ދަނޑުމަތީގައި އެތަކެއް މޮޅެތި ކުޅުންތެރިންތަކެއް މިޤައުމުގައި މިވަނީ އުފަންވެފައެވެ. މި ކުޑަކުޑަ ޤައުމު، އެހެން ޤައުމުތަކުގެ ކުރިމަތީގައި ފުޓްބޯޅައިން މިވަނީ ވިދަން ފަށައިފައެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ދިވެހި ދަރިން ފުޓްބޯޅަ ކުޅެގެން ހޯދަމުންގެންދާ ރަން ވަނަ ތަކުންނެވެ.

އެގޮތުން އަޅުގަނޑުމެންގެ މި ލިޔުން މި ޚާއްޞަކޮށްލަނީ ތ. ގާދިއްފުއްޓަށް އުފަން، އުމުރުން 19 އަހަރުގެ މުހައްމަދު ތޯހިރުއަށެވެ. ތިބޭފުޅުންގެ ނަމުން ނަމަ “އިފާން” އަށެވެ. އިފާން އަކީ ފުޓްސަލްގައި މިއަދު ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިއެކެވެ. އެތަކެއް އުއްމީދުތަކާއި، ހުވަފެންތަކާއި އެކު ދަނޑުމަތީގައި އިފާން ދައްކަމުން ދަނީ ކުލަޖެހޭ ރީތި މަންޒަރެކެވެ. އިފާންގެ ހުވަފެންތަކުގައި ރީތި ކުލަތަކުން ކުލަޖައްސައި، ޖަރީކުރަމުން އިފާން އެގެންދަނީ އޭނާގެ ހިތުގައި މިކަމަށް އޮތް ލޯތްބާއި އުއްމީދެއްގެ ބޮޑު ކަމުންނެވެ.

ވަރަށް ކުޑައިރުއްސުރެ ފުޓްބޯޅަ މިތުރެއްގެ ގޮތުގައި އިފާންގެ ވެގެން ދިޔައިރު، މިއަދު އެމިތުރު ވެފައިވަނީ އިފާންގެ މުސްތަޤުބަލުގެ ކައްޕިތާނަށެވެ. އިފާންގެ ޙަޔާތަށް، ފުޓްބޯޅައިން އޭނާއަށް އެތައް ހިތްހަމަ ޖެހުމެއް ލިބެއެވެ. އެތައް އުފާތަކެއް ލިބެއެވެ. މިއަދު ފުޓްބޯޅައަކީ އިފާންގެ ދިރިއުޅުމާއި ގުޅި ލާމެހިފައިވާ ކަމެކެވެ. އިފާންގެ އަމިއްލަ ދިރިއުޅުމާއި ފުޓްބޯޅައާއި ހުރި ގުޅުން އޭނާ މުނިއަވަސްއާ ޙިއްޞާކުރިއެވެ.

“ކުޑަ ގޮތަކަށް ބުނަންޏާ ފުޓްބޯޅަ އަކީ ދިރިއުޅުން އަޅުގަނޑުގެ.” އިފާން ކިޔައިދިނެވެ. މިހިސާބުން އިފާންގެ ހިތުގައި ފުޓްބޯޅައަށް އޮތް ލޯބި ކިތަންމެ ހާވެސް ބޮޑަށް އެނގި ހާމަވެގެން ދެއެވެ.

ދިރިއުޅުމުގައި އެކި މީހުންނަށް އެކި ކަންތައްތަކާއި ކުރިމަތިލާން ޖެހެއެވެ. އެގޮތުން އިފާން ވަނީ އޭނާގެ އަމިއްލަ ސަބަބަކަށް ޓަކައި ދިރިއުޅުން ފަދައިން ލޯބިވި، ފުޓްބޯޅަ ކުޅުމުން ދުރުވާން އެއް ދުވަސްކޮޅެއްގައި ނިންމާފައެވެ. ނަމަވެސް އިފާންގެ އެ ނިންމުން ބަދަލުކޮށްލީ އޭނާއަށް ހެޔޮ އެދޭ އެތައް ބަޔެކެވެ.

“އަޅުގަނޑު ފުޓްބޯޅަ ކުޅުން ހުއްޓަން އުޅުނިން ވަކި ދުވަސްކޮޅެއްގަ. އެކަމު، އެންމެން ވަރަށް ސަޕޯރޓިވްވި ނުހުއްޓާށޭ ނުހުއްޓާށޭ ކިޔާާފަ. އެމީހުން ބަލާ ގޮތުގަ އަޅުގަނޑަކީ ބޯރން ވިތު ދަ ޓެލެންޓް ކަހަލަ ކުޅުންތެރިއެއް.” އިފާން މިއަދު އޭނާއަށް މި ނަސޭހަތް ދިން މީހުންނަށް ޝުކުރުވެރި ވަނީ އޭނާގެ ހިތުގެ އެންމެ ފުންމިނުންނެވެ. އެ ހިތްވަރަކީ އިފާންގެ އުއްމީދު ތަކާއި، ހުވަފެންތައް ކާމިޔާބު ކުރުމަށް އޭނާ ފެށި ހަނގުރާމައިގެ އެންމެ ބޮޑު ހަތިޔާރެވެ.

އުއްމީދެއް އޮތްނަމަ އެކަން ހާސިލު ވާނީ ވޭން ތަކެއް ވެސް ލިބެގެންކަން ކަށަވަރެވެ. އެހެންކަމުން ދަނޑުމަތީގައި އެތައް ކުޅުންތެރިންނަށް އެކި ވަރުގެ އަނިޔާތައް ލިބޭތަން ފެނުމަކީ އާންމު މަންޒަރެކެވެ. އިފާން އަކީވެސް ދަނޑުމަތީގައި އަނިޔާތައް ތަހައްމަލުކުރަން ޖެހުނު ކުޅުންތެރިއެކެވެ. އެގޮތުން ކަކުލަށް ލިބުނު އަނިޔާ އެއްގެ ސަބަބުން އިފާނަށް ވަނީ 5މަސް ވަންދެން ކުޅުމާއި ދުރަށް ދާން ޖެހިފައެވެ.

ފުޓްސަލްގެ ބިމުގައި ފައިތިލަ ސާބިތު ކުރަމުންދާ މި ޒުވާން ކުޅުންތެރިޔާއަށް އަޅުގަނޑުމެން މުނިއަވަސް ޓީމްގެ ފަރާތުން އިންޓަރވިއު ކޮށްލީމެވެ.

ކިހިނެއް ފުޓްބޯޅަ ކުޅުމަށް ޝައުޤުވެރިކަން އުފެދުނީ؟
އެންމެ ކުޑައިރުންސުރެ، ފުޓްބޯޅަ ރަށުތެރޭ މަޝްހޫރު ވީމަ އަޅުގަނޑުވެސް ކުޅޭ ހިތްވީ.

ސުކޫލުގައި ކިޔެވި ދުވަސްތަކު، ސުކޫލު ފަރާތުން ބާއްވާ މުބާރާތްތަކުގަ ބައިވެރިވަންތޯ؟ ކޮބާތޯ ސުކޫލުގަ އުޅެމުން ފުޓްބޯޅަ ކުޅެގެން ލިބުނު ކާމިޔާބީ ތަކަކީ؟
ލައްބަ. ބައިވެރިވިން. ސުކޫލް ޖެހިޖެހިގެން 3 އަހަރު ޓޮޕް 5 ޕްލެޔާރސް އަދި ފެއަރ ޕްލެޔާރ ލިބުނު.

އެއްވެސް މީހެއް ބުނެގެން ފުޓްބޯޅަ ކުޅުން ހުއްޓާލާފާނަންތޯ؟
ނޫން.

އިފާނަށް އެންމެ ކަމުދާ ފުޓްބޯޅަ ކުޅުންތެރިޔަކީ ކޮބާތޯ؟
އިންޓަރނޭޝަނަލީ ބަލަންޏާ މާރކް ރުއިސް. ފުޓްސަލް ދާއިރާއިން ސިނާ އަދި ގަބޭ.

ވަޒީފާއެއްގަތޯ އުޅެނީ؟ ކޮންތާކުތޯ މަސައްކަތް ކުރަނީ؟
ލައްބަ. އެފްއެސްއެމް. ވަރަށް ހިތްހެޔޮ މީހުން އުޅޭ ތަނެއް އެއިކީ.

އޮފީހުގެ ފަރާތުން ފުޓްބޯޅަ މުބާރާތްތައް އޮޮވޭތޯ؟ ކޮބާތޯ އޮފީސް މުބާރާތްތަކުން ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ؟
އަޅުގަނޑުގެ އޮފީހުގެ ފަރާތުން ސީއެމްސީ 2019 އިންޓަރ ޑިޕާރޓްމެންޓް މުބާރާތް އަދި އެސްޓީއޯ ޑިޕާރޓްމެންޓް ކެޅެފަ ވާނީ. ޓޮޕް 5 ޕްލެޔާރަސް.

އެއްވެސް ކުލަބަކަށް ކުޅުނިންތޯ؟
ނޫން.

ކީއްވެގެންތޯ ކުލަބްތަކަށް ނުކުޅެނީ؟
ބޮޑު ފުޓްބޯޅައަކީ އެހޭ ގަޔާވާ އެއްޗެއް ނޫން. އަދި ޖޮބްގެ ގޮތުން އުނދަގޫ ދާން ވެސް.

އަޑު އެހިން ތީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށް. އަމިއްލައަށް އެކަން ޤަބޫލު ކުރަންތޯ؟
ނޭނގެ އެހެން ބުނާކަށް. މީހުން އޭތި ޗޫސް ކުރާނީ.

ކިތައް ރަށަށް އެގޮތަށް ދެވިއްޖެތޯ؟
އެހެން ގުނަން ވަރަށް އުނދަގޫ ވާނެ. އެހާވެސް ގިނަ ރަށް ރަށަށް ދެވިއްޖެ.

އެންމެ ހިތްހެޔޮ ރައްޔިތުން ތަކެއް އުޅޭ ރަށެއްގެ ގޮތުގަ ފާހަގަ ކުރެވުނީ ކޮން ރަށެއްތޯ؟
ލ.ފޮނަދޫ

ވިސްނުން އެބަހުރިތޯ އެއްވެސް ޖޮބަކަށް ނުގޮސް ސީދާ ފުޓްބޯޅަ ކުޅުމަށް ހުސްވުމަށް؟
ތި ވިސްނުން އިންނަތާ ދުވަސްކޮޅެއް ވެއްޖެ. އެކަމު އަދި ޑިސިޝަންއެއް ނުނަގަން.

ކޮބާތޯ ފުޓްބޯޅަ ކުޅުމުގެ ކެރިއާރގަ އެންމެ އުފާވި އަދި އެންމެ ދެރަވި ދުވަހަކި؟
އެހެން ބައިވަރު ދުވަސް ހުރޭ. އެކަމު އެންމެ އުފާވި ދުވަހަކީ ބޭބެއާ އެއް ޓީމެއްގަ ޗެމްޕިއަން ކަން ނަގާލެވުނު ދުވަސް. އެ ހަމަ ޕްރައިސްލެސް މޫމެންޓެއް.

އަމިއްލަ ދިރިއުޅުން ކިހިނެއްތޯ؟
ވަރަށް ނޯރމަލް ދެން. އަނެއްހެން ނީދޭ އެއްވެސް ވޮރީއެއް.

ކަރަންޓީންގެ މިދުވަސްކޮޅު ދުވަސް ހޭދަވާގޮތް ކިޔާލަ ދެވިދާނެތޯ؟
މައިގަނޑު ގޮތަކަށް ރޯދަމަސް ވީމަ އަޅުކަމައިގެން އުޅެނީ ދެން. އެހެން ފްރީ ވެލާ ގަޑިއެއްްގަ ވިއްޔާ ޕަބްޖީއަށް އަރާލާ، ރައްޓެހިންނާ މަޖާކޮށްލުން އޮންނާނީ.

ކުއްޖަކާ ރައްޓެހިވެގެންތޯ އުޅެނީ؟
ލައްބަ. އެއި ހަމަ އެންމެ ބެސްޓް. ރައިދާ ކިޔާ ކުއްޖެއް. ކުޑަ ގޮތަކަށް ބުނަންޏާ އޭނަ އަބަދުވެސް ޕުޝް ކުރާނެ އިފާން ކަންތައް ރަނގަޅު ކުރަން. އެންޑް ޝީ އިޒް ދަ މެއިން ރީޒަން ވައި އައި ޑޯންޓް ގިވްއަޕް، ޕްލަސް ޝީ އިޒް އަ ބްލެސިން އެއް ހަމަ.

ކޮރޯނާގެ މި ނުރައްކާތެރި ހާލަތުގައި ދިވެހިންނަށް ބުނެލާނީ ކީކޭތޯ؟
ސާފުތާހިރު ކަމަށް ލޯބިކޮށް ގިނަގިނައިން އަތް ދޮންނާށޭ. ބީ ހޯމް. ބީ ސޭފް.

މުނިއަވަސްއާ މެދު ބުނެލާނީ ކީކޭތޯ؟
ތޭންކްސް ފޯރ ގިވިންގ މީ ދިސް އޮޕޮރޗިއުނިޓީ. އަސްލު ވަރަށް އުފާވެއްޖެ. ކީޕްއަޕް ދި ގުޑް ވޯރކް.

މުނިއަވަސް ޓީމްގެ ފަރާތުން އިފާނަށް އެދެނީ ކާމިޔާބީ އާއި ކުރިއެރުމެވެ. މުނިއަވަސްގެ ދުޢާ އަކީ “ފްޓްސަލް ކިންގް” ގެ ލަޤަބު އުފުލުމުގައި އިފާން ދެކެމުން އަންނަ ހުވަފެން ހަޤީޤަތަކަށް ވާނެ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.