ކުރު މުއްދަތަކަށް މާލެ އައިސް ރަށަށް ނުދެވިފައި ތިބި މީހުންގެ ތެރެއިން ރަށަށް ދާން އެދުނު 42 މީހުން ކަރަންޓީނު ކޮށްފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބުދަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކުރު މުއްދަތަކަށް މާލެ އައިސް ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ޖުމުލަ 42 މީހުން މިހާތަނަށް ކަރަންޓީނު ފެސިލިޓީތަކަށް ގެންގޮސްފައިވާ ކަމަށެވެ. އަދި، އެމީހުން ރަށަށް ފޮނުވާނީ ކަނޑައެޅިފައިވާ ޚާއްސަ އުސޫލުގެ ތެރެއިން ކަރަންޓީނުގައި 14 ދުވަސް ހަމަކުރުމަށް ފަހުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މިގޮތަށް އަމަލު ކުރަން ނިންމީ، ރަށްރަށުގައި މީހުން ކަރަންޓީނު ކުރުމަކީ ފަސޭހަ ކަމަކަށް ނުވެފައި، ރަށްރަށަށް ބަލި ފެތުރުނަ ނުދިނުމަކީ މި ދަނޑިވަޅުގައި އެންމެ އިިިިސްކަަަމެއް ދޭ ކަަަންްތަަަކަަަށްް ވާތީ ކަަމުުުުގައި މަބްރޫކް ވިދާޅުވިއެވެ. އަދި ރަށްރަށަށް މީހުން ފޮނުވުމުގައި އެންމެ އިސްކަމެއް ދެނީ ކުރު މުއްދަތަށް އައިސް ތިބި މީހުންނަށް ކަމަށާއި، އެއީ އެމީހުން އަތުން ދުވާލެއްގެ މައްޗަށް ބޮޑެތި ޚަރަދުތަކެއް ހިނގާނެތީ ކަމަށް އެ ބޭފުޅާ ވިދާޅުވި އެވެ.
މިހާތަނަށް އެކި ކަރަންޓީނު ފެސިލީޓީތަކުގައި ޖުމްލަ 1744 މީހުން ކަރަންޓީނު ކޮށްފައިވާއިރު، އައިސޮލޭޝަން ގައި 506 މީހަކު އެބަތިބި ކަމަށް އެ ސެންޓަރުން ހާމަކޮށްފައިވެއެވެ. 14 ދުވަހު ކަރަންޓީނު މުއްދަތު ހަމަވެގެން 278 މީހަކު ޓެސްޓް ހެދުމަށް ފަހު، ނަތީޖާ ނައްސިވުމުން ދޫކޮށްލާފައިވާ ކަމަށާއި، އިތުރު 113 މީހެއްގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށް ވެސް އެ ސެންޓަރުން ހާމަކޮށްފައިވެއެވެ.
މާލެ އިން “ކޮމިއުނިޓީ ސްޕްރެޑެއް” މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ފެނުމާއިއެކު މުޅި މާލެ ސަރަހައްދު ވަނީ ފުރަބަންދު ކޮށްފަ އެވެ. އަދި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ނިޒާމު އޮތީ މި ކަމާއި ގުޅިގެން މެދުކަނޑާލާފައެވެ. އެހެންކަމުން ގިނަ ބަޔަކު މާލޭގައި ރަށަށް ނާދެވިފައި ތިބުމާއިއެކު، އެމީހުންގެ އަތުން ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.