ކާބޯތަކެތީގެ ތެރެއިން ވަރަށް ގިނަ ބާވަތްތަކަކީ ސިއްޙަތު ސަލާމަތުން ތިބުމަށް ބާރުއަޅައިދޭ އަދި ސިއްޙީ މައްސަލަތަކުން ނުވަތަ ބައެއް ބަލިބަލިން ދިފާޢުވުމަށް އެހީތެރިވެދޭ ބާވަތްތަކެކެވެ. ކޮޕީފަތް ފަދަ ތަރުކާރީ ކެއުމުން ކެންސަރު ފަދަ ބަލިތަކުން ދުރުހެލިކޮށްދެއެވެ. ހަވާދުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ރީނދޫ ނުވަތަ ގޮށް ރީނދުލަކީ ދުޅަ ލުއިކޮށްދިނުމާއި ގޭހުގެ މައްސަލަތައް ލުއިކޮށްދޭ އެއްޗެކެވެ. އާމަންޑްސް، ކަޖޫނަޓް، ކާފޫރުތޮޅި ފަދަ ބައެއްކަހަލަ ‘ނަޓްސް’ އަކީ ހަނދާން ގަދަކޮށްދޭ އެއްޗެކެވެ. މި ލިސްޓް މިހެންގޮސް ކިތަންމެ ވަރަކަށްވެސް ދިގުކުރެވިދާނެއެވެ.

މި ލިޔުމުގައި އަލިއަޅުވާލަން މިއުޅެނީ އެއްވެސް ތަރުކާރީއެއް ނުވަތަ މޭވައެއްގެ ވާހަކައެއް ނޫނެވެ. އަހަރެމެން ބޭނުން ނެތިގެން އުކާލާ ބިހުގެ ތޮށްޓާއި ގުޅޭ ވަރަށް ތަފާތު ވާހަކަތަކެއް ގެނެސްދޭނަމެވެ. ބިހުގެ ތޮށްޓަކީ އަހަރެމެންގެ ހަށިގަނޑުގައިވާ ކަށީގެ ސިއްޙަތަށް ނިކަން ފައިދާހުރި އެއްޗެކެވެ. ސަބަބަކީ ބިހުގެ ތޮށީގައި ކެލްސިއަމް ހިމެނޭ ނިސްބަތް ހީވެސް ނުކުރާހާ އިތުރަށް ހުރުމެވެ. މުގުރާފައި ހުންނަ ބައި ސަމުސާ ބިހު ތޮށީގެ ފުށުގައި 400 މިލިގްރާމް ގެ ކެލްސިއަމް (ހަށިގަނޑަށް އެބްސޯބް ކުރުވާ ކެލްސިއަމް) އެކުލެވެ އެވެ.

އާނއެކެވެ. މި ދައްކަނީ އަހަރުމެން ކެއުމަށް ބޭނުންކުރާ ކުކުޅު ބިހުގެ ތޮށީގެ ވާހަކަ އެވެ. ބޭނުންނެތިގެން އުކާލާ ބިހު ތޮށީގެ ވާހަކަ އެވެ.

ބިހުގެ ތޮށްޓަކީ ޢާއްމުގޮތެއްގައި އަހަރެމެން އުކާލާ އެއްޗެކެވެ. ބައެއް ފަހަރަށް ގަސްގަހުގެ ބުޑަށް އަޅަން ބޭނުންކުރިނަމަވެސް، ބިހުގެ ތޮށްޓަކީ ކެއުމަށް ބޭނުންކުރަން ކަމުދާނެ އެއްޗެއްކަން މިވަނީ މީހުން ދަންނަ ކަމަކަށް ނުވެ އެވެ. ނަމަވެސް ސިއްޙީ ބައެއް ދިރާސާތައް ދައްކާގޮތުން ބިހުގެ ތޮށްޓަކީ ހަށިގަނޑަށް ބޭނުންވާ ކެލްސިއަމް ލިއްބައިދިނުމަށް ބޭނުންކުރަން ވަރަށް އެކަށޭނަ އެއްޗެކެވެ.

ބިހުގެ ތޮށިން ކެލްސިއަމް ޕައުޑަރ ތައްޔާރުކުރާނެ ގޮތުގެ ވީޑިއޯއެއް ތިރީގައި އެވަނީ އެވެ.

މިކަމަށްޓަކައި ބޭނުންވަނީ ބިހުގެ ތޮށްޓެވެ. ފަސްވަރަކަށް މިނެޓް ވާންދެން ފެނުގައި ކައްކާލުމުން ބިހުގެ ތޮށީގައި ހުންނަ ބެކްޓީރިއާ ތައް ނައްތާލެވޭނެ އެވެ. އެއަށްފަހު އަވަން ޖައްސާފައި ހޫނުމިން 200 ޑިގްރީސް ގައި ބަހައްޓާށެވެ. ޓްރޭއެއްގައި ބިސްތޮށިތައް އަތުރާލާފައި އަވަނަށް ލާށެވެ. 15 މިނެޓް ވާންދެން އަވަނުގައި ބެހެއްޓުމަށްފަހު ނަގައިގެން ކޮފީ ގްރައިންޑަރ އަކުން ނުވަތަ އަހަރެމެން ބަދިގޭގައި ހަވާދު މުގުރަން ގެންގުޅޭ ގްރައިންޑަރ އިން މުގުރައިގެން ފުށް ހަދާށެވެ.

މުގުރާފައި ހުންނަ ބިހުގެ ތޮށި ކެއުމުން ލިބޭ ސިއްޙީ ފައިދާތައް

ބިހުގެ ސެލްމެމްބްރޭންގައި ގްލޫކޯސްއެމީން އާއި ހައިލަރޯނިކް އެސިޑް ފަދަ މާއްދާތައް އެކުލެވެ އެވެ. މިއީ ހުޅުހުޅުގެ އިލާސްޓިސިޓީ އާއި ޝޮކް އެބްސޯޕްޝަން ތަރައްޤީކޮށްދޭ ދެ މާއްދާ އެވެ. ނަތީޖާއެއްގެ ގޮތުން ހުޅުހުޅަށް ދިމާވާ މައްސަލަތައް ކުރިމަތިވާ ނިސްބަތް ދަށްކޮށްދެ އެވެ. ހުޅުތަކުގައި މައްސަލަޖެހުން ކުޑަކޮށްދެއެވެ.

ހުޅުހުޅުގައި ރިއްސުމުގެ މައްސަލަތަކަށްވެސް ވަރަށް އަވަހަށް ލުއިކަމެއް ގެނެސްދޭކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ގިނަދުވަސް ވާންދެން ބިހުގެ ތޮށިން ތައްޔާރުކުރާ ޕައުޑަރ ބޭނުންކުރުމުން ހުޅުހުޅުގައި ރިއްސުން އެއްކޮށް ރަނގަޅުވެސް ކޮށްދެއެވެ.

މީކާއިލް ތޮންބަކް، ޕީއެޗް.ޑީ ބުނާގޮތުން ބިހުގެ ތޮށިން ތައްޔާރުކުރާ ޕައުޑަރ ބޭނުންކުރުމުން އޯސްޓިއޯޕޮރޯސިސް (ކަށި ފީވުން) ބައްޔަށް ފަރުވާ ލިއްބައިދެ އެވެ. މީކާއިލް ބުނާގޮތުން ބިހުގެ ތޮށިން ލިއްބައިދޭ ކެލްސިއަމްގެ 90 އިންސައްތަ އަކީ ހަށިގަނޑަށް ފަސޭހައިން ފޫދިގެންދާ އެއްޗެކެވެ. އަދި އެއީ އަހަރުމެންގެ ދަތުގައި ހުންނަ ކައްޓާއި ވަރަށް އެއްގޮތް އެއްޗެކެވެ.

ބިހުގެ ތޮށިން ތައްޔާރުކޮށްފައި ހުންނަ ފުށް ނުވަތަ ޕައުޑަރ ތަފާތު ގޮތްގޮތަށް ބޭނުންކުރެވިދާނެ އެވެ. ކިރުތަށްޓަށް އަޅައިގެން، ސްޕެގެޓީ އާއި ނޫޑްލްސް ކައްކާއިރު އެއަށް އަޅައިގެން ނުވަތަ އޯޓްސް ފަދަ ތަކެތި ކާއިރު އެއާއި އެއްކޮށްގެންވެސް ކެވިދާނެ އެވެ.

އެމެރިކާގެ އިސްލާމިކް ފުޑް އެންޑް ނިއުޓްރިޝަން ކައުންސިލް Islamic Food and Nutrition Council of America (IFANCA) އިން ވަނީ ބިހުގެ ތޮށްޓަކީ ކެއުމަށް ހަލާލު އެއްޗެއްކަމަށް ކަނޑައަޅާފައެވެ.

މަސްދަރުތައް:-

http://www.nytimes.com

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.