ނޯޓް: މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގައި ބަދަލު ގެނެވިފައި ވާނީ ހަމައެކަނި މީހުންގެ ނަންތަކަށެވެ.

ކޮޓަރީގެ ފަންކާއަށް ބަލަހައްޓައިގެން އަހަރެން އިނީ ހިތް ދެތަން ވާން ގާތްވެފައެވެ. ހިތާމަކޮށްކޮށް އަހަރެން ވަރުބަލި ވެއްޖެއެވެ. އަހަރެންގެ މައިންބަފައިންނަށް އަހަރެންް ދެން ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ އަހަރެންގެ މައިންބަފައިން އަހަރެންނަށް މަޢާފު ކުރާނެ ހެއްޔެވެ؟ އަހަރެން ރޮއިރޮއި ލޮލުން ކަރުނަ ހުސްވާ ވަރުވެއްޖެއެވެ. ދުނިޔެއަށް ލޯ ހުޅުވައިލަން ވެސް އަހަރެން މިއަދު ލަދުގަންނަމެވެ. އަހަރެންގެ ކެތްތެރިކަންް ކޮޅުންް ލައިފިއެވެ. ދެ ލޮލުން ކަރުނަތައް ފޮހެލަމުން އަހަރެންް ފޮތިގަނޑެއް ނަގައި، ފަންކާގައި އަޅުވާލީމެވެ.

އަހަރެންް ކުރަން މިއުޅެނީ ވަރަށް ބޮޑު ފާފައެއް ކަން ޚުދު އަހަރެންނަށްވެސް އެނގެއެވެ. އަހަރެންގެ މައިންބަފައިންނަށް މިކަމުން ކުރާނެ އަސަރު އަހަރެންނަށް އިޙުސާސް ކުރެވެއެވެ. އެހެންނަމަވެސް އަހަރެންނަށް އެ އިޙުސާސް ތަކާއި ދޭތެރޭ ވިސްނުމަށް ވުރެން، އަހަރެންނަށް ލިބިފައިވާ ހިތާމަ މާ ބޮޑެވެ. އަހަރެން ގޮނޑި މައްޗަށް އަރައި ފޮތިގަނޑުގެ ތެރެއަށް އަހަރެންގެ ބޯ ވައްދާލީމެވެ. އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަތައް އަންނަމުން ދިޔައެވެ. އަހަރެންގެ މުޅި ދިރިއުޅުންް މިފަދަ ގޮތަކަށް ނިމިގެން ދާނެކަމަށް އަހަރެން ހީވެސްނުކުރަމެވެ. އެއާއި އެކު އަހަރެންގެ ސިކުނޑި އަހަރެންގެ ހިތްދަތި ދުވަސްތަކުގެ ތެރެއަށް ގަންބާލިއެވެ.

އަހަރެންނަށް އަހަރެންގެ ފުރާވަރު އުމުރުގައި ވެވުނީ ލޯތްބެކެވެ. ތަފާތު ލޯތްބެކެވެ. ލޯތްބަކީ ކޯއްޗެއްކަން ނޭނގި އަހަރެންނަށް މީހަކު ދެކެ ލޯބި ވެވުނީއެވެ. ކަނު ލޯތްބެކެވެ. އަހަރެންގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެއެވެ. ލޯބީގައި އަހަރެން ވީ ދީވާނާއެވެ. ލޯބިވުމުގައި އަހަރެން ހައްދު ފަހަނަ އަޅައި ދިޔައީއެވެ. އަހަރެން ލޯބީގެ ގޮތުން ގުޅުނީ އުމުރު ގެ ގޮތުން ބެލިޔަސް އަހަރެންނަށް ވުރެ މާ ބޮޑު މީހަކާއެވެ. އެވެސް އަހަރެންނަށް ފޭސްބުކުން ދިމާވި މީހެކެވެ. ނަމަކީ ނާޒިމެވެ. އަހަރެންގެ ހުރިހާ ރައްޓެހިންގެ ވެސް ލޯބިވެރިއަކު ހުރެއެވެ. އެހެންކަމުން އަހަރެންގެ ޙަޔާތުގައި ވެސް ލޯބިވެރިއެއް ހުންނަން އަހަރެން ބޭނުންވީއެވެ.

ފޭސްބްކުން އަހަރެން ދިޔައީ ނާޒިމާއި އެކު އަހަރެމެންގެ ލޯބި ދިރުވައި އާލާކުރަމުންނެވެ. ދައްކަން ނުޖެހޭ އެތައް ވާހަކަތަކެއް އަހަރެން ދިޔައީ ދައްކަމުންނެވެ. ނާޒިމް ބުނި ކޮންމެ ކަމެއް އަހަރެން ދިޔައީ ކޮށްދެމުންނެވެ. އަހަރެންގެ އޮރިޔާން އެތައް ފޮޓޯއެއް އަހަރެން ދިޔައީ ނާޒިމަށް ފޮނުވަމުންނެވެ. ނާޒިމްގެ އެދުމުގެ މަތިންނެވެ. އަހަރެންގެ ޅަ ސިކުނޑިއަށް އަހަރެންނަށް އުޅެވުނު ގޮތް ވެސް ނޭނގުނެވެ. ލޯތްބަކީ ކޯއްޗެއްކަން ނޭނގި ލޯބީގެ އަވާގައި އަހަރެން ޖެހި، ފަނާވެ ހަނާ ވަމުން ދިޔައިރު، އަަހަރެންނަށް ރޭކާ ވެސް ނުލިއެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. އަހަރެންނަށް ލޯބި ވެވުނީ މަކަރުވެރިއެއް ދެކެއެވެ. ބޭވަފާތެރިއެއް ދެކެއެވެ. އަހަރެންގެ ދިރިއުޅުން ނާޒިމް ހަދާލީ ނަރަކައަކަށެވެ.

އަހަރެންގެ ފޮޓޯތައް ލީކު ކުރާނެ ކަމަށް ބުނެ ނާޒިމް އަހަރެންނަށް އިންޒާރު ދެމުންދިޔައެވެ. އަހަރެންގެ އަތުން ފައިސާ ހޯދުމަށް، އޭނާ އަހަރެންނަށް ބިރު ދައްކަމުން ގެންދިޔައީ، އަހަރެންގެ ފޮޓޯތައް ހަތިޔާރަކަށް ނަގައިގެންނެވެ. އޭނާގެ މަޤްޞަދަކީ އަހަރެންގެ އަތުން ފައިސާ ހޯދުމެވެ. އަހަރެންގެ ބޮލަށް އެރި، އޭނާގެ ޖާދޫގައި ޖައްސައި އަހަރެން މުޅިން ހަލާކުކޮށްލީއެވެ. ލޯބިވާ ކަމުގެ ދަޅަދައްކައިގެން އަަހަރެންގެ ލޮލަށް އޮޅުވައިލީއެވެ. އެ ދަޅަތަކުގައި އަަހަރެންގެ ހިތް މިއަދު ކުދިކުދި ވެއްޖެއެވެ.

ރޭދުވާމަގުން ނާޒިމް އަހަރެންނަށް ދިޔައީ އެތަކެއް ތުރާތަކާއި އެތަކެއް އުނދަގޫތަކެއް ކުރުވަމުންނެވެ. ކޮންމެ ދުވަހަކު އެތަކެއް އިންޒާރު ތަކަކާއި އަހަރެންނަށް ކުރިމަތިލާން ޖެހެއެވެ. އެންމެ ފަހުން، އަހަރެންގެ މައިންބަފައިން ފޮރުވާފައި ބަހައްޓާ ފައިސާތައް އަހަރެން ވަގަށް ނަގަން ފެށީމެވެ. އެއީ ނާޒިމަށް ފޮނުވުމުގެ ބޭނުމުގައެވެ. ދުނިޔޭގެ ލަދުން ސަލާމަތް ވޭތޯއެވެ. ކޮންމެ ހާލެއްގައި ވެސް އަހަރެން ވިސްނުން މިއަދު ހުރީ މި ބޮޑު ބަދުނާމުން ސަލާމަތް ވުމެވެ.

ނާޒިމްގެ ހިތުގައި އެއްވެސް ރަހުމެއް ނެތެވެ. އެއީ ހަމަ އަނިޔާވެރިއެކެވެ. ނާޒިމް އަަހަރެންގެ ގާތުގައި އެދުނީ 50،000 ރުފިޔާއަށެވެ. އެވަރު ނުދެވެއްޖެ ނަމަ، ހުރިހާ ފޮޓޯއެއް ލީކް ކުރާނެ ކަމަށް ބުނެ އޭނާ އަހަރެންނަށް އިންޒާރު ދިނެވެ. އަހަރެންނަށް ގޮތް ހުސްވިއެވެ. އަހަރެން އެވަރު ބޮޑު އަދަދެއް ހޯދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ވިސްނާ ވިސްނާ ބޮލުގައި ރިއްސަން ފަށައިފިއެވެ. އެވަރު ނުދީފި ނަމަ ނާޒިމް އަހަރެން ބޭޒާރު ކޮށްލާނެވެ. އެދުވަހުން އަހަރެންގެ މައިންބަފައިން ކިހާ ލަދުގަންނާނެ ހެއްޔެވެ؟ އަހަރެންގެ ޢާއިލާއަށް ކިހާ ބޮޑު ބަދުނާމެއް ލިބޭނެ ހެއްޔެވެ؟ ދިވެހިރާއްޖޭގެ ޤާނޫނުގައި އިންޒާރުދީ، ބިރު ދެއްކުމަކީ ކުށެކެވެ. އަހަރެން މި މައްސަލަ ޖައްސަން ވީ ބާއެވެ؟ އޭރުން ވެސް އެންމެންގެ ތެރޭގައި ބަދުނާމު ވާނީ އަހަރެންނެއް ނޫން ހެއްޔެވެ؟

އަހަރެންނަށް ހޭވެރިކަންވީ މީހަކު ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. އޭރު އަހަރެންނަށް ހުރީ ހަމަ ރަނގަޅަށް ވެސް ރޮވިފައެވެ. އަހަރެންގެ ކަރުގައި އަޅުވާފައި އޮތް ފޮތިގަނޑަށް، އަހަރެން ނަޒަރު ހިންގާލީމެވެ.

“ދަރިފުޅާ. މި ދޮރު ހުޅުވާލަބަލަ!”

އަހަރެންގެ މަންމަ އަހަރެންނަށް ގޮވަން ފެށިއެވެ. އަހަރެން ފޮތިގަނޑު ބޮލުން ނަގައި ގޮނޑިން ފޭބީމެވެ. އެންމެފަހު ފަހަރަށް ވެސް މަންމަގެ ސޫރަ ބަލައިލަން އަހަރެން ބޭނުން ވާތީއެވެ. އަހަރެން ގޮސް ދޮރު ހުޅުވާލީމެވެ. އެއާއި އެކު މަންމަ ކޮޓަރި ތެރެއަށް ވަދެގަތެވެ. މަންމަގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ފަންކާގައި އެލުވާފައި އޮތް ފޮތިގަނޑެވެ. މަންމައަށް ލިބުނީ ކުއްލި ބޮޑު ހައިރާންކަމެކެވެ. މަންމަގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަހަރެންގެ ގާތުގައި ވެގެން އުޅޭ ގޮތް އާދޭހާ އެކު އެހި އިރު، އަހަރެންގެ މަންމައަށް ހުރީ ރޮޮވިފައެވެ.

“މަންމާ. ނުރޮއި! އަހަރެން މަންމަ އަކާ ވަތްކެއް ނުވާނަން! މަންމާ! އަހަރެން ސަލާމަތް ކޮށްދީ!” އަހަރެންގެ ބަޑި ފަޅައިގެން ގޮސް، އަހަރެންގެ މަންމަގެ ގައިގައި ވަރަށް ބާރަށް ބައްދައިގަތީމެވެ. އަހަރެންގެ މަންމަގެ ސޫރަ ފެނުމުން އަހަރެންގެ ކުރަން ނިންމި ކަންތައް ކުރުމަށް، ހިތްވަރެއް ނުލިބުނެވެ. އަހަރެން ލަސްނުކޮށް ރޮމުން ގިސްލަމުން، ވެގެން އުޅޭ ގޮތް މަންމައަށް ކިޔާދިނީމެވެ.

“މަންމާ. އަހަރެންނަށް މަޢާފު ކުރޭ! އަހަރެންނަށް ނުވިސްނުނީ.” އަހަރެންގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. އަހަރެންގެ މަންމަ އަހަރެންގެ ބުރަކަށީގައި ފިރުމާލިއެވެ. އަހަރެންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

މުޅިން އައު ދުވަހަކަށް އިރު އުދަރެހުން މަރުޙަބާ ކިޔައިފިއެވެ. އަހަރެންގެ މައިންބަފައިން ނާޒިމްގެ މައްސަލަ ފުލުހަށް ހުށައެޅިއެވެ. އަދި ފުލުން ނާޒިމު ހައްޔަރުކުރިއެވެ. އަހަރެން ވަރަށް އުފާވީމެވެ. އަމިއްލައަށް މަރުވުމަކީ ހައްލެއް ނޫނެވެ. އެއީ ގެއްލުމެކެވެ. ދެ ދުނިޔޭގެ ހަލާކެވެ. މި ހަލާކުން މާތްﷲ އަހަރެން ސަލާމަތް ކޮށްދިނީތީ މިއަދު އަހަރެން ޝުކުރުވެރިވަމެވެ. ދިރިއުޅުމަކީ ހަނގުރާމައެކެވެ. އެ ހަނގުރާމައިން އެތައް ފަހަރަކު ނާކާމިޔާބު ވާނެއެވެ. އެކަމު، އުއްމީދު ކަނޑާ ނުލާށެވެ. އަމިއްލައަށް މަރުނުވާށެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.