“ކަވަސާކީ” ބަލީގެ އަލާމާތްތަކާ ކޮރޯނާ ވައިރަސް އާ ގުޅުމެއް އޮވެދާނެތީ އެކަމަށް ސަމާލުވުމަށް ދުނިޔޭގެ ބައެއް ގައުމުތަކުގެ ޑޮކްޓަރުން ގޮވާލައިފިއެވެ.

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ފޯރާފައިވާ ދެ ގައުމުކަމަށްވާ އިޓަލީ އާއި އިނގެރޭސި ވިލާތުގެ ކުޑަކުދިންގެ ޑޮކްޓަރުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދުވަސްވަރު އުމުރުން 9 އަހަރުން ދަށުގެ ގިނަ އަދަދެއްގެ ކުދިން އަންނަނީ ކަވަސާކީ ބަލީގެ ޢަލާމާތްތައް ފެނިގެން ފަރުވާ ހޯދަމުންނެވެ.  މީގެތެރެއިން ބައެއް ކުދިން ކޮވިޑް-19 އަށް ފައްސިވާތީ މި ގައުމުތަކުގެ ޑޮކްޓަރުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.

ކަވަސާކީ ބައްޔަކީ އާންމު ގޮތެއްގައި އޭޝިއާ ގެ ގައުމުތަކުން ފެންނަ ބައްޔެކެވެ. ނަމަވެސް، މި ބަލި ޖެހެން މެދުވެރިވާ ސަބަބެއް އަދި ހޯދިފައިނުވެއެވެ. އާންމު ގޮތެއްގައި އުމުރުން 5 އަހަރުން ދަށުގެ ކުދިންނަށް ޖެހޭ މި ބަލީގެ ޢަލާމާތްތަކަކީ:

  • ހަށިގަނޑުގެ އެކި ތަންތަން ރޭޝްވުން
  • ކަރު ދުޅަވުން
  • ތުންފަތް ފަޅައިގެން ދިޔުން ނުވަތަ ހިކުން
  • އިނގިލިތައް ރަތްވުން
  • ލޯ ރަތްވުން

ބައެއް ކޭސްތަކުގައި ހިތަށް ލޭ ދައުރު ކުރާ ހޮޅިތައް ދުޅަވެ، ހޫނު ގިންޏެއް ހުންނަ ކަން ފާހަގަކުރެވިފައިވާ ކަމަށް ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

އިޓަލީގެ އުތުރުގައި އޮންނަ އަވަށެއް ކަމަށްވާ ބާގަމޯ ގައި ލޭ ދައުރު ކުރާ ހޮޅިތަައް ދުޅަވެ، ހޫނު ގިންޏެއް ހުންނާތީ މިދިޔަ މަހުގައި 20 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އެއީ މިފަދަ ކޭސްތައް އަހަރެއްގެ ތެރޭގައި ފެންނަ އަދަދަށްވުރެ ހަ ގުނަ އިތުރު މިންވަރެއް ކަން ފާހަގަކޮށްލެވެއެވެ.

އިޓަލީގެ ޖިއޮވާނީ ހޮސްޕިޓަލްގެ ކުޑަކުދިންގެ ހިތުގެ ޚާއްޞަ ޑޮކްޓަރެއް ކަމުގައިވާ ޗިއުފްރެޑާ ހާމަކޮށްފައިވާ ގޮތުގައި މިގޮތަށް ރިޕޯޓްކުރި ކޭސްތަކުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މަދު އަދަދެއްގެ ކޭސްތަކެކެވެ. ސްޕެއިންގެ މެޑްރިޑާއި، ޕޯޗުގަލްގެ ލިސްބަން އިން ވެސް މިފަދަ ކޭސްތައް ރިޕޯޓުކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެެވެ.

ކޮވިޑް-19 ގެ ބިރުވެރިކަން އިންތިހާއަށް ކުރިމަތިވެފައިވާ މިދުވަސްވަރުގައި ކަވަސާކީ ބަލީގެ ޢަލާމާތްތައް ފެނުން އިތުރުވެ، އޭގެތެރެއިން ބައެއް ކުދިން ކޮވިޑް-19 އަށް ފައްސިވަމުން ދާތީ، މިކަން އިތުރަށް ދިރާސާކޮށް ކޮރޯނާ ވައިރަސް އާއި ކަވަސާކީ ބައްޔާ ގުޅުމެއްވޭތޯ ޔަގީންކުރުމުގެ މަސައްކަތް ދުނިޔޭގެ އެކި ގައުމުތަކުގެ ޑޮކްޓަރުން ކުރަމުން އަންނަ ކަމަށް ޚަބަރުތައް ބުނެއެެވެ.

މީގެ ސޯޅަ އަހަރު ކުރިން 2004 ވަނަ އަހަރު ފެނުނު ކޮރޯނާ ވައިރަސް “އެން.އެލް 63” އަށް ކަވަސާކީ ބަލީގެ ޢަލާމާތްތައް ހުރި ކުއްޖެއް ޓެސްޓް ކުރިއިރު، އެކުއްޖާ ކޮރޯނާ ވައިރަސް އަށް ފައްސިވުމުން، ކޮރޯނާ ވައިރަސް އާއި ކަވަސާކީ ބައްޔާ ގުޅުމެއްވާ ކަމަށް އޭރުގައި ވެސް އަޑު ފެތުރިފައިވެއެވެ. ނަމަވެސް، އެކަމުގައި ސާބިތު ހެއްކެއް ހޯދިފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.