އޭޑީކޭ ހޮސްޕިޓަލުގެ 12 މުވައްޒަފުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އެކި މީޑިއާތަކާ މަޢުލޫމާތު ހިއްސާ ކުރައްވަމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލު ވިދާޅުވީ އެ ހޮސްޕިޓަލުގެ 12 މުވައްޒަފުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި، އެ މުވައްޒަފުން އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައި ކަމަށެވެ.
ފައްސިވެފައި ވަނީ އެ ހޮސްޕިޓަލުގައި އެހީތެރިންގެ ގޮތުގައި އެކި ޑިޕާޓްމަންޓުތަކުގައި މަސައްކަތް ކުރަމުން އަންނަ 12 ބިދޭސީން ކަމަށް އަފްއާލު ވިދާޅުވިއެވެ. ނަމަވެސް، މިކަން ރަސްމީ ފަރާތަކުން އަދި ކަށަވަރުކޮށްދީފައި ނުވެއެވެ.
ކޮވިޑް-19 އަށް ފައްސިވި 12 މުވައްޒަފުންނަކީ ވެސް ހުޅުމާލޭ އެކޮމަޑޭޝަން ބްލޮކުގައި ތިބި މުވައްޒަފުން ކަމަށާއި އެ ތަނުގައި މުޅިއެކު 40 މުވައްޒަފުން ދިރިއުޅޭ ކަމުގައި އަފްއާލް ވިދާޅުވިއެވެ. އެބޭފުޅާ އިތުރަށް ވިދާޅުވީ އެ މީހުން ފައްސިވެފައިވަނީ މި މަހުގެ އަށްވަނަ ދުވަހު ކަމަށާއި، ފައްސިވި މީހުން އެކަހެރި ކުރެވި، ދެންތިބި މީހުން ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ. އެ މުވައްޒަފުންނަކީ އޭޑީކޭގެ މުވައްޒަފުންނަށް ވީ ނަމަވެސް އެ މުވައްޒަފުންނަކީ އެ ހޮސްޕިޓަލަށް ގޮސްފައިވާ އެއްވެސް ބަލިމީހަކާއި އެއްތަން ވެފައިވާ މުވައްޒަފުން ނޫން ކަމުގައެވެ.
މިހާތަނަށް ރާއްޖޭގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 835 އަށް އަރާފައިވާއިރު، 30 މީހަކު ވަނީ މި ބަލިން ފަސޭހަވެފައެވެ. އޭގެތޭރޭގައި ހިމެނެނީ 17 ދިވެއްސަކާއި 13 ބިދޭސީންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.