މިއީ “މުނިއަވަސް – ކުރު ވާހަކަ މުބާރާތް 1441” އަށް ލިޔުންތެރިޔާ ފޮނުއްވެވި ވާހަކަ، ފޮނުއްވި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ޝާއިޢުކޮށްފައިވާ ޝާއިޢުކުރުމެކެވެ.

“އެޅިހާ ބަތަކަށް ރިހަވެގެން އުމުރު ދުވަހުވެސް އަހަރެން ހުރެދާނަމެވެ.”

ރައްޓެހިވެގެން އުޅުން ދުވަސްވަރު އާރާޝް އެހެން ބުނި ހަނދާން އަހަރެން އަދިވެސް އެބަހުއްޓެވެ. ކައިވެނީގެ ހަފްލާ ތެރެއިން އަހަރެމެން ދެމަފިރިން ހިނިތުންވެ ބައްދާލީ އޭގެ 6 އަހަރު ފަހުންނެވެ. މިހާރު އެހަފްލާގެ ތަސްވީރުތައް ފެނުނަސް އަހަންނަށް ރޮވެއެވެ. އުފަލުންނެއް ނޫނެވެ. ހިތް ރޯތީ ލޮލަށްވެސް ކެތްނުވެގެންނެވެ. ކައިވެންޏަށްވެސް މިހާރު 6 އަހަރު ފާއިތުވީއެވެ. ނަމަވެސް މިކައިވެނީގައި މިހާރު ކައިވެންޏެއްގެ ސިފައެއް ނެތެވެ.

ކައިވެނި ކުރެވުނީ އަހަންނަށް 18 އަހަރުގައެވެ. އާރާޝްއަށް 20 އަހަރުގައެވެ. އަހަރެންވެސް ގަބޫލު ކުރަމެވެ. ވަރަށްވެސް ހަގެވެ. ނަމަވެސް ކައިވެނި ކުރެވެން އޮތީތީ އަހަރެންވެސް ބޭނުންވީ އަވަހަށް ކުރާށެވެ. އާރާޝްއަށްވެސް ނުހުރެވުނީއެވެ. އަހަރެންގެ އާލުންނާއި ޚިލާފަށް އާރާޝްގެ އާއިލާއަކީ ފުދުންތެރި އާއިލާއަކަށްވީތީ، ދެމީހުންކުރެ އެކަކުވެސް ވަޒީފާއެއް އަދާ ނުކުރާތީ ނުފުދުނު އެއްކަމެއްވެސް ނެތެވެ. އާއިލާގެ ފަރާތުން ކައިވެނީގެ ހަދިޔާއަކަށް ލިބުނު ހަނީމޫނަކަށްވެސް އަހަރެމެން ދިޔައީމެވެ.

ކައިވެނީގެ ކުރީކޮޅު ވަރަށްވެސް އުފާވެރިއެވެ. ވަރަށްވެސް މަޖަލެވެ. ކައިވެނީގެ ލައްޒަތާއި އަރާމު އެންމެ ފުރިހަމައެވެ. އާރާޝްގެ ކުޅަދާނަކަމާމެދު އަހަރެން ޝައްކެއް ނުކުރަމެވެ. އާރާޝްގެ އާއިލާއާއެކު އުޅެވުނީ ކުރިން އުޅެފައިނުވާފަދަ ފުދުންތެރި ދިރިއުޅުމެކެވެ. އާރާޝްއާއި އޭނާގެ އާއިލާގެ ފަރާތުން އަހަންނަށް އުނިވި އެއްވެސް ކަމެއްނެތެވެ. ތިން ކުދިން ތިބި އެ އާއިލާއިން، އާރާޝްއަކީ އެންމެ ހަގެވެ. އެހެންވީމާ ކަމަށްވެސް ވެދާނެއެވެ. އާރާޝްއަށް އެމީހުން ދޭ އިސްކަމާ ލޯބި ވަރަށްވެސް ބޮޑެވެ. އަހަރެން އެކަންކަމަށް ޝުކުރު ކުރީމެވެ. އާރާޝްދެކެ އިންތިހާއަށް ލޯބިވީމެވެ. މިހާރުވެސް ލޯބި ނުވަމެކޭ ނޫނެވެ. ނަމަވެސް ކުރިން އޮތް ލޯބީގެ އިންތިހާއެއް މިހާރަކު ނެތެވެ.

ނަމަވެސް ކޮންމެވެސް ދުވަހަކުން ދިރިއުޅުމެއް ދެކެން ޖެހޭނެކަން އަހަރެން ގަބޫލު ކުރީމެވެ. އަބަދަކު އުދުހިފައެއްވެސް ނޫޅެވޭނެއެވެ. ކޮންމެވެސް ވަގުތަކުން ބިންމައްޗަށް ތިރިކުރަންވެސް ޖެހޭނެއެވެ. އަމިއްލަފައިމައްޗަށް ތެދުވާން ޖެހޭނެއެވެ. އަހަރެންގެ ވާހަތަކާއި ނަސޭހަތްތަކަށް ބީރު ކަންފަތް ދީ ދީ ހުއްޓާ އާރާޝްއަށްވެސް އެދުވަސް ދެއްކެވީއެވެ. އާރާޝްގެ މައިންބަފައިންގެ އެހީތެރިކަމުގައި އެއްއަހަރު ދުވަހު އުޅުމަށްފަހުގައެވެ. އެހެންވެސް “ލައްކަ ދުވަސް” އުޅެވިއްޖެތާއެވެ. އާރާޝްގެ ބޭބެ ވަޒީފާއިން ވަކި ކުރުމުން މައިންބަފައިންގެ އުނގުތެރެއަށް އައިސް ވެއްޓިގެން ހިސާބުން އަހަރެމެންނަށް ފޭވާން ޖެހުނީއެވެ. އަސްލު މަޖުބޫރެއް ނުވެއެވެ. ނަމަވެސް އަހަރެން އާދޭސްކޮށްގެން އާރާޝް އެއްބަސްވީއެވެ.

އަމިއްލަ ފައިމައްޗަށް ތެދުވާން އާރާޝްއަށްވީ ނުހަނު ދަތި އުނދަގޫކަމަކަށެވެ. އެފަދަ ދިރިއުޅުމެއް ދަސްވެފަނެތީމައެވެ. އަދި އެހާމެ ފޫހި، ބޮލަށް ތުރާ ކުރުވަނިވި ކަމަކަށެވެ. އެފަދަ ވިސްނުމެއް ގެންގުޅެވިފައިނެތީމައެވެ. ނަމަވެސް އަހަރެންގެ ހައްގުގައި އާރާޝް ކެތްތެރިވެ ވަޒީފާއަށް ނުކުންނަންފެށިއެވެ. އެހެނަސް އޭނާގެ ކިޔެވުމެއް ދޫކޮށެއް ނުލައެވެ. އެއީ އޭނާ ބޭނުންވީ ގޮތެވެ. ކިޔަވަން އޭނާ ބޭނުންވުމަކުން އަހަރެން އެއްވެސް މައްސަލައެއް ނުޖައްސަމެވެ. އޭނާގެ އެނިންމުމަށް އަހަރެން ހެޔޮހިތުން މަރުހަބާ ކީމެވެ. އަދި އަހަންނަށްޓަކާ ނަމަވެސް އެދިރިއުޅުން އިޚްތިޔާރުކޮށް ކެތްތެރިވީތީ އަބަދުވެސް ޝުކުރުވެރިވީމެވެ.

ވަކިންތަނެއް ކުއްޔަށް ހިފައިގެން ދިރިއުޅުންވީ ދެމީހުންނަށްވެސް ގޮންޖެހުމަކަށެވެ. ފައިސާ ހޯދަން މަސައްކަތް ކުރަންހުރީ އާރާޝްކަމަށްވީތީ އޭނާގެ ކޮނޑަށް ވަރަށްވެސް ބުރަބޮޑުވިއެވެ. އެހެންކަމުން އަހަރެން ގަސްތުކުރީ ދިރިއުޅުމުގެ އެއްކޮޅުގައި އަހަރެންވެސް ހިފާށެވެ. އާރާޝް ހިތްހަމަ ނުޖެނުނަސް އެއީ އޭނާއަށްވެސްވީ ލުޔެކެވެ. އެހެންކަމުން ދެކޮޅަށް ނުހަދައެވެ. އާރާޝްއަކީ އެއް އިރެއްގައިވެސް ހަރުކަށި މީހެއް ނޫނެވެ.

ދަސްވެފައިހުރި ހުނަރެއްގެ ފަހަތުން އަހަރެންވެސް ދުއްވައިގަތީމެވެ. ގޭގެއަށް ގޮސް ޓިއުޝަން ދިނުމުގައި އަހަރެންގެ ދިރިއުޅުންވެސް އަވަދިނެތިވީއެވެ. ފިރިމީހާއަށް ދެވޭ ވަގުތަށްވެސް ބަދަލުއައީއެވެ. ގިނަ ފަހަރަށް ގެއިންވެސް އާރާޝްއާއި ބައްދަލުނުވާ ގޮތްވީއެވެ. ވަޒީފާއާއި ކިލާސްތަކާހެދި އޭނާއަށްވެސް ނިދަން ނޫނީ ގެއަށްނާދެވޭ ގޮތް މެދުވެރިވީއެވެ. ނަމަވެސް އާރާޝްގެ ޖީބަށް ލުއިވެ ދެމީހުންނަށްމެ ހިންދެމިލެވޭވަރުވީ އަހަރެންވެސް މަސައްކަތް ކުރަންފެށީމައެވެ. އެހެންކަމުން އާރާޝްވެސް ޝަކުވާއެއް ނުކުރެއެވެ. ދުވަހަކު ނުކުރާނެކަންވެސް އަހަންނަށް އެނގެއެވެ. ކަންފަސޭހަކަންއެއީ އޭނާގެ ކަށީގައި ހިފާފައިހުރި ކަމެކެވެ. އޭނާގެ މައިންބަފައިން އޭނާއަށް ދަސްކޮށްދީފައި ހުރި ވަރަށްވެސް ނުރަނގަޅު އާދައެކެވެ.

ދެންވެސް ފިކުރުކުރެވުނީ އަހަންނަށެވެ. ދެމަފިރިކަން ދުރުވާންފެށި ވަރަކަށް ޝަކުވާ ކުރެވުނީވެސް އަހަންނަށެވެ. ނުކުރެވޭ ވަރެއްވެސް ނޫނެވެ. ފަހުންފަހުން އައިސް ކިރިޔާ ވަގުތެއް ލިބުނަސް އާރާޝް އަހަންނާމެދު ސަމާލުކަން ބެހެއްޓުން މުޅިންހެން ހުއްޓުނެވެ. ކިރިޔާ ވަގުތެއް ލިބުނަސް އެވަގުތުކޮޅުވެސް ހުސްކޮށްލަނީ އެކުވެރިންނަށެވެ. ނޫނީ ފޯނުން ގޭމް ކުޅުމަށެވެ. އަހަންނަށް ކުށްވެރިކުރެވުނީ އަހަރެންގެ އަމިއްލަ ނަފްުސެވެ. އަހަންނަށް މާދަހި މީހަކަށް ވެވުނީ ކަމަށް އަހަރެން ހީކުރީމެވެ. ފިރިމީހާއަށް ދޭންވާ ސަމާލުކަން ނުދެވުނީ ކަމަށް ނިންމީމެއެވެ. އެހެންކަމުން ޓިއުޝަން ނެގުންވެސް އަހަރެން ގެއަށް ބަދަލު ކުރީމެވެ. ގެއަށް ކުދިން ގެންނަ ގޮތަށް ހެދީވެސް އާރާޝް ބޭނުންވާ ކޮންމެ ހިނދެއްގައި ގެއިން ބައްދަލުވާނެ މީހަކަށް އަހަރެންވުމަށެވެ.

ނަމަވެސް “ވީކަމެއް ހަރާމެވެ.” އުޅުމަށް ބަދަލު ނުގެނެވުނީ އާރާޝްއަށެވެ. މީރު ކާއެއްޗެހި ތައްޔާރުކޮށްފައި ގުޅުމުންވެސް އާރާޝްއަށް ގެއަށް ކާން އާދެވޭ ކަމަކަށްނުވިއެވެ. ގެއަށް ވަންނަ ފަހަރެއްގައިވެސް ކޮންމެވެސް ތާކަށް ނުދެވިގެން ލަސްވެފައެވެ. އިންތިޒާރުގައި އޮއްވާ ނިދުނީ ކިތައްރޭ ކަމެއް ހަނދާންވެސް ނެތެވެ.

އަޑި އަޅަމުންދިޔަ ދިރިއުޅުން ނަގާ ކޮޅަށް ޖަހަން ޖެހުނީ އަނެއްކާވެސް އަހަންނަށެވެ. ރޮއެ އާދޭސް ކުރަން ޖެހުނު ނަމަވެސް އެކަމަށްވެސް އަހަރެން ފަހެއް ނުޖެހެމެވެ. އާރާޝްގެ ހިތަކީ ހިލަ ހިތަކަށް ނުވުންއެއީ އަހަރެންގެ ނަސީބު ތޯއްޗެކެވެ. އޭނާގެ ބަދަލުވެގެން ދިޔަ އުޅުމަށް ބަދަލު ގެނައުމަށް އޭނާވެސް މަސައްކަތްކުރިއެވެ. ނަމަވެސް ކުރީގެ އާރާޝްއެއް އޭނާއަކަށް އަނބުރާ ގެނެސްނުދެވުނެވެ.

ދެމީހުންއެކުގައި ބޭރަށް ގޮސް އުޅެންފެށީމެވެ. ޝޮޕިންގ ކޮށްލަން ދިއުމާއި ކެފޭތަކަށް އަރާލަން ދާންފެށީމެވެ. ރައްޓެހިންގެ ގޭގެއަށް ގޮސްލާ އާއިލާ މީހުންނަށްވެސް ޒިޔާރަތްކޮށް އުޅުނީމެވެ. އަހަންނާއެކު އާރާޝް ހުރި ނަމަވެސް އެއީ ކުރީގެ އާރާޝްއެއް ނޫނެވެ. އަތުގައި ހިފަހައްޓައިގެން ހުންނަތަން މީހުންނަށް ފެނުނަސް އެއިހުސާސް އަހަންނަށްވަނީ ގެއްލިފައެވެ. އެއާރާޝް ކޮންމެވެސް އެހެން ދުނިޔެއެއްގައި ގައިދުވީއެވެ. ނަމަވެސް ބަލާ މީހަކަށް އެކަމެއް ނުފެންނާނެއެވެ. އަހަރެން އަބަދުވެސް ހުރީ އުފަލުންކަމަށް އެމީހުން ހީކުރެއެވެ. އެއީ އަހަރެން ބޭނުންވީ ގޮތްވެސްމެއެވެ. އަހަރެމެންގެ ދިރިއުޅުމުގެ އަނދިރިފަރާތް އަބަދުވެސް ފަރުދާގެ ފުރަގަހުގައި ބޭއްވޭތޯ އަހަރެން ނުހަނު މަސައްކަތްކުރީމެވެ.

ޝަކުވާ ކުރަންޖެހުމުން އަހަރެން ކުރީމެވެ. އަހަންނަށް ވަގުތުދޭން ރައްޓެހިންނާއެކު ނުގޮސް ކިތަންމެ ފަހަރަކު އާރާޝް ގޭގައި މަޑުކުރިއެވެ. އެއީ ތެދެކެވެ. ނަމަވެސް އާރާޝްއަށް އަހަންނަށް ދެވުނު ވަގުތެއް ކޮބާ ހެއްޔެވެ. ގޭގައި އިނަސް، އަހަންނާ ޖެހި ފިތިގެން އިނަސް އިންނަނީ ފޯނުން ގޭމް ކުޅޭށެވެ. ރައްޓެހިންނާއެކު އޮންލައިނުންނެވެ. ޕަބްޖީގެ އަވައިގައި، އެފޯރީގައި އޭނާގެ އަޑުގެ ކޮޅަށް ލެވި ހަޅޭއްތަކުގެ ކުރިމަތީގައި އަހަރެންގެ އަޑު މުޅިން އޮބިގެން ދިޔައީއެވެ.

ދެންވެސް އަހަރެން ދުލެއް ނުކުރަމެވެ. އެންމެ ފަހުވަގުތަށްވެސް އަހަރެން ކެތްތެރިވެ ހިތްވަރުކުރީމެވެ. ފަހުފިޔަވަޅު ކަމަށްދެކި ދަރިޔަކު ހޯދަން އާރާޝްއާއި މަޝްވަރާކުރީމެވެ. ނަމަވެސް އާރާޝްކުރީ ސާފު އިންކާރެކެވެ. އޭނާ ބޭނުމީ ކިޔަވަން ކަމަށް އޭނާ ބުންޏެވެ. ދެލޮލަށް ކަރުނަތައް އޮއްބާލާފައި އަހަރެން އެކަމަށްވެސް މަރުހަބާކީމެވެ. ނަމަވެސް އިންސާނަކަށްވީތީ އަހަރެންވެސް ބޭނުންވާ އެދުންތަކެއްވިއެވެ. އިހުސާސްތަކެއް ހިނގިއެވެ. ފިރިމީހާ ކައިރީގައި ހުރެމެ އެކަންކަން އަހަންނަށް ފުރިހަމަ ގޮތުގައި ފުއްދައިދެވުނު ކަމަކަށް ނުވިއެވެ. ދެމަފިރިކަމުގެ ގުޅުމަށްވެސް ހައްދަން ޖެހުނީ އެޕޮއިންޓްމަންޓެކެވެ. އެކަމަށްވެސް ޖެހެނީ ދުރާލާ ރާވާ ތައްޔާރުވާށެވެ. އެހެންނޫނީ އެކަމެއްވެސް ފުދޭ ކަމަކަށް ނުވިއެވެ. ވޭތުވެ ދިޔަ ދެއަހަރުތެރޭގައި ދެޖިސްމު އެއްޖިސްމަކަށްވެލުމުގެ ފުރުސަތު ލިބިގެން ދިޔައީ މަހަކު އެއްފަހަރުއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކުރިން އޮތް “އެކްސައިޓްމަންޓް” އެއްގޮތަކަށްވެސް ނެތެވެ. މުޅިންހެން ނެތިގެން ގެއްލިގެން ހިނގައްޖެއެވެ.

ގައިދުވަމުން، ގެއްލެމުން، ނެތެމުން، ބަލިކަށިވަމުން ދިޔަ ޒަވާޖައިގެން ދެންވެސް ކުރިއަށް ދެވޭތޯ އަހަރެން ބެލީ، އަހަރެންގެ ހިތުގައި އާރާޝްއަށްޓަކައި ދެގޮތެއްނުވެ އޮތް ލޯބީގެ ސަބަބުންނެވެ. ނަމަވެސް އެލޯބިވެސް އެގޮތުގައި ދެމެހެއްޓުމުގައި އާރާޝް ފޭލިވިއެވެ. އެހާދުވަސްވަންދެން މަތަކޮށްގެން، އޮއްބާލައިގެން، ހިންދާލައިގެން ހުރި އިހުސާސުތަކާއެކު ހިތްބަންޑުންވެ ލޮލުންހޯސްލާފައި ކަރުނަ އޮހޮރިގެން ދިޔައީ،މަންމަންވެފައިވާ އަނގައިން ހޭރިގަނެވުމާއެކީގައެވެ.  އެހާ އިތުބާުކޮށް، އެހާ ދުވަސްވަންދެން ނުކޮށް ހުރެފައި، އަލަށް އާރާޝްގެ ފޯނު ބަލާލި ދުވަހު ފެނުނު މުޑުދާރު މަންޒަރުތަކުންނެވެ. އެހެން އަންހެނަކާއެކު އޭނާގެ އޮތް ނާޖާއިޒް ގުޅުން ދެލޯ ކުރިމަތީގައި ބޭޒާރުވެގެން ދިއުމުންނެވެ.

އަހަރެން ރުއިމެވެ. ވަރަށް ރުއިމެވެ. ނަމަވެސް އިތުރަށް ކުރާނެ ޝަކުވާއެއް ނެތެވެ. އެކީގައި އުޅުންކަމުގެ ނަމެވެ. ކަމެއް ނެތެވެ. ކައިވެންޏެއް އޭރުވެސް ނެތް ވިއްޔާއެވެ. އާރާޝް އެއްވެސް ވާހަކައެއް ނުދައްކައެވެ. އިންކާރެއްވެސް ނުކުރެއެވެ. ނުވެސް ކުރެވޭނެއެވެ. އަހަރެމެންގެ ކައިވެނީގެ ކުލަ ފަނޑުވީ އެކަމުގެ ސަބަބުންނޭ ބުނާ ހިތެއް ނެތެވެ. ނަމަވެސް އެކަމާ ގުޅުމެއް ނުވެއެކޭވެސް ނުބުނެވޭނެއެވެ. ކައިވެނި ދަމަހައްޓަން އަހަރެން ކުރިވަރަށް އާރާޝްވެސް ހިތްވަރު ކުރިނަމަ ދެމިއޮތީސް ކަންނޭނގެއެވެ.

އަލިމަގެއް ނުފެނުމުން ދެމީހުން ދުރުވާން އަހަރެން އެދުނީމެވެ. ނަމަވެސް އެގޮތެއްވެސް އާރާޝް ބޭނުމެއް ނުވިއެވެ. ވިސްނުނީ ތޯއްޗެކެވެ. އާރާޝް އެދުނީ މާފު ކުރުމަށްފަހު އަލުންބަލުން ފަށާށެވެ. އަހަރެން އުފާވިއެވެ. ނަމަވެސް ހިތުގައި ވަނީ ލައްގަނޑެއްޖެހިފައެވެ. ވަގުތު ފާއިތުވީފަހުން ނަމަވެސް އާރާޝްއަށް ވިސްނުނީތީ އަހަރެން ޝުކުރުވެރިވީމެވެ.

ދެވަނަ ފުރުސަތެއް ދެވުނެވެ. އާރާޝް ވަރަށް މަސައްކަތްކުރިއެވެ. އަހަރެން އުފަލުގައި ގެންގުޅުމަށެވެ. އެންމެ ކުރީގެ ދިރިއުޅުން އާބާދު ކުރުމަށެވެ. ނަމަވެސް މަރުވެފައިވީ އަހަރެންގެ ހިތެވެ. ފިރިމީހާ ކިބައިން އިތުބާރު ނެތިގެންނެވެ. ޝައްކާ ވަހުމުން އަހަރެން ހިތް ހިޞާރުކޮށްފައިވީތީއެވެ.

އަހަރެންވެސް މަސައްކަތް ކުރީމެވެ. އާރާޝްއަށް އެއްބާރުލުން ދެވޭތޯއެވެ. ނަމަވެސް ދެންވެސް ކުރިއެރުމެއް ނުލިބުނެވެ. ކުދިކުދި މައްސަލަތައް ބޮޑެތިިވެ ގޭތެރޭގައި ހައިޖާނު އުފެދުނެވެ. ކިތަންމެ ލޯބިވި ނަމަވެސް ފޫހިވުމަށްފަހު ކުރިން އެދެވުނު ލޯތްބެއް އަނބުރާ ނުދެވޭނެއެވެ. ލައްގަނޑެއް ހިތުގައި ޖެހުމަށްފަހު ފަސޭހައިން ފިލުވައެއް ނުލެވޭނެއެވެ. އަހަންނަށްވެސްވީ އެހެންނެވެ. ކުރިއަށް ދެވޭ ގޮތެއް ނުވިއެވެ. އާރާޝްއާމެދު މުޅިއަކުން ހިތް ހެވެއް ނުކުރެވުނެވެ. އާރާޝްގެ ނަޒަރުން އަހަރެންވެސް ގައިދުވީއެވެ.

ލޯބިން ގުޅުނު ދެހިތެއް މިއަދުމިވަނީ ވަކިވެފައެވެ. ކައިވެންޏަށް 6 އަހަރު ފަހުންނެވެ. އެހާ ލޯބިން، އެހާ ގިނަ ދުވަހު ރައްޓެހިވެގެން އުޅެފައި ކައިވެނި ކުރުމުންވެސް ޖެހުނީ ވަކިވާށެވެ. މާޅައުމުރުގައި ކުރެވުނީމައޭވެސް ހިތަށް އަރައެވެ. ނަމަވެސް ވިސްނުންތެރިކަމާއެކު ދެމީހުންނަށް އެކުގައި، ކައިވެނި ދަމަހައްޓަން މަސައްކަތް ކުރެވުނު ނަމަ، ކިތަންމެ ޅައުމުރުގައި ކުރި ނަމަވެސް ދެމިއޮތީހެވެ. އެއްއަތް ތެޅިއަކަސް އަޑެއް ނުކިޔާނެއެވެ.  އެކަކު އަނެކަކަށް ލޯބިވާކަން ހާމަކޮށްދޭށެވެ. ހަމައެކަނި ބުނުމަކުން ނުފުދޭނެއެވެ. އަމަލުންވެސް އެކަން ދައްކާށެވެ. ކައިވެނީގެ އެކްސައިޓްމަންޓް ގެއްލުވާ ނުލާ ދަމަހައްޓާށެވެ. ވަފާތެރިވާށެވެ. އުފާވެރި ޒަވާޖެއް ލިބޭނީ އޭރުންނެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

ޢަބްދުﷲ ޝާހިދު