މިއީ “މުނިއަވަސް – ކުރު ވާހަކަ މުބާރާތް 1441” އަށް ލިޔުންތެރިޔާ ފޮނުއްވެވި ވާހަކަ، ފޮނުއްވި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ޝާއިޢުކޮށްފައިވާ ޝާއިޢުކުރުމެކެވެ.
އަހަރެން ދިޔައީ ފޮށި ތައްޔާރު ކުރަން އަވަދިނެތި އުޅެމުންނެވެ. “މަންމާ ހޮޑުލަވަނީ” ކަންފަތުގެ ތެރޭގައި ހޮނު ގުގުރިއެއް ހެން އަހަރެންގެ ދަރިފުޅުގެ ރުއިމުގެ އަޑު އިވުނެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފައި އެ ދިމާލަށް ދުއްވައި ގަތީމެވެ. ދަރިފުޅު އަތުލަފި ކޮށްގެން އަނެއްކޮޅުން ހެދުންގަނޑު އަރުވާ ޖަހަމުން ރަށު ސެންޓަރަށް ދިޔާމެވެ.
“ކުއްޖާ ޖެހޭނީ އެޑްމިޓް ކުރަން. ބީޕީ ވެސް ވަރަށް ދަށްވެފަ ހުރީ” ޑޮކްޓަރު އެހެން ބުނުމުން އަހަރެން ހަދާނެގޮތް ހުސްވިއެވެ. އިތުރު އެހެން ގޮތެއްވެސް ނެތެވެ. ޒިޔާދާއަށް އިންޖެކްޝަނެއް ދިނުމަށް ފަހު އައިވީ ފުޅިއެއް ގުޅާލިއެވެ. ވެގެން މި އުޅެނީ ކީއްކަމެއް އަދިވެސް އެނގޭ ވަރެއް ނުވެއެވެ. ހަދަން ދިން ޓެސްޓް ތަކުގެ ނަތީޖާ ލިބޭނެ ކަމަށްވެސް ބުނީ ގަޑިއެއް ހާއިރު ފަހުންނެވެ. އިތުރަށް މަޑުކުރެވެން ނެތުމުން އަހަންނަށް ޖެހުނީ އެ ފަކީރު އެކަނި ޙާލަށް ދޫކޮށްލާފައި ދާށެވެ. މިއަދު ޒިޔާދާ އަކީ ކުޑަކުއްޖެއް ނަމަ އުޅެން ޖެހޭނެ ހާލެއްވެސް ނޭނގެއެވެ. އަހަރެން ގެއާ ދިމާލަށް މިސްރާބު ޖެހީ އަވަސް ފިޔަވަޅު ތަކެއްގައެވެ. ގާތުން ބޯވަރުގެ ޒޯޔާ ނިދާފައި އޮތްކަން އެއީ ނަސީބެވެ.
ގެއާ ހަމައަށް އާދެވުނު އިރު މުޅި ގެ ވަނީ ކުޑަކުޑަ ޒޯޔާގެ ރުއިމުގެ އަޑުން ގުގުމާލާފައެވެ. ބަނޑުހައިވެގެން އެ ފަކީރު ހަލާކުވާވަރު ވާނެއެވެ. އަހަންނަށް އެކަން އިހްސާސް ކުރެވެއެވެ.
އިރު އޭގެ ވާޖިބު އަދާކުރަމުން ދެއެވެ. ގަޑިން 4:15 ހިނގައި ދަނީއެވެ. ޒިޔާދާ ގެންދިޔަފަހުން ގަޑިއިރަކާ ގާތް ވަނީއެވެ. ތެޅެމުން ފޮޅެމުން ރޯފިލުވި ކާއެތިކޮޅު ތައްޓަކަށް އަޅައިގެން ކުޑަމީހާ ނަލަ ހައްދާލައިގެން މަރުކަޒާ ދިމާލަށް މިސްރާބް ޖެހީމެވެ. ޒިޔާދާގެ ޓެސްޓް ތަކުގެ ނަތީޖާގައި ވާ އެއްޗެއް ބަލާލަން ކެއްތެރިކަން ކޮޅުންލާ ހާލުއެވެ.
ގިނަ އިރުތަކެއްނުވެ އަންނަން ބޭނުންވި މަންޒިލަށް އާދެވިއްޖެއެވެ. މަރުކަޒަށް ވަދެ ޒިޔާދާއަށް ކާއެއްޗެއްވެސް ދީ ހެދުނީ ވަރަށް ހާލުންނެވެ. ކާއިރަށް ހޮޑަށް ދަނީއެވެ. ކައިރީ ގޮނޑީގައި ޒޯޔާ މަޑުމަޑުން އިށީނދެލައިގެން އިނެވެ. އަބަދުވެސް މަންމަ ވެގެން އުޅޭ ދަރިޔަކު މަޑުން ހިނދުކޮޅަކަށް އިނުމުން ހިތުން ޝުކުރުކޮށްލެވުނެވެ.
“އެސްކިޔުޒް މީ.. ޒިޔާދާގެ އެހީތެރިއެއް” ނަރުސް ކުއްޖަކު އައިސް ގޮވާލިއެވެ. ޒޯޔާ އުރާލައިގެން ޑޮކްޓަރު ރޫމާ ދިމާލަށް ހިނގައި ގަތީމެވެ. އަހަންނަށް ވަދެވުނު އިރު ޑޮކްޓަރު ހުރީ ރިޕޯޓްތައް ބަލާށެވެ. އިށީނުމަށް ޑޮކްޓަރު ދައުވަތު ދިނެވެ. އެ ވަގުތު ކައިރިން ދިޔަ ނަރުސް ކުއްޖާގެ މޫނުމަތިން އަރާ ފައިބަމުން ދިޔައީ އެތައް ސުވާލުތަކެއްގެ ޖަވާބު އަހަން ބޭނުންވެފަ ހުރިކަހަލަ އިހްސާސެކެވެ. އެ ނަރުސް ކުއްޖަކީ ޒިޔާދާއާ އެކީ ސްކޫލް ދައުރުގެ އެކުވެރިއެކެވެ.
“ވެލްކަމް.. ޝީ އިޒް ޕްރެގްނެނެޓް” ޑޮކްޓަރު ބުނެލިއަޑު އިވުނެވެ. ނޫނެވެ. އެއީ އަހަންނަށް އަޑު އިވުނުގޮތް ކަމަށް ނޫނީ ޑޮކްޓަރަށް އޮޅުނީ ކަމަށް ހީކޮށް ދެވަނަ ފަހަރަށް ވީ ގޮތް އަހާލީމެވެ. “އައި ސެއިޑް ޝީ އިޒް ޕްރެގްނެންޓް. ޓޭކް އަ ގޫޑް ކެއަރ އޮފް ހަރ..” އެ ހިނދުކޮޅުގެ ތެރޭގައި ލޮލަށް ޖަމާވެފައިވާ ކަރުނަތައް އެކީ ދުއްވައިގަތެވެ. ހަތަރެސް ފައިގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. މި މަންޒަރު ބަލަން ކުޑަކުޑަ ޒޯޔާ އިނީ ހައިރާން ވެފައެވެ. ބޭ އިޙްތިޔާރުގައި ކައިރީގައި ހުރި ނަރުސް ކުއްޖާއާ ދިމާލަށް ބަލާލެވުނެވެ. އޭނާ ބޯ ޖަހާލީ އަންއެކޭ ބުނަމުންނެވެ. އޭނަ އަހަންނަށް ކެތްތެރިވުމަށް ނަސޭހަތް ދިނެވެ. ޒިޔާދާއަށް ބަދަލްތައް އަންނަން ފެށި ސަބަބަކީ މިއީކަން އަހަންނަށް ރެއަކާ މިލީ އަދި ކިރިޔާއެވެ. އެކަމަކު އެއީ ކާކުގެ ނުބައި ކަމެއްކަން އަހަރެންގެ ހިތަށް ނަގައި ގަނެވޭނެ އެއްވެސް ގޮތެއްނެތެވެ. ފުރާވަރުގެ ދުވަސް ތަކުގަވެސް ކުއްޖަކާ ރައްޓެހިވެސް ނުވެ ކަންތައް މިވީ ކިހިނެއްހެއްޔެވެ. އަނެއްކޮޅުން ހުރިހާ ވަގުތެއްހެން ހޭދަކުރަނީ ވެސް ގޭގައެވެ. އަހަރެންގެ ސިކުނޑި އެތައް ހާސް ސުވާލު ތަކަކުން ފުނި ޖެހެން ނެގީ ހިނދުކޮޅެކެވެ. މި ހުރިހާ ކަމަކާ އެކަނިމާ އެކަނި ކުރިމަތިލާން ޖެހުމުން އަހަރެން ގޮތް ހުސްވިއެވެ.
ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ ހައުސްކޯޓު ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން ޑޮކްޓަރ ރޫމުން ބޭރަށް ނުކުތީ ދެންވެސް ހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެކަން އެނގި ހުރެއެވެ. “ކޮބާ ކޮންތާކު؟ ކިހާ އިރެއް ދެފަޔަށް ލޭ އަރުވައިގެން އަންނާނެ ކަމަށް ބަނދަރުގަ ހުއްނަނީ.. ބޮނބި ފަޅިއެއްގަ ކަނބަމުންތަ ތި އަންނަނީ؟” ލަތީފް ބުނަން ބޭނުންވި އެއްޗެއް ބުނެނިންމާލި އިރުވެސް އަހަރެން ހުރީ ވާހަކަ ދައްކަން ފައްޓާނެ ކޮޅެއް ނޭނގި ބަސް ހުއްޓިފައެވެ. “ކީއްވެ އަނގައިން އެއްޗެއް ބުނަން ނޭނގިފަ ތިހުރީ.. އަހަންނަށް އެނގެޔޭ އެންމެ ފަހުވަގުތުގަ ކަލޭ ނާންނާނެކަން.” ހަށި ފުރާ ނޭވާއެއް ލުމަށްފަހު އަހަރެން ވާހަކަ ދައްކަން މަސައްކަތް ކުރީމެވެ. “މިއުޅެނީ.. ކުއްލިއަކަށް ޒިޔާދާ ބަލިވެގެން. އަހަރެން ފޮށިވެސް ތަޔާރު ކުރަނިކޮށް..” އަހަންނަށް ގިސްލުމާއެކު ރޮވޭ ގޮތް ވިއެވެ. “ކޮންހާ ވާހަކައެއް ދައްކާކަށް. އަހަންނަށް ގުޅާފަ ބުނަންވެސް ނޭނގޭތަ؟ ކަލޭގެ ތި ދެ ދަރިންނާހެދި އަހަންނަކަށް ނެތެއްނު ހަމަޖެހިގެން އުޅެވޭކަށް.. ކިހާ ދެރަވެއްޖެ ކަމެއްދެން.” ލަތީފް އިސްކުރީ ރުޅިވެރިކަމެވެ. އެއާ އެކީ ފޯން ކަނޑާލިއެވެ. ޒޯޔާ ގައިގައި ހިފާ ރޯން ފެށުނީ ހިތް ފަޅައިގެންދާ ހާލުއެވެ. ލަތީފްގެ ވިހަ ބަސްތައް އަޑުއަހަން ރޯން ހުރުން ނޫން ގޮތެއް އަހަރެންގެ ނެތެވެ. ތަގުދީރާ ދެކޮޅު ހަދަން އެއީ އެއްވެސް މީހަކަށް ލިބިގެންވާނެ ބާރެއްނޫނެވެ. މިއަދު ލަތީފްގެ އަންބެއްގެ މަޤާމްގަ އަޅުވެތިކަމުގަ އިންނަން މި ޖެހުނީ އަހަރެންގެ ނިކަމެތިކަމުންނެވެ. އޭނާއަކީ ހިތުގައި އިންސާނިއްޔަތުކަމެއް ނެތް މީހެއްބާއޭ ހިތައް އަރާ ކިތައްމެ ވަގުތެއް އާދެއެވެ. އަހަރެންގެ ދެ ކުދިންދެކެ އިންތިހާއައް ރުޅި އަންނަނީވެސް އެހެންވެއެވެ. އަލިފާނެއް ފެނެއް ވަކި ނުވާވަރުގެ ޒޯޔާއާ ދޭތެރޭ ހިތުގަ ހަމްދަރުދީއެއް ނޯވެއެވެ. ނަމަވެސް ދަރިންގެ މުސްތަގް ބަލަށްޓަކާ ދޮންބައްޕައެއް ހޯދަން އަހަންނަށް މަޖުބޫރު ވީއެވެ. ފަސްދޮޅަހާ ގާތަށް އުމުރު މައްޗައް ގޮސްހުރި ލަތީފްގެ އަތުގައި ހިފަން ޖެހުނީ އަޅާލާނެ ބަޔަކު އާއިލާގަވެސް ނެތުމާ އެކީއެވެ. އަހަރެންގެ އަލަތު ކައިވެނި ރޫޅިގެން ދިޔައީ ލަތީފްގެ ޖާދޫގެ ބާރުންކަން އެނގުނުއިރު އަހަރެންވަނީ ޖާދޫގެ ބާރުން ލަތީފްގެ ދިރިއުޅުމާ ގުޅި ކަސްތޮޅު އެޅުވިފައެވެ.
އަހަންނަށް ހުރެވުނުތަން ރެއަކާލީ ބައްދާލައިގެން އިން ޒޯޔާ އަށް ނޭވާލާން ދަތިވުމުންނެވެ. އެ ވަގުތަކީ ޒިޔާދާގެ އެހީތެރިއަކަށް ގޮވާލި ވަގުތުކަމުން ލޯ ފުހެލަމުން ގޮސް ޒިޔާދާގާތު މަޑުކޮށްލީމެވެ. އޭނައަށް ވަނީ ނިދިފައެވެ. އޭނާގެ މޫނަށް ބަލާލި ވަގުތު އަހަރެންގެ ލަގޮނޑީގައި ރިއްސާލިއެވެ. އެކުޑަ ހަށިގަނޑުގައި އިތުރު އެހެން ވިންދެއް ޖަހަމުން އެބަދެއެވެ. ގޮތް ހުސްވެފައި ޒިޔާދާގެ ލޯ ހުޅުވާލާނެ އިރެއްގެ އިންތިޒާރުގައި އިސްދަށަށް ޖަހައިލައިގެން އިނީ ކުއްވެރިޔަކީ އަހަންނޭ ބުނާފަދައިންނެވެ. މާޔޫސްކަންމަތީ އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. އުނގުމަތީ އޮތް ޒޯޔާ ނިދީ އަހަރެން ފުން ވިސްނުމެއްގައި އިންދައެވެ. ޒޯޔާ ގުވައިގެން ގެއާ ދިމާލަށް ދާންޖެހުނީ ޒިޔާދާ ލޯ ހުޅުވާލަން ވާއިރަށް އަވައްޓެރިއަކާ ޒޯޔާ ހަވާލުކޮށް ފައި އަންނަންވެގެނެވެ. ގެއައްގޮސް ނަމާދު ކޮށްލައިގެން ޒިޔާދާގާތަށް ދާން ހިނގައިގަންތަނާ ލަތީފްގެ ފޯނެއް އައެވެ. “ޒިޔާދާ އަށް ކިހިނެއް ވީއޭތަ ބުނީ” އަހަރެން އަޖައިބުވެ އަންތަރީސްވިއެވެ. އެއީ ލަތީފްގެ މިޒާޖެއް ނޫނެވެ. “ބުނެބަލަ ޒިޔާދާއަށް ކިހިނެއްތަ ވީ” އަނެއްކާވެސް ވާހަކަ ދެއްކީ ލަތީފްއެވެ. ހިތާހިތުން އަހަންނަށް ޝުކުރުކޮށްލެވުނެވެ. އަހަރެންގެ ދަރިންގެ މައްޗަށް ލަތީފްގެ ހިތް ބަދަލް ވީ ތީއެވެ. ޖެހިލުންވެ ހުރެ ނަމަވެސް ކަންތައް ވެގެން އުޅޭ ގޮތް އަހަރެން ކިޔާލަދިނީމެވެ. ވާހަކަ ދައްކަމުން ގޮސް ވޯޑްއަށް ވަތް އިރު ޒިޔާދާ އިނީ އެނދުމަތީ އިށީނދެލައިގެންނެވެ. އަހަރެން ފެނުމާ އެކީ އެދެލޮލުން ވިދުވަރެއްހެން ކަރުނަތައް ފާއްދާލިއެވެ. ހުރެވުނީ ފޯނެއްގައިކަންވެސް ހަނދާންނެތި ދުވެފައިގޮސް ދަރިފުޅު ގައިގައި ބައްދާލީމެވެ. މަންމައަށް މައާފު ކުރާށޭބުނެ ރުއީމެވެ. ކުރަކިވެފައިވާ އަޑަކުން ކިހިނެތް ވީކަމެއްތޯ އަހަރެން ސުވާލު ކުރީމެވެ. ހަގީގަތަކީ ކޮބާތޯ ނުބަލާ ދުވަހަކުވެސް އަހަރެން ރުޅިއިސްކޮށެއް ނޫޅެމެވެ. ނަވާފް އަހަރެމެންނާ ވަކިވެގެން ދިޔައީ ފުރާނައަށްވުރެވެސް ބޮޑަށް ދެ ކުދިން ބެލުމަށް ވަސިއްޔަތް ކުރުމަށް ފަހުއެވެ. އަހަރެން ކުރި ސުވާލުން އަހަންނަށް އެއްވެސް ކަމެއް ނޭނގޭކަން ޒިޔާދާއަށް އެނގިގެންދިޔައެވެ.
“މަން.. މަން.. މަންމާ.. އަހަންނަށް މައާފްކުރޭ. މިއީ ކޮންކުށެއް ކޮށްގެން އަހަންނަށް ލިބުނު އަނިޔާއެއް ކަމެއް ހުދު އަހަންނަކަށް ވެސް ނޭނގެ. އެކަމަކު.. އެކަމަކު ވެދާނެ މިއަދު މުޅި ދުނިޔެއާ ދެކޮޅަށް މޫނު އަނބުރާލަންޖެހި އަހަރެން ބާކީ މިވީ ތި މަންމަގެ ދަރިއަކަށް ވީމަކަމަށް.. މަންމާ.. އަހަރެންގެ އަބުރު ވެއްޔާ މޮޑެލީ..” ޒިޔާދާ އަނގައިން ބުނަން ބޭނުންވި ނަން ބުނުމަށް ދޫ ބަންދުކޮށްލީ އޭނަގެ ފޯނަށް އައި މެސެޖަކުންނެވެ. އޭނާގެ ދުލުގައި ތަޅެއްލެވުނު ކަހަލައެވެ. އިތުރަކަށް އެންމެ ލަފްޒެއް ބުނުމަށްވެސް އޭނަ އަކަށް ހިތްވަރެއް ނުލިބުނެވެ. އަހަރެން ކައިރީގައި ހުރެ ރޮއެ އާދޭސް ކުރީމެވެ. ފޫނެއްފަޔަށް ފެންފުރުން ނޫން ކަމެއް ނުވެއެވެ.
މަރުކަޒުން ޒިޔާދާ ގެއައް ދޫކޮށްލީ 10 ޖަހާ ބޮޑުވިފަހުންނެވެ. އަނެއްކޮޅުން މާދަމާ އަކީވެސް މުޅި ދުވަހުހެން މަރުކަޒުގައި އުލެންޖެހޭނެ ދުވަހެކެވެ. ކޮންމެ މަހަކު ދެ ފަހަރުހެން މިއީ އަންނާނެ ދުވަހެކެވެ. ޒޯޔާ އަކީ ތެލެސީމިޔާ ކުއްޖެއް ކަމުން އެކަމުގައި ލޭ އެޅުމަށް މުޅިދުވަސް ހޭދަވެގެންދެއެވެ. ލަތީފް އާ ކައިވެނީގެ ގޮތުން ގުޅެން ޖެހުނު ސަބަބަކަށް ވެސް ވަނީ މިކަންތަކެވެ. ލަތީފް އެހެން ރަށަކަށް ބަދަލުވިފަހުން އަހަންނަށް މިކަމުގައި ވަރަށް ދަތިތަކާ ކުރިމަތި ލާންޖެހެއެވެ. އެ ހިޔާލުގައި އޮވެ ފޯނު ނަގާ ލަތީފްއަށް ގުޅާލީމެވެ. މާދަމާ ރަށަށް އަންނާނެ ކަމަށް ބުނީ އަހަރެން އެކަމަށް ނުވެސް އެދި ހުއްޓައެވެ. މިއަދު ލަތީފް އަށް ވަރަށް ގިނަ ބަދަލުތައް އަތުވެއްޖެއެވެ. މީގެކުރިންވެސް ކުދިން ބަލިވެއެވެ. އެކަމަކު އެހާ އޯގާތެރިއެއް ނޫނެވެ. އެ ހިނހަމަޖެހުމުގައި އޮވެ ލޯމަރާލީމެވެ.
ފަތިހު ބަންގީގެ އަޑަށް އަހަރެން އާ ހިތްވަރެއްލާ ނިދި ބަރުވެފައިވާ ދެލޯ ހުޅުވާލީމެވެ. އަތްމަތީ އޮތް ޒޯޔާ މަޑުމަޑުން އެއްފަރާތައް ޖައްސާލައި ކުރަންހުރި ހުރިހާ ކަމެއް ނިންމާލުމަށް އަވަސްވެގަތީ ލަތީފް އަންނަންވާއިރަށް ސައި ތައްޔާރު ކުރެވޭތޯއެވެ. ނާސްތާ ތައްޔާރުކޮށް ނިންމާލުމަށްފަހު ޒިޔާދާގެ ހާލެއް ބަލާލަން ދިޔައީމެވެ. އެ ފަކީރުވަނީ ހަމަނިދިން މަހުރޫމް ވެފައެވެ. ބަނޑުގައި އަތްޖައްސާ ހެދުން އަތުތެރެއަށް ފިތާ ބާރުކޮށްލައިގެން އިނދެ ގިސްލަނީއެވެ. ބުނަން ބޭނުންވާ ވާހަކަ ތަކެއް ނުބުނެވި އިން މައުސޫމު ދެލޮލުން އަހަންނަށް ބަލާލިއެވެ. ހަމަ އެފަދައިން އަހަންނަށްވެސް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައެވެ.
“ސިޔާމާ.. ސިޔާމާ..” އެއީ ލަތީފް ގެއައް އައިސް ވަތް ވަގުތެވެ. ކަރުނަތައް ފުހެލުމަށްފަހު ލަތީފް ގާތަށް ލެފެގަތީމެވެ. އޯގާތެރި ކަމުގެ ފިރުމުމަކުން ލަތީފް އަހަރެން ގައިގައި އަތް ޖައްސާލި މީ ފުރަތަމަ ފަހަރެވެ. އަހަރެންގެ ހިތް ލަތީފް އަށްޓަކާ ފުރަތަމަ ފަހަރަށް އެދެވެން ފެށުނެވެ.
ނާސްތާކޮށް ނިންމާލުމަށްފަހު ޒޯޔާ ގޮވައިގެން ސެންޓަރަށް ދިޔައިރު ޒިޔާދާ ކޮޓަރީގައި އޮތީ ބޭރަށްވެސް ބޯ ދިއްކޮށްލަން ބޭނުން ނުވެފައެވެ. އަރުތެރެއިން ފެންތިކެއްވެސް އެތެރެކުރަން އޭނާ ބޭނުމެއްނުވެއެވެ. އަބަދުވެސް އޮންނަނީ ފުންކޮށް ކަމަކާމެދު ވިސްނާށެވެ. ލޭ އެޅުމުގެ ކަންތައް ނިމުމާއެކު ގެއަށް އައިސް ވަތްއިރު ފެނުނު މަންޒަރުން އަހަރެން ހައިރާންވިއެވެ. ޒިޔާދާ އެއިނީ މޭޒު ދޮށުގައި ކާށެވެ. ލަތީފްގެ ދެއަތުން އޯގާތެރި ކަމާއެކު އޭނަގެ ބޮލުގައި ފިރުމަމުން ދެއެވެ. އަހަރެންގެ ލޮލުން އުފާޥެރި ކަމުގެ ކަރުނަ ފާއްދާލިއެވެ. މިއަދު ބައްޕައެއްގެ އެ އޯގާތެރި ކަމަށް ދަރިފުޅު ބޭނުންވާނެވަރު އިހްސާސްވިއެވެ. ލަތީފްގެ އޯގާތެރިކަން ކުރިން ވެސް ލިބުނު ނަމައޭ ހިތައް އެރިއެވެ. އަހަންނަށް ވެގެންދިޔަގޮތް ބަލަން ލަތީފް އިނީ ހިނިތުންވެއެވެ. ޒިޔާދާގެ ހާލަކީ އޭގެ އަނެއްކޮޅެވެ. އެކަމަކު އެއީ މިއަދު އޭނައަށް ކުރިމަތިލާން ޖެހިފައިވާ ކަންތަކުގެ ސަބަބުންކަން އަހަންނަށް އެނގެއެވެ.
އާދުވަހަކަށް އިރު ފެނުން ތޮޅެލިއެވެ. ފިރިމީހާގެ ފަރާތުން މީގެ ކުރިން ނުފެންނަ އާދަޔާ ހިލާފް ކަންތައްތަކެއް ފެންނަމުން ދިޔައެވެ. ކުރީގަނަމަ މުޅި ދުވަހު އެކީ ބޭރުގައި ހޭދަކުރާ މީހާ ހީވަނީ ގޭ ބަންދަކަށް ޖަހާފައިވާހެންނެވެ. އަނެއްކޮޅުން ޒިޔާދާވެސް އިސްވެ ފެނިގެން ކޮންމެ ފަހަރަކު ރަނގަޅަށް ކައިހަދައެވެ. އާ ދުވަހަކާ އެއީ އާ ދިރިއުޅުމެއް ލިބުނީ ކަމަށް ހީކޮށްގެން އަހަރެން ހުރީ ހިތްހަމަޖެހިގެނެވެ. ގޭތެރޭގެ މަސައްކަތް ނިންމާލުމަށްފަހު ބަދިގެފަރާތަށް ޖެހިލީ ޒިޔާދާ ނުކައި ހުރިތޯ ބަލާލުމަށެވެ. ދިޔައިރު އޭނަ އިނީ ކާމޭޒު ދޮށުގައެވެ. ލޮލުން ވެއްޓެމުންދިޔަ ކޮންމެ ކަރުނަ ތިއްކެއްވެސް ދިޔައީ އިސްދަށަށް ޖަހައިގެން އިން ޒިޔާދާގެ އުނގު ތެއްމަމުންނެވެ. އޭރު ލަތީފް ބަދިގެއިން އެއްޗެއް ހޯދަންވަދެ ނުކުމެގެންދެއެވެ. ދަނޑިވަޅުބަލާ އިހު ކުރި އާދޭސް ދަރިފުޅު ގާތު ކުރީމެވެ. ކާކުގެ ނުބައި ކަމެއްތޯ ބަލަން އަހަރެން ހުރީ ކެއްތެރިކަން ކޮޅުންލާވަރުވެފައެވެ. އެއްވެސް ޖަވާބެއް އަހަންނަކަށް ނުލިބުނެވެ. އެންމެފަހުން ޒިޔާދާ ގޮސް ވަނީ ކޮޓަރިއަށެވެ. އޭނަ އުޅޭ ހާލުފެނި މިދެލޮލުން ކަރުނަ ނާޅާ އެއްމެ ދުވަހެއްވެސް ނުދާނެއެވެ.
“ގައިމު ޒިޔާދާ ބަނޑުބޮޑޯ.. ގައިމު ބަނޑަކުން ނޭނގެ..” ގޭ ދޮށަށް އައި މުނީރާ ބުންޏެވެ. ހިތްދަތިކަމާ އެކީ ދުވަސްތައް ފާއިތުވަމުން ގޮސް ޒިޔާދާގެ ބަނޑަށް 5 މަހަށް އެޅީއެވެ. ސިއްރުގައި ކުރި ހިތާމަތައް އެންމެނަށް ހާމަވާން ފެށީއެވެ. ސިއްރު ނުކުރެވޭނެ ކަންތައް މުޅި ރަށަށް ހެން އެންގި ވައިގެ ތެރޭ ވަނީ އެވާހަކަ ގުގުމާލާފައެވެ. ދެ މީހެއްގެ ތުން ގުޅުވާލެވޭ ކޮންމެ ތަނެއްގައު ދެކެވޭ ވާހަކަޔަކީ އެއީއެވެ. ގޭގެ ސިޓިންގރޫމަށް އަހަރެން ނުކުތްއިރު ލަތީފް ފެނުނެވެ. ނިދި ޖެހިފައި ވުމުގެ ސަބަބުން އަތުގައި އޮތް ފޯން ވަނީ ވެއްޓެން ގާތްވެފައެވެ. އަހަރެން ގޮސް ފޯނު ނަގަން އަތްލުމާއެކީ ފުއްމައިގެން ތެދުވެ ފޯނު ފޮރުވިއެވެ.
އެހެން ދުވަސްތަކާ ހިލާފަށް ޒިޔާދާ އުޅެނީ ބަނޑުގައި ރިހި ހޮޑު ލަވާތީއެވެ. ކާލާނެ ތަރުކާރީ ކޮޅެއް ގަނެގެން އައިސް ކޮޓަރިއަށް ވަތްއިރު ޒިޔާދާއެއް ނޫޅެއެވެ. ނުކުންނަން ނެގި ފިޔަވަޅާއެކީ އެ ފޯނަށް މެސެޖެއް އައެވެ. އަހަރެންގެ ހިތް އޭގައިވާ އެއްޗެއް ބަލާނުލާ ކޮޓަރިން ނުކުންނާކަށް އެއްބަހެއް ނުވިއެވެ. ފޯން ނަގާ މެސެޖް ހުޅުވާލީމެވެ. “1 ޖަހާއިރު ދާނަން ތި ރޫމަށް. ދަރިފުޅަށް ގެއްލުންވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެ. ކޮޓަރި ތަޅުނުލާ ބަހައްޓާތި” މި މެސެޖު ފެނި އަނގަމަތީ އަތް އަޅާލެވުނެވެ. ވީ އެންމެ އަވަހަކަށް އެ ކޮޓަރިން ދެމެގަތީމެވެ. އިންތިޒާރު ކުރެވެމުން ދިޔައީ މެންދަމު 1 ޖަހާނެ ވަގުތަކަށެވެ. އަވަސް އަވަހަށް ލަތީފް އަށް މި ވެގެން އުޅޭގޮތް ކިޔައިދޭން ދަނިކޮށް ޒޯޔާގެ ރުއިމުގެ އަޑާ އެކީ ޖެހުނީ އައިކޮޅަށް އަނބުރާލާށެވެ. އެންމެ ސިކުންތެއްވެސް އަހަންނަށް ހީވަމުން ދިޔައީ އެތައް ވަގުތު ތަކެއްހެނެވެ. ހިތް މޭގައި އޮވެ ތެޅިފޮޅެމުން ދިޔައެވެ. އެހެން ރޭރޭ ކުޑަ ދަރިފުޅާއެކީ އަހަރެން ނިދިޔަސް މިރޭ ނިދިފިޔައެއް އަންނާނެ އެއްވެސް ގޮތެއްނެތެވެ. އިރުއިރު ކޮޅާ ލަތީފް ވަދެލާފައި ނުކުމެގެންދެއެވެ. އަނެއްކާ ލަތީފްއަށްވެސް އެ މެސެޖް ފެނިގެން އެވާހަކަ ދައްކަން ފުރުސަތެއް ހޯދަނީ ކަމަށް ހީކުރީމެވެ. އިރުކޮޅެއް ފަހުން ފެންޖަގެއް ހިފައިގެން އައިސް ދިއްކޮށްލިއެވެ. އަހަރެން ހައިރާންވީ އަހަރެން ކަރުހިއްކާފައި ވާކަން ލަތީފް އަށް އެނގުމުންނެވެ. އިތުރު ސުވާލަކާ ނުލާ ފެންތަށި ބޯލީމެވެ.
ފުންމައިގެން އަހަންނަށް ހޭލެވުނެވެ. އަވަހަށް ފޯނު ނަގާ ގަޑި ބަލާލީމެވެ. 1:45 ހިނގައި ދަނީއެވެ. ވީ ކީއްކަމެއް އަހަންނަކަށް ނޭނގުނެވެ. ބަލާލީ ލަތީފް އޮތްތޯއެވެ. އޭނައެއްވެސް ފެންނާކަށްނެތެވެ. ޒިޔާދާ ފޯނަށް އައި މެސެޖު މަތިން ހަނދާންވީދެނެވެ. އެ ކޮޓަރިއާ ދިމާލަށް ދުއްވައިގަތީމެވެ. ބަދިގެ ބިއްދޮށުގައި އެ ކޮޓަރި ކުޑަ ދޮރާ ދިމާލުން މަޑުކޮށްލީމެވެ. ހަމަ ޔަގީނަށްވެސް ދެވަނަ މީހަކު އެބަ އުޅެއެވެ. ކޮޓަރީގެ ލައިޓާއެކީ ދޮރަށް އެޅިފައިވާ ކަޅުހިޔަންޏެއް ފަދައިން އެ މީހަކު ކުރަމުން އެ ގެންދާ ހަޑި މުޑުދާރު އަމަލު ފެންނަން ހުއްޓެވެ. ކުއްލިއަކަށް އިވެންފެށީ ޒިޔާދާގެ ރުއިމުގެ އަޑެވެ. “ކަލޭތީ އިންސާނެއް ނޫން. އަހަރެން ކަލޭގެ މި ނުބައި ލެއިން އުފެދިފައިވާ ދަރިއަކު ބޭނުމެއްނޫން. މިއަދު ކަލޭގެ ސަބަބުން ހަލާކުވެގެން މިދަނީ އަހަރެންގެ އެކަނި ދިރިއުޅުމެއް ނޫން.” އަހަންނަށް ގިސްލެވެން ފެށުނެވެ. ހިމޭން ވަގުތު ކޮޅަކަށްފަހު އެމީހަކު ވާހަކަ ދައްކަން ފެށިއެވެ. “ހައްހައްހާ.. ދެން ނޯންނާނެ ކުރެވޭނެ އެއްވެސް ކަމެއް. އަހަރެންގެ ދަރިފުޅު އުފަންކުރަން ޖެހޭނީ.. މިހާރު މާލަސްވީ.. ބުނަންތަ ފުރަތަމަ ދުވަހުވެސް އަހަރެން ކަލޭގެ މަންމަ ބޭނުންވި. އެކަމް އެދުވަހު މި އާދޭހައް ދިނީ ބިރުކަންފަތެއް. އެހެން މީހަކާ އިނީ އަހަރެން އާދޭސް ކޮށްކޮށް ހުއްޓަ. އޭގެ ފަހުން ކަލޭމެން ލިބިގެން ބޮޑެތިވީ. އޭރުވެސް އަހަރެން ހުރީ އެކަނިހާލަށް.. ހައްހައް.. ކަލޭ ބޮޑުވަމުން އައިވަރަކަށް އަހަންނަށް ކަމުދަމުން އައީ ކަލޭ.. ކަލޭގެ ބާވެފާއިން މަންމައެއް ނޫން.. އެހެންވެ އަހަންނަށް މަޖުބޫރުވީ ކަލޭގެ ބައްޕަ ސަންދޯކަށް ލާން.. އެކަންވެސް އަހަރެންކުރީ ކަލެއައް ބޭނުންވާލޭ ބޮޑުކަމުން. އަނެއްކާ ކަލޭގެ މަންމައާ އިންފަހުން އެނގުނީ ދެން ދަރިއަކު ނުލިބޭނެކަން. އަހަރެން ބޭނުންވީ ދަރިއަކު.. ތިކަހަލަ ހަށިގަނޑު ހެޔޮވަރު” އަހަރެންގެ ފައިދަށުން ބިންގަނޑު ދިޔައެވެ. ރޯންވެސް ނޭނގި ހުއްޓުން އަރާފައި އަހަންނަށް ހުރެވުނެވެ. ގިސްލާފައި ޒިޔާދާ ރޮމުން ދިޔައެވެ. ލައިގެން ހުރި ފަޓްލޫނު ހެޔޮވަރު ކޮށްލުމަށްފަހު ލަތީފް އެ ކޮޓަރިން ނުކުމެގެންދިޔައެވެ.
ކޮޓަރި ދޮރުމައްޗަށް ލަތީފް އަށް އާދެވުނު އިރު އަހަރެން ހުރީ ބޮޑުވަޅި ނަގައިގެންނެވެ. ހުރިހާ ވާހަކައެއް އަހަންނަށް އެނގުނީކަން އެނގިހުރެވެސް ބިރުވެރިކަމެއް ލަތީފްގެ ނެތެވެ. ދަރިންނާ ދޭތެރޭ ވިސްނާލުމުން އަތުން ގޯހެއް ހަދާކަށް ނުކެރުނެވެ. ހިތައް އައިހާ އެއްޗެއް އެ ގޮތެއްނެތް ރަހުމެއްނެތް ޖަނަވާރެއް ފަދަ މީހާއާ ދިމާލަށް ގޮވީމެވެ. އެއާ އެކީ ފުލުހުންނަށް ގުޅާ އެ ވާހަކަ ރިޕޯޓް ކުރީމެވެ.
ކަންވީގޮތުގެ ތަފްސީލީ ބަޔާން ނަގަމުން ފުލުހުން ގެންދިޔައެވެ. ލަތީފް އެކަން ކުރަން ފުރަތަމަ ފެށީ ޒޯޔާ އަށް ލޭ އަޅަން ދާ ދުވަސްތަކުގައެވެ. ފުލުހުންނަށް ދިން ބަޔާނުގައި ހުރިހާ ކަމެއް ހާމަވެގެން ދިޔައެވެ. ހޮސްޕިޓަލްގައި އޮތް ދުވަހު ކާކުގެ ވާހަކައެއްކަން ބުނަންއުޅެވެސް ޒިޔާދާއަށް ނުބުނެވުނީ ލަތީފްގެ އިންޒާރުގެ މެސެޖުގެ ސަބަބުންނެވެ. ފޯނު ކަނޑާ ނުލާ އަހަންނަށް ހުރެވުނީ ނުވެސް އެނގިއެވެ. ލަތީފް ރަށުން ބޭރަށް ގޮސް ރަށަށް އައީވެސް ކޮންމެހެން ޒޯޔާއަށް ލޭދޭން ބޭނުންވާތީއެއް ނޫނެވެ. އޭނަގެ ދަރިއަކަށް ޒިޔާދާ ބަލިވެ އިނުމުންނެވެ. ލަތީފްގެ ސަބަބުން އަހަންނާ އަހަރެންގެ ކުދިންގެ ދިރިއުޅުންވަނީ އަނދަވަޅަކަށް ވެއްޓިފައެވެ. ފަހަކަށް އައިސް ހެޔޮއެދޭ ބަފައަކަށްވީ ސަބަބު އަދި މި އެނގުނީއެވެ. ދޮންމަންމައިން ދޮން ނިޔަނދުރޭ ބުނާފަދައިން ދޮންބައްޕަ ދޮން ދުންބުރިއެވެ. ކިތަންމެ ދޮންކުރިޔަސް އަނބަކަށް ނުވާނެއެވެ.
(ނިމުނީ)
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 6 މެއި 2020ވާހަކަދޮންބައްޕަ – ކުރު ވާހަކަ