ރާއްޖޭގެ އެންމެ ވަރުގަދަ ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓްގެ އެންމެ ވަރުގަދަ އަދި ބިޔަ ޕްރޮޖެކްޓް “ރެހެންދި ޚަދީޖާ”ގެ ފުރަތަމަ ދައްކައިލުން އާއްމުކޮށްފިއެވެ. ފިލްމުގެ ނަން އާއްމުކޮށްފައިވާއިރު، ދިވެހި ތާރީޚުގެ މުހިންމު ސަފުހާތަކެއް ދައްކައިދޭ މި ފިލްމުގައި “ރެހެންދި ޚަދީޖާ”ގެ ތާޖު އަޅާނީ ކޮން ފަންނާނެއްބާއޭ މިއީ އުފެދޭ ބޮޑު ސުވާލެކެވެ.

ރާއްޖޭގެ ވެރިކަމުގެ ތަޚްތުގައި ހަމައެކަނި ރެދަލިކުރެއްވި ރާނީ “ރެހެންދި ޚަދީޖާ” ގެ ރަނިކަމުގެ މައްޗަށް ކުޅޭ ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ޢާއިޝަތު ފުޢާދު ތަޢުފީޤާއި އަޙްމަދު ޠޮލާލެވެ. މިއީ ޑާކް ރެއިންގެ ހަޔާތުގައިވެސް އުފައްދާފައި ނުވާ ފަދަ ވަރުގަދަ ފިލްމެކެވެ.

ޑާކް ރެއިނުން މިއަދު ބުނީ “ރެހެންދި ޚަދީޖާ”ގެ ރަނިކަމުގެ ތާރީޚީ ދިރާސާތައް ޠޮލާލް އާއި ޢާއިޝަތު ފުޢާދު ކޮށް ނިންމާފައިވާކަމަށެވެ. އެގޮތުން ސްކްރިޕްޓްގެ އައުޓުލައިނެއް ނިންމައި ފައިނަލް ލިޔުމަކާއި ހަމައަށް ވަރަށް އަވަހަށް ދާނެ ކަމަށެވެ.

“ރެހެންދި ޚަދީޖާ” ޑައިރެކްޓްކުރަނީ ޑާކް ރެއިނުން ގެނެސްދިން ކާމިޔާބު ކްރައިމް ތުރިލާ ޑައިރެކްކުރި އަޙްމަދު ޝިނާން އެވެ. “ބަޅިނދު”ގެ ނަމުގައި ޑާކް ރެއިންގެ ބިރުވެރި ފިލްމެއްވެސް މިވަގުތު ޝިނާން ގެންދަނީ ޑައިރެކްޓްކުރަމުންނެވެ.

މުޙައްމަދު ޢަލީ (މޮގާ) އާއި ޢާއިޝަތު ފުޢާދު ޕްރޮޑިއުސްކުރާ “ރެހެންދި ޚަދީޖާ”ގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކޮށް ނިންމައި ވީ އެންމެ އަވަހަކަށް ސިނަމާތަކަށް ގެނައުމަށް ޑާކް ރެއިނުން ތިބީ ތައްޔާރަށެވެ.

“މިއީ އަހަރެމެން މިހާތަނަށް ހަދާ އެންމެ ބޮޑު ޕްރޮޖެކްޓަށް ވާނެ. އަދި ވީ އެންމެ އަވަހަކަށް ބެލުންތެރިންނަށް ފިލްމު ގެނެސްދޭން މަސައްކަތްކުރާނަން.” ޑާކް ރެއިންގެ މީޑިއާ ވައިބަރ ގްރޫޕަށް މިއަދު އާއްމުކުރި ބަޔާނުގައި ބުނެފައިވެއެވެ.

އައްސުލްޠާނާ ޚަދީޖާ ޝްރީ ރާދަ އަބާރަނަ މަހާ ރެހެންދި (ރެހެންދި ޚަދީޖާ) ގެ ޙަޔާތައް ބިނާކޮށް ހަދާ “ރެހެންދި ޚަދީޖާ” ފިލްމުގައި އެ ޒަމާން، ގެނެސްދެވެން އޮތް އެންމެ ފުރިހަމައަށް ގެނެސްދިނުމަށާއި އޭރުގެ ސަހުސިއްޔަތުތައް (ކެރެކްޓާތައް)، ހެދުން، ބަސްމަގު، މިއުޒިކް އަދި ހާދިސާތައް ހިނގައިދިޔަ ތަންތަން (ލޮކޭޝަންތައް) އެންމެ ފުރިހަމައަށް، ވީހައިވެސް އަސްލާއި އެއްގޮތަށް ގެނެސްދިނުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމަށް ވެސް ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނެއެވެ.

ހުރިހައިކަމެއް މޭވަވެތިކޮށް ކުރެވިއްޖެނަމަ މި ޕްރޮޖެކްޓް ވެގެންދާނީ ޑާކް ރެއިންގެ އެހެން ޕްރޮޖެކްޓްތަކަށް ވުރެން ވަރުގަދަ އަދި ކާމިޔާބު ޕްރޮޖެކްޓަށް ކަން ޔަޤީން ކުރެވެއެވެ.

“ރެހެންދި ޚަދީޖާ”ގެ ރަނިކަމުގެ ޙަޔާތް ދައްކުވައިދޭ މި ފިލްމުގައި ދިވެހި ތަޚްތުގައި ރެދަލިކުރެއްވި ހަމައެކަނި ރާނީގެ ތާޖުގައި ފެނިގެންދާނީ ދިވެހި ފިލްމީ ފަންނާނުންގެ ތެރެއިން ކޮން ފަންނާނެއްތޯ ބަލަން ތިބެމާ ހިނގާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.