[avatar user=”[email protected]” size=”thumbnail” align=”left”]ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.[/avatar]

ދިވެހިރާއްޖޭގައި، ސީޑީ އަދި ޑީވީޑީ ފޯރމެޓްގައި ފިލްމު ބެލުން ޢާއްމުވެފައި މިވަނީ 2000 ގެ އަހަރުތައް ފެށުނު ހިސާބުން ފެށިގެންނެވެ. އޭގެ ކުރިން ފިލްމާއި ލަވަ ބެލުމަށް ހަމަ އެކަނި ގެންގުޅެމުން އައި ފީތާ ޓޭޕެވެ. އެހެންކަމުން އެއީ ފީތާ ޓޭޕް ޒަމާން ކަމަށް ބުނެވިދާނެ އެވެ.

ފީތާ ޓޭޕް ޒަމާނުގައި ފިލްމުތައް ސެންސަރުކޮށްފައިވެސް ހުންނަނީ ވަރަށް ބޮޑަށެވެ. ހިންދީ ފިލްމުތަކުގައި ދެމީހަކު ކުޑަކޮށް ގައިގޯޅިވިޔަސް އެއީ ސެންސަރުކުރަން ޖެހޭ މަންޒަރެއްކަމެއް އޮންނާނީ ސެންސަރުކޮށްފައެވެ. ކޮންމެއަކަސް، މި ދެންނެވި ފީތާ ޓޭޕް ޒަމާނުގައި އެއްމެ މަޝްހޫރުވި ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމަކީ 1981 ގައި ނިކުތް ހިންދީ ފިލްމެއް ކަމަށްވާ ‘ސިލްސިލާ’ އެވެ. މި ފިލްމު މަޝްހޫރުވެގެން ދިޔައީ ފިލްމު ރީތިވުމުގެ އިތުރަށް، ފިލްމުގެ ކާސްޓްގެ ސަބަބުންނެވެ. ޚާއްޞަކޮށް ފިލްމުގެ މައިގަނޑު ކާސްޓާއި، އެމީހުންގެ އަމިއްލަ ދިރިއުޅުމާއި ގުޅިލާމެހިފައިވާ ‘ތިނެސްކަން ލޯތްބެއް’ މި ފިލްމުގައި ދައްކުވައިދީފައި ވާތީއެވެ. ފިލްމުގެ މެއިން ކާސްޓްގައި ހިމެނެނީ އަމީތާބް ބަޗަން، ރޭކާ އަދި ޙަޤީޤީ ދިރިއުޅުމުގައި އަމީތާބް ގެ އަނބިމީހާ ޖާޔާ ބައްޗަން އެވެ. މީގެ އިތުރުން ޝަޝީ ކަޕޫރް ވެސް މި ފިލްމުގައި ހަރަކާތްތެރިވެއެވެ.

މި ފިލްމުން ދައްކުވައިދެނީ އަމީތާބް އަށް މަޖުބޫރުވެގެން ޖާޔާ އާއި ކައިވެނިކޮށްގެން އުޅެމުން، ރޭކާ އާއި ލޯބީގެ ގުޅުން ބާއްވައިގެން އުޅޭ މަންޒަރެވެ. އެއީ އަމީތާބް، ޖާޔާ އާއި ކައިވެނިކުރުމުގެ ކުރިންވެސް ރޭކާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވާތީ އެވެ. މިއީ މި ތިން ތަރިންގެ ޒާތީ ދިރިއުޅުމާއިވެސް ގުޅިފައިވާ ކަމެއްކަމަށް މީޑީއާ ރިޕޯޓްތަކުން، އޭރުވެސް އަދި މިހާރުވެސް ބުނަމުން ދެއެވެ. ޙަޤީޤީ ދިރިއުޅުމުގައި އަމީތާބް، ކައިވެނީގެ ބޭރުން ރޭކާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަތަކަކީ އެއްމެން ދަންނަ ބޮޑު ސިއްރެކެވެ.

ފިލްމު ‘ސިލްސިލާ’ ގެ ހަމަ ކޮންމެ ލަވައަކީވެސް ފިސާރި އަސަރުން ފުރިގެންވާ، ރީތި ލޯބީގެ ލަވަތަކެކެވެ. އެގޮތުން ‘ނީލާ އާސްމާން ސޯގަޔާ’ މި ލަވައިގެ ފިރިހެން އަދި އަންހެން ލަވަވެސް ހަމަ އެހާމެ އަސަރުގަދަ އެވެ. އެގޮތުން ދިމާނާ ޔޫޓިއުބް ޗެނަލް އިން މިފަހަރު މި ގެނެސްދެނީ ‘ނީލާ އާސްމާން ސޯގަޔާ’ ގެ އަންހެން ލަވައިގެ ދިވެހިމާނަ، ސަބްޓައިޓްލް ކޮށްގެންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.