ލިވަޕޫލް އިން މުޙައްމަދު ސަލާޙް ވިއްކާލުމަށް ފަހު، އެހެން ފޯވާޑެއް ހޯދުމާއި ބެހޭގޮތުން މަޝްހޫރު “ސްކައި ސްޕޯޓްސް” އިން އާޓިކަލް އަކާއި އެކު، ސަޕޯޓަރުންގެ ޚިޔާލު ހޯދުމަށް ކޮށްފައިވާ ޕޯސްޓަކަށް އިންސްޓަގްރާމްގައި ސަލާޙް ވަރުގަދަ ރައްދެއް ދީފިއެވެ.

2017 ވަނަ އަހަރު އިޓަލީގެ ރޯމާ އިން 37 މިލިއަން ޕައުންޑުގެ އަގަކަށް ލިވަޕޫލް އަށް ބަދަލުވި ފަހުން އިނގެރޭސި ޕްރިމިއަރ ރަން ބޫޓް 2 ފަހަރު ހޯދާފައިވާ ހުނަރުވެރި ފޯވާޑު “ސްކައި ސްޕޯޓްސް” ގެ އިންސްޓަގްރާމް ޕޯސްޓަށް ވަނީ ތިންފަހަރު “ލޮލް އިމޯޖީ” ފޮނުވާލާފައެވެ. ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ސަލާޙް ވިއްކާލުމާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކާއި މެދު އޭނާ ދެކޭގޮތް މި ޕޯސްޓަށް ދީފައިވާ ރައްދުން ހާމަވާ ކަމުގައި ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

ސަލާޙްގެ ކުޅުމާއި މެދު ފާޑުކިޔާ އޭނާ ލިވަޕޫލް އިން ވިއްކާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބުނެ، ބައެއް މީޑިއާތަކުން އަންނަނީ ޚަބަރުތައް ފަތުރަމުންނެވެ. ސަލާޙަށް ކުރިމަތިވާ ފާޑުކިޔުންތަކަށް ޓްވިޓާގައި ރައްދު ދެމުން އޭނާގެ އެޖެންޓް ރެމީ އައްބާސް ބުނެފައިވަނީ،

“2017/2018، އަދި 2018/2019 ވަނަ ސީޒަނުގައި ސަލާޙަކީ ޕްރިމިއަރ ލީގާއި، ޗެމްޕިއަންސް ލީގު ގައި ލިވަޕޫލް އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ. އަދި މި ސީޒަނުގައި ވެސް އޭނާ އަކީ ޕްރިމިއަރ ލީގާއި، ޗެމްޕިއަންސް ލީގު ގައި ލިވަޕޫލް އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ. 2017 ގައި ލިވަޕޫލް އަށް ބަދަލުވުމަށްފަހު، އޭނާ އަތުން ގެއްލިފައިވަނީ 0 ރަން ބޫޓް. އޭނާ އަކީ ސެންޓަރ ފޯވާޑެއް ވެސް ނޫން.”

ސަލާޙްް ޕްރިމިއަރ ލީގުގެ ރަން ބޫޓް އެކު

ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ސަލާޙް ވިއްކާލުމާއި ބެހޭގޮތުން ވަރަށް ގަދައަށް އަޑުފެތުރިފައި ވާއިރު، ލިވަޕޫލް އަށް ކުޅެދިން 144 މެޗުގައި އޭނާ ވަނީ 91 ގޯލް ޖަހައި 37 އެސިސްޓް ހަދާފައި ކަން ފާހަގަކޮށްލެވެއެވެ. ލިވަޕޫލް އަށް ކުޅެފައިވާ ހުނަރުވެރި ދެ ފޯވާޑުން ކަމުގައިވާ ލުއިސް ސުއަރޭޒް އާއި ފެނާންޑޯ ޓޮރޭޒް ފަހަތަށް ޖައްސާލުމަށްފަހު، ސަލާޙް ވަނީ ގޯލު ލިސްޓުން އެ ދެ ކުޅުންތެރިންގެ މައްޗަށް ވެސް ކުރި ހޯދާފައެވެ. މީގެ އިތުރުން ސަލާޙް އަކީ އިނގެރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް އަށް އެންމެ އަވަހަށް 50 ގޯލު ޖަހައިދިން ކުޅުންތެރިޔާ ވެސް މެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.