‏މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު، ތިލަފުށިން ދިވެހިރާއްޖޭގެ ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތްތައް އެކަހެރިވުމަށް ހެލްތު ޕޮޓެކްޝަން އޭޖެންސީން އަންގައިފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނުގައި އަންގާފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލުކޮށް ، އާންމު ރައްޔިތުންގެ ސިއްޙަތާއި، ރައްކާތެރިކަމަށްޓަކައި މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު ނުވަތަ ތިލަފުށިން ދިވެހިރާއްޖޭގެ އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހަކު ކަމުގައިވާ ނަމަ، އެފަދަ މީހަކު އެ ރަށަކަށް ދެވުނު ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އެކަހެރިވުމަށެވެ.

މާލެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ފައްސިވުމާއި ގުޅިގެން މުޅި މާލެ މި ވަނީ ފުރަބަންދުކޮށްފައެވެ. މީގެ އިތުރުން އެޗްޕީއޭ އިން ވަނީ ރާއްޖޭގެ ރަށްރަށަށް އަރާފޭބުން ވެސް މަނާކޮށްފައެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، މިއަދު އަކަނި ވެސް މާލެއިން 7 މީހަކު އެ ބައްޔަށް ވަނީ ފައްސިވެފައެވެ. އެހެންކަމުން މާލެ އިން މުޅިއެކު 15 މީހަކު ފައްސިވެފައި ވާއިރު، އޭގެތެރޭގައި މާބަނޑު މީހަކު ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.