އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ ސިފައިންގެ 5 މީހެއް ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް ކާނަލް ހުސެއިން ޢަލީ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާ ކުރެއްވުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކާއި ގުޅިގެން ވާހަކަ ދައްކަވަމުން ކާނަލް ހުސެއިން ޢަލީ ވިދާޅުވީ ސިފައިންގެ ތެރޭގައި ހިމެނޭ 5 މީހަކު ފައްސިވެފައިވާ ކަމަށާއި، އެ މީހުންނާއި ގުޅުންހުރި އެހެން މީހުން ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ކަރަންޓީނު ކުރީ ކިތައް މީހުން ކަމެއް އެ ބޭފުޅުންގެ ރައްކާތެރިކަމަށްޓަކައި ހާމަކުރައްވާފައެއް ނުވެއެވެ.

ކާނަލް ހުސެއިން ޢަލީ ވިދާޅުވީ މި ކަމުގެ ތެރެއަށް ނިކުތީ ވެސް މި ކަމުގައި އޮތް ނުރައްކާތެރިކަން އެނގިގެން ކަމަށާއި، ކަރަންޓީނަށް ދާ ސިފައިން ކަރަންޓީނުގެ މުއްދަތު ހަމަވުމުން އެނބުރި ޚިދުމަތަށް ނުކުމެ ސާބިތުވެ ތިބޭނެ ކަމުގައެވެ.

މި ކަމަަށް ކުރިމަތިލަމުން ވެސް މި ކަން މެދުވެރިވާނޭކަން އެނގޭކަން ފާހަގަ ކުރައްވައި ޢަލީ ޙުސައިން ވިދާޅުވީ މި ކަމަށް ސިފައިންގެ ލީޑާޝިޕް ތައްޔާރަށް އޮތް ކަމުގައެވެ.

“އަޅުގަނޑުމެންގެ ތެރޭގައި ފޯސް ޕްރޮޓެކްޝަން ޕްލޭނެއް އެބަ އޮތް، އެސް. އޯ. ޕީ. ތަކެއް އެބަހުރި. ސްޓޭންޑާޑްސްތަކެއް އެބަހުރި އެކުލަވާލެވިފައި” ޢަލީ ޙުސައިން ވިދާޅުވި އެވެ. ސިިިފަައިިިންްގެ ތެރެއިން ފައްސިވާ މީހުން އަމަލުކުރާނީ ކަމާބެހޭ އިދާރާތަކުގެ އިންތިޒާމުތަކާއި އެއްގޮތަށް ކަމުގައި ވެސް ޢަލީ ޙުސައިން ވަނީ ހާމަކުރައްވާފައެވެ.

ސިފައިންގެ ރައްކާތެރިކަމަށް އަލިއަޅުއްވާލައްވަމުން އެ ބޭފުޅާ ވިދާޅުވީ ސިފައިން މަސައްކަތް ކުރާ މަރުކަޒުތަކުގެ ރައްކާތެރިކަމަށް ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށާއި އެ ކަމާއި ގުޅޭ ޑޮކިއުމެންޓްސްތަކެއް ވެސް އެކުލަވާލެވިފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން މުޅި މާލެ ސަރަހައްދު ފުރަބަންދު ވުމާއި ގުޅިގެން ދިވެހި ސިފައިން އަންނަނީ އާންމުންގެ ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.