ކަރަންޓީނަށް ވިޔަސް ޓުއަރިސްޓުން ދިވެހިރާއްޖެ އަންނަން އެދޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް މިއަދު ކުރިއަށް ގެންދިޔަ މީޑިއާ ބްރީފިންގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ބޭރު ގައުމުތަކުގެ މީހުން މިހާރު ވެސް ތިބީ ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ ދުވަހަކަށް އިންތިޒާރު ކޮށްގެން ކަމަށެވެ. އެގޮތުން މިހާލަތުގައި ވެސް ދިގު މުއްދަތަކަށް ކޮޓަރި ހިފައިގެން ކަރަންޓީނު ވާން އައުމަށް ވެސް ރިކުއެސްޓް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“ކަރަންޓީނު ވާން ވެސް، މާނައަކީ ހަ މަސް ދުވަހު ކޮޓަރިއެއް ހިފައިގެން ތިބެން ވިޔަސް އަންނަން ބޭނުންވެގެން ރިކުއެސްޓް އެބައާދޭ.”

މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޗާޓަރު ފްލައިޓުތަކާއި، ޖެޓުތަކުގައި ރާއްޖެއަށް އައުމުގެ ހުއްދައަށް އެދި ރިކުއެސްޓް ލިބެމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ސިނާއަތް މި އަހަރު ގައި އަލަށް ފެށޭނީ މި ބަލި ފެތުރެމުންދާ މިންވަރަށް ބަލާފައެވެ. ބަލިފެތުރޭ މިންވަރު ކޮންޓްރޯލު ކުރެވި، މި ހާލަތު ރަނގަޅުވެއްޖެނަމަ މި އަހަރުގެ ޖުލައި މަހާއި، އޮކްޓޫބަރު މަހާ ދެމެދު ޓޫރިޒަމް ފަށައިގަނެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. އެހެންނަމަވެސް، ޙާލަތު ރަނގަޅު ނުވާނަމަ، މި ސިނާއަތް ނުފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޑޮލަރު ފޮއްޗެއްގެ ބޭނުމުގައި ދިވެހިރާއްޖޭގެ ބޯޑަރު ހޮޅުވައި ނުލާނެކަމުގައި ވެސް އެ ބޭފުޅާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދިގު މުއްދަތަކަށް މެދުކެނޑުމަކަށްފަހު ފަށައިގަތް ނަމަވެސް، ފަތުރުވެރިން އަންނާނޭކަމުގެ ޔަގީން ކަން މިނިސްޓަރު ޢަލީ ވަހީދު ވަނީ ދެއްވާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.