މުސްލިމުންގެ ގައިގައި ބީހިލާނެ އެންމެ މާތް މަތިވެރި މައްސަރަކީ ރަމަޟާން މަހެވެ. އަޅުގަނޑުމެން މުސްލިމުންނާއި އެންމެ އެކުވެރި، އެންމެ ހިތްހެޔޮ މިތުރަކީ ވެސް މި މާތް މަސްކަން ކަށަވަރެވެ. އަޅުގަނޑުމެންނަށް އެތައް ފައިދާތަކާއި، އަދަދު ނުކުރެވޭ ނިޢުމަތްތަކާއި އެކު މި އެކުވެރިޔާ އަޅުގަނޑުމެންނާއި އެކު 30 ދުވަސް ވަންދެން ހޭދަ ކުރެއެވެ. މިހާރު 15 ވަނަ ދުވަސް ވޭތުވެގެން މިދަނީއެވެ. ސުވާލަކީ އަޅުގަނޑުމެންނަށް އެހާ ހެޔޮ އެދޭ މިތުރަކަށް، އަޅުގަނޑުމެންނަށް ދެވުނީ ކިހާ ވަރެއްގެ ސަމާލު ކަމެއް ހެއްޔެވެ؟ އެ މިތުރުގެ ހައްޤުގައި އަޅުގަނޑުމެންނަށް ކިހާވަރެއްގެ ޤުރުބާނީއެއް ވެވިއްޖެ ހެއްޔެވެ؟

ވިސްނާށެވެ! ރަނގަޅަށް ވިސްނާށެވެ! ދީލަތިކަމާއި، ސަވާބާ ދަރުމައިން ފުރިގެންވާ ހެޔޮ ގޮތްތަކެއް ހިފައިގެން ރަމަޟާން މަސް އަޅުގަނޑުމެންގެ ގާތަށް އައީ ކީއްކުރަންތޯއެވެ؟ އަޅުގަނޑުމެންގެ ބައިވެރިޔެއްގެ ގޮތުގައި 1 މަސް ދުވަސް ހޭދަ ކުރަނީ އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނެތި، ކޮޅުނެތްކޮޅަށް ހެޔޮ ދަރުމަތައް ލިބޭ ގޮތަށެވެ. ނަމަވެސް ތިބާއާ ބައްދަލު ކޮށްފައިވާ، ތިބާއަށް ހެޔޮ އެދޭ އެކުވެރިޔާއަށްޓަކައި ވަގުތުކޮޅެއް ހޭދަކޮށްލެވުނީ ތީގެ ތެރެއިން ކިތައް މީހުންނަށް ތޯއެވެ؟ 

އަޅުގަނޑުމެން ދެލޯ ރަނގަޅަށް ހުޅުވާލާށެވެ! ވަށައިގެން ނަޒަރެއް ހިންގާލާށެވެ! ވަރަށް ދެރަ ހުރި މަންޒަރުތައް ފެންނާނެއެވެ. އިރު އަރާނީ “ޕަބްޖީ” ގަނޑަކުންނެވެ. ނިދާނީ މެންދުރުގެ ހޫނު އިޙްސާސް ވުމުންނެވެ. ހޭލާނީ މަޣުރިބު ނަމާދުގެ ބަންގީގެ އަޑަށެވެ. އެވެސް ގިނަ ފަހަރަށް މީހަކު ގޮވައި ނެގީމައެވެ. ދެން ވީއްލަނީ ރޯދައެވެ. އަނެއްކާވެސް “ޕަބްޖީ” ގަނޑެކެވެ. ނޫނީ ފިލްމެއް ބަލާލުމެވެ. ނޫނީ ކޮންމެވެސް އެހެން ކުޅިވަރެކެވެ. އަނެއްކާވެސް ހާރު ކައިގެން ހަމަ އެ ޝައިތާނާގެ ހެއްލުމަށް ޣަރަޤު ވަނީއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. އަޅުގަނޑު މި ދެންނެވީ އަދުގެ ބައެއް ޒުވާނުންގެ އާދައެވެ. މި ޤައުމު ބިނާ ކުރަން ތިބި، ފަހުލަވާނުންގެ ފެންވަރެވެ. 

ޒުވާނުންނޭވެ! ތި އާދަތައް ދޫކޮށްލާށެވެ! ޝައިތާނާގެ މިތުރަކަށް ނުވާށެވެެ! ހެޔޮ މަގު އޮއްވާ ޖަހަންނަމައަށް ދިޔުމަށް ދަތުރު ނުފަށާށެވެ! ޔަޤީނުން ވެސް ފަހުން ތިބާ ތިކަމުން ރޯން ޖެހޭނެއެވެ. ގިސްލާ ކަރުނަ އަޅަން ޖެހޭނެއެވެ. ނުބައި އެކުވެރިންގެ ވަސްވާހުގައި ނުޖެހި، ތިބާއާ ބައްދަލު ކުރި ރަމަޟާން މަހަށްޓަކައި ނަފުސު ހޭލައްވާލާށެވެ. ހަވާ ނަފުސުގެ އެދުންތަކަށް ތަބާނުވާށެވެ!

އެކެވެރިންނޭވެ! ކޮންމެ ކަމެއްގަވެސް ހަމައެއް އޮންނާނެއެވެ. އުސޫލެއް އޮންނާނެއެވެ. ހައްދެއް އޮންނާނެއެވެ. އިބިލީހުގެ އަވާގައި ޖެހި މަގުން ގެއްލިގެން ނުދާށެވެ! މި ރަމަޟާން މަހުގެ އަގުހުރި ދުވަސްތައް އިސްރާފުކޮށް އަބަދު ޕަބްޖީގައި ހަނގުރާމަ ކޮށްކޮށް ހުއްޓާ ތިބާ މަރުވެދާނެއެވެ. އޭރުން ތިބާ ސަލާމަތް ކޮށްދޭކަން ތިބާގެ ހަނގުރާމަ މަތީގެ ބައިވެރިންނެއް ނާންނާނެއެވެ. ހުސް އަތާ ތިބާ އޭރުން ޖެހޭނީ ލޯމަރާލާށެވެ. ތިބާ މަރުވެގެން ދާއިރު، އަތް ތަނަވަސް ކުރެވެން އޮތީ ރަމަޟާން މަހުގެ ފައިދާ ހެޔޮ ގޮތުގައި ލިބިގެންނެވެ. އޭރުން ތިބާ މަރުވެގެން ދާއިރު، ތިބާއާއި އެކު ތިބާ ކުޅަ ހެޔޮ އަމަލުތައް ވާނެއެވެ. 

އަދިވެސް ވިސްނާށެވެ! ވަގުތު ފާއިތެއް ނުވެއެވެ. މި ރަމަޟާން މަސް އަޅުގަނޑުމެންނާއި ވަކިވުމުގެ ކުރިން ތަޢުބާވާށެވެ. ޕަބްޖީއާ އަދި އެނޫން ވެސް ބޭކާރު ކަންކަމުގައި ރޭދުވާ ދުއްވާނުލާށެވެ. ނަމާދު އަޅާފައި މަޖާ ކުރަން ނުތިބޭށެވެ! ވަގުތު ފާއިތުވުމުގެ ކުރިން ހެޔޮ މަގަށް ރުޖޫޢަ ވާށެވެ. މާތް ﷲ އަޅުގަނޑުމެން އެންމެންގެ ފާފަ ފުއްސަވާ، ހެޔޮ ގޮތް މިންވަރު ކުރައްވުމަށް އެދި ދުޢާ ކުރަމެވެ.​

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.