ރާއްޖޭގެ ވެރިރަށް މާލެ އަކީ ތޮށްޖެހިފައިވާ ކުޑަ ގޮޅިއެއް ފަދަ ތަނެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުން، އެކި ބޭނުންތަކަށް މާލެ އަންނަން ޖެހޭ މީހުން ހާހުން ގުނާލެވެއެވެ. މި މީހުން މާލެ އަންނަނީ ކޮންމެހެންވެސް އަންނަން ޖެހިގެންނެވެ. ޒަރޫރީ ބޭނުންތައް އެމީހުން ތިބި ތަނުގައި ފުއްދެން ނެތީމައެވެ. މިގޮތަށް މާލެ އަންނަ ދިވެހިން، އެމީހުންގެ އަތުން އެތައް ފައިސާއެއް ހޭދަކުރަން ޖެހެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް މީހުން ދިރިއުޅުން ބަދަލުކޮށްގެން އުޅެމުން ދަނީ ކޮންމެވެސް ކަމެއް ހާސިލުކުރުމަށެވެ. ދަރިންނަށް ތަޢުލީމް އުނގަންނައި ދިނުމަށެވެ. ދަރިންގެ މުސްތަޤުބަލް އުޖާލާ ކުރުމަށެވެ. ނޫނީ ޞިއްޙީ ކޮންމެވެސް ބޭނުމެއްގައެވެ. ޚަރަދު ބޮޑު މާލޭގެ ދިރިއުޅުމުގައި، ހަނާ ވަމުން ދިވެހިން ދަނީ އެނޫން ގޮތައް ނެތީމައެވެ. ގިނަ ޒުވާނުން މާލޭގެ ދަތި ދިރިއުުޅުމަށް ހުށައެޅުނީ، އެފަރާތްތަކަށް ރަނގަޅު ވަޒީފާއެއް އަމިއްލަ ރަށުގައި ހުރެ، ލިބެން ނެތީމައެެވެ. އެކަމު، މާލޭގެ ފަސްގަނޑުގައި ވަޒީފާ އަދާކުރަމުންދާ ގިނަ ދިވެހިންނަށް ލިބޭ މުސާރަކޮޅަށް ވާގޮތް ވެސް ނޭނގެއެވެ. ގޭ ކުއްޔާއި، އެހެން ފީތައް ދައްކާފައި، އިތުރު ކަމެއް ކުރާކަށް ފައިސާއެއް ނުހުރެއެވެ.

މިއަދުގެ ހާލަތު މިއޮތީ މާލޭގައި ދިރިއުޅެމުންދާ، އެކި ރަށްތަކުގެ މީހުންނަށް ދަތި، އުނދަގޫ ދުވަސްތަކަކާއި ކުރިމަތިވެފައެވެ. ކޮރޯނާގެ ބިރުވެރިކަމުގައި، އެމީހުން ތިބީ ގޮތް ހުސްވެފައެވެ. ހަދާނެ ގޮތް ނޭނގި، މާޔޫސް ވެފައެވެ. އަދާކުރަމުންދާ ވަޒީފާ އެއްބަޔަކަށް ގެއްލުނު އިރު، އަނެއް ބަޔަކު ތިބީ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވާލާފައެވެ. އާމްދަނީ އެއް ލިބޭނެ ގޮތެއް ނެތް މިފަދަ ނިކަމެތި ހާލަތެއްގައި، ބޯހިޔާވެލަން ވަންނަ ގެއަށް ކުލި ދައްކާނީ ކިހިނެއްތޯއެވެ؟

ނަމަވެސް، މިއަދު މާލެތެރެއިން ފެންނަމުން ދަނީ، މުޅިން ތަފާތު މަންޒަރެކެވެ. ދާދި ފަހުން ކުޑަ ދެކުދިން ގެއިން ނެރެލި ވާހަކަ މީޑިއާތަކުގެ ފަލަ ސުރުޚީތަކަށް އެރިއިރު، އެއީ އަޑުއަހައިލަން، ނޫނީ ކިޔައިލަން ހިތަށް ކުޅަދާނަ ވާވަރުގެ ޚަބަރެއް ނޫނެވެ. ދިވެހިންނަކީ އަބަދުވެސް އެކުވެރި، އަޚުންތަކެއް ދިރިއުޅެމުންދާ ތަނެކެވެ. މިއަދަކީ ދިވެހިންގެ އެކުވެރިކަމާއި، އެއްބައިވަންތަކަން، އަމަލުން ދައްކަންވީ ވަގުތެވެ. ގިނަގިނައިން އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދެންވީ ވަގުތެވެ.

އަޅުގަނޑުމެން ކަންފަތުގެ ހިނދުރިތެރެއަށް އިވެމުންދާ އަނެއް ދެރަ ޚަބަރަކީ، ޞިިއްޙީ ޚިދުމަތްތެރިންނާއި، ވަޒީފާއަށްދާ ބައެއް ފަރާތްތަކުން، އެމީހުން ދިރިއުޅެމުންދާ ގެއިން ނުކުންނަން އަންގަމުންދާ ވާހަކައެކެވެ. މީގެ ބަދަލުގައި އެކުދިން ކުރަމުންދާ ޤައުމީ ޖިހާދަށް ހިތްވަރުދޭށެވެ. ބަލިން ރައްކާތެރިވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް، އެކުދިންނަށް ވިސްނައިދީ، ނަޞޭޙަތް ތެރިވާށެވެ.

މިދަތި ހާލުގައި، މާލޭގައި ތާށިވެފައި ތިބި، ހަމަ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ފަސްނުޖެހި އެހީތެރިކަން ފޯރުކޮށްދެއްވާށެވެ. ތިބާ ހޭދަ ކުރާ ކޮންމެ ހޭދައަކީ އިތުރު ވުމެއް ކަމުގައި ބަލާށެވެ. އެހެނީ، ކޮންމެ ހޭދަކުރުމަކުން، މާތްﷲގެ ބަރަކާތްތެރިކަން އެމީހަކަށް، އެމީހެއްގެ މުދަލަށް އިތުރު ކުރައްވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.