އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ ފަހުން ޕްރިމިއަރ ލީގު ފެށިދާނެ ކަމުގެ ފެހި ސިގްނަލް އިނގެރޭސި ވިލާތުގެ ސަރުކާރުން ދީފިއެވެ.

އިނގެރޭސި ވިލާތުގައި މިހާރު ގާއިމުކޮށްފައިވާ ފުރަބަންދުގެ ޙާލަތު އުވާލުވުމުގެ މަރުޙަލާތައް ކުރިއަށް ގެންދާނެ ގޮތުގެ ރިޕޯޓު މިއަދުގެ ވަގުތެއްގައި އާންމުކޮށްފައި ވާއިރު، އެ ރިޕޯޓުގައި ކުޅިވަރުގެ ހަރަކާތްތަކާއި، ސަގާފީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދެވިދާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އެ ހަރަކާތްތައް ކުރިއަށް ގެންދާއިރު، ސަޕޯޓަރުންނަށް ނުވަދެވޭނެ ކަމަށާއި، ނަމަވެސް ޓީވީތައް މެދުވެރިކޮށް ވަގުތުން ދުރަށް ދެއްކިދާނެ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ކަންމިހެން އޮތްނަމަވެސް، ޖޫން މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެއްވެސް ކުޅިވަރު ހަރަކާތެއް ކުރިއަށް ނުގެންދެވޭނެއެވެ.

މިއަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އިނގިރޭސި ޕްރިމިއަރ ލީގު މެދުކަނޑާލާފާއި ވާއިރު، އެ ލީގުގެ ކުރިމަގާއި ބެހޭގޮތުން މަޝްވަރާކުރުމަށް ކުރިއަށް މިއޮތް ހަތަރު ދުވަސްތެރޭގައި ކުލަބުތަކާ އެކު ބައްދަލުވުމެއް ބާއްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޕްރިމިއަރ ލީގުގެ 20 ކުލަބާއި އެކު ބާއްވާ މި ބައްދަލުވުމުގައި ސަޕޯޓަރުންނާ ނުލައި ލީގު ކުރިއަށް ގެންދިއުމާއި އަދި މެޗުގައި ބައްދަލުކުރާ ދެ ޓީމުގެ ދަނޑު ނޫން އެހެން ދަނޑެއްގައި ކުޅޭނެ ގޮތް ހެދުމާއި ބެހޭގޮތުން ވޯޓަށް އަހާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ލީގުގެ 2019/2020 ވަނަ ސީޒަނުގައި ބާކީ 92 މެޗު އަދި ކުޅެފައި ނުވާއިރު، ޓީމު ތަކުން އަންނަނީ “އިންޑިވިޖުއަލް” ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.

އިނގެރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ ގަދަ ހަތަރަކަށް ބަލާއިރު، 82 ޕޮއިންޓާއި އެކު ވާދަވެރިންގެ މައްޗަށް 25 ޕޮއިންޓުގެ ލީޑެއް ހޯދައިގެން އެއްވަނައިގައި އޮތީ ލިވަޕޫލް އެވެ. ދެވަނައިގައި 57 ޕޮއިންޓާއި އެކު މެންޗެސްޓަރ ސިޓީ އޮތްއިރު، 53 ޕޮއިންޓާއި އެކު ތިންވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ.އަދި ހަތަރުވަނައިގައި 48 ޕޮއިންޓާއި އެކު އޮތީ ޗެލްސީ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.