ދިވެހީންގެ ކެއިން ބުއިމުގެ އާދަތައް ގިނަ ފަހަރަށް ހުންނަނީ އިސްރާފު ކުރުން މިތުރަކަށް ވާގޮތަކަށެވެ. ވަކިން ޚާއްޞަކޮށް މާތް ވެގެންވާ ރަމަޟާން މަހު ދިވެހީންގެ ފަރާތުން އިސްރާފު ކުރުމުގެ ނޭދެވޭ ސިފަ ފެންނަލެއް ގިނަކަން ފާހަގަކޮށްލެވެއެވެ. މިއީ ހިތާމަ ކުރަންޖެހޭ މިއަދުގެ ހަޤީގަތެވެ. މި ހަޤީގަތް ފެނި، އެކަން ހައްލުކުރަން ހިތްވަރާއި ޖޯޝާއެކު ދިވެހި ދަރިއެއް ތެދުވެއްޖެއެވެ. އަޅުގަނޑުމެންގެ މި ލިޔުން މި ޚާއްޞަކޮށްލަނީ އެފަރާތަށެވެ.

ކ. މާލެއަށް ނިސްބަތްވާ އަޖީލާ އަދްނާން (ތަބީ) އަކީ ދިވެހީންގެ ލޯތައް އިސްރާފު ކުރުމުން ދުރުހެލި ކޮށްލަން ނުކުތް، ހިތްވަރުގަދަ، ކެރޭ ޒުވާން ކަނބަލެކެވެ. ފޭސްބުކް ޕޭޖް މެދުވެރިކޮށް ތަބީގެ މަސައްކަތް އޭނާ މިހާރު ވަނީ ފައްޓަވާފައެވެ. އެގޮތުން “މިރޫ”ގެ ނަމުން ހިންގާ މި ޕޭޖުގައި ތަފާތު ރެސިޕީތައް މިހާރުވެސް ހުރިކަން އަޅުގަނޑުމެން ފާހަގަކޮށްލަމެވެ.

ތަފާތު ރެސިޕީތަކޭ ދެންނެވުމުން ތިބޭފުޅުން ހައިރާންވެ ނުލައްވާށެވެ! “މިރޫ” ޕޭޖަށް ވަނުމުން ހަޤީޤަތުގައި ވެސް އެ ކިޔައިދެނީ ތަފާތު ރެސިޕީތަކެއްކަން އަމިއްލައަށް ވަޒަން ކޮށްލެވޭނެއެވެ. އެގޮތުން “މިރޫ” ޕޭޖުން ގެނެސްދޭ ރެސިޕީތައް އަމާޒު ކުރެވިފައި ވަނީ ކެއިން ބުއިމުގައި ބޭނުން ކުރުމަށްފަހު، ބާކީވާ ތަފާތު އެއްޗިއްސަށެވެ. އިސްރާފުކުރުމަށް “ނޫނެކޭ” ބުނާފަދަ މި ރެސިޕީތަކަކީ ދިވެހީންނަށް ކަމުދާނެ ރެސިޕީތަކެއް ކަން ޔަޤީންނެވެ.

އެންމެ ފުރަތަމަ “މިރޫ” ޕޭޖް އުފެދުނު ގޮތް ތަބީ އަޅުގަނޑުމެންނަށް ޙިއްޞާކޮށްދިނެވެ.

“ފްޑް، ޓްރެވަލް، ދިިރިއުޅުމުގެ އެކިއެކި ކަންކަމާ ބެހޭގޮތުން ރިވިއު ލިޔަންވެގެން ހެދި ޕޭޖެއް މީ.” ތަބީ ކިޔައިދިނެވެ. ނަމަވެސް، މިހާރު މި ޕޭޖުން މައިގަނޑު ގޮތެއްގައި ކުރަމުން އަންނަ ކަމަކީ އިސްރާފު ކުރުން މަދުކުރުމަށްޓަކައި، ބާކީވާ ކާއެއްޗެހިން ތަފާތު ކެއުންތައް ތައްޔާރު ކުރާނެ ގޮތްތައް ކިޔައި ދިނުމެވެ.

ތަބީ މި ކުރަމުން ގެންދަނީ ވަރަށް މުހިންމު، އަދި އެހާމެ ބޭނުންތެރި މަސައްކަތެކެވެ. މިކަމުގައި ތަބީގެ އެކި އުއްމީދުތަކާއި، ހާސިލުކުރަން ބޭނުންވާ ހުވަފެންތަކެއް ވެސް އެބަހުއްޓެވެ. އެގޮތުން މުނިއަވަސް ޓީމްގެ ފަރާތުން ތަބީއާ އިންޓަރވިއު ކޮށްލީމެވެ.

ތަބީ އޭނާގެ ދަރިފުޅާއެކު

“މިރޫ” ގެ މާނައަކީ ކޮބާތޯ؟
އެއީ ޖަޕަނީސް ބަހެއް. ބަހުގެ މާނައަކީ ކަންކަން ބަލާ ތަޖުރިބާކޮށް، މީސްމީހުންނަށް އަޅާލުން.

ކޮބާތޯ “މިރޫ” މި ޕޭޖުގެ އެންމެ ބޮޑު ބޭނުމަކީ؟
އެންމެ ބޮޑު ބޭނުމަކީ ކާތަކެތި، ކާތެކި އުފައްދާ ތަންތަން، ދަތުރުފަތުރު، އެތަންތަނުންދޭ ޚިދުމަތް އަމިއްލައަށް ތަޖުރިބާކޮށް އެހެންމީހުންނަށް ޙިއްޞާކުރުން. ބައެއް ކާތަކެތި ތައްޔާރު ކުރާނެ ގޮތް ޙިއްޞާކުރުން.

އިސްރާފު ކުރުމަކީ ވަރަށް ނޭދެވޭ ސިފައެއް. އިސްރާފު ކުރުމުން ދުރުހެލިވުމަށް ހޭލުންތެރިކަން އިތުރު ކުރަން ތިކުރާ މަސައްކަތުގަ އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކޮންބައެއްގެ ފަރާތުންތޯ؟
އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ ޢާއިލާގެ ފަރާތުން. ބައެއް ރަޙުމަތްތެރިންގެ ފަރާތުން. އަދި ބައެއް ފޮލޯވާރސްގެ ފަރާތުން.

އެންމެ ކަމުދާ ގޮތަށް ހެދުނު ވަކި ޚާއްޞަ ރެސިޕީއެއް އިންނާނެތޯ؟
އެންމެ މަޤުބޫލު ރެސިޕީއަކީ ބާކީވެފަ ހުރި ބަތުން ހެދުނު މަސްބަތް. (ނޫޑްލްސް މަސްބަތް)

ގާތްގަނޑަކަށް ކިތައް ރެސިޕީ އިންނާތޯ “މިރޫ” ޕޭޖްގަ؟
ގާތްގަނޑަކަށް އަޅުގަނޑުގެ އަމިއްލަ 5 ނުވަތަ 6 ވަރު އުޅޭނެ.

ކިހާ ވަރެއްގެ އުއްމީދެއްތޯ އޮތީ ތިކުރާ މަސައްކަތުން ދިވެހީންގެ އިސްރާފު ކުރުމުގެ ވިސްނުމަށް ބަދަލު އަންނާނެކަން؟
އުއްމީދު ކުރަން އެދެވޭ ބަދަލުތަކެއް އަންނާނެ ކަމަށް. އަދި އަޅުގަނޑުގެ ރެސިޕީތައް ބަލާ އުފެއްދުންތައް ތައްޔާރު ކުރާނެ ކަމަށް.

“މިރޫ” ޕޭޖުން ކިޔާދީފަ ހުންނަ ރެސިޕީތައް ތަބީ އަމިއްލައަށް ހަދާފަ، ކޮންބައެއްތޯ ކަނީ؟
ޢާއިލާ ބޭފުޅުންނާއި، ބައެއް ރަޙުމަތްތެރިން.

ކޮބާތޯ އެބޭފުޅުން ރަހައާ މެދު ދޭ ފީޑްބެކަކީ؟
ވަރަށް ރަނގަޅު މީހުންގެ ކޮމެންޓް. އަދި ބައެއް ފޮލޯވާރސް ކިޔާފަ، ރެސިޕީ ތައްޔާރުކޮށްފައި ހަމަ ރަނގަޅު ކޮމެންޓް ކުރޭ.

ދިވެހީންގެ ތަރުޙީބު ކިހާ ވަރަކަށް މިކަމަށް ލިބޭތޯ؟
ތަރުޙީބު ހީކުރި ވަރަށް ވުރެ ރަނގަޅު، މިހާރުވެސް ބައެއް ފޮލޯވާރސް ރެސިޕީ ހަމަ ތައްޔާރުކޮށްފައި ފީޑްބެކް ދެމުންދަނީ.

ކޭކު އަޅަންތޯ؟
ލައްބަ. ކޭކު އެޅުމާއި ޕޭސްޓްރީ މަސައްކަތްވެސް ކޮށް އެޅެން.

ކޮން އުމުރެއްގަތޯ ކޭކު އެޅުމަށް ޝައުޤުވެރިކަން އުފެދުނީ؟
ވަރަށް ކުޑައިރުން ފެށިގެންވެސް ޝައުޤުވެރިކަން ހުންނަ މަސައްކަތެއް.

އިސްރާފުކުރުން މަދުކުރާ ގޮތަށް ކެއުންތައް ތައްޔާރު ކުރުމުގެ ވިސްނުން އައީ ރޯދަ މަހުގަތޯ؟
އަބަދުވެސް ކާތަކެތި ތައްޔާރު ކުރުމުގައި ބަލަން އިސްރާފު ނުކުރުމަށް. އިތުރަށް ސަމާލުވުމަށް ވިސްނުނީ ދުނިޔެއަށް މިއަދު ދިމާވެފައިވާ މިހާލަތުގެ ސަބަބުން. މިރޫ ޕޭޖްގެ އެހީގައި މީހުންނަށް މި ޚިޔާލުތައް ޙިއްޞާކޮށް ހޭލުންތެރި ކުރުމަށް.

ރެސިޕީތައް ކިޔައިދިނުން، އަދި ކޭކު އެޅުން ނޫން އިތުރު ހުނަރެއް ހުރޭތޯ؟
ލައްބަ. ޕާޓީ ޑެކެރޭޓް ކުރުން ފަދަ ކަންކަން ކޮށް އުޅެން.

އަމިއްލަ ދިރިއުޅުން ކިހިނެއްތޯ؟
ރަނގަޅު.

ކައިވެނި ކޮށްގެންތޯ އުޅެނީ؟ ދަރިއަކު ހުރޭތޯ؟
މިވަގުތު ކައިވެނި ކޮށްގެނެއް ނޫން. އެކަމު ވަރަށް ކައިރި މުސްތަޤުބަލެއްގައި ކުރާނަން. ދަރިއަކު ހުރޭ. އަންްހެން ކުއްޖެއް 6 އަހަރުގެ.

އަމިއްލަ ދިރިއުޅުމަށް ވަގުތު ދީފަ، އެކަށީގެންވާ ވަގުތު ލިބޭތޯ މިކަހަލަ ރެސިޕީތައް ކިޔައިދޭން؟
ވަގުތު ހޯދަމުން މިދަނީ. ބައެއް ފަހަރު މިފަދަ ވަގުތުތައް، ރެސިޕީ ތައްޔާރުކޮށް، އޭގެ ރަހަ ބަލާ ހަދާ ވަގުތުތަކަކީ ޢާއިލީ ވަގުތުތައް ގޮތުގައި ވެގެން ދަނީ.

ވީޑިއޯކޮށް ރެސިޕީތައް ގެންނަން ވިސްނުން އެބަ ހުރިތޯ؟
ލައްބަ. ކައިރި މުސްތަޤުބަލެއްގަ ތިކަންކަން ކުރެވޭތޯ ބަލަމުން މިދަނީ.

އެހެން އަހަރުތަކުގެ ރޯދަމަހާ ބަލާފަ، މި ރޯދަމަހު އެންމެ ހަނދާންވަނީ ކޮން ކަމެއްތޯ؟
ޢާއިލާގެ އެންމެން އެއްކޮށް އެއް ޖަމާއަތެއްގަ ރޯދަ ވީލާ ހެދުން. ޢާއިލާގެ އެކި މީހުން ރޯދަ ވީއްލަން ތައްޔާރުކުރާ ތަކެތި އެއްގެއިން އަނެއްގެއަށް ފޮނުވާ ހެދުން.

ލޮކްޑައުންގަ ގޭގަ އާންމުކޮށް ކީއްކޮށްލަނީ؟
ގޭތެރޭ މަަސައްކަތްކުރުމަށްފަހު، ދަރިފުޅާއެކު ވަގުތު ހޭދަކޮށް، ގިނައިން އުޅެވޭނީ މިދުވަސްކޮޅު ކޮންމެވެސް ރެސިޕީއެއް ތައްޔާރުކޮށް އާންމުންނާއި ހިސާބަށް ހިއްސާކޮށްލެވޭތޯ.

ކީކޭތޯ “މިރޫ” ޕޭޖްގެ ފަރާތުން ދިވެހީންނަށް ބުނެލާނީ؟
ހުރިހާ އެންމެންވެގެން “ޒީރޯ ފުޑް ވޭސްޓް” #ZeroFoodWaste އަށް މަސައްކަތް ކުރަމާތޯ!

ކޮބާތޯ އުއްމީދަކީ “މިރޫ” ޕޭޖްގެ ފަރާތުން ހާސިލުކުރަން ބޭނުންވާ؟
މީހުން މިކަން ކަމަށް އަހުލުވެރިކުރުވުން. ރެސިޕީ މީހުންނަށް ބުނެދިނުން. ތެދު ރިވުއުސް ޙިއްޞާކުރުން.

މި ރޯދަމަހު އަޅުގަނޑުމެންނަށް ފެނޭ ހާރު ކައިފަ ބާކީވާ ބަތްކޮޅު ފަދަ ތަކެތި އުކާލެވޭތަންް. އިންނާނެތޯ މިފަދަ ތަކެތިން ހެދޭނެ ރެސިޕީއެއް ކިޔާދީފަ؟
ލައްބަ. މަސްބަތް ރެސިޕީ އަދި ރައިސް ކީވް ރެސިޕީ.

މުނިއަވަސްއާ މެދު ބުނެލާނީ ކީކޭތޯ؟
އަބަދުވެސް ތި ނޫހުގެ އާޓިކަލްތައް ކިޔާ ހަދަން. އަޅުގަނޑުގެ ނަޒަރުގަ ޒުވާނުންގެ ގިނަ މަސައްކަތްތަކެއް ކުރިއެރުވުމަށް މަސައްކަތްކުރާ އަދި ހިތްވަރުދޭ ބައެއްގެ ގޮތުގައި ފާހަގަ ކުރެވެނީ.

އަޅުގަނޑުމެން މުނިއަވަސް ޓީމްގެ ފަރާތުން ތަބީއަށް އެދެނީ އުފާވެރި މަސްތަޤުބަލަކަށެވެ. އަދި މި ދާއިރާއިން ތަބީއަށް ކުރިއެރުމާއި، ތަބީގެ މަސައްކަތްތައް ކާމިޔާބު ވުމަކީ މުނިއަވަސްގެ އުއްމީދެވެ. ހުރިހާ ބޭފުޅުންވެސް ތަބީގެ “މިރޫ” ޕޭޖް ފޮލޯކޮށްލައްވައި، “#ޒީރޯފުޑްވޭސްޓް” މި މަސައްކަތަކަށް އެއްބާރުލުން ދިނުމަކީ އިސްރާފުކުރުން މަދުކޮށް، އިޤުތިޞާދު ކުރެވޭނެ ކާމިޔާބު ދޮރަކަށް ވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.