‎ދިވެހިދަރިންނޭ މިއަދު އަޅުގަނޑުމެން އެންމެންގެ ކިބައިން ޤައުމު ކަމަކަށް އެދިގޮވާކަން އިހުސާސް ވޭހެއްޔެވެ؟ މުޅިޤައުމު މިއަދު މިއޮތީ ބިރުވެރިކަމުގެ ވިލާގަނޑެއްގެ ދަށުގައެވެ. ގައުމުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އަޅުގަނޑުމެން ކުރިމަތީގައި ކުރިއަރާފައިވާ ބޮޑެތި ޤައުމުތައް ކުޑަކަކޫ މައްޗަށް ތިރިވެގެންދާ ތަން ނުފެނޭ ހެއްޔެވެ؟ އެއްވެސް މީހަކަށް ތިމާގެހާލަތާ މެދު ޔަޤީންކަން މިއަދު އެބަ އޮތްހެއްޔެވެ؟ ކޮވިޑް-19 މުޅި ދުނިޔެ ފަތަހަކުރަމުން ގޮސް އަޅުގަނޑުމެންގެ މިކުޑަކުޑަ ގައުމަށް ވަދެ މި ޤައުމުގެ ގެތަކަށް ވަދެއްޖެއެވެ. ސިއްހީ ވަސީލަތްތައް މަދު މިޤައުމު މިކަމުން ސަލާމަތްކުރުމުގެ މަގު އޮތީ އަޅުގަނޑުމެންގެ އަތްމަތީގައެވެ. އާދެ، ސިއްހީ މާހިރުންގެ ލަފާޤަބޫލުކޮށް އަޅުގަނޑުމެން ހެއްދެވި ފަރާތަށް ގިނަގިނައިން ދުޢާކޮށްގެންނެވެ. 

‎މިވަގުތަކީ ސިޔާސީ ކޯޅުން ހުއްޓާލާފައި މުޅި ޤައުމު އެކަތިގަނޑަކަށް ވާންވީ ވަގުތެވެ. ވަކި މީހެއްގެ ބޮލުގައި ކަންކަން އަޅުވާ އެތިވަރުގޮވަންވީ ވަގުތެއްނޫނެވެ. އެއްވެސް މީހަކު އަމިއްލައަކަށް މިބަލީގެ ޝިކާރައަކަށް ވާކަށް ބޭނުމެއްނުވާނެއެވެ. މިކަމުގެ ހުރި ނުރައްކާ ނޭނގޭނެ މީހަކު މިހާރު މިޤައުމުގައި ހުންނާނެހެން ހިޔެއްނުވެއެވެ. އެހެންކަމުން އެކަކުއަނެކަކަށް އަޅައިލާ މިކަމުން އަރައިގަތުމަށް ކޮންމެމީހަކުވެސް އެމީހަކަށް ވީވަރުން ތިމާގެ އަޚާއަށާއި އާއިލާގެ މީހުންނަށް ކަންކަން ރަނގަޅަށް ކުރަން ލަފާދޭންވީ ވަގުތު މިއޮތީ އައިސްފައެވެ. 

‎ފުރަބަންދުގައި ތިބޭއިރު އޯޑަރުކޮށްގެން ގެޔަށް ގަންނަ ތަކެތި ގެނެސްދިނުމަކީ ކުޑަކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ރައްކާތެރިކަމަށްޓަކައި ޑެލިވަރީކޮށްދޭ ބޭފުޅުންގެ ނަފުސު ނުރައްކަލަށް ވައްޓާލައިގެން އެކޮށްދޭ މަސައްކަތަކީ ޝުކުރުވެރިވާންވީ ކަމެކެވެ. ތޮއްޖެހިފައި މިވާ މާލޭގެ ހުރިހައި ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަކީ ކުޑަ ކަމެއްނޫނެވެ. ތިމާ އޯޑަރުދޭއިރަށް ވަގުތުން ގެޔަށް ގެނެސްނުދެވުމަކީ އެކަމާ ރުޅިއަސް އެ ގެންނަ މީހާއާ އެ ވިޔަފާރިކުރާ ފަރާތަށް ބަވަންވީ ކަމެއްނޫނެވެ. އަޅުގަނޑުމެން ކެއްތެރިވާން އެބަޖެހެއެވެ. އެބޭފުޅުންގެ ގައިން ކަށިހިތްވަރު ނެރެ އެ ކުރާ މަސައްކަތަކީ އަޅުގަނޑުމެންނަށް ކޮށްދޭ އަގުހުރި ޚިދުމަތެކެވެ. ފެން ނުލިބިގެން ރުޅިއައުމުގެ ބަދަލުގައި މިހާލަތުގައި ޕްލާންޓް ފެން، ނޫނީ ކެއްކިފެންވެސް ހަމަފުދޭނެއެވެ. ކެއުމުގައިވެސް އިގްތިސާދު ކުރަން އެބަޖެހެއެވެ. 

‎އަޅުގަނޑުމެންގެ ހައްޤުގައި ރެޔާއިދުވާލު ނުނިދާ މަސައްކަތް ކުރާ ސިއްހީދާއިރާގެ މީހުންގެ އިރުޝާދުތަކަށް އަޅުގަނޑުމެން ބޯލެނބުމަކީ އަޅުގަނޑުމެން ދެރަވުމެއް ނޫނެވެ. ނިކަމެތިވުމެއް ވެސް ނޫނެވެ. އެބޭފުޅުން އެވިދާޅުވާ އެއްޗެއް އެވިދާޅުވަނީ އަޅުގަނޑުމެންގެ ރައްކާތެރިކަމަށެވެ. މިގައުމުގެ ރައްކާތެރިކަމަށެވެ. މިކަމުގެ ކުޑަބޮޑުމިން އެންމެ ބޮޑަށް އެނގޭނީ އެބޭފުޅުންނަށެވެ. 

‎ރައްޔިތުންގެ ދިފާއުގައި ނުކުންނަން އަބަދުވެސް ތިބޭނެބަޔަކީ ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނެވެ. ކޮންމެ ފަސް އަހަރުން ބަދަލުނުވެ ކޮންމެ ސަރުކާރެއް އޮތަސް އެބޭފުޅުން ތިބޭނީ ދިވެހިރައްޔިތުންގެ ހިމާޔަތުގައެވެ. މަގުމައްޗަށް ނުނިކުތުމަށް އެ އަންގަނީ އަޅުގަނޑުމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަޅުގަނޑުމެން ގޭގައި ބައިތިއްބާފައި އެބޭފުޅުން މަގުމަތީގައި އެތިބެނީ އެބޭފުޅުންގެ އަނބިދަރިންނާ އާއިލާއާއި އެކަހެރިވެ އަމިއްލަނަފްސަށްވުރެ ދިވެހި ޤައުމު އިސްކޮށްގެނެވެ. 

‎މިއަދު އަޅުގަނޑުމެން އެންމެންގެ ކިބައިން މުޅިޤައުމު އެދެނީ ގޭގައި މަޑުކޮށްލުމަށެވެ. ގިނަގިނައިން އަތްދޮވުމާއި އިޖުތިމާއީ ގައިދުރުކަން ގެނގުޅުމަށެވެ. ދިވެހިޤައުމާއި ދިވެހިރައްޔިތުންގެ ހައްޤުގަޢި މިކަން ކޮށްލައިދޭށެވެ. 

‎އަޅަމެން ހެއްދެވި ފަރާތަށް ގިނަގިނައިން ދުއާ ކުރާށެވެ. އަޅުގަނޑުގެ ދުޢާއަކީ މުޅި މުސްލިމް އުއްމަތާއި މުޅިދުނިޔެ މި ނުބައި ވައިރަސްގެ ވަބާއިން ސަލާމަތްކޮށްދެއްވައި ދުނިޔެއަކީ އަމާންތަނެއްކަމުގައި ލެއްވެވުމެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

މޫސާ ނަޒީރު
ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.