް ނިމުން ގެންނަން ޖެހެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޖެނުއަރީ 2024ރިޕޯޓްބަރުދަން އިތުރުވާން ހާސްދުވަސް، ލުއިކުރަން އެއްދުވަސް!
- 28 ޖޫން 2020ޚަބަރުކާނިވާ ސަރަޙައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށް އެތަން ހުސްކުރުމަށް އަންގައިފި
- 27 ޖޫން 2020ޚަބަރުމާލޭ މަސް މާރުކޭޓު އަލުން ހުޅުވަނީ
- 27 ޖޫން 2020ޚަބަރުމުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ޚިދުމަތް ފޯރުކޮށްދެވޭ މުއްދަތު އިތުރުކޮށްފި