ކޮވިޑް-19 ގެ ސަބަބުން މުޅި މާލެ ސަރަހައްދު ފުރަބަންދު ކުރުމާއި ގުޅިގެން މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކޮވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވިދާޅުވީ ޑެލިވަރީ ކޮށްދޭނެ ކަމަށް ބުނެ ފައިސާ އަތުލުމަށްފަހު އެ ތަކެތި ޑެލިވަރީ ނުކުރުމާއި އޭގެ ފަހުން ފޯނު ނުނެގުމުގެ މައްސަލަތައް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހަޅަމުން އަންނަ ކަމުގައެވެ.
މި ކަމުގައި ޢަމަލުކުރަންވީ އުސޫލު ބަޔާންކުރައްވަމުން ނަވީން އިލްތިމާސް ކުރެއްވީ އޮންލައިންކޮށް ވިޔަފާރި ކުރުމުގެ ކުރިން އެއީ ސައްޚަ ފަރާތެއްތޯ ބެލުމަށްފަހު ވިޔަފާރި ކުރުމަށެވެ.
“ގޮތް ނޭނގޭ އެކައުންޓުތަކަށް ފައިސާ ޖަމާނުކުރައްވައި އެއީ ސައްޚަ ބައެއްތޯ ބެއްލެވުމަށްފަހު ނޫނީ އެ ފައިސާ އެކައުންޓުތަކަށް ޖަމާނުކުރެއްވުމަށް ވެސް އަޅުގަނޑު ވަރަށް ބޮޑަށް އެދެން”
މަކަރާއި ހީލަތުގެ މައްސަލައެއްގެ ޝިކާރައަކަށް ވެއްޖެކަމަށްވާނަމަ ނުވަތަ ހީފުޅުވާނަމަ އެކަން މޯލްޑިވްސް ޕޮލިސް ސާވިސް ގެ ހޮޓްލައިން ނުވަތަ ޕޯޓަލްއަށް ހުށަހެޅުއްވުމަށް އެސިސްޓެންޓް ކޮމިޝަނަރ ވަނީ އެދި ވަޑައިގެންފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.