ޕްރޮފެސަރ ޙަސަން އުގައިލްގެ ފޭސްބްކް ގައި އާއްމުކުރައްވަމުން ގެންދަވާ ޢިބްރަތްތެރި، ބޭނުންތެރި ދަރުސްތަކެއް ފަދަ ޕޯސްޓްތަކުން ޕޯސްޓެއް މިއަދުވެސް ކިޔުންތެރިނާ ހަމައަށް ހިއްސާކޮށްލާނަމެވެ.

މީހަކާއި ވާހަކަ ދައްކާއިރު، އޭނާ އެދައްކާ ވާހަކަތައް ކަނުލައި އަޑުއެހުމަކީ އަޅުގަނޑުގެ އާދައަކަށް ހެދޭތޯ އަބަދު ވެސް ބަލަމެވެ. އާންމުގޮތެއްގައި، އެދައްކާ ވާހަކައެއްގެ ރާގާއި އަދި ވަކިން ހާއްސަކޮށް އެމީހާގެ ވާހަކައިގައި އުއްމީދީ އަދި ނާއުއްމީދީ ބަސްތައް ބޭނުންކުރަނީ ކިހާމިންވަރަކަށްތޯ ބެލުމަކީ ވެސް އަޅުގަނޑު ކުރާކަމެކެވެ. މިއީ، އެމީހެއްގެ ހިތްހެޔޮ މިންވަރު ދަނެގަތުމަށް ވަރަށް ފަސޭހަ ވެސް ގޮތެކެވެ.

އިންސާނެއްގެ ސިކުނޑީގައި ނަފްރަތުކަން އުފެދިގެން އަންނަނީ އޭނާ އަށް ބޭނުންކުރެވޭ ނާއުއްމީދީ ބަސްތަކާއި އަދި ނޭއްގާނި ހިޔާލާއި ފިކުރުން ނެވެ. ނަފްރަތާއި ރުޅިވެރިކަމަކީ އެކަމުން އިންސާނާއަށް ނަފްސާނީ ގޮތުންނާއި އަދި ޖިސްމާނީ ގޮތުން ވެސް ވޭންތަކެއް ތަހައްމަލް ކުރަން ޖެހޭ ފަދަ ކަމެކެވެ. އޭގެ ސަބަބުން މީހާގެ ދިފާއީ ނިޒާމު ބަލިކަށިކޮށް، އެމީހާ ޖިސްމާނީ ގޮތުން ބަލިމީހަކަށް ހަދާލަ އެވެ. މީހެއްގެ ކިބައިގައި އަނެކާ އަށް ނަފްރަތު އުފެދިއްޖެ ނަމަ، ހަށިގަނޑުގައި ކެންސަރު އުފެދި އެބަލި ހަށިގަނޑުގައި ފެތުރިގެންދާހާ ބާރުމިނުގައި، މިހާގެ ޖިސްމާ އަދި ނަފްސު އެކަމަށް ވެރިވެގަނެ، އެކަމުގެ އަސަރު މުޅި މިހާއަށް ކުރެ އެވެ. މި ސަބަބާއި ހުރެ، ނަފްރަތާއި، ރުޅިވެރިކަން އުފައްދައި އެއް އިންސާނަކު އަނެއް އިންސާނަކަށް ގެއްލުންދިނުމުގެ ނިޔަތް ބަލައިގަނެވޭނީ ޝައިތޯނީ އަމަލެއްގެ ގޮތުގަ އެވެ.

ރުޅިވެރިކަން ނުވަތަ ނަފްރަތުކަން އުފައްދައިގެން އެއްވެސް ކަމެއް ހައްލެއް ނުކުރެވޭނެ އެވެ. މީގެ ބަދަލުގައި، އެކަކު އަނެކަކުގެ އިހްސާސްތައް ދަނެގަތުމާއި، އޯގާވެރިވުމާއި، ލޯތްބާއި، އަޅާލުން ދެވިއްޖެނަމަ ކޮންމެ ފަދަ ހާލަތަކުން ވެސް މީހަކު ސަލާމަތް ކުރުމަކީ ކުރެވޭނެ ކަމެކެވެ. ކަންކަމުގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމުގެ ބަދަލުގައި އުއްމީދީ ވިސްނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ، ކޮންމެފަދަ ކަމެއް ހާސިލުކުރުމަށް ވެސް އަދި އުއްމީދު ކުރާ ކުރިމަގަށް ވާސިލުވުމުގެ ރާސްތާ އެވެ. އެއީ، ކަންކަން ހަމަމަގަށް އަޅުވާލުމަށް އިންދާލެވޭ އޮށެކެވެ. އަދި މުޖުތަމައެއްގައި ސުލްހަމަސްލަހަތު ގާއިމުކުރުމުގެ އަސްލެވެ.

އެހެންކަމުން، ނަފްރަތާއި ރުޅިވެރިކަމުގެ އުނި ސިފަ އެއްފަރާތްކޮށް ކަންކަމުގައި ރަނގަޅު ވިސްނުން ހިޔާރު ކުރުމަކީ އުޖާލާ މުސްތަގުބަލަކަށް އޮތް އެންމެ އަލި މަގުކަމުގައި ބަލާށެވެ. މިއީ މާތް ވެގެންވާ އިސްލާމް ދީނުގައި ވެސް އަޅުގަނޑުމެންނަށް މިކަމުގައި ދައްކަވާފައި އޮތް ރީތި މަގެވެ. ނޫން ތޯ އެވެ؟

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.