މިއީ “މުނިއަވަސް – ކުރު ވާހަކަ މުބާރާތް 1441” އަށް ލިޔުންތެރިޔާ ފޮނުއްވެވި ވާހަކަ، ފޮނުއްވި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ޝާއިޢުކޮށްފައިވާ ޝާއިޢުކުރުމެކެވެ.
ނޯޓް: މިވާހަކަ ޚާއްސަކުރެވިފައި ވަނީ 18 އަހަރުން މަތީގެ ބޭފުޅުންނަށެވެ.
އިންސާނާގެ ހިތަކީ ގިނަ ފަހަރަށް އެނބުރޭ ވަހުތާނެކޭ ބުނުން މުޅިއަކުން ދޮގަކަށް ނުވާނެއެވެ. އާ ކަންތައްތައް ތަޖުރިބާކުރަން ކެތްމަދުވެގެން ގޮސް ހައްދުފަހަނައަޅައިދާ ހިސާބަށް ވެސް ދެއެވެ. ވަގަކަށް ހާސް ދުވަސް، އަދި ވެރިއަކަށް އެއް ދުވަހޭ ކިޔާ އަޑު އަހަން ހެއްޔެވެ؟
ފާތުމައަކީ ފުދޭވަރެއްގެ އިސްކޮޅަކާއި ފިރިހެނުން ހިތްކިޔާކަހަލަ ރޫފައެއްގެ ވެރި އަންހެނެކެވެ. މަޑުމައިތިރި މިޒާޖެއްގެ ހެޔޮ އަންހެނެކެވެ. ހުންނަލެއް މަޑުމޮޅިކަމުން އޭނާއަކީ އެހާ މީހުންނާއި ގުޅޭ އެކުވެރި މީހެއް ނޫނެވެ.
ހަވީރުގެ ފިންޏަށް ފާތުމަ ހިނގައިގަތީ އަންބަލަން މައިޒާނާ ދިމާލަށް ބަށި ކުޅޭތަން ބަލާށެވެ. އެތަނަކީ ފާތުމަ ހަމައެކަނި ފޫހިފިލުވާލުމަށް ގޮސް ހަދާ ތަނެވެ. ވާނީވެސް އެހެންތާ އެވެ. ބައްޓަކީ ފާތުމަ ކުޑައިރުއްސުރެ ވެސް އެންމެ ލޯބިކުރާ ކުޅިވަރެވެ. އެކަމަކު ފާތުމަ އިނދެގެން އުޅޭ އާދަނު އޮންނަނީ ބަށިބޯޅަ އެއްގައި އަތްލުން ވެސް މަނާކޮށްފައެވެ.
އެއީ އެންމެ ފަހުން ފާތުމަ ކުޅުނު މުބާރާތުގައި ފާތުމަ ޖެހި ހޫނު ބޯޅައެއް ހޯސްލާފައި ގޮސް ކުޅިބަލަން ހުރި ކަތްދަގެ އަނގަމަތީގައި ޖެހި އޭނާގެ މެދުދެދަތް ވަޅުލަން ޖެހުނީމައެވެ. ކަތްދައަކީ ފާތުމަގެ މައިދައިތަ އެވެ. ފާތުމަ ކެތްގަދައެވެ. މައިދައިތަގެ ދެދަތަށް ޒިންމާވެ، މާފަށް އެދި ސުލްހައިގެ ބޮނޑިބަތް ކާންދިނީވެސް ހަމަ އޭނައެވެ. އެހާވެސް ރުންކުރު ފިރިއަކާއި އެއްކޮށް އުޅެނީވެސް އާދަނު ދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.
އަންބަލަން މައިޒާނުގައި ފާތުމަ ހުރީ ތަންކޮޅެއް މީހުންނާ ދުރުގައި އެކަހެރިވެލައިގެންނެވެ. މިހެން ހުއްޓާ ފާތުމައަށް އިވެންފެށީ އެވާހަކަތަކަކަށް އޭނާގެ ކަންފަތް ޝައުގުވެރި ވާނޭކަހަލަ ވާހަކަތަކެކެވެ. ފާތުމަ އެވަގުތު ލައްވެގެން ހުރިފާރަކީ އައިސާފުޅުގެ ގޭގެ ދެކުނު ބިތެވެ. ގޭތެރެއިން ދެމީހަކު ވާހަކަދައްކާ އަޑު އިވޭއިރު، އެތަނުން އެކަކުގެ އަޑަކީ އާދަނުގެ އަޑުކަން ފާތުމައަށް ޔަގީންވިއެވެ. ރަނގަޅަށް ފާރުގައި ކަންފަތް ޖައްސާލައިގެން އޭނާ ހުރިއިރު އިތުރަށް އެއިވޭ ތުއި ނާޒުކީ އަޑަކީ އައިސާފުޅުގެ އަޑުކަން ފާތުމައަށް ޔަގީންވިއެވެ. ފާތުމަގެ ފުރިހަމަ ސަމާލުކަން އެދެމީހުންގެ ވާހަކަތަކަށް ހުއްޓުނެވެ.
އައިސާފުޅު: ނޫން.. ދެން އާދަނާ މިވަގުތު ތިހެން ނޫޅެބަލަ.. މީހަކު އައިސްފާނެ..
އާދަނު: މިރޭ އަންނާނަން އިނގޭ.. ހަސަނުވެސް ވީ މުދާބަލައި މާލެ ފުރާފައެއްނު..
އައިސާފުޅު: ކާށި ގޯންޏެއް ގެނެސްދޭން ޖެހޭނެ.. އޭރަށް މިރޭ ބޮޑު އަށީގައި އާދަނު ބާއްވާނީ..
އެހިނދު ފާތުމައަށް ހުރެވުނު ތަންވެސް ނޭނގުނެވެ. މުޅި ހަށިގަނޑު ތުރުތުރު އަޅަނީއެވެ. ބާރުބާރަށް ތެޅެމުން ފޮޅެމުން އޭނާ ދުއްވައިގަތީ ގެއާ ވީ ދިމާލަށެވެ. އޭނާ އެންމެ ލޯބިވާ ފިރިމީހާ އެކަހަލަ ސުންޕާ ކަމެއްގައި ބެދޭނެކަމަކަށް ފާތުމަ ހީވެސް ނުކުރެއެވެ. ވާނީވެސް އެހެންތާ އެވެ. އައިސާފުޅަކީ ރަށު އެންމެންގެ ނަޒަރުގައި ރަތްލާ ޖެހި ހަވަރު ތުންފުއްސެކެވެ. ރޮމުން ގިސްލަމުން ދުވެފައި ދިޔަ ފާތުމަގެ ހިތުތެރޭ ހިނގަމުން ދިޔައީ ހަމަ އެންމެ ސުވާލެކެވެ. އޭނާގެ ފިރިކަލުން އެ ވަބާއިން ސަލާމަތް ކުރާނީ ކިހިނެއް ބާވައެވެ؟
ގޭގެ ކެޔޮވަލު ފަރާތުގައި ގުޑުގުޑާ ރޯކޮށްލައިގެން ފާތުމައިނީ ފުންވިސްނުމެއްގެ ތެރޭގައި އެވެ. ދާހިތްލާ ފޯވެފަ އިން ފާތުމައަށް އެވަގުތު ހިތާއި ހިތަށް ކިޔާލެވުނެވެ. “ހަމަގައިމުވެސް އެ ރުންކުރު އާދަނާއި ޒުވާބުކޮށް ހަނގުރާމަ ކޮށްގެން އަހަންނަށް މިކަމެއް ކާމިޔާބެއް ނުވާނެ. އެހެންވީމާ މިފަހަރު ޖެހޭނީ ވަރަށް ވިސްނުންތެރިކަމާއެކު ނުމޮށޭ ގުރާ ދަތްއަޅައިގެން ވިއަސް ވަގު ހިފަން.”
އޮއްސުނު އިރާއި އެކު އާދަނު ގޭ ދޮރާށިން އެތެރެއަށް އައިސް ވަނެވެ. އުފަލުން ގޮސް ހެވިދިލިފައި ހުރި އާދަނު ދޮރާށި ކައިރީގައި ކާށި ގޯނި ބޭއްވި އެވެ. އެވަގުތު ހަމަޖެހިލައިގެން ޖޯލިފަތީގައި އޮތް ފާތުމަގެ ކަޅި ހުއްޓިފައި ވަނީ އެ ކާށި ގޯންޏަށެވެ.
ފާތުމަ: މިއަދު މޫނަށް ޖަންބު ކުލަ އަރާ މަލެއް ހެން ފޮޅިފައި ތިހުރީޔޯ؟
އާދަނު: އޭން.. މިއައީ ވަލީދުބެ ގޯއްޗަށް ގޮސް ދުފާލައިގެން.. އޭނަގެ އަންހެނުން ބަލިވެއިނދެގެން އެ އުފާވެރި ހަބަރު ދޭން އަހަރެން ގެންދިޔައީ..
ފާތުމަ: އަސްލުވެސްތަ.. ދެން މި ކާށި ގޯންޏޯ؟
އާދަނު: ތީ ހަމަ ވަލީދުބެއަށް ދޭން ގެނެސް އޮތް ހަދިޔާ އެއް.. މިރޭ ދާނަން އެގެޔަށް..
ފާތުމަ: ކިހާއިރަކު ދާނީ؟ އިޝާ ނަމާދުން ފައިބައިގެން ކައިގެން ދޯ..
އާދަނު: އާން.. ދެން ކައިގެން ދާނީ..
އިޝާ ނަމާދަށް ގޮވަން ވަރަށް ކުޑަ ހިނދުކޮޅަކަށް ވެއްޖެ އެވެ. ފާތުމަގެ ހިތް ހުރީ ރޯމަހެއް ހެން ތެޅިތެޅި އެވެ. ކޮންމެހެނެއް ވިއަސް ވަގު ހިފަން އޭނާ ހުރީ ހޭވައްލާ ތައްޔާރަށެވެ. ބޭއިޚްތިޔާރުގައި ވެސް އެއްކަލަ ކާށި ގޯންޏަށް އިރުއިރުކޮޅާ ލޯ އަޅަމުން ދިޔަ ފާތުމަގެ ވިސްނުމަށް އައީ މާ މޮޅު ހިޔާލެކެވެ. އެހިނދު ގިފިއްޔާ ދިމާލުން އާދަނު ގޮވާލި އެވެ.
އާދަނު: ފާތުމާ!
ފާތުމަ: އޯތް! ކީކޭ؟
އާދަނު: އާދެބަލަ ތުވާލި ދިއްކޮށްލަން..
ފާތުމަ ބާރު ބާރަށް ގިފިއްޔާ ދިމާލަށް ގޮސް އާދަނުގެ ތުވާލި ދިއްކޮށްލަމުން ބުންޏެވެ.
ފާތުމަ: އާދަނު ހަމައިގަތަ މިރޭ ތިހުރީ؟ ހޫން.. މިހުރީ ސުފުރާމަތި ތައްޔާރުކޮށްފާ.. ކައިގެން ދާނީ އިނގޭ.. އަހަރެން މަންމައަށް ރިހަ ހިފައިގެން މިދަނީ..
އާދަނަށް ދޮގެއް ހަދާފައި ފާތުމަ ސިއްރު ސިއްރުން ދިޔައީ އެއްކަލަ ކާށި ގޯންޏާ ދިމާލަށެވެ. ހަދާނެ ގޮތެއް ނޭނގިފައި ފާތުމަ އެތާ ހުއްޓާ، ދޮރާށިން ބޯދިއްކޮށްލީ އަވަށްޓެރި ރަމްލާ އެވެ.
ރަމްލާ: ކަލޯ! ހިކަނދިފަތް ކޮޅެއް ބަލާ މިއައީ..
ފާތުމަ: ކަލެޔަށް ހިކަނދިފަތް ގަސް އެއްކޮށް ވެސް ދީފާނަން.. އެކަމަކު ދުވަހަކު މަށަށް ކަމެއް ކޮށްދެންޏާ މަބުނާ ގޮތަކަށް ކަންތައް ކުރޭ.. މާ ސުވާލު ގިނަ ނުކުރާތި!
ރަމްލާ: އާން! ވާވަރު ކަމެއް ވިއްޔާ ކޮށްދޭނަން..
ފާތުމަ: މިއޮއް ކާށި ގޯނި ރަމްލާ ހިފައިގެން އިނގޭ ގެއަށް ދާނީ.. ދެން އަހަރެން މިތާ ޖޯލި ކައިރީ އޮތް ހުސް ގޯންޏަށް އެރޭނަން.. އަހަރެން މިދޭ ރޯނުފަށުން ދެން ގޯނި ބަނދެލާ..
ރަމްލާ: އެސް! ކަނޑޫވަޅި ވެސް ހިފައިގެން ގޯންޏަށް އެރެނީ؟ ކީއްކުރަން އަނެއްކާ؟
ފާތުމަ: ފައްކަލެއްނު.. މާ ސުވާލު ގިނަ ނުކުރާށޭ.. އަވަސް ކުރޭ ދެން.. އާދަނު ގިފިލިން ނިކުމެދާނެ..
ފާތުމަ އެބުނިގޮތަށް ކަންތައް ކޮއްފާ ރަމްލާ ކާށިގޯނި ހިފައިގެން އެގެއިން ނިކުމެގެން ދިޔައީ ވަގު ހިނި ހެމުންނެވެ.
އޭގެ އިރުކޮޅެއް ފަހުން އާދަނު ނަލަވެގެން އައިސާފުޅު ކައިރިއަށް ވަންނަން ދާން ފުރަތަމަވެސް މިސްރާބުޖެހީ އޭނާގެ ހިތުން އޭނާ ހޮވި ކާށިގޯންޏާ ދިމާލަށެވެ. ޝަހުވަތުގެ އެދުމުން ކެތްމަދުވެފައި ހުރި އާދަނު އަވަހަށް ގޮސް އެ ގޯނި ކޮނޑަށް ލައިގެން ގެއިން ނިކުތެވެ. ބާރުބާރަށް ހިނގަމުން އޭނާ ދިޔައިރު ގޯނީގައި އޮތީ ފާތުމަ ކަމެއް ހަމަ އެއްވެސް ވަރަކަށް ނޭނގުނެވެ. އާދަނަށް ހަމަ ރޭކާވެސް ނުލީއެވެ.
ގޯނި ތެރޭގައި އޮތް ފާތުމަ އޮތީ ފޯރިއާއި ޖޯޝުގައި އެވެ. އެހިނދު ފާތުމައަށް ހިތުން ހިތަށް ކިޔާލެވުނެވެ. “މިފަހަރު ހަމަ ހުވާ ދުލެއްނުކުރާނަން. މިރޭ މީ ދޭތިން އެކައްޗަށް ހިފާ ރޭ.” މާކަ އިރުތަކެއް ނުވަނީސް ފާތުމަ ދެކަޅި މައްޗަށް އެރި ކަހަލައެވެ. މިހަނގުރާމަ މިހާ އުނދަގޫ ވެދާނެ ކަމަށް ފާތުމަ ހީވެސް ނުކުރެއެވެ. ވާނީވެސް އެހެންތާ އެވެ. އޭނާ ގޯނި ތެރޭގައި އެއޮތީ ނުހިފެހެއްޓޭ ވަރަށް ހީސްލަވައިގަންފައެވެ. ފާތުމައަށް ހީވަނީ ހަމަ ދެންމެދެންމެ ލެވިދާނެ ހެންނެވެ.
އާދަނު ހިނގަމުން ގޮސް މިހާރު އައިސާފުޅުގެ ގޭއާއި ވަރަށް ކައިރިވެއްޖެ އެވެ. މާކަ އިރުތަކެއް ނުވަނީސް އާދަނު މުޅިން މަތިމަރުވީ ކުއްލިއަކަށް ގޯނިން ފެންތަކެއް ފައިބަން ފެށީމައެވެ. އާދަނުގެ ގަމީހުގެ ފުރަގަސް އެއްކޮށް ކަހަލަގޮތަކަށް ތެމިއްޖެ އެވެ.ކަން ދިމާކުރީ ހީކުރި ގޮތަށެވެ. އެންމެ ފަހުން އެއްކަލަ ފާތުމައަށް ކެތްނުކުރެވިގެން ގޮސް ގޯންޏަށް ހީސްލެވުނީއެވެ. ގޯނިތެރޭ އޮތް ފަހުލަވާނު އޮތީ ބިރުން އަވަދިވެފައެވެ. އެވަގުތު އާދަނު ފަކުރުން ގޮސް ހިތުން ހިތަށް ކިޔާލެވުނެވެ. “ހުޅަނގު މޫސުން ވީމަ ތޯއްޗެ.. މިހުންނަ ކާށިތައް ވެސް ހާދަ ފީއޭ.. ޔަގީން އެތަނުން ފީ ކާއްޓެއް ފަޅައިގެން އެދިޔައީ..” އޭނާއަށް އެހިސާބުން ވެސް ހަމަ ވާނުވާއެއް ރޮޮލެއް ނުފިލި އެވެ.
އާދަނު ގޮސް އައިސާފުޅުގެ ގޭ ދޮރާށިން އެތެރެއަށް ވަނެވެ. މަޑުމަޑުން ގޮސް ގޭތެރެއަށް ވަންއިރު އާދަނަށް ހީވީ ބަހާރު މޫސުން އައިހެންނެވެ. ވާނީވެސް އެހެންތާ އެވެ. ގުލްޝަނުގައި ފަރިވެ ފޮޅިފައި އިން ރަތް ފިނިފެންމަލެއް ހެން އައިސާފުޅު ބޮޑު އަށީގައި ނަލަވެގެން އިނެވެ. އެހިނދު އާދަނު އަތުން ގޯނި ދޫވެގެން ވެއްޓިއްޖެ އެވެ. އެއްކަލަ ގޯނިތެރޭ އޮތް ފާތުމައަށް ހޭރިނުގަނެވުނި ހަމަކިރިޔާ އެވެ.
އައިސާފުޅު ރަކި ގޮތަކަށް ހެމުން ބުންޏެވެ.
އައިސާފުޅު: ސާބަހޭ އާދަނަށް! ނިކަން ތިޔަ ގޯނި ގެނެސް މިއޮއް ފަހަތު ބިތުގައި ބަހައްޓަބަލަ..
އާދަނު: އައިސާފުޅު ހާދަ ރީއްޗޭ.. އަހަރެން މުޅިން އާޝޯހުވެއްޖެ..
އެވަގުތު އާދަނު ގޮސް ބޮޑުއަށީގެ ފަހަތު ބިތުގައި ގޯނި ބަހައްޓާފައި އައިސާފުޅު ކައިރީ އިށީނެވެ. ކުއްލިއަކަށް އައިސާފުޅު މޫނު ކުނި ކޮށްފައި ބުންޏެވެ.
އައިސާފުޅު: ކޮން ނުބައި ވަހެއްތަ އެދުވަނީ ކަލޭ ގައިން؟
އާދަނު: އައްދޭ! އެއީ ގޯނި ހިފައިގެން އައި މަގުމަތީގައި އެތަނުން ފީ ކާއްޓެއް ފަޅައިގެން ދިޔައީ.. މުޅި ގަމީހުގެ ފުރަގަސް ތެމިފައި މިއޮތީ..
އައިސާފުޅު: އެކަމަކު އާދަނާ ދޯ! ދާންވީނު ގިފިއްޔަށް ވަދެ ތާހިރުވެލަން..
އާދަނު: އާން ދޯ! އެބަ އަންނަން އިނގޭ..
އާދަނު ގޮސް ގިފިއްޔަށް ވަނުމުން އައިސާފުޅު ބޮޑު އަށީގައި އިން ރޭޑިޔޯ އަޑުގަދަކޮށްލި އެވެ. އެހިނދު ރޭޑިޔޯ އިން އައި ހިންދީ ލަވަ އަކަށް އައިސާފުޅުގެ އަޑުވެސް އެއްހަމަ ކޮށްލިއެވެ.
އިރުކޮޅެއް ފަހުން އާދަނު ގިފިލިން ނިކުމެ ބޮޑު އައްޓާއި ދިމާލަށް އައެވެ. އާދަނުގެ ސަމާލުކަން ހުއްޓުނީ ބޮޑު އައްޓާއި ދިމާލަށެވެ. ބޮޑުއަށީގައި އޮތް ރަޖާގަނޑުން މުޅި މީހާ ފޮރުވާލައިގެން އައިސާފުޅު އެތާ އިނެވެ. އެހިނދު އާދަނު ގޮސް އައިސާފުޅުގެ ކައިރީ އިށީނެވެ.
އާދަނު: އައިސާފުޅު އަނެއްކާ މިރޭ ކޮން ސަމާސާއެއް ކުރަން ތިޔަ އުޅެނީ؟ ތީ ހަމަ ގޮތް ނޭނގޭ ލޯބިގަނޑެއް..
އާދަނުގެ ބަސްތަކަށް އެއްވެސް ޖަވާބެއް ނުލިބުމުން އޭނާ ރަޖާގަނޑުގައި ހިފާފައި ދަމައިގަތެވެ. އަސްތާ ކަމަކުދާކަށް ނެތެވެ. އާދަނު ހުރީ ބަސްހުއްޓިގެން ގޮސް ތަލި ހިކިފައެވެ. އެވަގުތު ބޮޑުއަށީގައި އޭނީ ފާތުމައެވެ. ދެން އައިސާފުޅަށް ވީ ކިހިނެއް ބާވައެވެ؟
****************************************************************
އާދަނު ގޮސް ގިފިއްޔަށް ވަނުމުން އައިސާފުޅު ބޮޑު އަށީގައި އިން ރޭޑިޔޯ އަޑުގަދަކޮށްލި އެވެ. އެހިނދު ރޭޑިޔޯ އިން އައި ހިންދީ ލަވަ އަކަށް އައިސާފުޅުގެ އަޑުވެސް އެއްހަމަ ކޮށްލިއެވެ. އެއްކަލަ ގޯނިތެރޭ އޮތް ފާތުމަ ސިއްރު ސިއްރުން އަތުގައި އޮތް ކަނޑޫ ވަޅިން ގޯނި ފަޅާލާފައި ނުކުމެއްޖެއެވެ. އެވަގުތު ލަވައަށް ގެއްލިފައި އިން އައިސާފުޅަށް އެއްވެސް ރޭކާއެއް ނުލިއެވެ. ނިކަން ހުޝިޔާރު ކަމާއިއެކު ފާތުމަ ހީސްލާ ފޯކޮއްފައި އޮތް ކަނޑިކި ބާލައި އައިސާފުޅުގެ ފަހަތުން ގޮސް އައިސާފުޅުގެ މޫނުމަތީގައި ކަނޑިކި އަޅާ ބާރުކޮއްލިއެވެ. އިރުކޮޅެއް ނުވެ އައިސާފުޅު ހޭނެތިގެން ގޮސް ވެއްޓިއްޖެ އެވެ.
ފާތުމަ އަވަސްއަވަހަށް އައިސާފުޅު ދަމާ ގެންގޮސް އެގޭ ދޮރާށި ކައިރީގައި ހުރި ގޯންބުލި ގަހުގައި އައްސާ ބަނދެލައިފިއެވެ. ދެން އެތާކައިރީގައި އޮތް ފޮތިކޮޅަކުން ނުވިތާކަށް އައިސާފުޅުގެ އަނގަމަތިވެސް ބަނދެލިއެވެ. ހިތުން ހިތަށް ކަނޑިކިއަކަށް ކަނޑިއްކެކޭ ކިޔައި އައިސާފުޅުގެ ކަނޑިކިވެސް ބާލާ ފާތުމަ ގަޔަށް ހެޔޮވަރު ކޮއްލައިފިއެވެ.
ބަލަން ނުހުރެ ފާތުމަ ދިޔައީ ބޮޑު އައްޓާއި ދިމާލަށެވެ. އާދަނު ގިފިލިން ނުކުމެގެން އައި އިރު ބޮޑުއަށީގައި އެވަގުތު އޮތް ރަޖާގަނޑު ގައިގައި އަޅާ މުޅިމީހާ ފޮރުވާލައިގެން އޭނީ ހަމަ އެއްކަލަ ފާތުމައެވެ. އެ ހަދިސާ އަށް ފަހު އާދަނު އިސްލާހުވެ ފާތުމަ ކައިރިން މާފަށް އެދި ދެމީހުން ރީތި ގޮތުގައި އުޅުނީ އެވެ. އެ ކަންތައްގަނޑު މުޅި ރަށަށް މަޝްހޫރުވެ ފާތުމަ ވެގެންދިޔައީ ހުރިހާ އަންހެން ވެރިންނަށް ހުރި ނަމޫނާ މިސާލަކަށެވެ. އޭގެ ފަހުން ރަށު އެންމެން އޭނާ ދަންނަނީ ކާށި ފާތުމާގެ ނަމުންނެވެ.
=ނިމުނީ=
ކަވަރ ފޮޓޯ: https://www.flickr.com/photos/navin-saeed/
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 އޭޕްރިލް 2020ވާހަކަކާށި ފާތުމަ – ކުރު ވާހަކަ
Varah majaa.. varah fakkaa story eh