ދުނިޔޭ ގެ ގިނަ ގައުމުތަކަކުން ގަބޫލުކުރި ގޮތުގައި ދެހާސް ވިހިވަނަ އަހަރު ވެގެންދާނީ ތަރައްގީ އާއި، ތަހުޒީބާއި ތަމައްދުން ގެ ރޮނގުން ދުނިޔެ އެތައް ގުނައެއް ކުރިއަށް ޖެހިގެންދާނެ އަހަރަކަށެވެ. އެތައް ގައުމަކުން ދިޔައީ “ވިހިވިހީގެ ތަސައްވަރު” އެކުލަވާލަމުންނެވެ.

ޖައްވަށް ދިއުމަށް އުދުހިގެންދާ ރޮކެޓްތަކާއި، ވިލާތަކާއި ހަމައަށް އުސްކޮށް ކުރެހުނު ތަސައްވުރެކެވެ. އެހެންނަމަވެސް ތަދުބީރު އޭރުގައި ކުރެހި ގިނަ ޕުލޭންގެ މައްޗަށް ދުނިޔޭގެ ތަގުދީރެއް ނުހިނގިއެވެ. 2020 ވަނަ އަހަރު ދިވެހިންނާއި ބައްދަލުކުރީ ދުނިޔޭގައި ބޮޑާވެގަނެގެން ތިބި އިންސާނުންނަށް ގޮންޖަހާލާފައެވެ.

ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހެއް ދުނިޔޭގެ ދޮރުގައި ޓަކި ޖަހާލީ ގާފިލް ކަންމަތީ، އެއްބަޔަކަށް ވުރެ އަނެއް ބައެއް ކުރިއަރައި ދިޔުމުގައި ހަލާލެއް ހަރާާމެއް ނުބަލާހާލުގައި މުޅި ދުނިޔެވަނިކޮށެވެ. މިއަދު ހަމަ ރަނގަޅަށްވެސް އިންސާނުންނަށް އެމީހުންނަށް ވުރެ ބާރުގަދަ ފަރާތެއްވާކަން ހަދާންވާނޭކަަން ޔަގީނެވެ.

ބޮޑާކަމާއެކު ދުނިޔޭގައި އުޅުނު އިންސާނާގެ އެއްވެސް އާރެއް ބާރެއް ނެތްކަން މިއަދު ޔަގީން ވެއްޖެ ނޫންތޯއެވެ؟ ކުޑަކުޑަ ލޮލަށް ނުފެންނަވަރުގެ ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔެއްގެ ފަރުވާ ވެސް ނުހޯދުނެވެ. މާ ކުރިއާލާ އިންސާނުން ދެކުނު 2020 މިއަދު ފެންނަން މިއޮތީ އުންމީދު ކުރިގޮތަކަށް ނޫނެވެ. މުޅި ދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. ވިސްނައިފި ބަޔަކަށް މީވެސް އިބުރަތެކެވެ.

ސަލާމަތަށް އޮތީ ހަމަ އެންމެ މަގެކެވެ. މާތްﷲ ގެ ހަޟްރަތަށް ދެންނެވުމެވެ. މާތް ﷲގެ ހަޟްރަތުން އުއްމީދު ކަނޑައިނުލާށެވެ. އެއީ އިރުގެ ހޫނުން ދޮންވެފައިވާ ހިލަ ބިމުގެ ސަހަރާގައި މޫސާގެފާނާއިއެކު، ބަނީއިސްރާއީލުގެ ދަރީން ހައިހޫނު ކަމުގައި ވީދުވަހު އެބައިމީހުންނަށްޓަކައި އުޑުން މަންނަ އާއި ސަލްވާ ބާވައިލެއްވި ރަސްކަލާނގެއެވެ. އެއުރެންގެ ތެރޭން ކެތްތެރިކަމެއް ނެތް މީހުންގެ ސަބަބުން އެމީހުންނަށް ދެއްވި ނިއުމަތް ފިއްލަވައި‏ 40 އެއްގެ މުއްދަތަށް އެމީހުން ވަޒަނެއް ނުވާގޮތުގައި ވިއްސިވިހާލި ކުރެވުނެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.