ކޮވިޑް-19 ބައްޔަށް ޝައްކު ކުރެވޭ މީހަކާއި ގާތުން އެއްތާވެފައިވާނަމަ، އެކަން ދެނެގަންނަން އެހީވެދޭނެ އެޕްލިކޭޝަނެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ތަޢާރަފު ކޮށްފިއެވެ.

ސިންގަޕޫރުގެ “އޯޕަން ޓްރޭސް” ލައިބްރަރީގެ މައްޗަށް ބިނާކޮށް، ދިވެހި ޑިވެލޮޕަރުންގެ ޓީމަކުން، ރާއްޖެއަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ، މި އެޕްލިކޭޝަން ދިވެހި، އިނގިރޭސި އަދި ބެންގާލީ ބަހުން ބޭނުންކުރެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

މި އެޕްލިކޭޝަނުން ބްލޫޓޫތު ސިގްނަލް މެދުވެރިކޮށް، އެޕްލިކޭޝަން ބޭނުންކުރާ އެހެން މީހުން ކާރީގައިވާނަމަ ދެނެގަނެވޭނެއެވެ. އެގޮތުން، ފޯނުގެ ބްލޫޓޫތް މެދުވެރިކޮށް މިނެޓަކު ދެތިންފަހަރު “ބީކަން” އެއް ފޮނުވާލައެވެ. މި ބީކަންގައި އެކުލެވިގެންވަނީ އެޕް ބޭނުންކުރާ ފަރާތަަށް ދޫކުރެވޭ އައިޑީ އެކެވެ. މި އައިޑީ އަކީ ކޮންމެ 15 މިނެޓަކުން ބަދަލުވާ އައިޑީއެކެވެ. އެހެންކަމުން އެހެން ފަރާތްތަކަށް އެ ބީކަންއަކީ ކާކުގެ ބީކަން އެއް ކަމެއް ނޭނގޭނެއެވެ. ބީކަންއެއް ފެނިއްޖެނަމަ، “ޓްރޭސްއެކީ” އެޕް އޭގެ ރެކޯޑެއް ރައްކާކުރާނެ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

އެގޮތަށް ރައްކާކުރެވޭ މަޢުލޫމާތު އޮޓޯއިން އެޗްޕީއޭއަށް ނުފޮނުވާނެ ކަމަށާއި، ރެކޯޑާއި އެކީ އިތުރު އެއްވެސް ޒާތީ މަޢުލޫމާތެއް، މިސާލަކަށް ލޮކޭޝަން ފަދަ މަޢުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް ރައްކަލެއް ނުކުރާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.

އެޕްލިކޭޝަން ގައި ޒާތީ މަޢުލޫމާތު ގެންގުޅޭ ގޮތުގެ ޕޮލިސީ، އެޗްޕީއޭ ގެ ވެބްސައިޓްގައި ޝާއިޢު ކޮށްފައި ވާނެއެވެ.​ އަދި، ތިރީގައިވާ ލިންކް ބޭނުންކޮށްގެން ވެސް ވަދެވޭނެއެވެ.

https://trace.hpa.gov.mv/privacy.html

އެޕްލިކޭޝަން އަޅާފައިވާ ފަރާތަކުން ކޮވިޑް-19 އަށް ޝައްކުކުރެވޭނަމަ، އެޗްޕީއޭ އިން އެމީހަކަށް ގުޅައި، މި ޑޭޓާ އެ އެޕްލިކޭޝަނަށް އަޕްލޯޑް ކުރުމަށް އެދޭނެއެވެ. މި ޑޭޓާ އަޕްލޯޑު ކުރާނީ އެފަރާތުގެ ރުހުން ހޯދައިގެން، އެމީހެއްގެ އިޙްތިޔާރުގައެވެ. އެ ޑޭޓާ އަޕްލޯޑް ކުރުމުން އެމީހަކާއި ބައްދަލުވީ ކޮންބައެއްކަން ދެނެގަނެވި، އޭގެތެރެއިން އެންމެ ރިސްކް ބޮޑީ ކޮންބައެއްކަން އެނގިގެންދާނެ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

މިފަދަ އެޕްލިކޭޝަން ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިވަގުތު ބޭނުން ކުރާއިރު، އެޕްލިކޭޝަންގެ ކާމިޔާބީ ބިނާވެފައިވަނީ ވީހާވެސް ގިނަ މީހުން މި އެޕްލިކޭޝަން އިންސްޓޯލް ކޮށް ބޭނުންކުރުމާއެވެ. ޙާއްޞަކޮށް، އެކި ކަންކަމުގައި މިދުވަސްވަރު ބޭރުގައި އުޅޭ، ނުވަތަ މީހުންނާއި ބައްދަލުވާ ހާލަތުގައި ތިބި މީހުން މި އެޕްލިކޭޝަން ބޭނުންކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ. މިވަގުތަށް ޓްރޭސްއެކީ އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނީ ގޫގުލް ޕްލޭ ސްޓޯރުން ކަމުގައި ވިޔަސް ވަރަށް އަވަހަށް އެޕަލް ސްޓޯރުން ވެސް މި އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެގޮތް ހަދާނެއެވެ. ޓްރޭސްއެކީ އެޕްލިކޭޝަން ތިރީގައިވާ ލިންކް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެއެވެ.

https://play.google.com/store/apps/details?id=mv.gov.mohiru

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.