މިއީ “މުނިއަވަސް – ކުރު ވާހަކަ މުބާރާތް 1441” އަށް ލިޔުންތެރިޔާ ފޮނުއްވެވި ވާހަކަ، ފޮނުއްވި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ޝާއިޢުކޮށްފައިވާ ޝާއިޢުކުރުމެކެވެ.

މިއީ ހިޔާލީ ވާހަކައެކެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ.

މަރީނާގެ ފިރިމީހާ ހަސަނަކީ މާލޭގައި ދެތިން ކުންފުންޏެއް ހިންގަމުން އަންނަ މުއްސަންޖެކެވެ. ގިނަބައެއްގެ ގަދަރާއި އިޚުތިރާމް ލިބިފައިވާ މީހެކެވެ. މި ދެމަފިރިންނަށް 3 ކުދިން ލިބިފައިވެއެވެ. އެކުދިންނަކީވެސް މިއަދު މުޖުތަމަޢުއަށް ލޯ ހުޅުވި ދުނިޔޭގެ އުފަލާއި އަރާމުގައި ދިރިއުޅެމުން އަންނަ ކުދިންނެވެ. މަރީނާއަކީ ލިބިފައިވާ ނިޢުމަތަށް ޝުކުރުވެރި ނުވާފަދަ ބޮޑާ މީހެއް ނަމަވެސް ހަސަނަކީ މީހުންނަށް އޯގާތެރި ހިތްހެޔޮ މީހެކެވެ. މަރީނާގެ ހުރި ބޮޑާކަން  މަރީނާގެ ކުދިންނަށްވެސް ވާރުތަވެފައިވާ ކަހަލައެވެ.  މި ކުދިންނަކީ ދަތުރު ދިއުމާއި މަޖާ ކުރުމުގައި އަވަދި ނެތި އުޅެމުންދާ ކުދިންނެވެ. ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލި ލެއްވިހައި މޮޅުގޮތްގޮތަށް އުޅެން ބޭނުންވާ ކުދިބައެކެވެ. އެ ކުދިންގެ މަންމަ މަރީނާ އަކީވެސް މިފަދަ ކަންކަމަށް ގަޔާވެ އެކުދިންނާއެކު އެ މަޖަލުގައި އުޅެމުންދާ މީހެކެވެ. ރާއްޖެއިން ބޭރު ކަރަކަރައަށް ރައްޓެހިންނާއެކު ދަތުރުކޮށްލާ މަޖާކޮށްލުމަކީ މަރީީނާގެވެސް އާދައެކެވެ. އެހެންނަމަވެސް މި ފަދަ ކަންކަމަކީ ހަސަނު އެހާ ގަޔާވާ އަދި ކުރާ ހިތްވާ ކަންކަމެއް ނޫނެވެ. ނަމަވެސް މަރީނާގެ ޒީލަގަދަކަމުން ގިނަފަހަރަށް ހަސަނަށް މަރީނާއާއި ދިމާލަށް އެއްޗެއް ބުނާކަށް ނުކެރެއެވެ. ހުރިހާ ބާރެއްވެސް އޮންނަނީ މަރީނާގެ މުށުތެރެއަށްލާ ފިއްތާލާފައެވެ. ހަސަނު ކިތަންމެ ރަނގަޅު ނަސޭހަތެއް ދިނަސް މަރީނާގެ ހަތަރު މައިން އެކަންކަމަށް ދެނީ ބީރު ކަންފަތެކެވެ. މިއަދު ހަސަނަށް މަޑުން ހުރުން ނޫންގޮތެއް ނެތެވެ.

ދުވަސްތައް މާޒީވެދެއެވެ. މުޅި ދުނިޔެއަށް ބަލިމަޑުކަމެއް ފެތުރިގެން ދުނިޔޭގެ ޚަބަރު ފަތުރާ ވަޞީލަތްތަކުން ކެނޑި ނޭޅި އެ ވާހަކަތައް ގޮވަމުން ދިޔައެވެ. އޭރު މަރީނާ އާއި ތިން ކުދިން ތިބީ އެމެރިކާގައެވެ. މި ޚަބަރު ލިބުމުން މިއީ ކޮރޯނާ ވައިރަސް ކަމާއި މި ބައްޔަކީ އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ ބައްޔެއްކަށް ހަސަނަށް އެނގުނެވެ. އެހެންކަމުން ހަސަނު މަރީނާއަށް ގުޅައި މި ވާހަކަ ހިއްސާކުރިއެވެ. އަދި އަވަހަށް ރާއްޖެ އައުމަށް އެދުނެވެ. ނަމަވެސް މަރީނާ މިވާހަކަތައް ޤަބޫލެއް ނުކުރިއެވެ. އަދި ދެވޭނީ ތަންކޮޅެއް ފަހުން ކަމަށާއި އެމެރިކާގައި މި ބަލި އަދި ނެތްކަމަށް ބުންޏެވެ.އަދި ކުޑަކޮށް ބާޒާރުކޮށްލާ ރައްޓެހިންނާއެކު ކުލަބުތަކަށް ޖައްސާލަންޖެހޭ ކަމަށް ބުނެ މަރީނާ ފޯނު ކަނޑާލިއެވެ.

އޭގެ އެއްމަސްފަހެވެ. މުޅި ދުނިޔެއަށް މި ބަލި ފެތުރެމުންގޮސް އެމެރިކާއަށާއި މުރި ރާއްޖެއަށްވެސް މި ބަލީގެ އަސަރު ފޯރައިފިއެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް މި ބަލި ހަލުވި ކަމާއެކު ފެތުރި މީހުން މަރަށް ތެޅެނީއެވެ.ވަކިން ހާއްޞަކޮށް އެމެރިކާގައި މި ބަލި ފެތުރެމުންދާލެއް މާ ބާރެވެ. އެކި ޤައުމުތަކަށް މި ވައިރަސް އަރައި މަރުވާ މީހުން ގިނަ ވާން ފަށައިފިއެވެ. ބައެއް ގައުމުތަކުގައި މައްޔިތާ ވަޅުލެވޭނެ ގޮތެެއް ނެތެވެ. މައިންނާއި ދަރިން މަރާ ހަނގުރާމަކުރަމުންދާ މަންޒަރުތަކުގެ ވީޑިޔޯތައް ކެނޑި ނޭޅި މީޑިޔާތަކުން ދައްކަމުންދެއެވެ. ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ އެހީތެރިން ބަލި މީހުންނަށް އެހީތެރިވުމުގައި އަވަދި ނެތި އުޅޭ މަންޒަރުތައް މީސްމީޑިޔާތަކުން ފެނެއެވެ. މިކަމާ ހަސަނު ހުންނަނީ ވަރަށް ހާސްވެ ފިކުރު ބޮޑުވެފައެވެ. އެހެންކަމުން ހަސަނު ނިންމީ މަރީނާއަށް ވިސްނަ ދީގެން ނަމަވެސް ވީހާވެސް އަވަހަކަށް މަރީނާގެ ހަތަރު މައިން ސަލާމަތުން ރާއްޖެ ގެނެވޭތޯއެވެ.

ޖެހިގެން އައި ދުވަހު ހަސަނު މަރީނާއަށް ގުޅިއެވެ. އަދި ކޮރޯނާ ވައިރަހުގެ ބިރުވެރިކަމާއި އެމެރިކާއިންނާއި މުޅި ދުނިޔެއިން މި ބަލި ކޮންޓްރޯލް ނުވެގެން އުޅޭ ވާހަކަ ބުންޏެވެ. އަދި މި ބަލީގައި ގިނަ ބަޔަކު މަރުވަމުންދާ ވާހަކަ ބުނުމުން އެމެރިކާގައިވެސް ބަލި ފެތުރޭ ކަމަށާއި އެކަމަކު މަރީނާމެން ތިބި ހިސާބުގައި މި ބަލި ފެތުރިގެން ނުދާކަމަށް ބުނެ އަދި މަޑުކޮށްލާފައި ދުވަސްކޮޅަކުން ދާނަމޭ  ބުނެ އަވަހަށް އެނބުރި ގައުމަށް އަންނަ ހިޔާލެއް ނުކުރިއެވެ. ނަމަވެސް ހަސަނު އެކި ގޮތްގޮތުން މަރީނާއަށް ވިސްނައިދީ ނަސޭހަތްތެރިވިއެވެ. އދަި ރާއްޖެވެސް އޮތީ ފުރަބަންދުވެފައި ކަމަށާއި މި ބަލި ޖެހުމުގައި މުއްސަންޖެއް ފަޤީރެއް ނެތްކަމަށް ބުނެ ރައްކާތެރިކަމާއެކު އައުމަށް އެދުނެވެ. ހަސަނު އެތައް އާދޭހެއް ކުރުމުން އެންމެ ފަހުން މަރީނާ ގޮތްދޫކޮށް ތިން ކުދިންނައެކު މާލެ އަންނަން އެއްބަސް ވިއެވެ. ނަމަވެސް އެ ވަގުތުވެސް މަރީނާ ބުނަމުން ދިޔައީ ފައިސާ ހުރިއްޔާ މި ބަލިން ސަލާމަތް ވެވޭނެކަމަށެވެ. އަދި އެ މީހުންނަނީ މުއްސަނދިންކަމަށާއި ބޭނުން ވަރަަށް ބައްޔަށް ޚަރަދު ކުރާނެ ފައިސާ ލިބިދާނެ ކަމަށެވެ. ނަމަވެސް މި ވާހަކަތަކަށް ހަސަނު މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ.

އޭގެ ހަފުތާއެއް ފަހެވެ. ސަރުކާރުގައި ދަންނަވައިގެން ހަސަނުގެ އަބިނދަރިން މާލެ ގެނައެވެ. އޭރު މާލެ އޮތީ ފުރަބަންދުވެފައި ކަމުންއެމެރިކާއިން އައި މީހުންވެސް ބޯޓުން ފޭބުމާއެކު ސާދަ ދުވަހަށް ކަރަންޓީނުވުމަށް ދާންޖެހޭނެކަން ސަރުކާރުގެ މެޑިކަލް ޓީމަކުން އެންމެނަށް އެންގިއެވެ. އަދި ކަރަންޓީނުވުމަށް ދާންޖެހޭނީ ރިސޯޓަކަށް ކަމަށްވެސް ބުންޏެވެ. އެ ވަގުތު ކަރަންޓީނު ފެސިލިޓީއަަކަށް ނުގޮސް ގޭގައި ކަރަންޓީނުކޮށް ދިނުމަށް މަރީނާ އެދުނެވެ. ނަމަވެސް ސަރުކާރުގެ އެ ވަފުދުން އަންގަމުން ދިޔައީ މާލެއަށް ނޭރޭނެ ކަމަށާއި ސާދަ ދުވަސް ކަރަންޓީނުގައި މަޑުކުރަން ޖެހޭނެކަމެވެ. މިކަމާ ކަންބޮޑުވެ ހަސަނަށް ގުޅައި މި ވާހަކަ ބުނުމުން ސަރުކާރުން އަންގަވާ ގޮތަކަށް ކަންކުރަން އެއްބަސް ވުމަށް ހަސަނު މަރީނާގެ ކިބައިން އެދުނެވެ. އަދި ކަރަންޓީނަށް ފަހު އެނބުރި ސަލާމަތުން އާދެވޭނެކަމަށް ބުންޏެވެ. ނަމަވެސް މިކަމާވެސް މަރީނާ ނުރުހުންވިއެވެ. ހަސަނާއި ދިމާލަށް ވަރަށް އެއްޗެހި ކިޔެވެ. ކިތަންމެ ވަރަކަށް އެއްޗެހި ކިޔަސް މިއަދު ކަން އޮތީ މިހެންނެވެ. ކަރަންޓީނަށް ދާން ޖެހޭނެކަން ސަރުކާރުގެ މެޑިކަލް ޓީމަކުން މަރީނާއަށާއިމަރީނާގެ ދަރިންނަށް ވަކިވަކިންވެސް މިހާރު ވަނީ އަންގާފައެވެ. މިކަމާ ކަންބޮޑުވެ މަރީނާގެ ހަތަރު މައިން މެޑިކަލް ޓީމަށްވެސް ނުގޮވާކަ އެއްޗެއް ނެތެވެ. ބޮޑާ ބަސްތައް އެ ޓީމާއި ދިމާލަށް ރުޅިވެރިކަމުގެ ނަޒަރުން އެއްލަމުން ދިޔައެވެ. އަދި އެމީހުންނަކީ ބަލި މީހުން ނޫންކަމަށްވެސް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. ނަމަވެސް މަރީނާގެ ހަތަރު މައިންގެ ބަސްމަގު ހުރި ގޮތުންނާއި އެމީހުންގެ ބޮޑާކަން ފެނި ސަރުކާރުގެ ވަފުދެއް އެމީހުންނާއި ވަކިން ބައްދަލުކޮށް މި ބަލީގެ ނުރައްކާ ވަރަށް ތަފްޞީލުކޮށް އެ ހަތަރު މައިންނަށް ކިޔައިދިނެވެ. އަދި ބަލީގެ އަލާމާތެއް މި ވަގުތު ފެންނަން ނެތަސް ޤާނޫނާއި ޤަވާއިދަށް ބޯލަބާ ކިޔަމަން ވުމަށް އެދުނެވެ. މި ގޮތަށް ކިޔައި ދިނުމުން އެންމެ ފަހުން މި ހަތަރު މައިން ކަރަންޓީނަށް ދިއުމަށް އެއްބަސް ވިއެވެ.

މަރީނާ ކިތަންމެ ނުރުހުމުގައި އެއްބަސްވީ ނަމަވެސް މާލެ އަތޮޅު ރިސޯޓަކަށް މި ހަތަރު މައިން ކަރަންޓީނަށް ގެންދެވުނެވެ. އަދި އެ ރިސޯޓުގައި އަމަލުކުރަންޖެހޭ ގޮތުގައި އިރުސާދުތައް މި ޓީމުން މަރީނާމެންނަށް ކިޔައިދިނެވެ. އަދި ކޮޓަރިން ނުކިކުތުމަށާއި ސާދަ ދުވަސް ހަމަވުމުން  އެއްވެސް އަލާމާތެެއް ނެތްނަމަ ކަރަންޓީނުން ވީއްލާނެކަމަށް ބުންޏެވެ. ނަމަވެސް މި ސާދަ ދުވަސްވެސް ވީ މަރީނާގެ ހަތަރު މައިންނަށް ބޮޑު ވަބާ އަކަށެވެ. ހަސަނަށް ގުޅައި މިކަމުގެ ޝަކުވާ ނުކުރާ ދުވަހެއް ނުދެއެެވެ. ނަމަވެސް ހަސަނު ހިތްވަރު ދެމުން ދިޔައީ ސަރުކާރުން އަންގަވާ އެންގުމަށާއި މެޑިކަލް ޓީމުގެ ލަފަޔާ އެއްގޮތަށް އަމަލުކުރުމަށެވެ. މިކަމާ ހަސަނު ހުންނަނީ ހަދާނެ ގޮތް ހުސްވެފައެވެ. މަރީނާގެ ކަންތައް ހުންނަ ގޮތުންނެވެ. ކުރާ ޝަކުވާތައް ގިނަ ކަމުންނެވެ.

އޭގެ ދެތިން ދުވަސް ފަހެވެ. ކަރަންޓީނުގައި ތިބޭތާ ހަތަރު ވަނައަށްވީ ދުވަހެވެ. މަރީނާއަށް ކޮޓަރިއަކު ނޯވެވުނެވެ. ދަރިންނާއި ގުޅިގެން މަޖާކުރަން މޫދަށް އެރިލާ ހިތްވިއެވެ. އެހެންވެ މަރީނާގެ ހަތަރު މައިންކޮޓަރިން ނިކުމެގެން ރިސޯޓުގެ އަތިރިމއްޗަށްގޮސް މޫދަށް އެރެން އުޅެނިކޮށް އެ ރިސޯޓުގެ ސެކިއުރިޓީންނަށް މި މަންޒަރު ފެނިއްޖެއެެވެ. ފެނުމާއެކު ވަގުތުން އެމީހުންނަށް ނަސޭހަތްތެރިވެ އަނބުރާ ކޮޓަރިއަށް ފޮނުވާލެވުނެވެ. މިކަމާ މަރީނާ ވަރަށް ރުޅިއައެވެ. އަދި ސެކިއުރިޓީންނާއި ދިމާލަށް ހިތުހުރި އެއްޗެެހި ކިޔާ ހަޅޭއްލަވައި ހެދިއެވެ. އެއަށްފަހުކޮޓަރިއަށްވަދެ ފެންވަރައިންގެ ނިކުމެ އެދުގައި ޖައްސާލުމަށްފަހު ހަސަނަށް ގުޅައި މިކަމުން މިންޖުކޮށްދިނުމަށް އަނެއްކާވެސް އެދުނެވެ. ނަމަވެސް ހަސަނަށްވެސް ޖެހޭނީ ސަރުކާރުން އަންގާ އެންގުމަށް ކިޔަމަންވާންކަމަށް ހަސަނު ބުނަމުން ދިޔައެވެ. ހިތްވަރު ކުރުމަށް އެދުނެވެ.

އޭގެ ހަތްދުވަސް ފަހެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. ރޯދަ ވީއްލުމަށް ގެނެސްފައި ހުރި ކާއެއްޗެހި ކަމު ނުގޮސްގެން މަރީނާ ހަޅޭއްލަވަން ފެށިއެވެ. އަދި މަރީނާގެ ދަރިންވެސް އޭނަޔާއި އެއްބައިވެގެން ސަރުކާރަށް އެއްޗެހި ގޮވައި ފޮޓޯތަކައި ޒާތީ ވާހަކަތައް ހިއްސާކުރަމުން ދިޔައެވެ. ކުރިން މީރުކޮށް ކާން ލިބުނު ވާހަކައާއި މިހާރު ކާއެއްޗެހި ސަކަރާތް ވާހަކަ މުޅި މީޑިޔާގައި ފަތުރަމުން ދިޔައެވެ. އެއްވެސް ކެތްތެރިކަމެއް އެ މީހުންގެ ކިބައަކުން ނުފެނެއެވެ. އަދި އެމީހުންނަނީ މުއްސަނދިންކަމަށާއި މި ކެއުން ކައިގެން ނޫޅެވޭނެކަމަށް ބުނަމުން ދިޔައެވެ. އެހެންނަމަވެސް ހަސަނު މަރީނާއަށާއި ދަރިންނަށް ގުޅައި މިއަށްވުރެ ހާލުގައިވެސް އުޅެން ޖެހިދާނެކަމާއި ވަރަށް ދަތި ހާލުގައިވެސް މީހުން އުޅެމުންދާކަމަށް ބުންޏެވެ. އަދި ފައިސާ ހުއްޓަސް މިފަދަ ކަންކަމަށް ހޭނެން ޖެހޭނެކަމަށް ބުނެ ނަސޭހަތް ދިނެވެ. މަރީނާގެ މި ޝަކުވާތަކުންހަސަނު ހުންނަނީ ދެން ވާނެގޮތަކާއި މެދު ފިކުރު ބޮޑުވެހާސްވެފައެވެ. ދުނިޔެއިން މޮޔަވާވަރުވެފައެވެ.

ޖެހިގެން އައި ހަފުތާއެވެ. މަރީނާާގެ ހަތަރު މައިން ކަރަންޓީނުގައި އުޅޭތާ ސާދަ ދުވަސް ހަމަވާން ގާތްވެފައި ވަނިކޮށް މަރީނާގެ އެންމެ ހަގު ދަރިފުޅުވަރަށް ގަދަޔަށް ހުން އައިސްފިއެވެ. އެހެންކަމުން އެ ހަތަރު މައިންކޮރޯނާއަށް ޓެސްޓުކުރިއެވެ. ޓެސްޓުކުރުން އެނގުނީ މި އެންމެންވެސް ކޮރޯނާއަށް ފައްސިވެފައިވާކަމެވެ. މި ޚަބަރު ލިބުމާއެކު މަރީނާ ކަންބޮޑުވެ ހާސްވާގޮތް ވިއެެވެ. ނަމަވެސް ޑޮކްޓަރުންގެ ޓީމުން މި ހަތަރު މީހުންނަށް ކެތްތެރިވެ ދުޢާކުރުމަށް އެދުނެވެ. އަދި މި ހަތަރު މައިންނަށް ޑޮކުޓަރުންނައި ނަރުުން ފަރުވާ ދެމުން ގެންދިޔައެވެ. ދުވަހަކަށްވުރެ ދުވަހެއް މި ހަތަރު މައިންގެ ހާލު ދިޔައީ ބޮޑުވެގެންނެވެ. ނަމަވެސް ތިން ދަރިންނަށްވުރެވެސް މަރީނާގެ ހާލު އިތުރަށް ގޯސްވިއެވެ. ހުންގަދަވެ ކެއްސާ ނޭވާލާން އުނދަގޫވެގެން މަރީނާ މާލެ ގެނެސް އެކަމަށް ހާއްޞަ ކުރެވިފައިވާ ހޮސްޕިޓަލުގައި އެނދުމަތި ކުރިއެވެ.

ހަސަނު ހުންނަނީ މިކަމާއި ދެރަވެ ފެންކަަޅިވެފައެވެ. ދެން ހަދާނެ ގޮތަކާއި ދޭތެރޭ ވިސްނާލިޔަސް ސިކުނޑި ސުމަކަށްދާ ވަރިވެފައެވެ. މަރީނާ އާއި ދަރިން ހަސަނަށް ގުޅާ ކޮންމެ ފަހަރަކުވެސް ހެޔޮ ނަސޭހަތެއް ނޫނީ ހަސަނު ނުދެއެވެ. އަދި ވަކިން ހާއްޞަކޮށް މަރީނާ ހަސަނަށް ގުޅައި ރޯން ފެށުމުން ހަސަނު ހިތްވަރު ދެމުން ދިޔައެވެ. އަދި ބުނަމުން ދިޔައެވެ. މިއަދުއަތުގައި ފައިސާ އެބަހުއްޓެވެ. ނަމަވެސް މަރީނާގެ ހަތަރު މައިން ބަސް ނޭހުމުގެ ނަތީޖާ މިއޮތީ ފެންނާށެވެ. ފައިސާ ހުރީތީ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލެވުމުގެ ހިތި މިއަދު މިއޮތީ ފެންނާށެވެ. މަރީނާ ފައިސާ މަތީގައި އުދުހުނު ޒަމާން ފަސްދީ ހިގައްޖެއެވެ. މިއަދު އެ ފައިސާއަކުން މި ބައްޔަށް ގަންނާނެ ބޭހެއް ނެތެވެ. އޮތީ ކެތްކުރުމެވެ. މި ވާހަކަތައް އަޑުއަހައި މަރީނާއަށް ރޮވިއްޖެެވެ. އަދި ރޮއެ ގިސްލަމުން ބުންޏެވެ. ”މިއަދު ހަސަނުގެ ބަސްނޭހުމުގެ ހިތި އަހަރެންނަށް ލިބިއްޖެ. އިރާދަކުރެއްވިޔާ މި ބަލިން ސަލާމަތް ވެެއްޖެނަމަ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކުރާނަން.” މިހެން ބުނެ ފޯނު ކަނޑާލިއެވެ. މިކަމާ ހަސަނު ވަރަށް އުފާވިއެވެ. ނަމަވެސް މިއަދު ހަސަނުގެ މުޅި އާއިލާ އެ ވަނީ ކޮރޯނާ ވައިރަހަށް ފައްސިވެ، ރޯނާ ވެފައެވެ. މި މާޔޫސްކަމުގައި ފިކުރު ބޮޑުވެ ހަސަނު އެ ވަނީ އައްސި ވެފައެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.