މި ހިނގާ މެއި މަހުގެ މެދުތެރޭގައްޔާއި، ފަހު ކޮޅުގައި ކޮވިޑް-19 ގެ ގިނަ އަދަދެއްގެ ކޭސްތަަކެއް ފެނިގެން ހިނގައިދާނެ ކަމަށާއި، އެ ކަމަށް ސަމާލުވެ ތިބުން ވަރަަށް މުހިއްމު ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ މި މަހުގެ 15 އިން 30 ދެމެދު ކޮވިޑް-19 އަށް ގިނަބަޔަކު ފައްސިވެގެން ހިނގައިދާނެ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ގާތްގަނޑަކަށް 77000 ކޮވިޑް-19 އިންފެކްޝަން އުޅޭނެ ކަމަށް އޭނާ ވަނީ ލަފާ ކޮށްފައެވެ. އެހެންކަމުން، މި ކަމަށް އާންމުން ވިސްނައިގެން ކުރިއަށްދިއުމަށް އޭނާ ވަނީ އެދި ވަޑައިގެންފައެވެ.

ފުރަބަންދު އުވާލި ކަމުގައި ނަމަވެސް، އާންމު ދިރިއުޅުމުގައި އިޖްތިމާޢީ ގައިދުރުކަން ދެމެހެއްޓުމާއި އެކު، އަމިއްލަ ސާފުތާހިރުކަން އިސް ކުރުމަށް ޑރ ޝީނާ ވިދާޅުވިއެވެ. އަދި މި ފެށޭ ޢީދު ފަދަ އެއްވުންތައް ކުރިއަށް ގެންދެވޭ ދުވަސް ތަކުގައި ފިހާރާތަކަށް ދިއުމުގައްޔާއި، އެހެނިހެން ކަންކަމުގައި ރައްކާތެރިވުމުގެ ގޮތުން “ކޮންޓެއިންމެންޓް މެޝާރސް” ވަރުގަދަ ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން ހުއްދަ ލިބިގެން ބޭރަށް ނިކުމެ އުޅުނު ކަމުގައި ވިޔަސް، އެ ކުރާ ކަމެއް ކުރުމަށް ފަހު އަވަހަށް ގެއަށް ވަޑައިގަތުމަށް ޑރ. ޝީނާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ކޮވިޑް-19 ގެ ހިތި ދުވަސްތަށް މި ފެށޭ ހަފުތާތަކުގެ ތެރޭގައި ފެށިގެން ދާނެކަމަށް އެންއީއޯސީން ވަނީ ލަފާދެއްވާފައެވެ. އެގޮތުން މި ޕީކުގައި ދުވާލަކު 6000 މީހުން ކޮވިޑް-19 އަށް ފައްސިވެގެން ދާނެކަމަށް އެ އިދާރާއިން ލަފާ ކުރެއެވެ. އެހެން ނަމަވެސް މި އަދަދު ތިރި ކުރުމަށް މިހާރު ހެދިފައިވާ އުސޫލުތަކަށް ފުރިހަމައަށް އަމަލު ކޮށް، ފުރަބަންދުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންދެވިއްޖެނަމަ މި އަދަދުތައް ތިރި ކުރެވޭނެ ކަމަށް ޑޮކްޓަރުން ލަފާދެއްވައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.