ކީރިތި ޤުރުއާނާއި ބައިބްލް (ކިރިސްޓިއަނުން ބަދަލުކޮށްގެން ގެންގުޅޭ އިންޖީލު) ގައި ބަޔާންކުރައްވާފައި ވާގޮތަށް، ބަޔާންކުރައްވާފައިވާ ތަނުން މިވަނީ ނޫހުގެފާނުގެ ނައުކޮޅު ފެނިފައެވެ. ކީރިތި ޤުރުއާނުގައި ވަރަށް ސާފުކޮށް، ކަނޑައެޅިގެން މާތްﷲގެ ވަޙީބަސްފުޅުގައި ވަނީ އެ ނައުކޮޅު ބީހުނީ ޖޫދީ ފަރުބަދައިގެ މައްޗަށެވެ. މިހާރު މިވަނީ ހަމަ އެތަނުން މި ނައުކޮޅު ފެނިފައެވެ.

11 އޭޕްރީލް 2017 ގައި އަބައުޓްއިސްލާމްނެޓް ވެބްސައިޓްގައި ހިމަނާފައިވާ އަންނަނިވި ޔޫޓިއުބް ވީޑިއޯގައި ބަޔާންކޮށްފައިވާ އަސްލުތަކަކީ ޝައުޤުންފުރިގެންވާ ކަންތައްތަކެކެވެ. މި ވީޑިއޯ އަކީ 25 ޖުލައި 2012 ގައި ޔޫޓިއުބްކޮށްފައިވާ ވީޑިއޯ އެކެވެ.

މި މަޢުޟޫގައި ދިވެހިބަހުން ލިޔެ، ބައެއް ވެބްސައިޓްތަކުގައި ޝާއިޢުކޮށްފައިވާ ދެ ލިޔުމެއް މިތަނުގައި ނަކަލުކޮށްލާނަމެވެ.

ނޫހުގެފާނަކީ މުސްލިމުންގެ ގާތުގައި އެއްމެ ފުރަތަމަ ރަސޫލާއެވެ. އަދި އެއީ އިންސާނީ ނައުޢުގެ ދެވަނަ ބައްޕާފުޅެވެ. ބިންމަތިން ފަސާދަ ނައްތާލައްވާ، މީސްތަކުންނަށް އިޞްލާޙުގެމަގަށް ގޮވައިލެއްވުމަށް ﷲ ފޮނުއްވެވި ރަސޫލުންނާއި ނަބިއްޔުންކުރެ، ނޫޙް ޢަލައިހިއްސަލާމް ހިމެނެނީ، އެންމެ ކެތްތެރި، އެންމެ ޢަޒުމްވަރުގަދަ 55 ރަސޫލުންގެ ތެރެއިންނެވެ. ނޫޙްގެފާނު އެކަލޭގެފާނުގެ ރިސާލަތާއިގެން ނުކުމެވަޑައިގެން، ޤައުމުގެ މީސްތަކުންނަށް ﷲގެ އެއްކައުވަންތަކަމަށް ގޮވާލައްވައި، ބުދަށް އަޅުކަންކުރުން ނަހީކުރައްވަން ފެށްޓެވުމުން އޭގެ ރައްދުގައި ޤައުމުގެ މީހުން އެކަލޭގެފާނަށް ކެނޑިނޭޅި މަލާމާތާއި ދުއްތުރާ ކުރަމުން ދިޔައީއެވެ. އެކަލޭގެފާނު ދައްކަވާ ވާހަކަތައް އަޑުނާހަންވެގެން އެމީހުން ތިބެނީ ފޭރާންތައް ބޮލުގައިއަޅާ، މޫނާއި ކަންފަތް ނިވައިކޮށްގެންނެވެ.

ފޫހިފުޅުވުމެއްނެތި، ﷲގެ ރިސާލަތަށް މީސްތަކުންނަށް ދަޢުވަތުދެއްވުމުގައި 950 އަހަރުގެ ދިގު ޢުމުރުފުޅެއް ނޫޙުގެފާނު ހޭދަކުރެއްވިއިރުވެސް ޤައުމުގެ މީހުންގެތެރެއިން އީމާންވީ މަދުބަޔެކެވެ. އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިކަލުންވެސް ހިމެނުނީ އެކަލޭގެފާނުގެ ދަޢުވަތަށް ފުރަގަސްދީ، ﷲއަށް އުރެދުނު ޖަމާޢަތުގެ ތެރެއިންނެވެ. މިހިސާބުން، ﷲގެ ޙަޟްރަތުގައި ނަޞްރަށް އެދިވަޑައިގެން ނޫޙްގެފާނު ދުޢާކުރައްވައެވެ. ނޫޙްގެފާނުގެ ދުޢާ ﷲގެ ޙަޟްރަތުގައި މަޤްބޫލުވެގެންވިއެވެ.

ﷲގެ އަމުރުފުޅަށް ނޫޙްގެފާނު ނަވެއް ބެންނެވިއެވެ. އެނަވަށް އެކަލޭގެފާނާއި އަދި ﷲއަށް އީމާންވީ މީސްތަކުންނާއިގެން އަރާވަޑައިގަތެވެ. އެއްގަމުގައި ބޮޑު ނަވެއް ބަންނަވައިގެން، އެކަލޭގެފާނަށް ތަބާވީ ނިކަމެތީންކޮޅާއިގެން، އެނަވަށް އަރާވަޑައިގަތީތީ ޤައުމުގެ މީހުން މަލާމާތްކޮށްކޮށް ތިއްބާ، އަޑިންނާއި މަތީން ސައިލުދެމިގެންއައި ފެނުގެ ޠޫފާން އެއެންމެން ވަށާލިއެވެ. އަދި ސަލާމަތްވެވޭނެމަގެއްނެތި ފެނުގެތެރެއަށް އެންމެން ޣަރަޤުވެގެން ދިޔައެވެ.

ނޫޙްގެފާނުގެ ނައުކޮޅު ނިޔާމަކަމާއިއެކު ފެނުގެ ތެރޭގައި ދުރުރާސްތާއަކަށް ދަތުރުކުރުމަށްފަހު، ޠޫފާންގެ އަސަރުތައް މަޑުވުމާއިއެކު، ޖޫދީ ފަރުބަދައިގެ މަތީގައި ބީހުނެވެ. މަތީގައިއެވާ ފޮޓޯއިން އެ ފެނިވަޑައިގަންނަވަނީ ޖޫދީ ފަރުބަދައިގެމަތީ، ނޫޙްގެފާނުގެ ނައުކޮޅު ބީހުނުކަމަށް ބުނާ ނިޝާނެވެ.

މި ބިރުވެރި ޠޫފާނުގެ ނުރައްކަލުން ނައުކޮޅުގައިތިބި މީސްތަކުން ނަޖާކުރައްވާ، އެމީހުންގެ ދަރިފަސްކޮޅު ދަންމަވައި، ﷲއަށް އަޅުކަންކުރާނެ ތަޤްވާވެރި ޖީލުތަކެއް އެކަލާނގެ އުފަންކުރެއްވިއެވެ.

ނޫހުގެފާނަށް މާތްﷲ ދެއްވި މުޢުޖިޒާތަކީ މާތްﷲ އެކަލޭގެފާނުގެ ޤައުމުގެ ނުބައި ކާފިރުވި މީސްތަކުން ހަލާކުކުރެއްވުމަށްޓަކައި ފޮނުއްވި ތޫފާނުން މާތްﷲ އެކަލޭގެފާނު ސަލާމަތްކުރެއްވުމެވެ. ނޫހުގެފާނާއި އެކަލެގެފާނަށް އީމާންވި މީހުން ސަލާމަތްކުރެއްވި ވާހަކަ ބަޔާންކުރައްވައި މާތް ﷲ ވަޙީ ކުރައްވާ އަންގަވާފައިވަނީ

وَقِيْلَ يَأَرْضُ ابْلَعِى مَآءَكِ وَيَسَمَآءُ أَقْلِعِى وَغِيْضَ الْمَآءُ وَقُضِىَ الأَمْرُ وَاسْتَوَتْ عَلَى الْجُودِىِّ وَقِيْلَ بُعْدًا لِّلْقَوْمِ الظَّلْمِيْنَ [2]  މާނައީ :

”އަދި، އެންގެވުނެވެ. އޭބިމާއެވެ! ތިޔަބިމުގެ ފެންގަނޑު ދިރުވާލާށެވެ. އަދި އޭ އުޑާއެވެ! ވެހުން ހުއްޓައިލާށެވެ! ދެން ފެންގަނޑު ހިނދެމުންގޮސް ހިނދިއްޖެއެވެ! އަދި ( ﷲ ގެ ) އަމުރުފުޅު ނިޔާވެވި ނިމިއްޖެއެވެ. އަދި ޖޫދީ ފަރުބަދައިގެ މައްޗަށް އެ ( ނައުކޮޅު ) ބީހި ހަމަޖެހިއްޖެއެވެ. އަދި ، އެންގެވުނެވެ. އަނިޔާވެރިންނަށް ހަލާކާއި ނެތި ދިޔުން ހުއްޓެވެ.“

މަސްދަރުތައް

އަބައުޓްއިސްލާމްނެޓް

ދިސަލަފިއްޔާނެޓް

ދިވެހިވިކިޕީޑިއާ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.