އެއްދުވަހަކު އަޅުގަނޑު ގޭގެ ދޮރޯށި ކައިރީ ހުއްޓިގެން ހުރީމެވެ. މަގުމަތީގައި ހިނގާބިގާވެ އުޅޭ މީހުންނާއި އެމީހުންގެ ހަރަކާތްތައް ބަލަން ހުއްޓިހުރެވުނެވެ. ޖެހިގެން ހުރި ފިހާރައިން ނުކުތް މީހަކު ނުކުތީ ސުޕާރީ އެއް ކަމުންނެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތި އޭނާ ކެއި ސުޕާރީގެ ޕެކެޓް މަގުމައްޗަށް އެއްލާލުމަށްފަހު ދިޔައެވެ. ދެން ނުކުތީ ކުޑަކުއްޖަކާއި މަންމައެކެވެ. ކުޑަދަރިފުޅަށް ބޫމާ އެއް ގަނެގެން ނުކުމެ އޭގެ ކަރުދާސް ކޮޅު ނައްޓައި މަގުމައްޗަށް އެއްލާލުމަށް ފަހު ދަރިފުޅަށް ބޫމާ ދިނެވެ. އެ ކުޑަކުއްޖާ އެ ކަރުދާސް ކޮޅު ނަގަން އުޅުމުން ޗީޗީއޭ ކިޔާ ދަރިފުޅު އަތް ފޮޅާލުމަށް ފަހު އުރާލައިގެން ދިޔައެވެ. ފިހާރަ ދޮރުން ނުކުންނަތާގައި ކުނި އަޅާނެ ޑަސްބިނެއްވެސް ހުއްޓައެވެ.

މޫދަށް އަޅާ އެކި ބާތްބާވަތުގެ ޕްލާސްޓިކް ގެ ސަބަބުން ރަށްރަށުގެ ގޮނޑުދޮށްތައް ފުރިފައިވާއިރު ރަށުގެ އަތިރިމަތި ތަކާއި ހޭޅިފަށްތަކާއި މޫދާއި ދެންވެސް ހުރި އިޖްތިމާއީ ސަރަހައްދު ތަކަށް ކުނި އަޅާފައި ހުންނީ މަދެއްކޮށެއް ނޫނެވެ. ރަށުގެ އަތިރިމައްޗަކީ އެންމެންވެސް ހިތްހަމަޖައްސާލާ އުފާކޮށްލަން ދާ ތަނެކެވެ. ނަމަވެސް އެފަދަ ތަންތަނަށް ގޮސް ދަޅުފުޅި ބޮއެ ހުރި ތަނަކަށް އެއްލާލަފައި ދިއުމަކީ މިފަދަ ތަރައްގީވެފައިވާ ޒަމާނެއްގައި ހަގީގަތުގައިވެސް ނުހަނު ނާތަހުޒީބު އަމަލެކެވެ. މިއީ އަޅުގަނޑުމެންގެ މި ދިވެހި މުޖްތަމައިން އަލަށް ފެންނަ މަންޒަރުތަކެއް ނޫނެވެ. އެހެނަސް ހިތާމަ ހުރި މަންޒަރުތަކެކެވެ.

ރާއްޖޭގެ ގިނަރަށްރަށުގެ ހިތްގައިމު ގޮނޑުދޮށްތައް ގިރަމުންދާއިރު ތިމާވެއްޓާއި މެދު ވިސްނާލުމަކީ ހަމަކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ. ދިވެހިރާއްޖޭގެ މި ހިތްގައިމު ގޮނޑުދޮށްތަކާއި މި ހުދު ދޮންވެލިގަނޑު އަމިއްލަ އަތުން ކިލަނބުކޮށްލުމަކީ އަޅުގަނޑުމެންނަށް މި ލިބިފައިވާ އަގުބޮޑު ޖަވާހިރެއްފަދަ ނިޢުމަތަށް ޚިޔާނަތްތެރިވުން ނޫންތޯއެވެ. ވީއިރު މިފަދަ ބޮޑު ނިޢުމަތެއް ރައްކާތެރި ނުކުރަންވީ ކީއްވެތޯއެވެ. ކުޑައިރުއްސުރެ ކުދިންނަށް އާދަކޮށްދޭންވީ ޑަސްބިނަށް ކުނި އަޅާށެވެ. ބޮޑެތި މީހުންގެ ފަރާތުން އެ ނަމޫނާ ކުދިންނަށް ދައްކައިދޭން ޖެހެއެވެ.

ރަށެއްގެ ގޮނޑުދޮށަށް ކުނިއަޅާފައި – ފޮޓޯ: މުނިއަވަސް / ޒުހުދާ

ކޮންމެ ކަމަކީ އެކަމަށް ގަވާއިދެއް ހަދައި ހަރުކަށި އަދަބު ނުދިނަސް ހައްލުކުރެވޭނޭ ކަންތައްތަކެވެ. ސަރުކާރުން ކިތަންމެ ވަރަކަށް ގާނޫނު ތަކާއި ގަވާއިދުތައް ހެދި ނަމެވެސް މިކަންކަން ހައްލުކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެންނެވެ. މިކަމުގައިވެސް ބޭނުންވަނީ ފަރުދީ ޒިންމާއެވެ.

ރަށެއްގެ ވަލުތެރެއަށް ކުނިއަޅާފައި – ފޮޓޯ: މުނިއަވަސް / ޒުހުދާ

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.