ދޮންއައިސައަށް މާލެ ދެވުމާއި އެކު ފުރަތަމަ ވެސް މަރުޙަބާކީ އޭނާގެ ވާން އުޅޭ ފިރި މޫސައެވެ. އެއީ ހަމުގެ ކުލައަލި، އިސްކޮޅާއި ރޫފައެޅިގެންވާ، ދެބައި އުމުރުގެ މީހެކެވެ.

ރަބީއުލްޢައްވަލު މަހުގެ ދެވަނަ ދުވަހުގެ ރޭ ކައިވެނީގެ ރަނުން ދޮންއައިސައާއި މޫސަގެ ކައިވެނީގެ އަގުމާތް ގުޅުމުގައި ގޮށްޖެހިގެން ދިޔައެވެ. ކޭލު ބޮޑިބަތާއި، ފަޅޯ މެޓާގަޑާއި، ކަށިކޮޔޮ ކަންޖާއި، ކުޅިބޯކިބަލުގެ މީރު ރަހަތަކުން އެކުލެވިފައިވާ ކައިވެނީގެ ބޮޑު ޖާފަތެއް މާލޭގެ ގިނަ ރައްޔިތުންނަށް އެރުވިއެވެ. ކައިވެންޏަށްފަހު ދޮންއައިސަގެ ފިރި މޫސަގެ ފަރާތުން ލިބެމުން ދިޔައީ އޯގާތެރިކަމާއި އަޅާލުމެވެ. ލޯތްބާއި ކުލުނެވެ. އެހެންކަމުން މޫސައަށް ދެރައެއް ދިނުމަށް ދޮންއައިސަ ބޭނުމެއްނުވިއެވެ. އަންބެއްގެ ދައުރު ވަފާތެރިކަމާއެކު އަދާކުރުމަށް އޭނާ ޢަޒުމް ކަޑައެޅިއެވެ.

 ****

ދޮންއައިސަ އާއި މޫސަގެ ކައިވެންޏަށް 5 އަހަރުވީ އިރު އެދެމީހުންގެ ދަރިފުޅު ހުސެއިންފުތަށް 3 އަހަރު ވަނީއެވެ. އަދިވެސް ދޮންއައިސަގެ ހިތުގައި އަލިފުޅަށް ދެވިފައިވާ ލޯބީގެ މަތިވެރި މަޤާމަށް އެއްވެސް ބަދަލެއް ނާދެއެވެ. ރީތި ނަލަ ހަނދުވަރުގެ އަލީގައި އަލިފުޅާ އެކު ހޭދަކުރި ލޯބީގެ ރޭތަކުގެ ހަނދާންތައް އޭނަ އާއި އެންމެ ހިނދުކޮޅަކަށް ވެސް ވަތްކެއް ނުވެއެވެ. ދަރިއަކު ލިބުމުން އެ ހަނދާންތައް ފިލުވާލާން ކުރި މަސައްކަތްވީ ނާކާމިޔާބެވެ. އަދިވެސް ދޮންއައިސަގެ ހަޤީޤީ ލޯބިވެރިޔަކީ އަލިފުޅެވެ. އެކަން ހިތުގެ ތެރޭގައި ވަންހަނާ ކުރަން އޭނައަށް ކުރިމަތިވެފައިވާ ހާލަތު ވަނީ މަޖުބޫރުކުރުވާފައެވެ.

އާދައިގެ މަތިން ދޮންއައިސައަށް ސަކީނާގެ ސިޓީއެއް ލިބުނެވެ. އޭގައި ވަނީ އަންނަ ހަފުތާގައި މާލެ އަންނަން އުޅޭ ވާހަކައެވެ. ދޮންއައިސައާއި ހުސެއިންފުތާއި ފިރިމީހާއާއި ބައްދަލުކޮށްލުމަށެވެ. އެތައް ދުވަހަކަށްފަހު، ދޮންއައިސަގެ މަންމަ އާއި ބައްދަލުވެވޭތީ އޭނާ ހުރީ ވަރަށް އުފާވެފައެވެ. އުފަލުންހުރެ ދޮންއައިސަ އެވާހަކަ މޫސަ ގާތު ބުނުމުން މޫސަ ވެސް ނުހަނު އުފާވިއެވެ. ފުރަތަމަ ފަހަރަށް ދޮންއައިސަގެ މަންމައާއި ބައްދަލުވެ، ދެމީހުން ތަޢާރަފުވެ، ރަޙުމަތްތެރިކަން ބަދަހި ކުރެވޭނެ ކަމުގެ ފޮނި އުއްމީދުގައެވެ.

ދުވަސްތައް ފައްވަމުންދެއެވެ. މިއަދަކީ ސަކީނާ މާލެ އަންނަން ހަމަޖެހިފައިވާ ދުވަސްކަމުން ހުސެއިންފުތު ގޮވައިގެން ދޮންއައިސަ އާއި މޫސަ ފެންޑާގައި ހުރި ގޮނޑިއެއްގައި ސަކީނާ އަންނާނެ ވަގުތެއްގެ އިންތިޒާރުގައި އިނެވެ. މާގިނައިރުތަކެއް ނުވަނީސް ބޭރުން ސަލާން ގޮވި އަޑަށް، ސަލާމަށް ޖަވާބު ދެމުން މޫސަ ކޮޅަށް ތެދުވިއެވެ. އެތެރެއަށް ވަތް ސަކީނާއަށް މޫސަ ފެެނުމާއި އެކު ފައި ގަނޑުވެ، މުޅި ހަށިގަނޑު ރޫރުއަޅައިގެން ދިޔައެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ސަކީނާގެ ކޯތާފަތް މައްޗަށް ބަންޑުންވިއެވެ.

“ސަ..ސަ..ސަކީނާ…” މޫސަގެ އެންމެ ފަހު ނޭވާ ދުނިޔެއަށް ދޫކޮށްލަމުން އޭނާ ތަޅުންގަނޑު މައްޗަށް ވެއްޓިއްޖެއެވެ. ވާނުވާ ނޭނގިފައިވާ ދޮންއައިސަ، މޫސައަށް ގޮވަމުން ގައިގައި ހިފައި ތަޅުވަމުން ދިޔައެވެ. އޭރުވެސް ސަކީނާ ހުރި ފިޔަވަޅުމަތީ ގުނޑާލަން ވެސް ނޭނގިފައި ހުއްޓެވެ.

އެދުވަހުގެ އިރުއޮއްސުމާއި ގާތްވެފައި ވަނިކޮށް މޫސަގެ ކަށުކަމާކެމީގެ ކަންތައް ނިމިއްޖެއެވެ. އޭރުވެސް މުޅި މާލެތެރޭގައި ހިތާމަވެރި އަންބާއެއްހެން މޫސަގެ މަރުގެ ވާހަކަ ދެކެވެމުންދިޔައެވެ. ސަރުކާރުގެ ވަޒީރު ބޭބޭފުޅުން ފެށިގެން އެންމެ ނިކަމެތި މީހާ ވެސް މޫސަގެ ޖަނާޒާގައި ބައިވެރިވިއެވެ. އެންމެން ވެސް ދެކެމުން ދިޔައީ މޫސަގެ މަރަކީ ޤުދުރަތީ މަރެއްކަމަށެވެ.

ހުސެއިންފުތު ނިންދުމަށްފަހު ދޮންއައިސަ މަޑުމޮޅި ހިނގުމެއްގައި ގޭގެ ފެންޑާއަށް ނުކުތެވެ. މުޅި ގެއަށް ވަނީ ފަޅުކަމާއި ނާމާންކަން ވެރިވެފައެވެ. ފެންޑާގައި ހުރި އަދަރާދު ގޮނޑިއެއްގައި އެކަނިވެރިކަމާއި އެކު އިސްޖަހައިގެން އިން ސަކީނާ ފެނި، ދޮންއައިސަ ސަކީނާ އާއި ގާތްވެލިއެވެ. އެތަކެއް ސުވާލުތަކެއް ހިތުގައި ބިންވަޅު ނަގަމުންނެވެ.

“އަމާ” ދޮންއައިސަގެ އަޑަށް މާޒީގެ ހަނދާންތަކުގެ ތެރެއަށް ޤަރަގުވެފައިން ސަކީނާ ސިހިފައި، ދޮންއައިސައަށް ބަލައިލިއެވެ. އެ ބެލުމުގައިވަނީ ހިތާމަ އާއި ހިތްދަތިކަމެވެ.

“ދަރިފުޅާ ދޮންއައިސާ.. އަމާ މިއަދު ބޭނުން ދަރިފުޅުގެ ގާތު ހުރިހާ ވާހަކައެއް ކިޔާދޭން . އާދޭ މިތާ އިށީންނަން!” ދޮންއައިސަގެ އަތުގައި ހިފައި، ޖެހިގެން އިން ގޮނޑީގައި އޭނާ ބައިންދަމުން ސަކީނާ ވާހަކަދެއްކިއެވެ.

“އެއީ މީގެ 23 އަހަރު ކުރި… އޭރު އަމާ ދިރިއުޅެމުން ދިޔައީ އަމާގެ އުފަން ރަށް ބ.ދަރަވަންދޫގައި…އީދު ތެރޭ ރަށަށް އައި މެހެމާނަކާ އަމާ ލޯބީގެ ގޮތުން ގުޅުނިން.. އޭނާ އެތަކެއް ވަޢުދުތަކެއް ވި.. އެތަކެއް ހުވާތަކެއް ކުރި.. އެކަމު އާޚިރުގަ އޭނަވީ އަނިޔާވެރިއަކަށް… މަކަރުވެރިއަކަށް…. ދަރިފުޅާ… އެ އަނިޔާވެރިޔާ މިނިކަމެތި އަންހެނާގެ އިއްފަތްތެރިކަން، ގަދަކަމުން ފޭރިގަތް.. ރޮއިރޮއި އޮއްވާ.. އާދޭސް ކޮށްކޮށް ހުއްޓާ” މިހާ ހިސާބަށް ދިޔައިރަށް ސަކީނާއަށް ގިސްލެވެން ފެށުނެވެ.

“ދަރިފުޅާ… އަމަޔަށް މި ބޮޑު އަނިޔާ ދިނުމަށްފަހު އޭނަ ފިލި.. ރަށުންވެސް އޭނާ ދިޔައީ.. އޭގެ ކުޑަ ދުވަސް ކޮޅެއްނުވަނީސް އަމާ އިނީ ދަރިފުޅަށް ބަލިވެ.. އެކަމުގެ ސަބަބުން ރަށުމީހުންގެ މަލާމަތް އިންތިހާއަށް ލިބި އެއަށް ކެތް ނުކުރެވިގެން އަމާ ބިލެތްދޫއަށް ބަދަލުވީ.. ދަރިފުޅާ…. އެ އަނިޔާވެރިޔާއަށް ﷲ ބަދަލު ދެއްވައިފި…. މި ނިކަމެތި ސޫރަ ފެނި އެ އަނިޔާވެރިޔާގެ ނިމުން ﷲ ދައްކަވައިފި…. ދަރިފުޅާ ދޮންއައިސާ… އެ އަނިޔާވެރިޔަކީ… އެ އަނިޔާވެރިޔަކީ..  މޫ…މޫސަ” ސަކީނާ ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން ހުރި ދޮންއައިސައަށް ބޭއިޚުތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. 

“ކީކޭ؟؟ މޫސައޭ؟؟ މަށަށް މިކައިވެނި ކުރެވުނީ މަގޭ ބަފަޔާތަ؟ މަގޭ ހުސެއިންފުތުގެ ބަފަޔަކީ އޭނަގެ ކާފަތަ؟” ދޮންއައިސަ ވަރަށް އުނދަގުލުން ވޭނީ ރާގެއްގައި އެހިއެވެ.

“އާން ދަރިފުޅާ! އަމަޔަށް މަޢާފުކުރޭ! މަޢާފު ކުރޭ!” ދޮންއައިސަ ފައި ބުޑަށް ވެއްޓި ސަކީނާ ރޯންފެށިއެވެ. ސަކީނާ ނެގޭތޯ ދޮންއައިސަ މަސައްކަތް ކުރަމުންދިޔައެވެ.

“އަމާ ނުރޮއި! ތިކަމުގައި އަމާގެ ކުށެއްނެތް… މޫސައަކީ އަނިޔާވެރިއެއް.. އެފަދަ މީހަކަށް މަށެއް ބަފައެކޭ ވެސް ނުކިޔާނަން! ފިރިއެކޭވެސް ނުކިޔާނަން! ދެން ތިލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް އޮހުރުވާނުލާތި! މަ އަމަޔަށް މަޢާފު ދީފިން..” ސަކީނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ދޮންއައިސަ ފޮހެލަމުން، ސަކީނާ ގައިގައި ބައްދާލިއެވެ.

*****

ދޮންއައިސަގެ ދިރިއުޅުން ފ. ބިލެތްދޫއަށް ބަދަލުވެއްޖެވެ. ރަށުތެރޭގައި ދޮންއައިސަގެ ފިރި، މަރުވި ވާހަކަ އަޑު ނާހާ މީހެއް ނެތެވެ. އޭގެ ފަހަތުގައިވާ ހަޤީޤަތް ދޮންއައިސަ އާއި ސަކީނާ ނޫން މީހަކަށް ނޭނގެއެވެ. ރަށަށް އައުމާއި އެކު ދޮންއައިސަ އަލިފުޅާ ބައްދަލު ކުރުމަށް އެދި ސިޓީއެއް ލިޔެ، މުހައްމަދުކޮއި އަތަށް ދީފައި އަލިފުޅާ ހަވާލުކޮށްދިނުމަށް އެދުނެވެ.

މަޣުރިބު ނަމާދުކޮށްލައިގެން ދޮންއައިސަ ތުނޑީގައި އެހުރީ ދޮންއައިސަގެ ހަޤީޤީ ލޯބިވެރިޔާގެ އިންތިޒާރުގައެވެ. އަލިފުޅާއެކު އާޙަޔާތެއް ރޯޝަން ކުރެވޭނެ ކަމުގެ އުއްމީދުގައެވެ. އެތަކެއް އަހަރަކަށްފަހު ހަޤީޤީ ލޯބީގެ ފޮނި މީރުކަން ލިބޭނެ ކަމުގެ ފޮނި ހުވަފެނުގައެވެ.

ދޮންއައިސައަށް މާގިނަ އިރަކު އިންތިޒާރުގައި ހުންނާކަށް ނުޖެހުނެވެ. ފަހަތުން އައި މީހާ ވަރަށް ލޯތްބާއި އެކު ދޮންއައިސަގެ ކޮނޑުގައި ހިފައިލިއެވެ. ދޮންއައިސަ ދެލޯ މަރާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ. 

“މަގޭ އަލިފުޅާ… މަށަށް މަޢާފު ކުރޭ! މަ..” ދޮންއައިސަގެ ވާހަކަތަކަށް ހުއްޓުން އެރީ، ފަހަތުގައި ހުރި މީހާ ދޮންއައިސައަށް ގޮވައިލުމުންނެވެ. އެއީ އަލިފުޅުގެ އަޑު ނޫންކަން ޔަޤީންވުމުން ދޮންއައިސަ އަވަސް އަވަހަށް ފަހަތް ބަލައިލިއިރު ކުރިމަތީގައި ހުރީ ޔޫސުފެވެ.

“ހަމަމިހާރު މިތަނުން ދޭ! މަގޭ އަލިފުޅު މިހާރު އަންނަން އުޅޭނެ..” ދޮންއައިސަ ހިތްހަމަ ނުޖެހިފައި ބުންޏެވެ. ޔޫސުފު ދޮންއައިސަގެ މޫނަށް ބަލައިލިއިވެ.

“ދޮންއައިސަ ކިތައްމެ އިރަކު ހުއްޓަކަސް އަލިފުޅެއް ނާންނާނެ.” ދޮންއައިސަގެ ދެލޯ ބޮޑުވިއެވެ.

“އާނ ދޮންއައިސާ! ދޮންއައިސަގެ ލޯބީގެ ހަނދާނުގައި، އަލިފުޅު މޮޔަވެގެން މިދުނިޔެ ދޫކުރިތާ ކޮން ދުވަހެއް.”

ޔޫސުފުގެ އެޖުމުލައިން ދޮންއައިސަގެ ގައިން ވަރު ދޫވެ، ތުނޑީގައި ފެތުރިފައިވާ ބޯކިރު ކޮޅެއްފަދަ ސާފު ހުދު ދޮންވެލީގެ ތެރެއަށް ޖެހެގަނެވުނެވެ. 

“ނޫން! ނޫން! އަލިފުޅު މަރެއްނުވާނެ. އަލިފުޅު މަ ދޫކޮށްފައެއް ނުދާނެ. އަލިފުޅެއް ނުދާނެ. މަގޭ އަލިފުޅާ.” ދޮންއައިސަގެ އަޑު ތުރުތުރު އަޅާ ހާލު ރޮމުންދިޔައެވެ.

“ދޮންއައިސަ ހުއްޓާލާ! އަދިވެސް މި ޔޫސުފު މިހުރީ ދޮންއައިސައަށްޓަކާ.. ތިލޯތްބަށް އެދި އާދޭސް ކޮށްކޮށް. މަ ދޮންއައިސައަށް އުފާވެރި ދިރިއުޅުމެއް ހޯދަ ދޭނަން.. ދޮންއައިސަގެ ދަރިއަށް ބަފައެއްގެ ލޯބި ދޭނަން.. ގައިމު ދޮންއައިސަ އަލިފުޅަށް ފޮނުވި ސިޓީ، މުހައްމަދުކޮއި މަގޭ އަތަށް ދޭނީ މަ ދޮންއައިސަދެކެ ލޯބިވާތީނު؟” ދޮންއައިސަ ގާތުގައި އިށީންނަމުން ޔޫސުފަށް ވެސް ރޮވުނެވެ.

” ޔޫސުފާ! އަލިފުޅު މަގޭ ހަނދާނުގައި.. މިދުނިޔެ ދޫކުރި ފަދައިން… މަވެސް މިދުނިޔެ ދޫކުރާނީ… އަލިފުޅުގެ ހަނދާނުގަ… އަލިފުޅަށްޓަކާ.. އަލިފުޅުގެ އެ ހަނދާންތަކުގައި… މަގޭ ދިރިއުޅުމުގެ ފަހުބައި އުފަލުގައި ވޭތުކުރެވިދާނެ.. މަގޭ އަމާ.. ބަފައެއްގެ އެހީތެރިކަމާ ނުލައި… މަ ބަލާ ބޮޑުކުރި ފަދައިން… މަގޭ ހުސެއިންފުތު ވެސް މަށަށް ބެލޭނެ… އެހެންވީމާ.. މަގޭ މަތިން ޔޫސުފު ހަނދާން ނައްތާލާ.. ޔޫސުފަށް ދުވަހަކުވެސް މަށެއްނުލިބޭނެ..” ދޮންއައިސަ މިހެން ބުނެ ރޮމުން ގެއާއި ދިމާލަށް ދިޔުމަށް ދުއްވައިގަތެވެ.

ލިބުނު މާޔޫސް ކަމާއެކު ޔޫސުފު ވެސް ގެއަށް ދިއުމަށްޓަކައި މަޑުމަޑުން ހިނގައިގަތެވެ. ކޮންމެ ގޮތެއް ވިޔަސް ދޮންއައިސަ އަކީ ޔޫސުފުގެ ދޮން ލުނބޯ ކަމުގައި ހިތުން ބުނެލިއެވެ. އަދި ދޮންއައިސަ އަލިފުޅުގެ ހަނދާނުގައި ދިރިއުޅެން ނިންމި ފަދައިން، ޔޫސުފު ވެސް އޭނާގެ ދޮން ލުނބޯ ފަދަ ދޮންއައިސަގެ ހަނދާނުގައި ދުވަސްތައް ހޭދަކޮށްލާނެ ކަމަށް ހިތާ ހިތުން ބުނެލިއެވެ.

-ނިމުނީ-

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.