ކޮވިޑް-19 ގެ ބިރުވެރިކަން އިންތިހާއަށް ގޮސް އަޅުގަނޑުމެން މިތިބީ ގޭގައެވެ. މާލެ ސަރަހައްދު ފުރަބަންދުކޮށް މުޅި ރާއްޖޭގައިވެސް އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.

ސިއްޙީމާހިރުންނާއި، ކަމާއި ބެހޭ ފަރާތްތަކުން ރައްޔިތުންގެ ކިބައިން އެދެނީ ރައްކާތެރިވެ ތިބުމަށެވެ. ގެއިން ބޭރަށް ނުނިކުތުމަށެވެ. ފަރުވާއާއި އެހީ ދިނުމަށް އެންމެ ކުރީ ސަފުގައި ސާބިތުކަމާއެކު އެތައް ބަޠަލުންނެއް އެބަ ތިއްބެވެ. އެކި މުއައްސަސާތަކުގައި އެކި މަގާމުތަކުގައެވެ.

އަޅުގަނޑުމެންގެ ޚިދުމަތުގައި އެތައްބަޔަކު ގުރުބާންވަމުން ދާއިރު، ނަރުހުންނަކީ ހާއްސަ ބައެކެވެ. ހާއްސަ ގަދަރެއްގެ ވެރި ބައެކެވެ.

” ފިރިމީހާ ވީ މިދިޔަ މާރިޗު މަހުން ފެށިގެން ކަރަންޓީނު ފެސިލިޓީއަކަށް ޑިއުޓީއަށް ގޮސް… ހަތަރު އަހަރުގެ ދަރިފުޅު ބަހައްޓާފަ އައިސް މިހެން ހުންނަ އިރު ކޮންމެ އިރަކުވެސް މިތާ ތާށިވެދާނޭ ހިތައް އަރަނީ .. އެސޮރު ބަހައްޓާފަ “ ސަރުކާރުގެ މައި ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހަކު ބުންޏެވެ.

” ކޮއްކޯ.. ހާލަތު ނުރައްކާ.. ވަރަށް އެހެންކަހަލަ… ޑިއުޓީއަށް ގޮސް އެހެންކަހަލަ ހިތްވަރެއް ލިބެނީ.. އެކަމު ގެއަށް ގޮސް ހަމަ ހުރެވެނީ ދަރިފުޅަށް ބަލަން.. އެއްކަމެއްވެސް ނުކުރެވޭ.. ނުކެވޭ.. ނުނިދޭ “ އަސަރާއެކު ނަރުހަކު ކިޔައިދިން މި ވާހަކައިން ފެންކަޅިވީ އަޅުގަނޑެވެ. ރޮވުނީ އަޅުގަނޑަށެވެ. ރެޔާ ދުވާލު ހިނިތުންވުމާއެކު އެކި ހާލަތުގައި ތިބި ބަލިމީހުންގެ ގައިގަ ފިރުމަމުން އެދަނީ ލޯތްބާއެކުއެވެ. ކާންދީ ތާހިރުކޮށް ވާހަކަ ދައްކަނީ އަމިއްލަ އާއިލާ މީހެއްފަދައިންނެވެ.

” ދުޢާ ކުރޭ.. ހެޔޮނުވާނެ ގެއިން ނުނިކުންނާތި.. ދެރަވާތީ ދެރަނުކުރަން އަމިއްލަ ކަންކަން ޝެއަރ ނުުކުރަނީ.. ބޭނުން ނުވޭ އެހެން މީހުން ހާސްވާކަށް. އަމިއްލަ ހާލަތު އަމިއްލައަށް ހިފަހައްޓަނީ.. ހާލަތުގެ ގޮތުން.. ބޭރަށް ނުދައްޗޭ! “ ތަކުރާރުކޮށް އެދެމުން ދިޔައީ ފެންކަޅިވެ ހުރެއެވެ.

ހިތަށް އެރިއެވެ. އަމިއްލަ ދަރިންނާއި މައިންބަފައިން ދޫކޮށް މިދަނޑިވަޅުގައި ނަރުހުން އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ އެހުރީ އަހަރެމެން އެންމެންނަށްޓަކައެވެ. އެމީހުންނަށްޓަކައި އަހަރުމެން ގޭގައި މަޑުކޮށްލުން ކީއްތޯއެވެ؟

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.