ނޯޓް: މިވާހަކަ އަކީ ”ކިޔުންތެރިންގެ ރިކުއެއްސްޓް“ ބައިން ނަގާފައިވާ ޙަޤީޤީ ހާދިސާއެކެވެ. މީ ކިޔުންތެރިއަކަށް ދިމާވި ހަޤީޤީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގައި ބޭނުން ކޮށްފައިވާނީ އަސްލު ނަންތަކެއް ނޫނެވެ. ކިޔުންތެރިންގެ އަމިއްލަ ޙަޔާތުގެ މައްޗަށް ވާހަކައެއް ލިޔަން ބޭނުން ނަމަ 7967978 މި ނަމްބަރަށް މެސެޖު ކޮށްލަދެއްވުމަށް އެދެމެވެ. ނޫނީ ”ވާހަކަ ބައި ޒެލް“ (Vaahaka By Zel) ވައިބާރ ގުރޫޕް މެދުވެރިކޮށް ހާދިސާ ޙިއްޞާކޮށްދެއްވުމަށް އެދެމެވެ.

ހެނދުނުގެ ދަންފަޅި ނިމި، މެންދުރުގެ ގަދަ ހޫނަށް ދުނިޔެ މަރުޙަބާ ކިޔައިފިއެވެ. އޭރުވެސް މިލްޖާއު އޮތީ ގަދަ ނިދީގައެވެ. އޭނާގެ ސިކުނޑި އަދިވެސް އެދެނީ އަރާމް ކޮށްލާށެވެ. ބުރަކޮށް ވޭތުވެ ދިޔަ ދުވަސްތަކުގައި އުޅެވުމުން ނިދީގެ އިޙްސާސް އޭނާގެ ލޮލަށް އިންތިހާއަށް ދިޔައީ ލިބެމުންނެވެ.

“މިލްޖާއު. ދަރިފުޅާ މިލްޖާއު.” މިލްޖާއުއަށް އޭނާގެ ދެލޯ ހުޅުވާލެވުނީ، އޭނާގެ މަންމަ މަދީހާގެ އަޑަށެވެ.

“ދަރިފުޅާ. އަވަހަށް ތެދުވޭ! އާދޭ ކާން ތައްޔާރު ވެގެން.” މަދީހާ އެހެން ބުނުމުން މަޑުމަޑުން މިލްޖާއު އޭނާގެ ދެލޯ ހުޅުވައިލިއެވެ. އަދި އާފުރެމުން މިދަނީ ކަމަށް ބުނެލިއެވެ. އެނދުގައި ކަންނެތް ކަމާއި އެކު، ދެކޮޅަށް ފުރޮޅިލަމުން މިލްޖާއު އެނދުން ތެދުވެގެން ވަނީ ފާޚާނައަށެވެ.

މެންދުރުގެ ކެއުމަށް އިންސާފު ކުރަމުން މިލްޖާއު ދިޔައީ އޭނާގެ މަންމަ އާއި ބައްޕައާ އެކުގައެވެ. އެއްވެސް އެއްޗެއް ނުބުނެ އިސްދަށަށް ޖަހައިގެން މިލްޖާއުގެ ބައްޕަ ރަޝީދު ކާން އިނީ ހިތްހަމަ ނުޖެހޭ ގޮތަކަށެވެ. ދޭތެރެ ދޭތެރެއިން މިލްޖާއު ގެންދިޔައީ އޭނާގެ ބައްޕަގެ ރުޅިވެރި މޫނަށް ނަޒަރު ހިންގާލަމުންނެވެ.

“ދަރިފުޅާ. ކޮން ގޮތަކަށް ނިންމީ؟” ޖެހިލުންވެ ހުރެ މަދީހާ އެއްސެވެ. މިލްޖާއު ކާން އިން ސަމުސާ ބަތް ތަށީގެ ތެރެއަށް ލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

“މަގޭ ފަހުގެ ނިންމުން މަންމައާ ބައްޕަ ގާތު ބުނިން.” މަދީހާއަށް ބަލައިލުމާއި އެކު މިލްޖާއު އޭނާގެ ބައްޕައަށް ބަލައިލިއެވެ.

“ދެން އެ ނިންމުން ބަދަލެއް ނުކުރާނަންތަ؟” މަދީހާގެ އަޑުގައި ވަގުތުން ހިތާމަވެރިކަން އުފެދުނެވެ. އެއްވެސް އެއްޗެއް ނުބުނެ ރަޝީދު ގެންދިޔައީ ކަމުންނެވެ.

“އާނ މަންމާ. ކޮބާތަ މައްސަލަ އަކީ؟ ކީއްވެ މަށާ ޝިމްލާއާ ކައިވެނި ނުކުރެވެންވީ؟” މިލްޖާއު ހިތްހަމަ ނުޖެހިފައި އިނދެ ބުނެލިއެވެ.

“މަ ތިއަށް ޖަވާބު ދީފާނަން.” ކާން އިން ރަޝީދު އަނގައިގައި ހުރި ކާއެތި ކޮޅު ދިރުވާލަމުން ނުރުހުމުގެ ބެލުމަކުން މިލްޖާއު އަށް ބަލައިލިއެވެ.

“ޝިމްލާއަކީ ފަޤީރެއް. އަޅާލާނެ މީހެއްނެތް ޔަތީމެއް. އަތުގަ އެއްވެސް އެއްޗެއް ނެތް، ނިކަމެއްޗެއް. ދެން ކަލޭ އަމިއްލައަށް ވިސްނާ. މަގޭ މުއްސަނދިކަމަށް އަރައިގަންނަން ޝިމްލާ އެއުޅުނީ ކަލޭ އަންޑަނަ އަކަށް ނަގައިގެން. އެއީ އެކަހަލަ ފަޤީރުންގެ ގޮތް. ކަލޭގެ ޅަ ސިކުނޑިއަށް ތިޔަ ނުވިސްނެނީ.” ރަޝީދު އައި ރުޅީގައި އެކީ އެކައްޗަކަށް ރުޅިގަނޑު ފަޅާލިއެވެ.
“ޝިމްލާ ނޫޅޭ ކޮންމެހެން މުދަލުގެ ދަހިވެތި ކަމުގައެއް. ޝިމްލާއާ ކައިވެނި ކުރާނަން. އެކަމުގެ ފަހުގެ ތައްޔާރީތައް މަ އޮންނާނީ ވެ ނިންމާފަ.” މިލްޖާއު ހިތްހަމަ ނުޖެހުނެވެ. އަދި ކާން އިން ބަތްތަށި ހުސްނުކޮށް މިލްޖާއު އެތަނުން ދިޔައެވެ.

ދުވަސްތައް މާޒީ ވަމުން ދިޔައެވެ. ކޮންމެ ދުވަހަކު މިލްޖާއުއަށް އިވެމުން ދިޔައީ އޭނާގެ މަންމަގެ އާދޭހުގެ އަޑެވެ. ބައްޕަގެ އިންޒާރުގެ ބަސްތަކެވެ. އެ ހުރިހާ ވާހަކަތަކަށް މިލްޖާއު ދެމުން ގެންދިޔައީ ބީރު ކަންފަތެކެވެ. ހަޤީޤަތުގައި މިލްޖާއުގެ ކައިވެންޏަށް މަދީހާގެ ޝަކުވާއެއް ނެތެވެ. މަދީހާ އެކަމަށް ރުހި ޤަބޫލެވެ. ނަމަވެސް، މަދީހާ ދެރަވަނީ މިލްޖާއުގެ ކައިވެނި އޭނާގެ ބައްޕަގެ ނުޤަބޫލުގައި ކުރެވޭތީއެވެ. މަދީހާ ބޭނުން ވަނީ އޭނާގެ ދަރިފުޅުގެ ކައިވެނި މުޅި ޢާއިލާގެ އުފަލަކަށް ވާށެވެ. އެ ކައިވެންޏަކީ މުޅިގެ ފިތުނައިގެ އަލިފާނުން އަދާ އަޅިއަށް ވާކަމަކަށް ހަދާކަށް އެއްގޮތަކަށް ވެސް މަދީހާ ބޭނުމެއް ނުވެއެވެ. އެހެންކަމުން މަދީހާ މަސައްކަތް ކުރީ މިލްޖާއުގެ ވިސްނުން ބަދަލު ކުރެވޭތޯއެވެ. އެކަމު، މަދީހާއަށް އެކަން ކާމިޔާބު ވުމުގެ އެއްވެސް ކޮޅުމައްޗެއް ނުފެނުނެވެ.

މުޅިން އައު ދުވަހަކަށް ސ. ހިތަދޫގެ ރައްޔިތުން ހޭލައިފިއެވެ. މިލްޖާއު އަވަދި ނެތި އޭނާގެ ރަޙުމަތްރިންނާއި އެކު މަސައްކަތް ކުރަމުން ދިޔައީ ކައިވެނީގެ ވަލީމާގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށެވެ.

ކޮޓަރީގެ ދެކޮޅަށް ހަރުކޮށް ފިޔަވަޅު ނަގަމުން ރަޝީދު ހިނގަމުން ދިޔައީ ވަރަށް ރުޅިގަދަ ވެފައިވާ ހާލުގައެވެ. ކުއްލިއަކަށް ރަޝީދުގެ ސިކުނޑިއަށް ވެރިވީ އޭނާގެ ބައްޕަ އީސާފުޅުގެ ހަނދާންތަކެވެ. އީސާފުޅު އޭނާއަށް ހަދިޔާ ކުރި ފޮތުގެ މަތިންނެވެ. އެއީ އޭނާގެ ބައްޕަގެ ޒަމާނުގައި އޭނާގެ ބައްޕަ ފައިސާ ހޯދުމަށްޓަކައި ކޮށް އުޅުނު މޮޅު މަސައްކަތެކެވެ. އީސާފުޅުގެ ދުޝްމަނުންނާއި، އޭނާގެ އަދުއްވުން ބަލިކުރުމަށް ގެންގުޅުނު މޮޅު ހަތިޔާރެވެ. ސިހުރުގެ ވަޒަނުން އެތައް ބަޔެއްގެ ދިރިއުޅުން އިސާފުޅު ވަނީ މަރާލާފައެވެ. މިއަދު އެ ހަތިޔާރު ނަގައި ރަޝީދުގެ ދިރިއުޅުމުން ސަލާމަތް ކުރުމަށް އޭނާގެ ސިކުނޑި އޭނާއަށް ވިސްނައިދޭން ފެށިއެވެ.

“އާނ! ތިކަން ކުރަންވީ. ކޮބާބާ އަނެއްކާ ފޮތް. އެކަމު،” އަމިއްލަ ޟަމީރާ މުޙާތަބު ކޮށްލަމުން ކުރިއަށް އެޅި ފިޔަވަޅާއެކު ރަޝީދު ހުއްޓުން އެރިއެވެ.

“އެކަމު..” ރަޝީދު ކުޑަކޮށް ޖެހިލުންވިއެވެ. އެއީ އޭނާއަށް އެކަން ކުރަން ނޭނގޭތީއެވެ. ސިހުރަކީ ނޭނގި ކޮށްފިނަމަ ކޮންމެ ފަދަ ބޮޑު ގެއްލުމެއް ވެސް ލިބިދާނެ ކަމެއް ކަމަށް އިސާފުޅު ބުނި ބަސް ކުއްލިއަކަށް ރަޝީދުގެ ސިކުނޑިތެރެއަށް ވަދެގަތެވެ.

ވަގުތު ކޮޅަކު ވިސްނާލުމަށް ފަހު، ރަޝީދު ބޯޖަހައިލިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއް ނަގަމުން ގޮސް ކޮޓަރީގެ ދޮރު ތަޅުލިއެވެ. ފަރުވާތެރި ކަމާއި އެކު ކޮށްފިނަމަ، އެއީ ނުރައްކާތެރި ކަމެއް ނޫންކަމަށް އީސާފުޅު ބުނި ބަސް ހަނދާން ވުމުން، ފަރުވާތެރި ކަމާއި އެކު އެ ހަތިޔާރުގެ ބޭނުން ކުރުމަށް ރަޝީދު ނިންމިއެވެ.

ވަގުތުތައް ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ރަޝީދު ފޮތް އެއްކޮށް ކިޔައި ނިންމާލުމާއި އެކު ހިނިތުންވެލިއެވެ. އަދި ވަރަށް ފަރުވާތެރި ކަމާއި އެކު ސިހުރުގެ ހަނގުރާމަ ކުރުމަށް ރަޝީދު ނިންމިއެވެ. ރަޝީދުގެ ހަމައެކަނި ބޭނުމަކީ ޝިމްލާ މަރާލުމެވެ. އެއީ އޭނާގެ މުދާތައް، ޝިމްލާގެ ބާރު ދަށަށް ގޮސްދާނެތީއެވެ. އަދި ރަޝީދުގެ ނަޒަރުގައި ޝިމްލާ ކަހަލަ ނިކަމެތި ކުދިންނަކީ ވަރަށް ވިހަ ބަޔެކެވެ.

މަދީހާގެ ކަމަކީ އަބަދުމެ ރޮއި ހިތާމަ ކުރުމެވެ. މިލްޖާއުގެ ކައިވެންޏަށް މުޅި ރަށް ތައްޔާރު ވިއިރު އެ އުފަލުގައި އޭނާއަށް ބައިވެރި ނުވުވޭތީ މަދީހާ ވަނީ ކޮޅުނެތް ކޮޅަށް އަސަރުކޮށްފައެވެ. އެހިތާމައިގައި މަދީހާގެ ހިތަށް ވަނީ ކެތްނުވާ ވަރަށް ހިތްދަތިކަމާއި މޮޅުވެރިިކަން ލިބިފައެވެ.

މިލްޖާއު އާއި ޝިމްލާގެ ކައިވެނި ކުރެވިއްޖެއެވެ. މައިންބަފައިންގެ ނުޤަބޫލުގައި ކައިވެނި ކުރުވުނު ކަމުގައި ވިޔަސް، މިލްޖާއު އާއި ޝިމްލާގެ މުޅި މޫނުމަތިން ފެންނަމުން ދިޔައީ ހިނިތުންވުމެވެ. ހިތުގެ ތެރޭގައި އުފެދުނު ތެދުވެރި ލޯބި ހަލާލު ގުޅުމަކުން ގޮށް ޖެހުމުން އެ ދެމީހުންވެސް ތިބީ ކޮޅުނެތް ކޮޅަށް އުފާވެފައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. މަދީހާގެ ކަމަކީ އަބަދުވެސް ރުއި ހިތާމަ ކުރުމެވެ. މަދީހާގެ ލޮލުން އޮހެރޭ ކަރުނައިން އެއްވެސް އަސަރެއް ރަޝީދަށް ނުކުރާ ކަހަލައެވެ. ރަޝީދުގެ ހިތުގައި އެޔަށް ވުރެ، ބޮޑަށް ކާފަރުކަން ވަނީ ވެރިވެފައެވެ. ޝިރުކުގެ ބޮޑު ފާފައަކަށް އަރައިގަތުމުގައި ރަޝީދު ވަގުތުތައް ހޭދަކުރަމުން ދިޔައީ، އާޚިރަތް ދުވަހަށް އެއްވެސް ވަރަކަށް ނުވިސްނައެވެ. ފާޚާނާ ތެރޭގައި ގިނަ ވަގުތު ބަރަހަނާ ހާލުގައި މާތްްﷲއަށް މަގުފުރެދުމުގައި ގިނަ ވަގުތުތައް ރަޝީދު ހޭދަކުރަމުން ދިޔައީ ޖިންނި ޝައިތާނުންގެ ފަރާތުން ރުހުމާއި އެމީހުންގެ ޤަބޫލުވުން ހޯދުމަށެވެ.

“މަދީހާ. މަ ވިސްނައިފިން. ހިނގާ މިލްޖާއު ގާތު މިގެއަށް އަންނަން ބުނަން. މީ އޭނާގެ ވެސް ގެ. އޭނާ އެ އުޅެނީ ވަރަށް ހާލުގަ. ވީރާނާ ވެފައިވާ ގެއެއްގަ. މަ ބޭނުން މަގޭ މިލްޖާއު ގާތުން މަޢާފަށް އެދެން.” ރަޝީދު އެހެން ބުނި އިރު އޭނާގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. މަދީހާއަށް ލިބުނު އުފާ ބަޔާން ކޮށްދޭން ވެސް ނޭނގުނެވެ. ރަޝީދަށް ހެޔޮ ވިސްނުން ލިބުނީ ކަމަށް ހީކޮށް މާތް ﷲއަށް ޝުކުރުވެރި ވެވުނެވެ. ނަމަވެސް މަދީހާއަށް ނޭނގުނު ހަޤީޤަތަކީ ރަޝީދުގެ ހިތުގެ ހަތަރު ފާރުގެ ތެރޭގައި ތަތްކޮށްލާފައިވާ ޝައިތާނާގެ ނުފޫޒެވެ.

“މަ ވަރަށް އުފާވެއްޖެ! ހިނގާ އަވަހަށް މިލްޖާއު ގާތަށް. އޭނަ ވަރަށް އުފާވާާނެ.” މަދީހާގެ އެދުމަށް ރަޝީދު ލަސްނުކޮށް ހިނގައިގަތީ މިލްޖާއު ދިރިއުޅެމުންދާ ޝިމްލާގެ ގެެއާއި ދިމާލަށެވެ.

ކަންތައް ވީވެސް މަދީހާ ބުނި ގޮތަކަށެވެ. ރަޝީދު މަޢާފަށް އެދުމުން މިލްޖާއު އަށް ލިބުނީ އާދަޔާ ޚިލާފު އުފާވެރި ކަމެކެވެ. ޝިމްލާގެ މުޅި ތުންފަތް ވަނީ އުފަލުން ފޮޅިފައެވެ. ބައްޕައަށް ވިސްނި، އެނބުރި ގެއަށް ދިޔުމަށް ހުށައެޅި ހުށައެޅުމަށް މިލްޖާއު އެއްބަސްވީ ނުހަނު ހިތްހަމަޖެހުމާއި އެކުގައެވެ.

*

މިލްޖާއުގެ ޢާއިލާގެ ގުޅުން ބަދަހި ވެގެން ދިޔައެވެ. މުޅި ޢާއިލާއަށް ރޯޝަަންކަން ލިބިގެން ދިޔައެވެ. އުފަލާއި، ހިތްހަމަ ޖެހުމުން އޮހެމުން ދިޔަ ވާރެއިން މުޅި ޢާއިލާއަށް ދިޔައީ ތާޒާ ކަމާއި އާރޯކަން ލިބެމުންނެވެ. ނަމަވެސް ހިތާމައަކީ މުޅި ޢާއިލާއަށް ވެހެމުންދާ އުފާވެރި ވާރޭގެ ފަހަތުން ބާރުގަދަ ތޫފާނެއް އަންނަން އުޅޭކަން ރަޝީދު ނޫން އިތުރު މީހަކަށް ނޭނގޭތީއެވެ.

މިލްޖާއު އާއި ޝިމްލާ ދިރިއުޅުމެން ދިޔައީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. މަދީހާގެ ގާތުގައި ގިނަ ވަގުތު ޝިމްލާ ވަގުތު ހޭދަކުރެއެވެ. އެއް ގެއެއްގައި، އެންމެންގެ ލޯބި ލިބިގެން ދިރިއުޅުން ބަދަލުވެގެން ދިޔުމަކީ ޝިމްލާގެ ހިތަަށް އުފާ ލިއްބައިދިން ކަމަކަށެވެ.

މުޅިން އައު ދުވަހަކަށް އިރު އުދަރެހުން މަރުޙަބާ ކިޔައިފިއެވެ. ރަޝީދު އަވަދިނެތި ސިހުރު ހަދަމުން ދިޔައީ ޝިމްލާ ނެތިކޮށްލުމަށެވެ. މާތްﷲ ނަޙީ ކުރެއްވި އެތައް ކަމެއް މިހާރު ވަނީ ރަޝީދަށް ކުރެވިފައެވެ. ސިހުރު ހަދަން ނޭނގު ކަމުގައި ވިޔަސް، ފޮތުގައިވާ އިރުޝާދާއި އެއްގޮތަށް އެކަން ކުރެވޭތޯ ރަޝީދު މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް، ރަޝީދަށް އޭނާ ކުރަމުންދާ ކަންތައް ކާމިޔާބު ވާނެ ކަމާއި މެދު ޔަޤީން ކަމެއް ނެތެވެ. އެއީ އޭނާ އެކަން ކުރަމުން ދިޔައީ ވެސް ބިރުން ހުރެ، އެކަން ކުރުމުގެ ހުނަރެއް ނެތި ކަމުގައި ވާތީއެވެ.

ރޭގަނޑު 10 ޖަހައިފިއެވެ. ޝިމްލާ އާއި މިލްޖާއު ކެއުމަށް އިންސާފު ކުރުމަށް ކާގެއަށް ދާން ކޮޓަރިން ނުކުތުމާއި އެކު ފާރައަށް ހުރި ރަޝީދު އެކޮޓަރިތެރެއަށް ދެމިގަތެވެ. ވަރަށް އަވަސްކޮށް މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގަމުން ރަޝީދު ގެންދިޔައީ ވަރަށް އަވަސް ހަރަކާތްތަކާއި އެކުގައެވެ.

ރަޝީދު ފާޚާނާއަށް ވަތް އިރަށް އޭނާގެ ނަޒަރު ހުއްޓުނީ، ފާޚާނާގެ ތެރޭގައި ބަަހައްޓާފައި އިން ޑަސްޓްބިނަށެވެ. ވަރަށް އަވަސްކޮށް ހިނގާފައި ގޮސް ޑަސްޓްބިން އޭނާ ހުޅުވާލިއެވެ. ވަގުތުން ރަޝީދުގެ ތުންފަތުން އުފާވެރި ހިނިތުންވުމެއް ދުވެލިއެވެ. ލަސްނުކޮށް އޭގެ ތެރޭގައި އޮތް ލެއިން ތަތްތެޅިފައިވާ ޕެޑް ނެގިއެވެ. އަދި ވަރަށް އަވަސްކޮށް ރަޝީދު ކޮޓަރިން ނުކުމެ އޭނާއަށް ޚާއްޞަ ވެގެންވާ ކޮޓަރި ތެރެއަށް ވަނެވެ.

“ހައްހައްހާ.” ރަޝީދު ހިނގަޑެއް ޖަހައިލަމުން އޭނާގެ ގާތުގައި އޮތް ފުޅިއަށް ބަލައިލިއެވެ. އެ ފުޅީގެ ތެރޭގައި އޮތީ ދިރިދިރި އޮތް ދެ ބޮނޑެވެ. މަޑުމަޑުން ފުޅީގެ މަތިގަނޑު ނަގަމުން އެއް ބޮނޑު ފުޅިތެރެއިން ނެގިއެވެ. އަދި ވަރަށް އަވަސްކޮށްލަމުން އެ ބޮނޑު ވަޅިން ކޮށައިލި ގަނޑީގައި ރަޝީދުގެ އިނގިލިން ތަންކޮޅެއް ބުރިވެގެން ދިޔައެވެ.

“އައްދޯއި” ރަޝީދަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ. ކޮށައިލި ބޮނޑު ފެން ބާލިދީއަކަށް ލަމުން، ޝިމްލާގެ ޕެޑް ވެސް އެފެންގަނޑުގެ ތެރެއަށް ގަންބުވާލިއެވެ. އެއާއި އެކު ފެނުގެ ހުދު ކުލަ ވަގުތުންް ރަތް ކުލައަށް ބަދަލުވެގެން ދިޔައެވެ. އަދި ދެވަނަ ފުޅިތެރޭގައި އޮތް ބޮނޑު މަރާލުމަށްފަހު، ހުދު ފޮތިކޮޅަކުން އޮޅާލިއެވެ. އަދި ގޭގެ ތެރޭގައި އެ ބޮނޑު ވަޅުލިއެވެ.

*

މުޅިން އައު ދުވަހަކަށް އިރު ފެނުން ތޮޅެލީ ޝިމްލާއަށް ތަފާތު އިޙްސާސްތަކެއް ކުރުވަމުންނެވެ.

“ޝިމްލާ. ކިހިނެއް ވަނީ؟ ޝިމްލާ.” މިލްޖާއު ހާސްވެގެން ހުރެ އެނދުމަތީގައި އޮތް ޝިމްލާއަށް ބަަލައިލިއެވެ.

“މިލް.. ޖާއު..” ޝިމްލާގެ އަޑު ނުކުތީ ވަރަށް އުނދަގުލުންނެވެ.

“އޭ ބަލަ ޝިމްލާ. ކިހިނެއްތަ ވަނީ؟ ނޭވާ ލާން ދަތިވަނީތަ؟” މިލްޖާއުގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. އާނއެކޭ ބުނާފަދަ ގޮތަކަށް ޝިމްލާ ބޯ ޖަހައިލިއެވެ. އޭރުވެސް ޝިމްލާގެ ނޭވާ ހީވަނީ އުފުރިގެން ގޮސްދާނެހެންނެވެ.

“މަންމާ. ބައްޕާ! މީހެކޭ.” މިލްޖާއު ދުވެފައި ކަހަލަ ގޮތަަށް ބޭރަށް ނުކުތެވެ. މިލްޖާއުގެ އަޑަށް ދުވެފައި މަދީހާ އައެވެ. ޝިމްލާ ދިޔައީ ނޭވާ ނުލެވިގެން މަރަށް ތެޅެމުންނެވެ. ރަޝީދަށް ލިބުނީ ބޮޑު އުފަލެކެވެ. އޭނާ ނެގި ހަތިޔާރުގެ ކާމިޔާބު ކަމުންނެވެ. ޝިމްލާ މަަރަށް ތެޅުމުންްދާ ތަން ބަަލަން ރަޝީދު ހުރީ ހަމަ ޖެހިލާފައެވެ.

“ބަލަ ރަޝީދު! އަދިވެސް ބަަލަން ހުންނަނީތަ؟ ގުޅާބަލަ ހޮސްޕިޓަލަށް.” މަދީހާގެ އަޑަށް ރަޝީދު ދިޔައީ ސިއްސައިގެންނެވެ. ވަރަށް އަވަސް ކޮށްލަމުން ރަޝީދު ފޯނުނަގައި ހޮސްޕިޓަލަށް ގުޅިއެވެ.

ޝިމްލާއަށް ހޮސްޕިޓަލްގެ އައިސީޔޫގައި އަވަސް ފަރުވާ ދެމުން ދިޔައެވެ. ޑޮކްޓަރުންދޭ ފަރުވާއިން ޝިމްލާއަށް އެއްވެސް ރާހަތެއް ނުކުރެއެވެ. ޝިމްލާގެ ޞިއްޙީ ހާލަތު ދިޔައީ ފަހަރަކަށް ވުރެ، ފަހަރެއް ދަށަށެވެ. މުޅި މީހާގެ ގައި ދިޔައީ ފޯއްވަމުންނެވެ. ނޭވާ ލެވެމުންދިޔައީ ވެންޓިލޭޓާރ ގެ އެހީގައެވެ. ޑޮކްޓަރުން ތިބީ ވާނުވާ ނޭނގުމެއްގެ ތެރޭގައެވެ. ޝިމްލާއަށް ވަމުންދާ ގޮތުން އިންތިހާއަށް މާޔޫސްވެފައެވެ.

އާ ފަތިހަކަށް ދުނިޔެ ހޭލި އިރު، މަދީހާ އާއި މިލްޖާއު ގެންދިޔައީ ގިސްލައި ރޮމުންނެވެ. ޑޮކްޓަރުން ދިން ހިތްދަތި ޚަބަރުން އެ ދެމައިންގެ ހިތްވަނީ ކުދިކުދި ވެފައެވެ. ހިތުގެ ހިމަ ނާރަށް ވެސް، ހިތްދަތި ތޫނު އަލިފާން ފަދަ ދިލަ ތަދެއް އެދެމައިންނަށް ދިޔައީ ލިބެމުންނެވެ. އާނއެކެވެ. ޝިމްލާ މިފަނާވަނިވި ދުނިޔެ ދޫކޮށް ދިޔައީ އެވެ. މިލްޖާއުގެ ހިތް ހަލާކުކޮށްލާފައެވެ. ޝިމްލާގެ މަރުވެފައިވާ ހަށިގަނޑުގެ ފެންނަ މީހަކު ބިރުން ފިތްކަނޑައިގެން ދާނެކަން ކަށަވަރެވެ. މުޅި މީހާ އޮތީ ފޯއްވެފައެވެ. މުޅި ހަންގަނޑު ވަނީ ލޮނދި ލާފައެވެ. ޗަކަ ވެފައެވެ. އެ މަންޒަރު ފެންނަ މީހެއްގެ މުޅި ގައިން ހީބިހި ނަގައިގަންނާނެއެވެ.

“ކޮބާ ބައްޕަ؟” މިލްޖާއު ގިސްލަމުން އެ ސުވާލު ކުރީ މަދީހާގެ ގާތުންނެވެ.

“ނޭނގެ! ވަރަށް ގުޅައިފިން. ފޯނު ނިއްވާލާފަ. ހިނގާ ގެއަށް ދާން.” މަދީހާ ވަަރަށް ލޯބިން މިލްޖާއުގެ ގައިގައި އޮޅުލައިގަތެވެ.

މިލްޖާއު އާއި އެކު މަދީހާ ގެއަށް ވަނުމާއި އެކު އެދެމީހުންގެ ކަންފަތުގައި ޖެހުނީ ވަރަށް ވޭނީ ހިތްދަތި އަޑެކެވެ. މީހެއް މަރަށް ތެޅެމުންދާ ފަދަ އަޑެކެވެ. މަދީހާއަށް ދުއްވައި ގަނެވުނީ ރަޝީދުގެ ކޮޓަރިއާ ދިމާލަށެވެ.

ކަމަކުދާކަށް ނެތެވެ. ރަޝީދަށް ވެފައިވަނީ ހަމަ ޝިމްލާއަށް ވެފައިވާ ގޮތެވެ. އޭނާގެ މުޅި ގައިގެ ހަންތައް ވަނީ އޮލަލާފައެވެ. ހީވަނީ ތެތް ދިޔަގަނޑެއް ހެންނެވެ. މަދީހާގެ ދެލޯ ބޮޑުވިއެވެ. މިލްޖާއުއަށް އެޅުނީ ފަހަތަށް ފިޔަވަޅެކެވެ. ރަޝީދުގެ މޫނު ހީވަނީ ފުރޭތައެއް ހެންނެވެ. އެހާވެސް ބިރުވެރިއެވެ.

“މަ… މަދީހާ.. ދަ. ދަރި.. ދަރިފުޅާ!. މަ ސަލާމަތްކޮށްދީ!” ވަރަށް އުނދަގުލުން ރަޝީދު ވާހަކަދެއްކިއެވެ.

“މަށަށް މަޢާފު… މަޢާފު.. ކުރޭ!” ރަޝީދު ވާހަކަދައްކަމުން ދިޔައިރު އޭނާގެ އަޑު ތުރުތުރު އަޅައެވެ. ވަރަށް ހާލުން ރަޝީދު އޭނާ ކަންތައް ކުރި ގޮތްތައް އެދެމީހުންނަށް ކިޔައިދިނެވެ. ވަރަށް ތަފުސީލުކޮށް ކުރެވުނު ހަރާމް ބޮޑު ފާފަ ރަޝީދު ކިޔައިދެމުން ދިޔައިރު، މިލްޖާއު ގާތަށް އަންނަމުން ދިޔައީ ބަޔާން ކުރަން ދަތި ރުޅިއެކެވެ. ލިބުނު ބޮޑު ހައިރާން ކަމާއި އެކު ހިތް މަތީގައި އަތް އަޅައިގެން މަދީހާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ގޭގެ އުތުރު ފަރާތު… ގަސްކައިރީގަ.. ވަޅުލާފަ އޮތް.. ބޮނޑު.. ބޮނޑު ނަގައިދީ.. ބައްޕަ ސަލާމަތް ކޮށްދީ! ހެޔޮނުވާނެ. މަ މިއޮތް މަރުވަނީ.” ރަޝީދުގެ އަޑު ދިޔައީ ހިމުންވަމުންނެވެ.

މަދީހާ ހުރި ފިޔަވަޅުމަތީގައި ގުނޑެލަން ވެސް ނޭނގިފައި ހުރެވުނެވެ. މިލްޖާއު ވެފައިވާ ރުޅިން މުޅި ހަށިގަނޑު ރޫރޫ އަޅައެވެ. މިލްޖާއުގެ ލޮލުން ރުޅިވެރިކަމާއި އެކު، ރިހުމުން ފުރިފައިވާ ކަރުނަތައް ފައިބަމުން ދިޔައެވެ. ރަޝީދުގެ ފަހު ނޭވާ ދޫކޮށްލީ އޭނާގެ އަންހެނުންނާއި ދަރިފުޅުގެ ކުރިމަތީގައެވެ.

ރަޝީދުގެ އަމިއްލަ ފައިދާއަށް އަމިއްލަ ދަރިފުޅުގެ ދިރިއުޅުން ނަރަކައަކަށް ހަދަން ކުރި މަސައްކަތް އޭނާއަށް ނާކާމިޔާބެވެ. ސިހުރު ހަދަން ނޭނގި އެކަމުގެ ތެރޭގައި އުޅެ، ރަޝީދު މިދުނިޔެ ދޫކޮށް ދިޔައީއެވެ. ބިރެއް ނެތި އުޅެވުނު ގޮތުން އޭނާއަށް މިދުނިޔެއާއި އަލްވަދާޢު ކިޔަން ޖެހިއްޖެއެވެ. ސިހުރު ހަދަން ބޭނުންކުރި ފެންގަނޑަށް ޝިމްލާގެ ލެޔާއި އެކު ރަޝީދުުގެ އަތުން ފެއިބި ލޭ އެއްވެ، ސިހުރުގެ ހަތިޔާރުން ދެމީހުންވީ މަރެވެ. ފަނާވެގެން ދިޔައީ ކުށެއްނެތް ބަޔެއްގެ އުފާވެެރި ދިރިއުޅުމެވެ. މިލްޖާއު ދެކުނު ފޮނި، އުފާވެރި، ހުވަފެންތައް މިއަދު ބިލާހަލަކަށްވެ ނިމިއްޖެއެވެ.

-ނިމުނީ-

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.