ޤައުމަށް މިހާރު ކުރިމަތިވެފައިމިވާ ދަތި އުނދަގޫ ބިރުވެރި ވަގުތުގައި މަޝްހޫރު ފެހުންތެރިޔާ އަދި ފިލްމީ ތަރި ޖާދުﷲ ޢިސްމާއިލް (ޖާދު) މިހާރުވަނީ ވަނީ އެސްޓީއޯ ޑެލިވަރީ ޓީމާއި ގުޅިފައެވެ.

“އަޅުގަނޑު މިހުރީ ގައުމީ ޚިދުމަތުގައި ނިކުންނަން ތައްޔާރަށް.” މިގެ ކުރިން ކޮވިޑް 19 އާއި ގުޅިގެން ހިންގޭ އޮޕާރޭޝަންތަކަށް ވޮލަންޓިއާ ކުރުމުގެ ފުރުސަތު މޯލްޑިވްސް ޑިފެންސް ފޯހުން ހުޅުވާލުމާއިއެކު ޖާދު އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ބުނެފައިވެއެވެ. ފާހަގަ ކޮށްލެވޭ ކަމަކީ ޖާދު އަކީ މީގެ ކުރިން މޯލްޑިވެސް ޑިފެންސް ފޯސްގައި މަސައްކަތް ކޮށްފައިވާ ފަރާތެއްކަމެވެ.

“ކުރި ހުވަޔާއި އަހުދުގެ މަތިން އަދިވެސް ހަނދާން އެބަހުރި.” ޖާދު ބުނެފައިވެއެވެ.

މޮޅު ޑޮކްޓަރަކަށް ނުވިކަމުގައިވިޔަސް ކުރެވިދާނެ ކަމެއް އޮވެދާނެ ކަމަށް ޖާދުގެ އަމިއްލަ ނަފުސަށް ގަބޫލުކުރެވޭތީ، ގައުމު ދެކެ ލޯބިވާ ދިވެހި ދަރިޔަކަށް ވީތީވެ މި ދަނޑިވަޅުގައި ފަރުދީ ޒިއްމާއެއް އޮތްކަމަށް ގަބޫލުކޮށް އޭނާ މި ނެގި އިސް ނެގުމަށް ގިނަބަޔަކު އަންނަނީ ތާޢުރީފުކުރަމުންނެވެ. ޖާދުއަކީ އަބަދުވެސް އެހީތެރިކަމަށް ބޭނުންވެފައިވާ މިފަދަ ކަންކަމުގައި އިސްކޮށް މަަސައްކަތް ކުރާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯއަކީ ރާއްޖެއަށް ބޭނުންވާ މުދާ އެންމެ ފުޅާދާއިރާއެއްގައި ސަޕްލައި ކުރާ އެއް ކުންފުންޏެވެ. ނަމަވެސް މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއިއެކު އެސްޓީއޯގެ ހޯމް ޑެލިވަރީއަށް ބާރުބޮޑުވެ އެ ޚިދުމަތް މެދުކެނޑުނު ވަގުތެއްވެސް އައެވެ. ނަމަވެސް ސިފައިގެ އެހީއާއިއެކު މިހާރު އެކަންވަނީ ހައްލުކުރެވިފައެވެ.

ޖާދު ފަދައިން އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރާ އެފަދަ އެތައް ބަޔަކު މިވަގުތު ރާއްޖޭގައި އެބައުޅެވެ. މި ހިތްދަތި ވަގުތުގައިވެސް، އިންސާނިއްޔަތަށްޓަކައި އެފަރާތްތަކުން ކުރަމުން އެގެންދާ މަސައްކަތަށް ދިވެހި އެންމެހާ ރައްޔިތުންގެ އެއްބާރުލުމާއި ހެޔޮ ދުޢާ ބޭނުންވެއެވެ.​

ލިޔުންތެރިޔާގެ ފުރަމަލަ

ނަބީލް މުޙައްމަދު
މައިގަނޑުގޮތެއްގައި ނަބީލް ލިޔާނީ ފިލްމީ ޚަބަރާއި މަޢުލޫމާތެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ނަބީލްގެ ގަލަން ފަރިތައެވެ.