އިވިގެން ދިޔަ ޚަބަރާއި އެކު މުޅި ދީބަށް ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ. ގިނަ ބައެއްގެ ހިތްތަކަށް ބިރުވެރިކަމާއި ހާސްކަން ވަދެގެންދިޔަ މި ޚަބަރަކީ އަޅުގަނޑުމެން ކިތަންމެ އަހަން ބޭނުން ނުވިޔަސް މިއަދު ޤަބޫލު ކުރަންޖެހޭ ހަޤީޤަތެވެ. ދިވެހިރާއްޖޭގެ ނާރެސް، މާލެއިން ކޯވިޑް19 އަށް ފުރަތަމަ ފަހަރަށް މީހަކު ފައްސި ވުމެވެ. އަދި މިއީ އެއްވެސް ޓްރެވަލް ހިސްޓޮރީއެއް ނެތި ފައްސިވީ މީހެއް ކަން ވެސް ފާހަގަ ކޮށްލަމެވެ. ހަމަ އެއާއެކު ހިތްތަކަށް އިތުރު ހާސްކަމެއްގެ ވެރިވީ އިތުރު ދެމީހަކު ވެސް މި ރޯގާއަށް ފައްސި ވުމުގެ ޚަބަރުންނެވެ.
މި ޚަބަރާއިއެކު އެއްބަޔަކު މީސް މީޑިއާގައި އެކި ސިފަސިފައިގައި ސްޓޭޓަސްތައް އަމުނަން ފެށީއެވެ. ނަމަވެސް މި ހާލަތަށް ޤައުމު ފެތިގެން ދިޔައިރު ވެސް ދިވެހިން ދިވެހިންގެ ބޯދާ ވިސްނުމުގައި ތިއްބެވީ ނިކަން ބާރަށް ވަކި ހިއްޕާލައިގެންނެވެ.
އާދޭހެވެ. ކަމެއް ގޯސްކޮށް ހިނގައްޖެ ނަމަ އެންމެ ފުރަތަމަ ވެސް އެކަމާ މެދު ފާޑުކިޔުންތައް ސަރުކާރަށް އަމާޒުކުރުމުގައި މި ފަހަރު ވެސް މި ދިވެހިން އެބައިމީހުންގެ ވާޖިބު ނިކަން ފުރިހަމައަށް އަދާކުރުމުގައި ދެމި ތިއްބެވެ. ފިޔަވަޅެއް އެޅިޔަސް، ނޭޅިޔަސް އަބަދު ނުވާ ކަމުގެ ވާހަކަ ދެއްކުމުގައި މި ވެރިން ތިބޭއިރު ހަރުދަނާ އުސޫލެއް ޤާއިމުކުރުމުން އެ ހިސާބުން ޤައުމު މާ ސްޓްރިކްޓް ކަމަށް ނިންމައި އިޓަލީގެ ގޮތާއި އަޅައި ކިޔަން ފަށައެވެ. ނަމަވެސް ޤަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ މިބައިމީހުންނަށް ފާޑުކިޔުން ނޫން އެއްވެސް ކަމެއް ކުރަން ނޭނގޭ ކަމެވެ. އަނެކާއާއި ދިމާއަށް އިނގިލި ދިއްކުރުމުގެ ކުރިން ތިމާގެ ފެންވަރު ވަޒަން ކުރުން މާ މުހިއްމު ކަމާމެދު އެއްވެސް ވަރަކަށް ވިސްނައިލިންތޯއެވެ؟
ދިވެހިންގެ ބޯހަރުކަން ވެސް ހުރީ ހަމަ އާސްމާނުގައެވެ. ސިއްޙީ އިދާރާތަކުން ހުއްޓުމެއްނެތި ގޭގައި މަޑުކުރުމަށް ސަލާންޖަހައި އާދޭސްކުރާއިރު ވެސް އެކަން ވިސްނުނީ ކިތައް ބޭފުޅުންނަށް ހެއްޔެވެ؟ އެހެން ޤައުމުތަކަށް ލިބެމުންދާ ވޭނީ ޢަޒާބުން އަޅުގަނޑުމެނަށް އަދިވެސް ރަނގަޅު ފިލާވަޅެއް ނުލިބެނީ ހެއްޔެވެ؟ ދާދި ފަހުން ކާފިއު ވެސް އުވާލީއެވެ. އެކަމުން ވެސް ކުރި ފައިދާއެއް ނެތެވެ. އެ ކަމުން ވެސް ދިވެހިންނަށް ހީކުރެވުނީ އެ މީހުންގެ ގަޓުކަމާއި ބާރުގަދަކަމުން އެކަން ދެމިގެން ނުގެންދެވުނު ކަމަށެވެ. އާދޭހެވެ. އެންމެން ވެސް އިންތިޒާރު ކުރަނީ ކާފިއު ގެ ވަގުތު ނިންމާ ގަޑިއަށެވެ. އެ ގަޑިއަށް ބަލަބަލާ މި ތިބެނީ ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެއް އޮތީމާ ހެއްޔެވެ؟ ހިނި ހޮރަކުން ހިނިތަކެއް އެއްފަހަރާ ނުކުންނަ އިރު ފެންނަ މަންޒަރާއި ތަފާތެއް ނެތެވެ. މާލޭގެ ހާލަތު ހަލަބޮލީ އިންތިހާއަށެވެ. ދިވެހިން އަދި ވެސް ބޯލަނބާކަށް ނުވޭތޯއެވެ؟
ކޯވިޑް19 ރާއްޖެއަށް ފާވީ ސަރުކާރުގެ ސަބަބުން ކަމަށް ޤަބޫލު ކުރާ މީހުން މި ރާއްޖޭގައި ވަކި މަދެއް ނޫނެވެ. ޤައުމުގެ ޙާލަތު މިހާ ހީނަރުވެފައި ވީނަމަވެސް ސިޔާސީ ބައިބައިވުންތައް ހަމަ އެގޮތުގައި ސާބިތުވެ އޮތުމަކީ ޙަޤީޤަތުގައި ވެސް އަޅުގަނޑުމެން ލަދުގަންނަންވީ ކަމެކެވެ. މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް19 އަކީ ވަކި ކުލައަކަށް ނިސްބަތްވާ އެއްޗެއް ކަމަށް ބައެއް ފަރާތްތަކަށް މީހާރު ވަނީ ޔަޤީންވެ ކަށަވަރު ވެފައެވެ. މި ދަނޑިވަޅުގައި ވެސް ސިޔާސީ ފިކުރުތައް ދޫކޮށް އެންމެން އެއްބައިވަންތަކަން ޤާއިމުކޮށް މި ބަލިން އަރައިގަތުމަށް މަސައްކަތްކުރުން މާ ބުއްދިވެރިއެެވެ. އެހެން ނަމަވެސް ފެނިގެން ދަނީ މުޑުދާރު ހުތުރު މަންޒަރުތަކެވެ. އެގޮތުން މި ކަމާއި ގުޅިގެން ސަރުކާރުން އެޅި ކުއްލި ފިޔަވަޅުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިއްވި ޚިތާބަށް ފާޑުކިޔުމާއި ނުރުހުން އަމާޒުވީ ނުހަނު ދަށު ދަރަޖައިންނެވެ. ޤައުމުގެ ރައީސް އިއްވި އަސަރުގަދަ ވާހަކަފުޅުތަކުން ޚުދު އެ މަނިކުފާނު ކީރިތި ކުރައްވަމުން ގެންދެވިއިރު އެކަމާއި މަލާމާތްކޮށް ޖޯކުޖެހި ބޭފުޅުން ވެސް އުޅޭކަމީ ދެރަ ކަމެކެވެ. އެ އިއްވެވި އަސަރުން ފުރިގެންވާ ބަސްފުޅުތަކާއި އެކު އެ މަނިކުފާނުގެ ދެލޯފުޅުން ހިލުނު ކަރުނައަކީ މި ޤައުމަށްޓަކައި އެ މަނިކުފާނު ކަންބޮޑުވެލައްވާ މިންވަރު ހާމަކޮށްދޭ ރަމްޒެއް ކަން ބައެއް ފަރާތްތައް ޤަބޫލު ކުރަން ބޭނުން ނުވީއެވެ. ނަމަވެސް އެއީ “ޑްރާމާއެކޭ” ނުވަތަ “ސްޓަންޓެކޭ” ކިޔައި މުޖުތަމަޢު ފިތުނަ ފަސާދައިގެ ތެރެއަށް އެއްލައިލި އެއްލާލުމަކީ އެންމެ ދަށު ދަރަޖަ އިން ކުށްވެރި ކުރެވޭނެ އަމަލުތަކެވެ. މި ޢަމަލުތަކަށް ސާބަސް ދެވޭނެ ހެއްޔެވެ؟ ދިވެހިން ދިވެހިންގެ “މޮޔަ” ވިސްނުންތައް ދޫކޮށްލާނެ ދުވަހެއް އަންނާނެ ބާއެވެ؟
މިހާ ހިސާބުން ވެސް ދިވެހިންގެ “ކަޓު” ގޮތްގަނޑު ދޫކޮށް ޒިންމާދާރުވުން ކިހިނެއްވާނެތޯއެވެ. ޤައުމު ބޮޑު ކަނޑެއްގައި ގެނބިގެން ދާއިރު އަނެކާގެ ގޮތްފޮތް ބަލައި ހޯދުން މަޑުކޮށްލާށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ވެސް ބަޔަކު ނުވަތަ މީހަކު ކުށްވެރި ނުކޮށް މި ވަގުތުން ފެށިގެން މި ގިލަންވެރިކަމުން އަރައިގަތުމަށް ކުރެވެން ހުރި ހުރިހައި ކަމެއް ކުރުމަށް ތައްޔާރުވަމާ ހިނގާށެވެ. އެގޮތުން ސިއްޙީ އިދާރާތަކުގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމާއި އެކު ޤައުމީ އަދި ފަރުދީ ޒިންމާ ނަންގަވަން ހިންގަވާށެވެ. ކެތްތެރިކަމާއިއެކު އެއްބައިވަންތަކަން އިސްކުރައްވަން ހިންގަވާށެވެ. ތަނުގެ ސާފުތާހިރުކަން އިސްކޮށް އިޖްތިމާއީ ގައިދުރުކަން ކަށަވަރުކުރައްވަމާ ހިންގަވާށެވެ. ވީހައިވެސް ތެދު މަޢުލޫމާތު އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަކީ މިފަދަ ދަނޑިވަޅެއްގައި ކުރެވޭނެ އެންމެ ބޭނުންތެރި އަދި މުހިއްމު ކަމެއް ކަން ހަނދާނުގައި ބަހައްޓާށެވެ. މި ކަމަކީ ވަކި މީހަކަށް ނުވަތަ މީހަކު ބުނީތީ ކުރާ ކަމެއް ކަމުގައި ނުދެކި އަމިއްލަ ކަމެއް ކަމުގައި ދެކޭށެވެ. އެއިރުން ނުކުންނަ ނަތީޖާ މާ ފޮނި ވާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.