ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައިވާ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ލީގު ކަމަށްވާ ލަލީގާ ގެ 2019/2020 ވަނަ ސީޒަނުގެ ބާކީ ހުރި މެޗުތައް ފުރިހަމަ ކުރުމަށް ޓަކައި، ޖޫން 20 ގައި އަލުން އެ މުބާރާތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލަލީގާ ކުލަބެއް ކަމަށްވާ ލެގާނެސް ގެ ކޯޗު ހާވިއޭ އަގުއިރޭ މެކްސިކޯ ގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އެކަން ވަނީ ކަށަވަރުކޮށްދީފައެވެ.

“އަހަރެމެންނަށް މިހާރު ލީގު ފަށާނެ ތާރީޚެއް ލިބިފަ އެބައޮތް. އެއީ ޖޫން 20 ގައި ފަށާފައި ޖުލައި 26 އަށް ނިންމާގޮތަށް. ޖުމުލަ 11 ބުރެއް ކުޅުމަށް ހަމަޖެހިފައި ވާއިރު، ކުޅުން ކުރިއަށް ގެންދާނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު، އާދީއްތަ، ބުދަ އަދި ބުރާސްފަތި ދުވަހުގަ. ލަލީގާ އިން ރަސްމީކޮށް މިކަން އަހަރެންނަށް އަންގާފަ އޮތީ. އަހަރެން މިހުރީ ވަރަށް އުފަލުން ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ޝެޑިއުލް އެއް ލިބިފަ އޮތީމަ.”

މެކްސިކޯ ގެ “މާސާ ކްލާރޯ” ނޫހަށް ދިން އިންޓަވިއުއެއްގައި އަގުއިރޭ ބުނެފައިވެއެވެ.

އަގުއިރޭ މިގޮތަށް ބުނި ކަމުގައި ވިޔަސް، ލަލީގާ އިން ރަސްމީކޮށް މިކަން ކަށަވަރުކޮށްދީފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ މާރިޗު މަހުން ފެށިގެން ލަލީގާ މެދުކަނޑާލާފައި ވާއިރު، މިއަދު ބައެއް ކުލަބުތަކުގެ “އިންޑިވިޖުއަލް” ފަރިތަކުރުންތައް ވަނީ ފަށާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ލީގުތައް މެދުކަނޑާލައި އޮތުމަށްފަހު، ބައެއް ލީގުތަކުން ފުޓްބޯޅަ ސީޒަން ނިންމާލި ކަން އިޢުލާނުކޮށްފައި ވާއިރު، އަނެއްބައި ލީގުތަކުން ދަނީ ސީޒަނުގެ ބާކީ ބައި ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފްރާންސް ލީގާއި، ބެލްޖިއަމް ލީގާއި، ނެދަލޭންޑްސް ގެ ލީގު ނިންމާލި ކަން ވަނީ އިޢުލާނުކޮށްފައެވެ. ނަމަވެސް، އިނގެރޭސި ޕްރިމިއަރ ލީގާއި، ސްޕެއިންގެ ލަލީގާ އާއި، ޖަރުމަނުގެ ބުންޑަސްލީގާ އާއި، އިޓަލީގެ ސީރިއާ ފަދަ ލީގުތަކުން ސީޒަނުގެ ނުނިމި އޮތް ބައި ފުރިހަމަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.