ދިގުދެމިގެން މިދާ ކޮވިޑް އޮނަވިހީގެ ހިތްދަތި ދުވަސްތަކާއި އެކު، އެތައް ބައެއްގެ އާންމު ދިރިއުޅުމަށް މިވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައެވެ. މިއީ ފަގީރުންގެ ހާލަތު އިޙްސާސް ކޮށްލުމަށް މުއްސަނދިންނަށް ލިބުނު ފުރުސަތެއްގެ ގޮތުގައިވެސް ސިފަކުރެވިދާނެއެވެ. ނޫނީ ބޮޑާކަންމަތީ ދުނިޔޭގެ އުފަލާއި އަރާމުގައި އިލާހީ ފިކުރެއް ނެތި ތިބި އިންސާނުންނަށް އެމީހުންނަށް ވުރެ މަތިން އަމުރުތައް ކުރައްވާ އިލާހެއް ވާކަން ހަދާންކުރުވި ކަމެއްްގެ ގޮތުގައިވެސް ސިފަކުރެވިދާނެއެވެ.

މާލެ ސަރަހައްދުގެ ދެ ލައްކައެއްހާ މީހުންގެ އާބާދީ މި ތިބީ ގޭގަ އެވެ. ޒަރޫޒީ ބޭނުންތަކުގައި ވެސް ބޭރަށް ނުކުންނަން އޮތީ ހުރަސްތަކެވެ. ބައެއް މީހުންނަށް ނަފްސާނީ މައްސަލަތައް ވެސް އެބަ ކުރިމަތިވެ އެވެ. ދިރިއުޅުމުގެ އުނދަގޫ ހަތަރު ފާރުގެ އެތެރޭގައި، ތަހައްމަލުކުރުން ނޫން ގޮތެއް ނެތެވެ. ކެތްތެރިކަން އިސްކޮށް، މި ބަލިމަޑުކަމުން އަރައިގަތުމަށް ދުޢާކުރުން ނޫން ގޮތެއް ނެތެވެ.

ގޭގޭގައި ޖާގަ ކުޑަކަމުންނާ ވެސް އެކު، ގިނަ މީހުން އެއްޗެހި ގަނެފައި ހުންނަނީ އެ ދުވަހަށް ވާ ވަރަށެވެ. ނުވަތަ ބޭނުންވުމާ އެކު، ކަންމަތީ ފިހާރައަށް ގޮސް ގަނެލަނީ އެވެ. އެހެންކަމުން މި ކުއްލި ލޮކްޑައުންއާ އެކު ޒަރޫރީ ބޭނުންތަކަށް ތަކެތި ލިބުމުގައި ވެސް ކުރިމަތިވީ ބޮޑެތި ދަތިތަކެވެ. އެންމެ ކުޑަވެގެން ހަފުތާއަކަށް ވެސް މަޑުކުރެވެން ނެތި، ހަމަ އެ ދުވަހުން އެ ދުވަހަށް ވެސް ގަންނަން ބޭނުންވާ ތަކެތީގެ ލިސްޓު ދިގެވެ.

ޑެލިވަރީއަށް އެދުނު މީހުންގެ އަދަދު ގިނަވެ ފިހާރަތަކުގެ ޑެލިވަރީ ސިސްޓަމް ބޮއްސުންލީ އެވެ. މާލޭ ބައެއް ސަރަހައްދުތަކުން ޑެލިވަރީގެ ކަންކަން މިހާރު ހަމަޔަކަށް އެޅުނު ނަމަވެސް އަދިވެސް އެކަން ހައްލުނުވާ ހިސާބުތައް ވެސް އެބަ އޮތެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި ގައުމު ހުއްޓުމަކަށް އައިސް މީހުންގެ މުސާރަތައް ކުޑަވެ އަނެއް ބައެއްގެ ވަޒީފާތައް ގެއްލިއްޖެ އެވެ. އެހެންކަމުން ޚަރަދު ކުޑަކުރަން ވެސް ގިނަ ގެތަކަކުން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން ކެއިންބުއިމުގައި ވެސް ވީހާވެސް މަދުން އެއްޗެހި ބޭނުންކުރުމުގެ ރަނގަޅު އާދަ، އެތައް ބައެއްގެ ދިރިއުޅުމުގެ ތެރެއަށް އެބަ ވަދެ އެވެ. އެއްވެސް ވަރަކަށް އިސްރާފު ނުވާނެ ގޮތަށް ކެއިންބުއިމުގެ ކަންކަން ހަމަޖައްސަން ގިނަ ބަޔަކު މިހާރު އިސްކަންދެ އެވެ. ލޮކްޑައުންގެ ކުރިން ކޮފީއަށް ކުރި ހޭދަ އާއި ސައިކަލް ފަދަ ވެހިކަލްތަކަށް ޕެޓްރޯލް އަޅަން ދިޔަ ޚަރަދު މިހާރު ވަނީ ހުއްޓިފަ އެވެ. އެހެންކަމުން ބައެއް މީހުންނަށް އެއީ މިވަގުތު ގޭތެރޭގެ ޚަރަދުތައް ހަމަޖައްސަން ރައްކާކުރެވޭނެ ފައިސާ އެވެ.

ހިތްދަތިކަމާއެކު މުޅި ދިރިއުޅުން ހަތަރު ފާރުގެ ތެރޭގައި ތަހަަންމަލުކުރަންޖެހުމާއި އެކު، އުނދަގޫ ކަމާއެކުވެސް ކެތްކުރުން ނޫންގޮތެއް ނެތެވެ. އާންމު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ. ކެތްކުރުން ނޫން ގޮތެއް ނެތެވެ. ހާލަތު ބަދަލުކުރަން ބޭނުންނަމަ، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކާއި، އަންގާ އެންގުންތަކަށް ޢަމަލުކުރުން ނޫންގޮތެއްނެތެވެ. މިވެސް އިމްތިޙާނެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.