ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ގެންނަން މަޖުބޫރިވި ބައެއް ބަދަލުތަކާއި ގުޅިގެން އެއްބަޔަކު ވަޒީފާގެއްލުނެވެ. އަނެއް ބަޔަކު މުއްދަތެއް ނެތްގޮތުގައި އަދި މުސާރަ ވެސް ނުލިބޭގޮތަށް ވަޒީފާތަކުން ޗުއްޓީއަށް ފޮނުވައިލިއެވެ. އަނެއްބަޔަކު މުސާރައިން އުނިކުރިއެވެ. މިފަދަ ސަބަބުތަކާއި ގުޅިގެން އެބައި މީހުންނަށް ލިބެމުންދިޔަ އާމްދަނީ ކުޑަވެގެން ދިޔުމުން ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސުމުގައި ވަރަށްގިނަ ބަޔަކަށް ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ. ހާއްސަކޮށް ރާއްޖޭގެ ޚިދުމަތްތައް އެތަނަކާއި ގުޅިފައިވާ އަދި ތޮއްޖެހުން ބޮޑު މާލޭގައި ކުއްޔަށް ދިރިއުޅެމުންދިޔަ އާއިލާތަކަށެވެ.
ކުރިމަތިވެގެން މި ދިޔަ އުނދަގޫ ދުވަސްތަކާއި ގުޅިގެން އިވިގެންދިޔަ ބައެއް އަޑުތަކަކީ ޤަބޫލުކުރަން ދަތިވި އަޑުތަކެކެވެ. ކުލިނުދެއްކުމުގެ ސަބަބުން ގެއިން ނެރެލެވުނު ވާހަކައެވެ. ވަކިކަހަލަ ވަޒީފާއެއް އަދާކުރާތީ ގެއިން ނެރެލެވުނު ވާހަކައެވެ.
ހިތާމައިގެ ކޮޅެއްނެތެވެ. މިއީ މުސްލިމުންގެ ތެރޭގައި ކަންތައް ވެގެންވާނެ ގޮތެއް ނޫނެވެ. ކިރިޔާވެސް އެހީތެރިކަމެއް ދެވެން އޮތްނަމަ މިފަދަ ގޮތަކަށް އަމަލުނުކޮށް އަނެކުންނާއި މެދު ވިސްނައި އެހީތެރިވާން ޖެހެއެވެ. މިއީ ދަތިހާލުޖެހޭ ފަރާތްތަކަށް އެހީތެރިވެދީ އަދި ހޭދަކުރަންވީ ވަގުތެވެ. ތަނަވަސްކަމެއް ހުރެ، ހޭދަކުރުމުން މަނާވެގަތުމަކީ ވަރަށް ބޮޑު ގޯހެކެވެ. އެއީ މުސްލިމުންގެ ސިފައެއް ނޫނެވެ. ލިބިފައިވާ މިންވަރުން ހޭދަކުރާށެވެ. އީމާންކަމުގެ އަހުލުވެރިންގެ މަގަކީ އެއީއެވެ. އަދި އެކަމުގެ ހުރިހައި ފައިދާއެއް ވެސް އޮތީ ހަމަ އެމީހެއްގެ އަމިއްލަ ނަފްސަށެވެ.
މާތްﷲ ވަހީކުރައްވާފައިވެއެވެ. وَمَا أَنْفَقْتُمْ مِنْ شَيْءٍ فَهُوَ يُخْلِفُهُ (سبأ 39) މާނަ: އަދި ތިޔަބައި މީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް އެކަލާނގެ އޭގެ ބަދަލު ދެއްވަތެވެ.
އަދިވެސް އެކަލާނގެ ވަހީ ކުރެއްވިއެވެ. وَمَا تُنْفِقُوا مِنْ خَيْرٍ فَلِأَنْفُسِكُمْ ۚ وَمَا تُنْفِقُونَ إِلَّا ابْتِغَاءَ وَجْهِ اللَّهِ ۚ وَمَا تُنْفِقُوا مِنْ خَيْرٍ يُوَفَّ إِلَيْكُمْ وَأَنْتُمْ لَا تُظْلَمُونَ (بقرة 272 ) މާނަ: އަދި ތިޔަބައި މީހުން މުދަލުގެ ތެރެއިން ހޭދަކުރާ އެއްޗެއް (ގެ ޘަވާބު) ލިބޭހުށީ ހަމަ ތިޔަބައި މީހުންގެ އަމިއްލަ ނަފުސުތަކަށެވެ. އަދި ﷲގެ ވަޖުހުފުޅު އެދިގެން މެނުވީ، ތިޔަބައި މީހުން ހޭދައެއް ނުކުރަމުއެވެ. އަދި މުދަލުން ތިޔަބައި މީހުން ހޭދަކުރާ އެއްޗެއް (ގެ ޘަވާބާއި ދަރުމަ) ފުރިހަމައަށް ތިޔަބައި މީހުންނަށް ލިބޭނެތެވެ. އަދި ތިޔަބައި މީހުންނަށް ބޭއިންސާފެއް ނުކުރެއްވޭ ހުއްޓެވެ.
މުދާވެރިންގެ ދީލަތިކަން އިތުރު ކުރަންވީ ވަގުތު ދަހިވެތިކަން އިތުރުކޮށް ހާލުގައި ޖެހުނު މީހުން އިތުރަށް ނިކަމެތިކޮށްލުމުގެ ކުރިން ވިސްނާލަން ޖެހެއެވެ. ދަހިވެތި ކަމަކީ ނުބައިވެގެންވާ ސިފައެކެވެ. ކޮންމެ މުސްލިމަކު ވެސް ދަހިވެތިކަމުން ސަލާމަތްވޭތޯ ގަދައަޅާ މަސައްކަތްކުރަން ޖެހެއެވެ.
މާތްﷲ ވަހީ ކުރައްވާފައިވެއެވެ. وَأَمَّا مَنْ بَخِلَ وَاسْتَغْنَىٰ ، وَكَذَّبَ بِالْحُسْنَىٰ ، فَسَنُيَسِّرُهُ لِلْعُسْرَىٰ ، وَمَا يُغْنِي عَنْهُ مَالُهُ إِذَا تَرَدَّىٰ (الليل 8-11 ) މާނަ: އަދި ދަހިވެތިވެ ﷲ ފިޔަވައި އަމިއްލައަށް ފުދިގެންކަމަށް ހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރި މީހާ ދަންނާށެވެ. ފަހެ ތިމަން ރަސްކަލާނގެ ދަތިކަން ހުރި މަގަށް އެ މީހަކަށް މަގުފަހި ކޮށްދެއްވާ ހުށީމެވެ. އަދި އެމީހާ (ނަރަކައަށް) ވެއްޓޭހިނދު އެ މީހާގެ މުދައު އެ މީހާއަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ.
އަދިވެސް އެކަލާނގެ ވަހީކުރައްވާފައި ވެއެވެ. وَمَنْ يُوقَ شُحَّ نَفْسِهِ فَأُولَٰئِكَ هُمُ الْمُفْلِحُونَ (التغابن 16) މާނަ: އަދި އެ މީހެއްގެ އަމިއްލަ ނަފުސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ އެއުރެންނީ ހަމަ ދިންނަވާނޭ މީހުންނެވެ.
މުއްސަނދިކަމަކީ ނުވަތަ މުދަލަކީ ﷲ ތަޢާލާ އެކަލާންގެ ކަނޑައަޅުއްވާ މިންވަރަކަށް އެކަލާންގެ ޚިޔާރުކުރައްވާ ފަރާތަކަށް ދެއްވާއެއްޗެކެވެ. އެއީﷲ ގެ މިލްކެކެވެ. އެއްވެސް ހާލެއްގައި އެއީ ތިމާމޮޅުކަމަކުން ހޯދައިގަނެވޭ އެއްޗެއް ނޫނެވެ. ވުމާއިއެކު މުސްލިމުންނަށް ކުރިމަތިވާ ދަތިހާލަތްތަކުގައި އެބައިމީހުންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެ މުދަލުން ހޭދަކުރުމާއި އެކު އެއުރެންނަށް ރަނގަޅުގޮތް އެދޭށެވެ. މުސްލިމުން އަމަލުކުރަންޖެހޭ ގޮތަކީ އެއީއެވެ.
މާތްﷲ ވަހީކުރައްވާފައި ވެއެވެ. وَيُؤْثِرُونَ عَلَىٰ أَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ (الحشر 9 ) މާނަ: އަދި އެއުރެންގެ (އެބަހީ:އަންޞާރުންގެ) އަމިއްލަ ނަފުސުތަކުގެ މައްޗަށް އެއުރެންނަށް (އެބަހީ: މުހާޖިރުންނަށް) އިސްކަންދެއެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސް މެއެވެ.
ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ ކުލީގެ ވާހަކަ ދެކެވޭއިރު ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައި ދިނުމުގެ އިތުރުން ބިންވެރިންގެ ތެރެއިން އެއްބަޔަކު ކުލި މާފުކޮށް ނުވަތަ ކުލިކުޑަކޮށްދީ ނަމޫނާދެއްކިއެވެ. އެ ފަރާތްތަކަށް ހެޔޮރަހުމަތް ލައްވާށިއެވެ. މި އުނދަގޫ ދަނޑިވަޅުގައި ބޭންކުތަކުން ފަރުދުން ނަގާފައިވާ ލޯނު ދެއްކުން ސަރުކާރުން ހަމައެކަނި ފަސްކޮށްލަ ދިނުމަކުން ފުއްދާނުލާށެވެ. މިވަގުތަކީ އެ ލޯނުތަކުގެ އިންޓްރެސްޓް ވެސް ކަނޑާލައި އެކަމުގައި ވެސް ނަމޫނާ ދައްކަންޖެހޭ ވަގުތުނޫންތޯއެވެ؟
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޖެނުއަރީ 2024ރިޕޯޓްބަރުދަން އިތުރުވާން ހާސްދުވަސް، ލުއިކުރަން އެއްދުވަސް!
- 28 ޖޫން 2020ޚަބަރުކާނިވާ ސަރަޙައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށް އެތަން ހުސްކުރުމަށް އަންގައިފި
- 27 ޖޫން 2020ޚަބަރުމާލޭ މަސް މާރުކޭޓު އަލުން ހުޅުވަނީ
- 27 ޖޫން 2020ޚަބަރުމުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ޚިދުމަތް ފޯރުކޮށްދެވޭ މުއްދަތު އިތުރުކޮށްފި