މިއީ “މުނިއަވަސް – ކުރު ވާހަކަ މުބާރާތް 1441” އަށް ލިޔުންތެރިޔާ ފޮނުއްވެވި ވާހަކަ، ފޮނުއްވި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ޝާއިޢުކޮށްފައިވާ ޝާއިޢުކުރުމެކެވެ.

“ތިއްތާ.” އަދިވެސް ދާކަށް ނުވޭތަ! މިހާރު އެހެރަ އިރުއޮއްސެނީ. ބަންދު ދުވަހެއް ވިއްޔާ ތިއްތައަށް މިނޫން ތަނަކަށް ނާދެވޭނެ. މި ކީއްކުރާ ތަނެއްތަ އަޅެ! ރީތި މޫދެއް އޮތަކަސް ހުސް ގާތަށް މިއޮންނަނީ. އަނެއްކާ ބޮޑު ގަސްގަނޑެއް އޮންނާތީ މޫދަށް ވެސް ނޭރެވޭ. ދޮންބެއާއެކު ސައިކަލް ބުރު ޖަހާލަން ނިކުތަސް ދޮންބެ ވެސް މިތާ މަޑުކޮށްލާފަ ނޫނީ ނުދާނެ. ތިއްތާ! ޔޫސުފުއަށް ކިޔައިދީބަލަ ތިއްތައާ ދޮންބެ މިތަނަށް އަންނަން ބޭނުންވާ ގޮތެއް. 13 އަހަރުގެ ޔޫސުފް ޝަކުވާގެ ރާގަށް އޭނަގެ ޅަ ހިޔާލުތައް ނާއިމާގެ ސިކުނޑި ހޭލައްވާލިއެވެ. ނާއިމާ މާޔޫސްވިއެވެ. އެކަމް ކުޑަ ޔޫސުފްއަށް އެ މާޔޫސްކަން ނުދައްކާ ހިނިތުންވެލާ ޔޫސުފްގެ ކޮނޑުގައި އަތް އަޅުވާލައި ގެއަށް ދާން ހިނގައިގަތެވެ. އަދި ނާއިމާގެ ހިތާމަވެރި ހަނދާންތައް ޔޫސުފްއަށް ކިޔައިދޭން ފެށިއެވެ.

ޔޫސުފްއަށް އިނގޭތަ! އަހަރެމެންގެ މަންމަ މި ފަނާވަނިވި ދުނިޔޭން ވަކިވި ގޮތް؟ ތިއްތައާއި ދޮންބެގެ ކިޔަވާ ދުވަސްވަރު އެއީ. މިރަށަކީ ވަރަށް އާބާދީ މަދު ރަށެއް، ވަސީލަތްތައް އެހާ މަދުވާނެ. މިރަށުގެ އޭރު ސިއްހީ މަރުކަޒެއް ނުހުރޭ. މަންމަ އެއްދުވަހަކު ޑޮކްޓަރަށް ދައްކަން ދިޔައީ ޖެހިގެން މިއޮށް ރަށަށް. ތިއްތައާއި ދޮންބެ އަދި ޔޫސުފްވެސް މާމަ ގާތު ބަހައްޓާފަ. ބައްޕަ އޭރު ހުރީ މާލޭގަ. އެދުވަހު މަންމަމެން އެރަށަށް ދިޔަ ދޯނި ރަށަށް ލަފަން އައި ގަޑީގަ ކުއްލިއަކަށް މޫސުމް ގޯސްވީ. ވިލާ ބޯވެ ވިއްސާރަ ވެހެން ފެށީ. ގަދަ ކޮޅިގަނޑެއްގަ އެވަގުތު މަންމަމެން ދަތުރު ކުރި ދޯނި ރަށު ފަޅު ތެރެއަށް ބަންޑުން ޖަހާލި. އެހާދިސާ ހިނގި ވަގުތު ރަށު އެންމެން ނިކުމެ މަންމަމެން ދަތުރު ކުރި ދޯނީގެ މީހުން ސަލާމަތް ކުރެވޭތޯ ކުރި މަސައްކަތުން އެންމެން ސަލާމަތްވި. ނަމަވެސް އަހަރެމެން މިދުނިޔެއަށް އައުމަށް މެދުވެރި ކުރެއްވި އަހަރެމެންގެ ލޯބިވާ މަންމަ ސަލާމަތެއް ނުވި. މި އިމްތިހާނުގެ ދުނިޔެއާ އަހަރެމެން ހަވާލުކޮށް އެ މަންމަ ދިޔައީ. އެހިސާބަށް ކިޔައިދިނުމަށް ފަހު ނާއިމާއަށް ރޮވުނެވެ. އެކަމުވެސް ހިތްވަރުކޮށް އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.

ޔޫސުފްއަށް އެނގޭތަ! ތިއްތައާ ދޮންބެ އެ އަތިރިމައްޗަށް މިދަނީ މަންމަ ހަނދާންވާތީ. މަންމަގެ ފުރާނަ ނެތް މަސްގަނޑު ފެނުނީ މޫދުގައި މިހާރު ފެންނަން އެއޮތް ގަސްގަނޑު ދަށުން. ކުރިން ގޮނޑުދޮށުގަ ރީތިކޮށް ހުރި ގަހެއް އެއީ. އެކަމް މަންމަމެންގެ ދޯނި ބަންޑު ޖަހާލި ދުވަހު އެ ގަސްވެސް ކޮޅިގަނޑުގަ ޖެހި މޫދު ތެރެއަށް ވެއްޓިފަ އެއޮތީ. އެ ގަސް މޫދު ތެރޭގަ އޮންނަހާ ދުވަހަކު އަހަރެމެންގެ ހިތުން މަންމަ ހަނދާން ނުފިލާނެ.

މަންމަ އަކީ ޑޮކްޓަރެއް. އަހަރެމެން ބަލިވެއްޖެނަމަ ނުނިދާ ހޭހަން ކުރާނެ. މަންމަ އަކީ އެދުރެއް. އަހަރެމެންނަށް އުފަލާ އެކު އުނގަންނައިދޭނެ. މަންމަ އަކީ މޭސްތިރިއެއް. އަހަރެމެންނަށް އެކި ކަންތައް ދަސްކޮށްދޭނެ. މަންމަ އަކީ އާއިލާ ހިންގާނެ ވެރިމީހާ. މަންމަ އަށް ނުވާނެ އެއްކަމެއް ވެސް ނޯންނާނެ. އޯގާތެރިކަމާއި، ކެތްތެރިކަން. ހިތްވަރާއި ޤާބިލްކަން. މިފަދަ ކޮންމެ ރީތި ނަމޫނާ ސިފައަކުން މަންމަ ވާނީ ޒީނަތްތެރިވެފަ.

އަހަރެމެންގެ ބަދުނަސީބަކީ، އެ އޯގާތެރި މަންމަ އަހަރެމެން ގާތު ނެތްކަން. އެކަމުވެސް މިދުނިޔެ އޮތްހާ ހިނދަކު އެ ހަނދާން އަހަރެމެންނާ ވަކިނުވާނެ. މިހިސާބުން ޔޫސުފްއަށް ވަރަށް ބާރަށް ރޮވުނެވެ.

ނާއިމާގެ ގައިގަ ބައްދާލުމަށް ފަހު ތިއްތަ ވެސް މަންމަ ކަހަލަ ނަމޫނާ މަންމަ އަކަށް ވާން ބުންޏެވެ. އެވަގުތު ނާއިމާ ޔޫސުފުގެ ބޮލުގައި ފިރުމާލިއެވެ. އަދި ބުންޏެވެ. އަހަރެމެންގެ ހެޔޮ ދުޢާ އަބަދުވެސް އެ ނިޔަނެތި، ހަންހާރަވެތި މަންމައާއި އެކު. މާތް ﷲ އެ އޯގާވެރި މަންމަ އަށް ސުވަރުގެ ގޭގެ މަތިވެރި ނިޢުމަތް ލައްވާށި. އަހަރެމެންނަކީ މަންމަގެ ފައިތިލަ ދަށުން ސުވަރުގެ ވައްދަވާށި ބަޔަކު ކަމުގައި ލައްވާށި. އާމީން.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ނަހުލާ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް