އުމުރުން ތިރީހުގެ އަހަރުތައް ގުނަމުންދާ ނިޔާޒްއަކީ މަތިވެރީ އަންހެނަކާއި ކައިވެނިކޮށްގެން އެރަށުގައި ވަޒަންވެރިވެފައިވާތާ އަށް އަހަރު ވެފައިވާ މީހެކެވެ. ޒިންމާދާރު ފިރިއެކެވެ. ލޯބިލޯބި ދެކުދިންގެ ބައްޕައެކެވެ. މީހުންގެ ލޯތްބާއި ޤަދަރު ލިބިފައިވާ ހިތްހެޔޮ އޯގާތެރި މީހެކެވެ. ދަރިވަރުންދެކެ އިންތިހާއަށް ލޯބިވާ މުދައްރިސެކެވެ. އޭނާ އެކޭ އެއްފަދައިން އޭނާގެ ދަރިވަރުންވެސް އޭނާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އެއީ އެކުދިންގެ ދެވަނަ ބައްޕަ ކަމުގައި ބުނަނީ ފަޚުރުވެރިކަމާއެކުގައެވެ. އޭނާގެ ފަރާތުން އެކުދިންނަށް ދެމުންދާ ހެޔޮ ނަސޭޙަތާއި ހިތްވަރުގެ ސަބަބުންނެވެ.

މެންދުރު ފަހު ދޭއް ޖެހިއިރު ސްކޫލުން ނިމިގެން ނިޔާޒް ގެއަށް އައިއިރު އޭނާގެ އަންހެނުން ފިރާޝާ ހުރީ އޭނާގެ އިންތިޒާރުގައި ގޭގެ ދޮރުމަތީގައެވެ. ހިނިތުންވެފައި ހުރި ފިރާޝާ ފެނުމާއެކު ނިޔާޒްއަށް ހީވީ އޭނާ ވެފައިހުރި ވަރުބަލިކަންވެސް ފިލައިގެން ދިޔަހެންނެވެ. އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. އޭނާ ވަޒީފާގައި ބުރަކޮށް އުޅެފައި އަންނައިރު ފިރާޝާ ހުންނާނީ އޭނާއަށް ވަގުތު ހުސްކޮށްގެން އޭނާގެ އިންތިޒާރުގައި ގޭގެ ދޮރުމަތީގައެވެ. އޭނާ ވަރުބަލިވެގެން ގެއަށް އައިސް ވަންނަ ވަގުތު ދުވަހަކުވެސް ޝަކުވާއެއް ނުކުރާނެއެވެ. އެ ދެމީހުންނާއި ލޯބިލޯބި ދެކުދިންގެ މުސްތަޤުބަލަށްޓަކައި އޭނާ ކުރާ ކޮންމެ ކަމަކަށްވެސް ފިރާޝާ ހުންނާނީ ފުރިހަމައަށް އެހީތެރިކަން ދޭން ތައްޔާރުގައެވެ. އެދެމީހުންގެ މެދުގައި ބޮޑު މައްސަލައެއް ނުޖެހި ދިރިއުޅުމައިގެން ކުރިއަށްދެވޭ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ.

“މިއަދު ހީވޭ އެހެން ދުވަސްދުވަހަށްވުރެ މާ ވަރުބަލިވެފައި ހުރިހެން.. މިއަދު މާ ބުރައީތަ؟” ނިޔާޒް ބޭލި ގަމީސް ކޮނޑުގައި އަޅުވާލަމުން ފިރާޝާ އަހާލިއެވެ.

“އާނ.. މިއަދު ވަރަށް ބުރަ ދުވަހެއް.. ޓެސްޓުތައް ފެށޭ ދުވަސް ޖެހޭތީ ޓެސްޓު ޕޭޕަރުތައް ހެދުމުގައި މިއުޅެނީ.. އަދި މިއަދު އަހަރެންގެ ކުލާސްތައް ނޫން އިތުރު ދެ ކުލާހަކަށްވެސް ދާން ޖެހުނު އެކުލާސްތަކުގެ ޓީޗަރު ސްކޫލަށް ނުދާތީ.. ދިވެހި ކިޔަވައިދޭ ޓީޗަރުންނެއް ނެތް ވިއްޔަ ސްކޫލަކު.. ޓެސްޓު ފެށެން އެހާ ކައިރިވެފައި އޮތީމަ ކުލާސް ކެންސަލްވަންޏާ ކިހާ ދެރަވާނެ ކުދިންނަށް..” ނިޔާޒް އެނދުގައި އިށީނދެލަމުން ކިޔައިދިނެވެ.

“އާނ.. ކުދިންނަށް ދެރަވާ ގޮތަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ..” ފިރާޝާ ހިނިތުންވެލަމުން ބުނެލިއެވެ.

“ކީއްކުރާނީ؟ ދިވެހި ޓީޗަރުން އުފެދޭނީވެސް ކިހިނެއް؟ މިހާރު ދިވެހިންނަށް ދިވެހި ބަހަކީ ދެން މާ ކަމުނުދާ ބަހެއް.. މިޒަމާނުގެ ގޮތަށް ބުނަންޏާ ކަޑަ ބަހެއް.. ދިވެހި ބަހުން ވާހަކަދައްކަންވެސް ލަދުގަންނަ މީހުން ގިނައީ މިހާރު.. އަސްލު އެހެން އެވަނީ ސްކޫލުތަކުންނާއި ބެލެނިވެރިންވެސް ހައްދާ ގޮތުންނޭ އަހަރެން ބުނާނީ.. އާނ އެހެންނު ވާނީ.. ކުއްޖާއަށް ކިރިޔާ ދުލުކުރިން ބަހެއް ކިޔޭވަރު ވާއިރު އޭ.ބީ.ސީ.ޑީ ވިއްޔަ ކިޔައިދެނީ.. ކީއްތަ ވާނީ އެންމެ ފުރަތަމަ ހާ.ށަވިޔަނި ކިޔައިދިނިއްޔާ.. ފުރަތަމަ ދިވެހި ބަހުން ވާހަކަދައްކަން ފަރިތަކުރުވިއްޔާ.. އަހަރެމެން މީހަކު މިހެންވެސް ބުނެފިއްޔާ ބުނާނެ ދިވެހި ބަހަކީ އެހެން ޤައުމުތަކުގައި ބޭނުންކުރެވޭ ބަހެއްނޫނޭ.. އިނގިރޭސި ކިޔަވައިގެންނޭ މިހާރު ދުނިޔޭގައި އުޅެވެން އޮތީ.. އިނގިރޭސި ނުކިޔަވާށެކޭ ނޫން.. ދިވެހި ބަސް ދޫކޮށްނުލާށޭ އަހަރެންގެ ވާހަކައަކީ..” ނިޔާޒް އޭނާގެ ހިތުގައިވާ ޝަކުވާތައް ބަންޑުންކޮށްލިއެވެ. ފިރާޝާ ނިޔާޒްގެ ވާހަކަތައް ކަނުލައި އަޑުއެހިއެވެ. ނިޔާޒްގެ ވާހަކައަށް އޭނާ ފުރިހަމައަށް ތާއީދުކުރިއެވެ.

“ޕޯޑިއަމެއް ގެނެސްދެންތަ؟” ފިރާޝާ ސަމާސާކޮށްލިއެވެ.

“އަވަހަށް ގެނޭ..” ނިޔާޒްވެސް ފިރާޝާގެ ސަމާސާގައި ބައިވެރިވިއެވެ.

“ދޭބަލަ ފެންވަރާލައިގެން ކާން އަންނަން.. ހުންނާނެ ވަރަށް މީރު އެއްޗެއް ހަދާފައި..” ފިރާޝާ ނިޔާޒްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

“ފިރާ ކޮން އެއްޗެއްތަ ނުބައިކޮށް ހަދަނީ؟ އަހަރެންނަށް ފިރާ ހަދާ ހުރިހާ އެއްޗެއްވެސް ވަރަށް މީރު..” ފިރާޝާގެ ކޮލުގައި ހިފާލަމުން ނިޔާޒް ލޯތްބާއެކު ބުނެލިއެވެ.

“ހޫނ ދެން ހެވޭ އަހަރެން ގޯނި ފުލަށް ނުލިޔަކަސް.. އަވަހަށް ދޭ ދެން ފެންވަރައިގެން އަންނަން..” ފިރާޝާ ހިނިތުންވެލާފައި ބުނެލިއެވެ.

“އާނ.. މި އަންނަނީ އިރުކޮޅަކުން..” ނިޔާޒް އެހެން ބުނެފައި ތުވާލި ހިފައިގެން ގޮސް ފާޚާނާއަށް ވަނެވެ. ނިޔާޒް ފާޚާނާއަށް ވަނުމުން ފިރާޝާ ނިޔާޒް ދެން ލާންވީ އެއްޗެހި ނަގައި އެނދުމަތީ ބާއްވާލާފައި ދިޔައީ ބަދިގެއަށެވެ. ކުޑަ އިރުކޮޅެއް ފަހުން ނިޔާޒް ތައްޔާރުވެލައިގެން ބަދިގެއަށް އައިސް ވަނެވެ.

“ފިރާ.. ކޮބާ ބައްޕައަށް ކާން ދީފިންތަ މިހާރު؟” ނިޔާޒް އައިސް މޭޒު ކޮޅުގައި ހުރި ގޮނޑީގައި އިށީންނަމުން އަހާލިއެވެ. ނިޔާޒް އެ ސުވާލުކުރީ ފިރާޝާގެ ބައްޕައާއި ބެހޭގޮތުންނެވެ. ފިރާޝާގެ ބައްޕަ ބަކުރަކީ ހަށިގަނޑުގެ އެއްފަޅީގައި ވާގި ނެތުމުގެ ސަބަބުން ބަލި އެނދުގައި އޮންނަ މީހެކެވެ. ފިރާޝާއާއި ކައިވެނިކުރުމަށްފަހު ބަކުރުގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ ނިޔާޒްއެވެ. ބަކުރަކީ އޭނާގެ އުފަން ބައްޕަކަމަށް ދެކިގެންނެވެ.

“ނޫނޭ.. މިއަދު ބައްޕައަށް ހޭލެވުނީ ތަންކޮޅެއް ލަހުން.. އެހެންވެ ވަރަށް ފަހުން ސައި ބޮވުނީ.. އެހެންވެ އަދި އިރުކޮޅަކުން ކާންދޭން ކަމަށް..” ފިރާޝާ ނިޔާޒްއަށް ކާއެއްޗެހި ގާތްކޮށްދެމުން ބުނެލިއެވެ.

“އެހެންތަ؟ އެހެންވިއްޔާ އަހަރެން ކައިގެން މިދަނީ އިނގޭ ބައްޕައަށް ކާންދޭން.. ކޮބާ ކުދިވެރިން؟” ނިޔާޒް އަހާލީ ގޭތެރެއިން އެއްވެސް ކުއްޖެއްގެ އަޑު ނީވޭތީއެވެ.

“ނިޔާފް ވީ ޤުރުއާން ކުލާހުގައި.. ސަޒްރާ ވީ ޓިއުޝަނުގައި..” ފިރާޝާ ނިޔާޒްގެ ގާތުގައި ހުރި ގޮނޑީގައި އިށީނެވެ.

“ނިޔާ.. އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެފައި..” ފިރާޝާ ބުންޏެވެ.

“ކޮން ވާހަކައެއް؟ އަވަހަށް ބުނޭ.. އަހަރެން އަޑުއަހަން މީނީ..” ނިޔާޒް އެހެން ބުނެލަމުން ފިރާޝާ ދައްކަން އުޅޭ ވާހަކައަށް ސަމާލުވެލިއެވެ.

“އަހަރެން ބުނީ އަނެއްކާވެސް ނިޔާގެ މަންމަ މިކޮޅަށް ގެނެވޭތޯ ހިނގާށޭ އުޅެމާ..” ފިރާޝާ އެހެން ބުނެލުމުން ނިޔާޒަށް ފިރާޝާއާއި ދިމާއަށް ބަލާލެވުނެވެ.

“ފިރާ.. އަހަރެންވެސް ބޭނުން މަންމަ އަހަރެން ކައިރިއަށް ގެންނަން.. އެކަމަކު މަންމައެއް ނާންނާނެ.. އަހަރެންނަށް ކިހާ ވަރަކަށް މަސައްކަތް ކުރެވިއްޖެ މަންމަ މިކޮޅަށް ގެނެވޭތޯ.. އެކަމަކު ރަށުގައި ނޫނީ ފަސްގަނޑު ދަށުލެވޭކަށް ބޭނުމެއްނޫނޭ ކިޔަން އެ ހުންނަނީ.. މަންމަ ގޮތް ދުލެއް ނުކުރާނެ..” ނިޔާޒް ދެރަވެފައި ބުންޏެވެ.

“އަޅެ އަދި މަސައްކަތްކޮށްލަމާ ހިނގާބަލަ.. ފަހަރެއްގައި މަންމަ އެއްބަސްވެސް ވެދާނެއެއްނު.. އެއްބަސް ނުވެއްޖެއްޔާ ހިނގާ މި ޓާމް ނިމުނީމަ ބަދަލުވާން ނިޔާމެން ރަށަށް.. މަންމައަކީ މުސްކުޅިއެއް.. މިހާރު މަންމައަށް އަހަރެމެންގެ އެހީ ބޭނުންވާނެ.. ނިޔާ ނޫނީ މަންމައަށް އަޅާލާނެ މީހަކުވެސް ހުރީއެއް ނޫނެއްނު..” ފިރާޝާ ވިސްނީ ހަމައެކަނި ނިޔާޒްގެ މަންމައާއި ދޭތެރޭގައެވެ. އެއީ އޭނާ އަބަދުވެސް ނިޔާޒް ގާތު ދައްކާ ވާހަކައެކެވެ. ނަމަވެސް ނިޔާޒްގެ މަންމަ މަތިވެރިއަށް ދިރިއުޅުން ބަދަލުކުރަން އެއްބަސް ނުވެގެން އެކަން ކާމިޔާބު ނުވީއެވެ. އެހެންކަމުން ފިރާޝާ ނިންމީ އެންމެފަހު ފަހަރަށް ނިޔާޒްގެ މަންމަ ގާތުގައި އެހުމަށްފަހު މަތިވެރިއަށް އަންނަން އެއްބަސްނުވެއްޖެނަމަ އެރަށަށް ބަދަލުވާށެވެ.

“ފިރާގެ ބައްޕަވެސް ގޮވައިގެންނު ދާންވާނީ..” ނިޔާޒް ވިސްނާލީ ބަކުރާއި މެދުގައެވެ.

“އާނ.. ބައްޕަވެސް ގޮވައިގެން ދާނީ..” ފިރާޝާ ހިނިތުންވެލަމުން ބުނެލިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ޓާމް ބަންދު އައިސްފިއެވެ. ނިޔާޒް ފުރައިގެން އޭނާގެ ރަށަށް ދިޔައީ އޭނާގެ މަންމަ ހަސީނާ ބަލައެވެ. ހީކުރި ވަރަށްވުރެ ފަސޭހައިން ހަސީނާ ނިޔާޒްއާއިއެކު ދިއުމަށް އެއްބަސްވިއެވެ. މަންމަގެ ވިސްނުން އެހާ ފަސޭހައިން ބަދަލުވީ ކީއްވެބާވައޭ ނިޔާޒްގެ ހިތަށް އެރިއެވެ. ފަހަރެއްގައި މަންމަގެ ހާލަތާއިމެދު ވިސްނާލާފައި އެކަނި ނޫޅެވޭނެކަން ޤަބޫލުކުރީކަމަށް ވެދާނެޔޭ ނިޔާޒްގެ ހިތަށް އެރިއެވެ.

“ފިރާ.. ސްކޫލްގެ ފަރާތުން ދަރިވަރުންތަކެއް ގޮވައިގެން އެބަޖެހޭ އުކުޅަހަށް ގޮސްލަން ޓްރިޕަކަށް.. ދެދުވަސްވަރު ވާނެހެން ހީވަނީ..” ނިޔާޒް އެއްދުވަހެއްގެ ކެއުމުގެ ވަގުތުގައި ބުނެލިއެވެ.

“އެހެންތަ؟ ކޮން ދުވަހަކު ފުރަނީ؟” ފިރާޝާ އަހާލިއެވެ.

“މާދަމާ ހެނދުނު އަށެއް ޖަހާއިރު ފުރުން އޮތީ..” ނިޔާޒް ބުންޏެވެ.

“އެހެންތަ؟” ކުއްލިއަކަށް ދަތުރެއް ރޭވުމުން ފިރާޝާއަށް ހައިރާންވެފައި އަހާލެވުނެވެ.

ހެނދުނު ހެނދުނާ ނިޔާޒް އޭނާގެ ދެކުދިންނަށް ގޮވައި ނެގިއެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން އެކުދިން ފަތިސް ނަމާދަށްފަހު ނިދީއެވެ.

“ދަރިފުޅުމެން މަންމަގެ ބަސް އަހައިގެން އުޅެއްޗޭ.. ބައްޕަ މިދަނީ ސްކޫލްގެ ކަމަކު އުކުޅަހަށް ދާންވެގެން.. ޤުރުއާން ކިޔަވައި ނަމާދުކުރައްޗޭ.. ފިލާވަޅުތައް ދަސްކުރައްޗޭ.. މަންމަގެ ބަސް އަހައްޗޭ.. މާމައާއި ކާފައަށް އުނދަގޫ ނުކުރައްޗޭ..” ނިޔާޒް އެތައް ނަސޭޙަތެއް އެދެކުދިންނަށް ދިނެވެ.

“ލައްބަ ބައްޕާ..” ދެކުދިން އެއްއަޑަކުން ބުންޏެވެ.

“ފިރާ.. އާދެބަލަ ކޮޓަރިއަށް..” ނިޔާޒް ފިރާޝާ ގޮވައިގެން ކޮޓަރިއަށް ދިޔައެވެ. ދެކުދިން ހިނިތުންވެފައި ޕްލޭ ސްޓޭޝަންއިން ގޭމް ކުޅެން ފެށިއެވެ.

“ފިރާ.. އަހަރެން ވަރަށް ލޯބިވޭ.. އަހަރެން ގާތުގައި ދެގޮތެއްނުވެ ހުރެދެއްޗޭ.. މަންމައާއި ބައްޕައަށް ރަނގަޅަށް ބަލާތި..” މާނޭވައި ލެވިލެވި އޮތް ނިޔާޒް ހަމައަކަށް އެޅުމުން ބުނެލިއެވެ.

“ނިޔާ މިއަދު ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ؟ އަހަރެން ވަރަށް ހިތް ނުތަނަވަސްވޭ އެބަ..” ފިރާޝާ ހޭލީއްސުރެ ހުންނަނީ ހިތް ނުތަނަވަސްވެފައެވެ. އަދި ނިޔާޒް މިއަދު ދައްކާ ވާހަކަތަކުން އޭނާގެ ނުތަނަވަސްކަން އިތުރުވިއެވެ.

“އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..” ނިޔާޒް ބުނެލިއެވެ.

“ނިޔާ.. އަވަސްކުރޭ.. މިހާރު އެއޮއްގެން ހަތްގަޑި ބައިވަނީ..” ފިރާޝާ ގަޑިއަށް ބަލާލަމުން ބުނެލިއެވެ. ނިޔާޒް ކަންނެތްކަމާއެކު ތެދުވެގެން ފާޚާނާއަށް ދިޔައެވެ. އޭނާ ފެންވަރާލައިގެން ނުކުތްއިރު ފިރާޝާވެސް ހުރީ ފެންވަރާލައިގެންނެވެ. ނިޔާޒް ނުކުތުމުން ފެންވަރަން ހުރެގެން މާ ލަސްވާނެތީ އޭނާ ސަޒްރާގެ ކޮޓަރިއަށް ދިޔައީއެވެ.

“ފިރާ.. އަހަރެން ދެން ދަނީ އިނގޭ.. ކުދިންނަށް ރަނގަޅަށް ބަލައްޗޭ.. މަންމައާއި ބައްޕަވެސް..” ނިޔާޒް ފިރާޝާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. ފިރާޝާ ބޯޖަހާލިއެވެ. ސިޓިންގރޫމަށް ނުކުމެ ދެކުދިން ގޭމު ކުޅެން ތިއްބާ ގެނެސް ގަޔާލައި ބޮނޑިކޮށްލާ ލޯބިކޮށްލާފައި ނިޔާޒް ނުކުންނަމުންވެސް އެކުދިންނަށް ބަސްއަހައިގެން އުޅުމަށް ނަސޭޙަތް ދިނެވެ.

ނިޔާޒް ސްކޫލަށް ދިޔައިރު ކުދިންނަށް ސްކޫލް ގޯތިތެރެއަށް ޖަމާވަމުން ދިޔައެވެ. ގްރޭޑް ދިހައެއްގެ ދެކުލާސް އެއްކޮށްލައިގެން ޖުމުލަ ވިހި ކުދިން ދަތުރުގައި ބައިވެރިވިއެވެ. ވިހި ކުދިންގެ އިތުރުން ސްކޫލުގެ ފަރާތުން ދިހަ ޓީޗަރުން ބައިވެރިވިއެވެ. އޭގެ އިތުރުން ގިނަ ކުދިންގެ ބެލެނިވެރިންވެސް ބައިވެރިވިއެވެ. ހަތްގަޑި ސާޅީސް ފަހެއް ވީއިރު ހުރިހާ ކުދިން ތިބީ ހަމަވެފައެވެ. އެރަށަށް ދިއުމަށްފަހު ދަރިވަރުންގެ ޢަމަލުތައް ހުންނަންވާނެ ގޮތާއި އެރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ޕްރޮގްރާމް ގައިޑު ކިޔައިދިން އިރު ހުރިހާ ކުދިންނާއި ބެލެނިވެރިން ފަރުވާތެރިކަމާއެކު އަޑުއެހިއެވެ.

އަށެއް ޖެހިއިރު ދޯނި ފުރައިފިއެވެ. އޮމާން ދަތުރެއްގައި މަންޒިލާއި ހަމައަށް ދެވުނެވެ. ވުމާއެކު ދަތުރުގެ ހަރަކާތްތަކައިގެން އެމީހުން ކުރިއަށް ދިޔައީ ހުކުރު ނަމާދަށް ފަހުގައެވެ. ދެދުވަހުގެ ދަތުރު ނިންމާލުމަށްފަހު އެމީހުން ދަތުރު ފެށީ އާދީއްތަ ދުވަހުގެ ހެނދުނު ސައި ބޮއިގެންނެވެ. ކަނޑު މަޑު ދުވަހެއްކަމުން އެންމެންވެސް ތިބީ ވަރަށް ހަމަޖެހިލާފައެވެ. ނަމަވެސް ދަތުރުގެ މެދާއި ހަމައިން ވަރުގަދަ ވިލާގަނޑެއްގައި ޖެހުނެވެ. ބޯކޮށް ވެހެމުންދިޔަ ވާރެއާއި ޖެހެމުންދިޔަ ގަދަ ވައިގެ ސަބަބުން ދޯނިތެރެ އެއްކޮށް ބަންދުކޮށްފައި އޮތްއިރުވެސް ފިނިވެގެން ގުޑުގުޑުލާހާވެއެވެ. ކަނޑުވެސް އިންތިހާއަށް ގަދަވިއެވެ. ދެންމެ ދެންމެ ބަންޑުން ޖަހާލަފާނެހެން ހީވި ކިތަންމެ ފަހަރެއް ދިޔައެވެ. އެއްކޮށް ބަންދުކޮށްފައި ހުރުމުން އުދާސްވާ ގޮތެއް ހުރުމުން އޭގެ އަސަރު ދޯނިތެރޭ ތިބި ބައެއް ކުދިންނަށް ކުރިއެވެ. އެއްކުއްޖަކު ހޮޑުލަވާ ވާހަކަ ބުނުމުން ނިޔާޒް އެކުއްޖާ ގޮވައިގެން ބޭރަށް ނުކުތީ އެތެރޭގައި ތިއްބާ އެކުއްޖާ ހޮޑުލައިފިނަމަ އެހެން ކުދިންނަށްވެސް ހޮޑު ލެވިދާނެތީއެވެ.

އެކުއްޖާ ހޮޑުލައި ނިމުމުން ނިޔާޒް އެކުއްޖާ ގެންގޮސް ގެގަނޑު ތެރެއަށް ވެއްދިތަނާ ޖެހި ބޮޑު ރާޅަކާއިއެކު ދޯނި އަރިކޮށްލި ވަގުތު ތަނެއްގައި ނުހިފެހެއްޓިގެން ނިޔާޒް ވެއްޓުނީ މާސިންގާ ކަނޑަށެވެ. ވާރޭގެ އަޑާއި އިންޖީނުގެ އަޑާއި އެކުވެގެން ނިޔާޒްގެ އަޑު އެކަކަށްވެސް ނީވުނެވެ. ނިޔާޒަށް ފަތަން އެނގުނު ނަމަވެސް ކަނޑުގެ އެ ބިޔަ ރާޅުތަކުތެރޭ އެއްވެސް ކަމެއް ނުކުރެވުނެވެ. ދެފަހަރަކު ދޯނީގައި ހިފަހައްޓާލެވުނު ނަމަވެސް އޭނާގެ އަތް ދެފަހަރުވެސް ދޫވެގެން ދިޔައީއެވެ. ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭ ސަލާމަތްވެވޭތޯ ތެޅިފޮޅެމުން ދިޔައިރު އޭނާގެ އެ ހަރަކާތްތަކަށް ހުއްޓުމެއް އައީ އޭނާގެ ފަޔަށް ދިލަ ތޫނު ތަދެއް އެރުމުންނެވެ. ކަފައިގެން ދިޔަކަން އޭނާއަށް ޔަޤީންވީ ކަރަން ފެށުމުންނެވެ. އެހިސާބުން މަޑުމަޑުން އޭނާގެ ހޭވެރިކަން ނެތެމުން ދިޔައީއެވެ.

ނިޔާޒް އެތެރެއަށް ނުވަދެ ގިނައިރު ވުމުން އޭނާ ކޮބައިތޯ ބަލަން ބޭރަށް ނުކުތީ ފާއިޒެވެ. އޭނާ ނުކުތްއިރު ނިޔާޒްގެ ހިލަމެއްވެސް ނެތެވެ. އޭނާ ދޯނީގެ އެއްވެސް ހިސާބެއްގައި ނެތްކަން އެނގުމުން އޭނާ ކަނޑަށް ވެއްޓުނީކަން ޔަޤީން ކުރެވުނެވެ. ކިތަންމެ ވަރަކަށް ހޯދިޔަސް ކަނޑުގެ ބިޔަ ރާޅުތަކާއި ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުން ނިޔާޒް ނުފެންނާނެކަން އެމީހުންނަށް ޔަޤީންވިއެވެ.

ނިޔާޒް ކަނޑަށް ވެއްޓި ގެއްލުނު ޚަބަރާއިއެކު މުޅި ރަށަށްވެސް ލިބިގެން ދިޔައީ ފުން ހިތާމައެކެވެ. ހެޔޮލަފާ، މީހުންގެ ޤަދަރު ލިބިފައިވާ މީހަކު ވަކިވެ ދިއުމުންނެވެ. ރަށާއި ޤައުމަށް ޚިދުމަތްތެރި ދިވެހި ދަރިއަކު ވަކިވެ ދިއުމުންނެވެ. ދަރިވަރުން އެންމެ ލޯބިވާ މުދައްރިސް ވަކިވެ ދިއުމުގެ ހިތާމަ ސްކޫލުންވެސް ދިޔައީ ފެންނަމުންނެވެ. ދިވެހި ގަޑިއަކީ ހުރިހާ ކުދިންނަށް ނިޔާޒްގެ ހަނދާންތައް އާވެގެންދާ ވަގުތުތަކެކެވެ. ނަމަވެސް ނިޔާޒް ވަކިވުމުގެ ހިތާމަ އެންމެ ބޮޑަށް ކުރާ މީހަކީ ނިޔާޒްގެ މަންމައެވެ. އޭނާއަށް ނިޔާޒްގެ ގާތަށް އާދެވުނީ ނިޔާޒްގެ މަރު ދެކެންވެގެންނޭ އޭނާ ބުނެއެވެ. ނިޔާޒްގެ ކުއްލި ވަކިވުމާއެކު ހަސީނާގެ ހާލަތު ވަރަށް ދަށަށް ދިޔައެވެ. ރަނގަޅަށް ނުކެވުމުގެ ސަބަބުން އޭނާގެ ހަށިގަނޑު ދުވަހަކަށްވުރެ ދުވަހެއް ދިޔައީ ބަލިކަށިވަމުންނެވެ.

ނިޔާޒްގެ ފުރާނަ ނެތް މަސްގަނޑު ފެނުނީ އޭގެ ހަތަރު ދުވަސް ފަހުން މާކަނޑުގެ މެދުންނެވެ. އޭނާގެ ހަށިގަނޑަށް ލިބިފައިވާ ގެއްލުންތަކުންވެސް އެއީ މަރުގެ އެތިފަހަރެއްކަން ޔަޤީންވާނެއެވެ. ކަނާއަތު ފައިގެ ކަށިމަތީގެ މެދުން ވަނީ ބުރިވެފައެވެ. އޭގެ އިތުރުންވެސް ޒަޚަމްތަކެއް އޭނާގެ ހަށިގަނޑަށް ވަނީ ލިބިފައެވެ.

ފިރާޝާއަކީ ކެތްތެރިކަމުގެ ނަމޫނާއެކެވެ. ހުރިހާ ހިތާމަތަކެއް ހިތުގައި ފޮރުވައިގެން އޭނާގެ ދަރިންނާއި މަންމައާއި ބައްޕައަށް ޚިދުމަތްކުރަނީ ހިނިތުންވެފައިވާ މޫނަކައިގެންނެވެ. ހިތުގައި އަޅާ ވޭން އެމީހުންނަށް ދައްކައިގެން އެމީހުންނަށް ލިބޭ ހިތްދަތިކަން އިތުރުކުރަން އޭނާ ބޭނުން ނުވަނީއެވެ. ނިޔާޒްގެ ދެކުދިންނަށްވެސް ފިރާޝާ ދައްކަމުން ދިޔައީ ކެތްތެރިކަމެވެ. އެދެކުދިންނަށް ކެތްތެރިވާން ދަސްކޮށްދެމުން ދިޔައެވެ. ފިރާޝާގެ ޙަޔާތަށް ނިޔާޒް ނެތުމުގެ އުނިކަން އިހުސާސްކުރެވުނު ނަމަވެސް އޭނާ ހިތްވަރާއިއެކު ކުރިއަށް ދިޔައީ ދެދަރިންނާއި މައިންބަފައިންގެ ޙައްޤުގައެވެ. ނިޔާޒްދެކެ ވާލޯބީގެ ޙައްޤުގައެވެ.

(ނިމުނީ)

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.