ކޮވިޑް-19 ބައްޔަށް ފަރުވާއެއް ހޯދިއްޖެ ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން އިއުލާނުކޮށްފިއެވެ. މި ފަރުވާ އީޖާދުކޮށްފައި ވަނީ އަބޫ ދާބީގެ ސްޓެމް ސެލް ސެންޓަރުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުންނާއި ރިސާޗު ކުރާ ފަރާތްތަކުގެ ޓީމަކުން ކަމަށް އެ ސެންޓަރުން ބުނެއެވެ.

މި ފަރުވާއަކީ ބަލިމީހާގެ ގައިން ލޭ ނަގައިގެން އޭގެން ސްޓެމް ސެލް ނެގުމަށްފަހު އެކްޓިވޭޓް ކޮށްގެން އަލުން ބަލިމީހާގެ ހަށިގަނޑަށް ފޮނުވައިގެން ކުރެވޭ ފަރުވާއެކެވެ. އެއާއެކު މި ފަރުވާގެ “ޕޭޓަންޓް” މިހާރު ވަނީ ސްޓެމް ސެލް ސެންޓަރަށް ދީފައި ކަމަށް ޔޫއޭއީގެ އިކޮނޮމީ މިނިސްޓްރީން އިއްޔެ ވަނީ އިލާނުކޮށްފައެވެ.

މިހާތަނަށް މި ފަރުވާދިން 73 ބަލި މީހަކު އެއްކޮށް ފަސޭހަވެފައި ވާ ކަމަށް ޔޫއޭއީ އިިން ވަނީ ބުނެފައެވެ. ސްޓެމް ސެލް އަށް ބަދަލުތައް ގެނައުމަށްފަހު އާވީގެ ގޮތުގައި ނެބިއުލައިޒް ކޮށްގެން ފުއްޕާމެޔަށް ފޮނުވާލުމުން ކޮވިޑް-19 ނައްތައިލަދޭ ކަމަށް މި ފަރުވާ ހޯދި ފަރާތުން ބުނެފައިވެއެވެ. ސަބަބަކީ ފުއްޕާމޭގެ ސެލްތައް އަލުން ހެދެން ފަށާތީއެވެ. ހަމަ އެހެންމެ މި ފަރުވާގައި ހަށިގަނޑުގެ ދިފާއީ ނިޒާމު ކޮރޯނާ ވައިރަހަށް “އޯވަރިއެެކްޓް” ކުރުން ކޮންޓްރޯލު ކޮށްދޭ ކަމަށް ވެސް ބުނެފައިވެއެވެ.

މި ފަރުވާ މިހާތަނަށް ދިން މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ކިބައިގައި ސިއްހީ މައްސަލައެއް މިހާތަނަށް ފެނިފައި ނުވާތީ، މި ފަރުވާގެ ސަބަބުން ކޮވިޑް-19 އަށް ފަރުވާދޭ މީހުންނާއި މެދު، އަމަލުކުރާ ޕްރޮޓޮކޯލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. މި ފަރުވާގެ ޔަގީންކަން އިތުރަށް ކަށަވަރު ކުރުމަށް ހަދަންޖެހޭ ދިރާސާތައް، ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި ހަދާ ނިމޭނެ ކަމަށް ޔޫއޭއީގެ ސްޓެމް ސެލް ސެންޓަރުން ބުނެއެވެ.

މިހާތަނަށް މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ތިން މިލިޔަނަށް އަރާފައި ވާއިރު، މިލިއަނަކަށްވުރެ ގިނަ މީހުން މި ބަލިން ރަނގަޅުވެފައިވެއެވެ. އަދި، ދެ ލައްކައަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައި ވާކަން ފާހަގަކޮށްލެވެއެވެ.

ދިވެހިރާއްޖޭގައި ވެސް މިބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 491 އަށް އަރާފައެވެ. މިބަލީގައި ރާއްޖެއިން އެކަކު ނިޔާވެފައިވާއިރު މި ބަލިން 17 މީހަކަށް ވަނީ ޝިފާލިބިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.