ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެން ފަށާފައިވާއިރު ކޮވިޑް-19ގެ ނުރައްކަލަށް ހުށަހެޅިފައިވާ ބިދޭސީން ކަރަންޓީނު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ނެރުއްވި އަމުރުގައި ވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، ޤާނޫނު ނަންބަރު 7/2012 (އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާނުކޮށްފައިވީ ހިނދު، އަދި 30 އެޕްރީލް 2020 ގައި، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު 30 ދުވަހަށް ދެމެހެއްޓުމަށް މިނިސްޓަރ އޮފް ހެލްތު ނިންމައި، އެކަން އިޢުލާނުކޮށްފައިވީ ހިނދު، ގައިން ގަޔަށް އަރާ ބައްޔެއް ކަމުގައިވާ ކޮވިޑް-19 މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، މި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ މާލެ ގައި ދިރިއުޅެމުންދާ ބިދޭސީންގެ މެދުގައިކަމަށް ވެފައި، ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ހަލުވިކަމާއެކު ބަލި ފެތުރުމުގެ ފުރުޞަތު ބޮޑުކަމަށް ފެންނާތީ، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ބުނެވިދިޔަ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، މި ހިނދުން ފެށިގެން، ވަކި ގޮތެއް އަންގަންދެން އަންނަނިވި ފިޔަވަޅު އެޅުމަށް އަންގާ ކަމަށެވެ.

އެގޮތުން އަޅަން ނިންމާފައިވާ ފިޔަފަޅު ތަކަކީ:

1. މާލެ ސަރަޙައްދުގައި (މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭގޮތުން) ވަޒީފާއަދާކުރާ ވަކި ތަނެއް ނެތި ނުވަތަ މާލެ ސަރަޙައްދުގައި (މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭގޮތުން) ދިރިއުޅޭނޭ ވަކި ތަނެއް ކަނޑައެޅިފައި ނުވާ ބިދޭސީ މަސައްކަތްތެރިން، އެމީހުން އެކަހެރިކޮށް މޮނިޓަރކުރުމަށް އިތުރު ފިޔަވަޅުތަކެއް ނާޅައިފިނަމަ އެމީހުންގެ މެދުގައި އެ ބަލި ފެތުރުމުގެ ފުރުޞަތު ބޮޑުކަމަށް އަހުރެންނަން ފެންނާތީ، ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެން.އީ.އޯ.ސީ) އިން ކަނޑައަޅާތަނެއްގައި ކަރަންޓީނުކުރުން.

2. މާލެ ސަރަޙައްދުގައި (މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭގޮތުން) ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން، މޯލްޑިވްސް ޕޮލިސް ސާރވިސް އިން މޮނިޓަރކުރަމުންދާ އެޑްރެސްތަކުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ބިދޭސީ މަސައްކަތްތެރިންނަކީ ކޮވިޑް-19 އަށް މިހާރު ޕޮޒިޓިވްވެފައިވާ ގިނަ އަދަދެއްގެ ފަރާތްތަކާ ގުޅުންހުރި ފަރާތްތަކެއް ކަމުގައިވާތީ، މިފަދަ ފަރާތްތައް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެން.އީ.އޯ.ސީ) އިން ކަނޑައަޅާތަނެއްގައި ކަރަންޓީނުކުރުމަށް.

3. ކޮވިޑް -19 މި ބައްޔަށް ޕޮސިޓިވް ވެފައިވާ ފަރާތަކާ ސިދާ ގޮތުން ނުވަތަ ނުސީދާގޮތުން ދިމާވެފައިވާ އެންމެހައި ބިދޭސީން ގެ ތެރެއިން ކޮވިޑް-19 ގެ ނުރައްކަލަށް ހުށަހެޅިފައިވާ ނުވަތަ ކޮވިޑް-19 ގެ ނުރައްކަލެއް އޮތްކަމަށް ޤަބޫލުކުރެވޭ އެންމެހައި ބިދޭސީ މަސައްކަތްތެރިން ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެން.އީ.އޯ.ސީ) އިން ކަނޑައަޅާތަނެއްގައި ކަރަންޓީނުކުރުމަށް.

4. މި އެންގުމުގައި ބަޔާންކުރެވިފައިވާ ހާލަތްތަކަށް ނުފެތޭ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ކޮވިޑް-19 ގެ ނުރައްކަލަށް ހުށަހެޅިފައިވާ ނުވަތަ ކޮވިޑް-19 ގެ ނުރައްކަލެއް އޮތްކަމަށް ޤަބޫލުކުރެވޭ އެންމެހައި ބިދޭސީ މަސައްކަތްތެރިން ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެން.އީ.އޯ.ސީ) އިން ކަނޑައަޅާތަނެއްގައި ކަރަންޓީނުކުރުމަށް.

އެޗްޕީއޭ އިން ވަނީ މި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށް އަންގާފައެވެ. އަދި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އަންގާފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.