ކޮވިޑް-19 އާއި ގުޅިގެން ފްރާންސްގެ ފުޓްބޯޅަ ލީގު ނިންމާލާފައި ވާކަން އިޢުލާނުކޮށްފައި ވާއިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ފްރާންސްގެ ހުނަރުވެރި ފޯވާޑު ކީލިއަން އެމްބާޕޭ އަށް ލިބިއްޖެއެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން ފްރާންސް ލީގު މެދުކަނޑާލިއިރު، 18 ގޯލާ އެކު ލިސްޓުގެ ކުރީގައި އޮތީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ އާއި، މޮނާކޯ އަށް ކުޅެމުން އަންނަ ވިސާމް ބެން ޔެޑާ އެވެ. ނަމަވެސް، މުބާރާތުގެ ރަން ބޫޓު ދީފައި ވަނީ އެމްބާޕޭ އަށް ކަމަށް ފްރާންސްގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެމްބާޕޭ / ފޮޓޯ: ގެޓީ އިމޭޖެސް

ފްރާންސްގެ ނޫހެއް ކަމަށްވާ “ލެކީޕް” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމްބާޕޭ އާއި، ބެން ޔެޑާ އެއްވަރަށް ގޯލު ޖަހާފައި އޮތް ނަމަވެސް، އެމްބާޕޭ އަށް ރަން ބޫޓު ލިބުނީ އޭނާ ޖަހާފައިވާ 18 ގޯލަކީ “އޯޕަން ޕްލޭ” އިން ޖަހާފައިވާ 18 ގޯލު ކަމަށްވެފައި، ބެން ޔެޑާ ޖަހާފައިވާ 18 ގޯލުގެ ތެރެއިން 3 ގޯލަކީ އެޓީމަށް ލިބުނު ޕެނަލްޓީން ކާމިޔާބުކޮށްފައިވާ 3 ގޯލުކަމަށް ވާތީއެވެ.

ދެ ކުޅުންތެރިން ގޯލު ޖަހާފައިވާ ރޭޝިއޯ އަށް ބަލާއިރު، އެމްބާޕޭ 18 ގޯލު ޖަހާފައިވަނީ 20 މެޗު ކުޅެގެންނެވެ. އެއީ މެޗަކަށް 0.9 ގޯލެވެ. ބެން ޔެޑާ 18 ގޯލު ޖަހާފައިވަނީ 26 މެޗު ކުޅެގެންނެވެ. އެއީ މެޗަކަށް 0.86 ގޯލެވެ. ކުޅުނު 29 މެޗުން ޖެހި 33 ގޯލާ އެކީ ފްރާންސް ލީގުގެ މިދިޔަ ސީޒަނުގެ ރަން ބޫޓު ވެސް ހޯދާފައި ވަނީ އެމްބާޕޭ ކަން ފާހަގަކޮށްލެވެއެވެ.

ބެން ޔެޑާ / ފޮޓޯ: ގެޓީ އިމޭޖެސް

އަންނަ ސެޕްޓެންބަރު މަހުގެ ކުރިން އެއްވެސް ކުޅިވަރު ހަރަކާތެއް ކުރިއަށް ނުގެންދެވޭ ގޮތަށް ފްރާންސްގެ ސަރުކާރުން ނިންމާފައި ވުމާއި އެކު، މިދިޔަ ހަފުތާގައި ފްރާންސް ލީގު ނިންމާލާފައި ވުމުން ތާވަލުގެ ކުރީގައި 12 ޕޮއިންޓުގެ ލީޑަކާ އެކު އޮތް ޕީއެސްޖީ އަށް ވަނީ މުބާރާތުގެ ޗެމްޕިއަންކަން ލިބިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.