އިނގެރޭސި ޕްރިމިއަރ ލީގުގެ 2019/2020 ވަނަ ސީޒަނުގައި މިހާތަނަށް ކުޅުނު 29 މެޗުގެ ތެރެއިިން 27 މެޗުން މޮޅުވެ، 2 މެޗު އެއްވަރުވެފައި އޮތް, ލިވަޕޫލް އިން އޮތީ އިތުރު 2 މެޗު ކާމިޔާބުކޮށް 29 އަހަރަށް ފަހު ލީގުގެ ޗެމްޕިއަން ހޯދުމުގެ ފޮނި އުއްމީދުގައެވެ. ނަމަވެސް، ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ވަބާ މުޅި ދުނިޔޭގައި ވަކި ހިއްޕާލުމާއެކު، އެ ކުލަބުގެ ފޮނި އުންމީދުތަކަށް ކަޅު ވިލާތަކެއް ހުރަސްވެގެން ދިޔައެވެ.
ފާއިތުވެދިޔަ ދުވަސްތަކުގައި އިނގެރޭސި ޕްރިމިއަރ ލީގުގެ 2019/2020 ވަނަ ސީޒަން އިތުރަށް ކުރިއަށް ނުގެންދެވިއްޖެ ނަމަ، ބާތިލް ކުރާނެ ކަމުގެ އަޑުތައް ވަރަށް ގަދައަށް ފެތުރި، ލިވަޕޫލް އާއި އެކުލަބުގެ ސަޕޯޓަރުން މާޔޫސްކަމުގެ ބޮޑު ކޯރަކަށް ގަންބާލިއެވެ. ނަމަވެސް، ޔުއެފާ (ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަންސް) އިން މިވަނީ ލިވަޕޫލް އާއި އެކުލަބުގެ ސަޕޯޓަރުންނަށް ކޮޅުނުލާ ވަރުގެ އުފާވެރި ޚަބަރެއް ދީފައެވެ.
ޓެލެގްރާފް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔުއެފާ އިން ބޭއްވި ކޮންފެޑެރޭޝަންސް ބައްދަލުވުމުގައި އެ އެސޯސިއޭޝަނުން މަޝްވަރާ ކުރެވުނު މަޢުޟޫޢު ތަކުގެ ތެރެއިން ސީޒަން ބާތިލްކުރުމުގެ މައުޟޫޢު މޭޒުމަތިން ވަނީ އެއްފަރާތް ކޮށްލާފައެވެ. މީގެ މާނައަކީ ޕްރިމިއަރ ލީގުގެ މި ސީޒަން ފުރިހަމަ ނުކުރެވުނު ކަމުގައި ވިޔަސް ބާތިލް ނުކުރާނެކަމެވެ. އެހެންކަމުން ލިވަޕޫލް އަކީ 2019/2020 ވަނަ ސީޒަނުގެ ޗެމްޕިއަން ޓީމުގެ ގޮތުގައި ކަނޑައެޅިގެން ދާނެ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
ޔުއެފާ އިން ބޭއްވި ބައްދަލުވުމުގައި ފުޓްބޯޅައިގެ ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމަށް ޚަބަރުތައް ބުނެއެެވެ. އޭގެތެރޭގައި އެންމެ ބޮޑަށް މަޝްވަރާކޮށްފައިވަނީ ޔޫރަޕުގެ ފުޓްބޯޅަ ލީގުތައް އިތުރަށް ކުރިއަށް ނުގެންދެވިއްޖެ ނަމަ، ޔުއެފާ ޗެންޕިއަންސް ލީގާއި، ޔުއެފާ ޔޫރޮޕާ ލީގަށް ކޮލިފައިވާ ޓީމުތައް ކަނޑައަޅާނެ ގޮތަކާއި މެދުގައެވެ. އެކަަމަށް ހުށަހެޅުނު ބައެއް ހިޔާލުތަކުގެ ތެރޭގައި “ޕްލޭ އޮފް” ނުވަތަ ކުޑަ މުބާރާތެއް ބާއްވައިގެން ކޮލިފައިވާ ޓީމުތައް ކަނޑައެޅުމާއި، “ޕޮއިންޓްސް ޕަރ ގޭމް ސިސްޓަމް” ނުވަތަ ކުޅުނު ކޮންމެ މެޗަކުން ލިބުނު ޕޮއިންޓުގެ އަދަދަށް ބަލައިގެން ކޮލިފައިވާ ޓީމުތައް ކަނޑައެޅުން ހިމެނެއެވެ.
ކަންމިހެން އޮތްނަމަވެސް، ޔުއެފާ އިން އެންމެ ބޮޑަށް ބާރު އަޅަނީ ޔޫރަޕުގެ ފުޓްބޯޅަ ލީގުތައް ނިންމުމަށް ކަމަށް ޚަބަރުތައް ބުނެއެެވެ. ކޮންމެގޮތަކަށް ކަންކަން ނިމުނު ކަމުގައި ވިޔަސް ލިވަޕޫލް އަކީ އިނގެރޭސި ޕްރިމިއަރ ލީގުގެ 2019/2020 ވަނަ ސީޒަނުގެ ޗެމްޕިއަން ޓީމުގެ ގޮތުގައި ކަނޑައެޅިގެން ދާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި