ސްޓީވަން ޖެރާޑަކީ އިނގެރޭސި ޕްރިމިއަރ ލީގުގެ ތާރީޚުގައި ވެސް ކުޅެފައިވާ އެންމެ މޮޅު އެއް މިޑްފިލްޑަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކުޅުންތެރިއެކެވެ.
1980 ވަނަ އަހަރު އިނގެރޭސިވިލާތުގެ ވިސްޓަން އަށް އުފަންވި ސްޓީވަން ޖޯޖު ޖެރާޑަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި މޮޅު ކުޅުމެއް ދައްކާފައިވާ ހުނަރުވެރި މިޑްފިލްޑަރެކެވެ. އޭނާގެ ރަން ޒަމާން ކަމުގައިވާ 2000 ގެ އަހަރުތަކުގެ ކުރީކޮޅުގަައި ފުޓްބޯޅައިގެ ތަޖުރިބާކާރުން އޭނާ ސިފަކޮށްފައިވަނީ އޭރު ފުޓްބޯޅަ ދަނޑުމަތީގައި ކުޅުނު އެންމެ ފުރިހަމަ މިޑްފިލްޑަރުގެ ގޮތުގައެވެ. އުމުރުން 9 އަހަރުން ފެށިގެން ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ހޭދަކުރި 27 އަހަރުގެ ދިގު ކެރިއަރުގެ 26 އަހަރު އޭނާ ހޭދަކޮށްފައި ވަނީ ލިވަޕޫލް ގައެވެ. ޖެރާޑު ދަނޑުމަތީގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާ ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތް ކޮށްފައިވެއެވެ. އޭގެތެރޭގައި ރެއާލް މެޑްރިޑާއި، މެންޗެސްޓަރ ޔުނައިޓެޑާއި އަދި، ޗެލްސީ ފަދަ ކުލަބުތައް ހިމެނެއެވެ.
ލިވަޕޫލް އާއި އެކު އިނގެރޭސި ޕްރިމިއަރ ލީގު ކާމިޔާބު ކުރެވިފައި ނުވިނަމަވެސް، ޖެރާޑު ވަނީ ގިނަ ކާމިޔާބީތަކެއް އެޓީމާއި އެކު ހާސިލްކޮށްފައެވެ. ލިވަޕޫލް އާއި އެކު އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގު އެއްފަހަރު، ޔުއެފާ ސުޕަރ ކަޕް ދެފަހަރު، ޔޫރަޕާ ލީގު އެއްފަހަރު، އެފްއޭ ކަޕް ދެފަހަރު، ލީގު ކަޕް ތިންފަހަރު އަދި ކޮމިއުނިޓީ ޝީލްޑް ދެފަހަރު ހޯދާފައެވެ. މީގެއިތުރުން 2001 ވަނަ އަހަރު އިނގެރޭސި ޕްރިމިއަރ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑާއި، 2006 ވަނަ އަހަރު އިނގެރޭސި ޕްރިމިއަރ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ޖެރާޑު ހޯދާފައިވެއެވެ. ފީފާ އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ޓީމުގައި އޭނާ ތިިން އަހަރު ހިމެނިފައި ވާއިރު، އިނގެރޭސި ޕްރިމިއަރ ލީގުގެ ސީޒަނުގެ އެންމެ މޮޅު ޓީމުގައި އަށް ފަހަރު ޖެރާޑު ހިމެނިފައިވެއެވެ.
“ޖެރާޑަކީ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިއެއް ނޫންކަމަށް ގަބޫލުކުރާ މަދު މީހުންގެ ތެރެއިން އެކަކު އަހަރެންނަކީ.”
ފުޓްބޯޅައިގެ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކޯޗުކަމަށް ގިނަ ބަޔަކު އެއްބަސްވާ ކުރީގެ މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ސަރ އެލެކްސް ފާގަސަން 2013 ވަނަ އަހަރު އޭނާގެ ބަޔޮގްރަފީ ގައި ބުނެފައިވެއެވެ.
ބީޓީ ސްޕޯޓްސް ގެ ކްލެއަރ ބާލްޑިންގ ޝޯވ ގައި ސަރ އެލެކްސް ފާގަސަންގެ މި ކޮމެންޓާއި ބެހޭގޮތުން ޖެރާޑާ ސުވާލުކުރުމުން އޭނާ ދީފައިވަނީ ވަރަށް ފުރިހަމަ ޖަވާބެކެވެ.
“އުމުރުން 13 އަހަރުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ޓްރަޔަލް އަކަށް އަހަރެން ދިޔައިން. އެމީހުން އަހަރެންނަށް 7 އަހަރުގެ ޑީލް އެއް ހުށަހެޅި. “
ބީޓީ ސްޕޯޓްސް ގެ ޕްރެޒެންޓަރު ކައިރީގައި ޖެރާޑު ބުންޏެވެ.
“އަހަރެންނަކީ ސަރ އެލެކްސް ފާގަސަން ގެ ވަރަށް ބޮޑު ސަޕޯޓަރެއް. އޭނާ މެޗުތަކުގައި ކޯޗުކަން ކޮށްފައި ހުރީ ވަރަށް ވެސް މޮޅަށް. އެހެންވެ އޭނާގެ ބަޔޮގްރަފީ ގެ އެހާ ގިނަ ކޮޕީތައް ވިކުނީ. ތެދަށް ބުނާކަމުގައި ވާނަމަ، އަހަރެން ވަރަށް ހިތްހަމަނުޖެހުނު އެ ކޮމެންޓު ކިޔާފަ. ނަމަވެސް އެކަމުގެ ސަބަބުން އަހަރެން ނިދި ނަގާލާފައި ނޫޅެން. ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަމިއްލަ ވިސްނުން ހުރިގޮތް ބުނެވޭނެ. 2002/2003 ވަނަ ސީޒަނުގައި އަހަރެން މެންޗެސްޓަރ ޔުނައިޓެޑަށް ގެންދިއުމަށް އޭނާ ވަރަށް ބޮޑަށް މަސައްކަތްކުރި. އެ ހުށަހެޅުމަށް އަހަރެން ދިނީ ފުރަގަސް. ކަން މިހެން އޮތުމާއެކު، ފާގަސަންގެ އެ ކޮމެންޓާ މެދު ހިތް ބުރަ ކުރެވެން ނެތް. އެކަމަކު އަހަރެންނަކީ އޭނާގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމުން، ކުޑަކޮށް ހިތްހަމަނުޖެހުނު.”
ޖެރާޑު އިތުރަށް ބުންޏެވެ.
ސްކޮޓްލޭންޑް ޕްރިމިއަރ ލީގުގެ ކުލަބެއް ކަމަށްވާ ކުލަބް ރޭންޖާސް އަށް މިހާރު ކޯޗުކަން ކޮށްދެމުން އަންނަ ޖެރާޑު އޭނާގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރުގައި ކުޅުނު 863 މެޗުން 212 ގޯލު ޖަހައި، 152 އެސިސްޓް ހަދާފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި