ބަލިވުމަކީ ރޯދަހިފުން ދޫކޮށްލުން ހުއްދަވާ ކަމެއްކަމުގައި ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެފައި ވެއެވެ. އަދި އޭނާއަށް ވަނީ އެހެން ދުވަހެއްގައި އެ ރޯދަ ޤަޟާކުރުމެވެ.

 

މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ.

وَمَنْ كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَر (سورة البقرة 185 )  މާނައީ: އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ އަދަދު ހަމަކުރުން ހުއްޓެވެ.

އިލްމުވެރިންވަނީ ބަލި ތިން ބަޔަކަށް ބައްސަވާފައެވެ. އެއީ

1. ރޯދައަށް ހުރުމަށް އުނދަގޫ ނުވާފަދަ ކުދިބަލި:

މިފަދަ ބަލީގެ މިސާލަކީ ކުޑަކުޑަކޮށް ރޯގާޖެހިފައި ހުރުން، ކުޑަކޮށް ހުންއައުން ނުވަތަ ކުޑަކޮށް ބޮލުގައި ރިއްސުންފަދަ ކަންކަމެވެ. މިފަދަ ބައްޔެއް ޖެހިފައިވާ މީހާއާށް ރޯދަ ދޫކޮށްލުން ހުއްދަވެގެން ނުވެއެވެ. އެހެނީ ގިނަފަހަރަށް އެފަދަ ކުދިބަލިތަށް ވެގެންދަނީ އާންމު ޢުރުފުގައި ވެސް ބައްޔެއްކަމުގައި ނުބެލެވޭފަދަ ކުދި މައްސަލަތަކަކަށެވެ.

2. ބަލީގެ ސަބަބުން ރޯދަހިފުމަށް އުނދަގޫވެފައި ނުވަތަ ރޯދައަށް ހުރެއްޖެނަމަ ބަލި ރަނގަޅުވުން ލަސްވާނެކަމަށް ލަފާކުރެވިފައި، ނަމަވެސް ރޯދައަށް ހުރުމުން ނަފުސަށް ގެއްލުމެއް ލިބުމުގެ ބިރުނެތް މީހާ:

މިހާލަތުގައި ރޯދަދޫކޮށްލުން ހުއްދަވާނެއެވެ. ނަމަވެސް އެ ރޯދަ ފަހުން ޤަޟާކުރަން ޖެހޭނެއެވެ. وَمَنْ كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَر (سورة البقرة 185  މާނައީ: އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ އަދަދު ހަމަކުރުން ހުއްޓެވެ.

3. ބަލީގެ ސަބަބުން ރޯދަ ހިފަން އުނދަގޫވުމާއި އެކު، ރޯދަ ހިފައިފިނަމަ ނަފުސަށް ގެއްލުމެއް ލިބިދާނެކަމުގެ ބިރުއޮތް މީހާ:

މިފަދަ ބައްޔެއްގައިވާ މީހާ ރޯދަ ދޫކޮށްލުން ވާޖިބުވާނެއެވެ. ފުރާނައަށް ގެއްލުމެއް ލިބިދާނެކަމަށްޓަކައި ރޯދައަށް ހުރުން މިފަދަ މީހާގެ މައްޗަށް ހަރާމްވާނެއެވެ. މާތްﷲ ވަހީ ކުރައްވާފައިވެއެވެ. وَلَا تَقْتُلُوا أَنْفُسَكُمْ (سورة النسا 29) މާނައީ: އަދި ތިޔަބައި މީހުންގެ އަމިއްލަ ނަފުސުތައް ތިޔަބައި މީހުން ޤަތުލު ނުކުރާށެވެ.

ބަލިމީހާ އުނދަގުލާއި އެކުވެސް ރޯދަ ހިފައިފިނަމަ އޭނާގެ ރޯދަ ޞައްޙަވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.