އޮކްސްފޯޑް ޔުނިވާސިޓީން ތައްޔާރުކުރި ކޮރާނާވައިރަސްގެ ވެކްސިން، 06 ރާމާމަކުނަށް ޖެހުމަށްފަހު ކޮވިޑް-19 ޖެހޭތޯ ބެލުމަށް ކުރި ތަހުލީލު ކާމިޔާބުވެއްޖެެއެވެ. ވެކްސިން ދިނުމަށްފަހު ކޮވިޑް-19 ވައިރަސް އަށް އެ ރާމާމަކުނުތައް އެކްސްޕޯސްކޮށް ބެލި ބެލުމުން، މަކުނަށް ކޮވިޑް-19 ނުޖެހޭކަން ވަނީ ހޯދިފައެވެ.

ރާމާމަކުނަށް ޓެސްޓްކޮށް، އެ ޓެސްޓްތައް ކާމިޔާބުވި ނަމަވެސް، އިންސާނުންނަށް މި ވެކްސިން ކާމިޔާބުވާނެ ކަމުގެ ޔަޤީންކަން އަދި ނެތަސް، ޖަނާވާާރުންނަށް ޓެސްޓްކޮށް ލިބޭ ނަތީޖާ ތަކަކީ ވެކްސިނެއް އިންސާނުންނާ ގުޅޭނެކަމަށް އުއްމީދު އާލާވާ ކަމެކެވެ.

އޮކްސްފޯޑުން މި ވެކްސިން އުފެއްދި ގްރޫޕުން މިދިޔަ ހަފުތާގައި ވަނީ އިންސާނުންނަށް މި ވެކްސިންގެ ޓެސްޓް ޑޯޒްތައް ދޭން ފަށާފައިކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އިންސާނުންނަށް މި ވެކްސިން ކާމިޔާބު ކުރެވުމާމެދު އެތަކެއް މަސްތަކެއް ނަގާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ދަ ނިއުޔޯކް ޓައިމްސް އިން މިދިޔަ ހޯމަ ދުވަހު ރިޕޯޓްކުރިގޮތުން، ރާމާމަކުނަށް މި ވެކްސިން ޓެސްޓްކޮށްފައިވަނީ ހެމިލްޓަން މޮންޓާނާގައި ހުންނަ ރޮކީ މައުންޓަން ލެބޯރަޓަރީގައި މިދިޔަ މާރިޗް މަހު ފަހުކޮޅުގައެވެ. ރާމާމަކުނު ތަކަށް ވެކްސިން ދިނުމަށްފަހު، ކޮރޯނާވައިރަސްގެ ވަރުގަދަ ޑޯޒްތަކަކަށް މަކުނުތައް ހުށަހެޅުނެވެ. 28 ދުވަސް ފަހުން ޓެސްޓްކޮށް ބެލި އިރުވެސް މަކުނުތަކަށް ކޮވިޑް-19 ނުޖެހޭކަން ވަނީ އެނގިފައެވެ.

ޓެސްޓްކުރުމަށް ބޭނުންކުރި ރީސަސް މެކާކް މަކުނަކީ އިންސާނުންނާއި އެންްމެ އެއްގޮތް ޖަނަވާރުކަމަށް އޮކްސްފޯޑް ލެބޯރަޓަރީގެ ވައިރަސް އިކޮލޮޖީ ޔުނިޓްގެ ވެރިޔާ ވިންސެންޓް މަންސްޓަރ ވިދާޅުވިކަމަށް ދަ ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކުރެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.