މިއީ “މުނިއަވަސް – ކުރު ވާހަކަ މުބާރާތް 1441” އަށް ލިޔުންތެރިޔާ ފޮނުއްވެވި ވާހަކަ، ފޮނުއްވި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ޝާއިޢުކޮށްފައިވާ ޝާއިޢުކުރުމެކެވެ.

މިއީ ހިޔާލީ ވާހަކައެކެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ.

ދުނިޔެއަށް ކުރިމަތިވެފައި މިއަދު މިވަނީ މިއިން ދުވަހަކުވެސް ނުދެކޭފަދަ ބަލިމަޑު ކަމެކެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުތަކަށްވެސް މި ބަލި ކޮންޓްރޯލްކުރަން މިއަދު ވަނީ ނުކުޅެދިފައެވެ. ޗައިނާ، އެމެރިކާ ، ޔޫރަޕުގެ ޤައުމުތައް މިއަދު މި ވަނީ މި ބަލީގެ ކުރިމަތީގައި އިނދަޖެހިފައެވެ. ނޮވެލް ކޮރޯނާ ވައިރަހަކީ ހަމަ އެހާވެސް ބާރުގަދަ ބައްޔެކެވެ. ދުނިއިން މިލިއަނަކަށްވުރެ ގިނަ މީހުން ފައްސިވެ ލައްކައަކަށްވުރެ ގިނަ މީހުން މިއަދު ވަނީ މި ބަލީގައި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. ބައެއް ޤައުމުތަކުގައި މައްޔިތާ ވަޅުލެވޭނެގޮތެއް ނެތެވެ. ޢާއިލާތައް މިއަދު ވަނީ ބިކަވެފައެވެ. މަޔާއި ދަރިޔާ ވަކިވެ އެންމެ ފަހުގެ އަލްވަދާއު ކިޔަންވެސް މިއަދު ވަނީ ނުކުޅެދިފައެވެ. މި ފަދައިން ކަންއޮތްއިރު މި ރާއްޖޭއިންވެސް މި ބަލީގެ އަލާމާތްތައް ފެންނަން ފެށިއެވެ. އެންމެ ފުރަތަމަ ރިސޯޓުތަކުންނެވެ. މިކަމާއި ގުޅިގެން ރިސޯޓްތައް ފުރަބަންދުކުރިއެވެ. އެ ރިސޯޓުތަކުގެ މުވައްޒަފުން އެ ރިސޯޓުތަކުގައި ކަރަންޓީނުކުރަން ޖެހުނެވެ.
ނާފިޒަކީވެސް މާލެ އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރާ މީހެކެވެ. މި ބަލި މަޑުކަން އައުމުގެ ކުރިން ނާފިޒުގެ އަލަތު އަނބިމީހާ އިނީ އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެ ވިހަން ގާތްވެފައެވެ. އެހެންކަމުން ނާފިޒުގެ އުންމީދަކަށްވީ ވީހާވެސް އަވަހަކަށް އެނބުރި ރަށަށް ދިއުމެވެ. އެއީ ނާފިޒުގެ އަންހެނުން ނާޒިޔާއަކީ އުތުރު ރަށެއްގެ ކުއްޖަކަށްވެފައި ނާފިޒު އާއި ކައިވެނިކޮށްގެން ދިރިއުޅެމުންދިޔައީ ނާފިޒުގެ އުފަންރަށުގައި ކަމަށްވާ ތ.ބުރިނި (އަސްލު ރަށެއް ނޫން) ގައެވެ. އެހެންކަމުން ބުރުންޏަކީ ނާޒިޔާ އެހާ ފަރިތަ ރަށަކަށް ނުވާތީއެވެ. ދަންނަ މީހުން އެހާ ގިނަ އެއް ނޫނެވެ. ސަބަބަކީ ނާޒިޔާއަކީ މާގިނައިން ގެއިން ބޭރަށް ނިކުމެ އުޅޭ މީހަކަށް ނުވުމެވެ. ނާފިޒު ފުރައިންގެ ރިސޯޓަށް ދިޔައީ ނާފިޒުގެ މަންމަ ގާތު ނާޒިޔާ ރަނގަޅަށް ބަލައިދިނުމަށް އެދިފައެވެ. އެއީ ނާފިޒު ނާޒިޔާއާއި ކައިވެނިކޮށްގެން އުޅެނީ ވަކިން އެހެން ގެއެއްގައި ކަމަށްވާތީއެވެ.

ދުވަސްތައް ފާއިތުވެ ދެއެވެ. ނާފިޒު ހުރީ ރިސޯޓުގައި ސާދަ ދުވަހަށް ކަރަންޓީނުކޮށްފައެވެ. ރިސޯޓު ބަންދުން ވީއްލިގެން ނޫނީ ރަށަށް ދެވޭކަށް ނެތެވެ. މިކަމާ ނާފިޒު ހުންނަނީ ހަދާނެގޮތް ހުސްވެފައެވެ. ނާޒިޔާ މިކަމާއި ދެރަވެ ހިތާމަ ކުރެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. މިއީ މިއަދު ހުރިގޮތެވެ.

އޭގެ ހަފްތާއެއް ފަހެވެ. ނާފިޒުއަަށް ރިސޯޓުން ނުފޭބި ހުއްޓާ ނާޒިޔާ ވިހައިފިއެވެ. ނާޒިޔާގެ އެހީތެރިޔަކީވެސް މިއަދު ނާފިޒުގެ މަންމަ އެވެ. މި ޚަބަރު ލިބުމާއެކު ނާފިޒު އުފަލުން ފޮޅުނެވެ. އަދި އެ ލޯބިލޯބި ދަރިފުޅު އުރާލަން ރަށަށް ދެވޭނެ ދުވަހަކަށް އިންތިޒާރު ކުރަމުން ދިޔައެވެ.

ކަރަންޓީނުގައި ސާދަ ދުވަސް ހަމަކުރުމަށްފަހު ނާފިޒުމެން މަސައްކަތްކުރާ ރިސޯޓުގެ މުވައްޒަފުން އެ ރިސޯޓުން ފޭބުމުގެ ހުއްދަ ލިބުނެވެ. ނާފިޒުވެސް އަވަސްވެ ގަތީ އަތުގައި ހުރި މަދު ފައިސާކޮޅު ހިފައިގެން އަވަހަށް މާލެ އައުމަށެވެ. އަދި މާލެ އަންނަ ދުވަހު ރަށަށް ފުރާ ބޯޓުން އަވަހަށް ރަށަށް ދެވޭނެ ކަމުގެ ފޮނި އުންމީދުގައެވެ. މިގޮތުގެ މަތިން ނާފިޒު މާލެ އައެވެ. އަދި ގެސްޓުހައުސްއަކުން ކޮޓަރިއެއް ކުއްޔަށް ހިފުމަށްފަހު ބޯޓު ފުރާނެ ވަގުތަކަށް ބަލަބަލާ ހުއްޓެވެ. ނަމަވެސް ދެން ކަންތައްތައްވާނެ ގޮތެެއް ހުދު އެކަކަށްވެސް ނޭގޭނެއެވެ. ނާފިޒު މާލެ އައި ދުވަހަކީ މާެލެއިން ކޮރޯނާ ވައިރަހަށް މީހަކު ފުރަތަމަ ފަހަރަށް ފައްސިވި ދުވަހެވެ. މި ޚަބަރާއެކު މުޅި މާލެ ސާދަ ދުވަހަށް ފުރަބަންދު ކުރިއެވެ. މާލެއިން އެއްވެސް މީހަކަށް އެއްވެސް ރަށަކަށް ނުދެވޭ ގޮތަށެވެ. އަދި އެއްވެސް ރަށަކުން މާލެއަށް މީހަކަށް ނޭރޭގޮތަށެވެ. މިކަމާ ނާފިޒު ވަރަށް ކަންބޮޑުވިއެވެ. އަދި ވަރަށް މާޔޫސްވެ ހުރެ މި ޚަބަރު ނާޒިޔާއަށްވެސް ދިނެވެ. މިކަމާ ނާޒިޔާވެސް ހުންނަނީ ހަދާނެގޮތް ހުސްވެފައެވެ. ކުރާނެކަމެއް ނެތެވެ. މިއީ ތަޤުދީރެވެ.
އޭގެ ހަފުތާއެއް ފަހެވެ. ނާފިޒުއަތުގައި ހުރި ފައިސާކޮޅު ހުސްވެއްޖެއެވެ. އަދި ހިފައިގެން އުޅުނު ގެސްޓުހައުސްގެ ކޮޓަރިން އޭނާ ބޭރުކޮށް މަގުމަތި ކޮށްލައިފިއެވެ. މިކަމާ ހަދާނެގޮތް ހުސްވެ މީހާ އެއްކޮށް މަގުމަތި ވިއެއެވެ. ނާފިޒު ހާސްވިއެެވެ. ހެދޭ ނުހެދޭއެއް ނޭގި މަގުމަތީ ދެކޮޅަށް ހޫރެން ފެށިއެވެ. ނަމަވެސް އިސާހިތަކު އަލިމަގެއް ފެނިއްޖެއެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެދޭނެކަމަށްބުނެ މީހަކު ފޭސްބުކުގައި ޖަހާފައި އޮތް ޕޯސްޓެއް ފޭސްބުކު ހާވަނިކޮށް ނާފިޒަށް ފެނުނެވެ. އަވަހަށް އެ ނަންބަރަށް ގުޅިއެވެ. އެއީ ނިޔާޒެވެ. ނިޔާޒަށް ކަންހިގައިގެން އުޅޭގޮތް ކިޔާދިނުމުން ނިޔާޒު ގެ ގެއަށް ނާފިޒު ގެންދިޔައެވެ.

ނިޔާޒުގެ އާއިލާއަކީ ވަރަށް ހިތްހެޔޮ އާއިލާއެކެވެ. މެހުމާނުންނަށް ކަމޭ ހިތައެވެ. ނާފިޒު އެގެއަށް ބަދަލުވުމާއެކު ނިޔާޒުގެ އާއިލާއިން ނާފިޒުއަށް ކަމޭހިތިއެވެ. އަދި މި ފުރަބަންދުން ސަލާމަތްވެ ރަށަށް އެނބުރި ދެވެންދެން އެގޭގައި މަޑުކުރުމަށް އެދުނެވެ. ނަމަވެސް ނާފިޒު ބޭނުންވަނީ ވީހާވެސް އަވަހަކަށް ރަށަށް ދާންކަމަށްބުނެ އާދޭސް ކުރުމުން ނިޔާޒުގެ ރަޚުމަތްތެރިއެއްގެ އެހީތެރިކަމާއެކު ނާފިޒު ރަށަށް ދިއުމަށް ހުއްދަ ހޯދުމަށް ސަރުކާރުގައި އެދުނެވެ. އަދި ނާފިޒުގެ ހާލަތު އެޗްޕީއަށާއި ފުލުހުންނަށް ކިޔައިދިނެވެ. މިކަމާއި ގުޅިގެން ނާފިޒުގެ ރަށުން މުދާބަލާ މާލެ އައި ދޯންޏެއްގައި ނާފިޒުއަށް ރަށަށް ދެވޭނެގޮތް ވިއެވެ. މިކަމާ ނާފިޒު ވަރަށް އުފާވިއެވެ. އަދި ނާޒިޔާއަށް މި ޚަބަރު ލިބުމުން އުފަލުންގޮސް ރޮވުނެވެ.

ޖެހިގެން އައި ދުވަހުގެ މެންދުރުފަހު ތިނެއް ޖެހިއިރު ނާފިޒު ރަށު ބޯޓެއްގައި ރަށަށް ދެވުނެވެ. ރަށަށް ދިއުމައެކު ރަށުގެ މެޑިކަލް ޓާސްކްފޯސް ގުރޫޕާއި ރަށުގެ ކައުންސިލުން ނިންމީ މާލެއިން ރަށަށް އަންނަ މީހުން ސާދަ ދުވަހަށް ރަށުގައި އެކަހެރި ކުރުމަށެވެ. އެއީ މި ބަލީގެ ނުރައްކާ ބޮޑުކަމުންނެވެ. އަދި ރަށަށް މި ފަދަ ބަލިމަޑުކަމެއް އަތުވެއްޖެނަމަ ކުރެވޭނެ މާކަ ބޮޑުކަމެއްވެސް ނެތުމާއި އެކު ރަށުގެ ރައްޔިތުންގެ ސަލާމަތައި ރައްކާތެރިކަމަށެވެ. އެހެންކަމުން ރަށު ކައުންސިލުން ދައްކާ ތަނެއްގައި ނާފިޒު އެކަހެރިވާން ޖެހޭނެކަމަށް ރަށުގެ ކައުންސިލުން ބުންޏެވެ. މިހެން ބުނުމާއެކު ނާފިޒުގެ ހިތް ފަޅައިގެން ދިޔަ ކަހަލައެވެ. އަދި އަމިއްލަ ރަށުގައި ލޯބިވާ އަނބިމީހާ އާާއި ދަރިފުޅު ނުފެނި ހުރުމަކީ ކެތްކުރެވޭނެކަމެއް ނޫންކަމަށް ބުނަމުން ދިޔައެވެ. އޭނާއަކީ ރިސޯޓުގައި ސާދަ ދުވަހު ކަރަންޓީނު ކޮށްފައިވާ މިހެއްކަމަށާއި ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ މީހެއްކަމަށް ހުދު ނާފިޒު ބުނަމުން ދިޔައެވެ. އަދި އަމިއްލަ ގޭގައި ކަރަންޓީނު ކޮށްދިނުމަށް އެދި އާދޭސް ކުރިއެވެ. ނާފިޒުގެ މި އާދޭހަށް އަޑުއެހުމަށްފަހު ރަށުކައުންސިލާއި ޓާސްކުފޯސް ގުރޫޕުން ނިންމީ ނާފިޒުގެ އަނބިމީހައި ދަރިފުޅުގެ ކައިރީ ހުރުމަށް ގެއިން ހުސްކޮށްހުރި ކޮޓަރީގައި ނާފިޒު ވަކިން އެކަހެރިވެ ސާދަ ދުވަސް ހަމަވަންދެން ހުންނަން ޖެހޭނެކަމަށެވެ. އަދި މި މުއްދަތުގައި އަނބިމީހާއި އާއި ދަރިފުޅުގެ ގައިގައި އެއްވެސް ގޮތަކަށް އަތްނުލުމަށް އެޓީމުން އިރުޝާދު ދިނެވެ. މިކަމާ ނާފިޒު އެއްބަސް ވިއެވެ. އެހެންކަމުން ނާފިޒުގެ ލޯބިވާ އަނބިމީހާ އާއި ދަރިފުޅު އުޅޭ ގޭގެ ވަކި ކޮޓަރިއެއްގައި ނާފިޒު އެކަހެރި ވިއެެވެ.

ނަމަވެސް ކަންވީ އެހެނަކުން ނޫނެވެ. ނާފިޒަކަށް ވަކިން އެއް ދުވަހުވެސް ކޮޓަރިއަކު ނޯވެވުނެވެ. އަދި ނާޒިޔާއަކަށްވެސް ނާފިޒާއި ދުރުގައި ނުހުރެވުނެވެ. ގެއިން ބޭރަށް ނިކުމެ ނޫޅުނަސް ގޭތެރޭގައި މި ތިންމައިން އުޅެނީ އެއްކޮށެވެ. ބައެއްފަހަރު ނާފިޒު އޭނާގެ ލޯބިވާ އަނބިމީހާގައިގައި ބައްދާ ހަދައެވެ. އަދި އެއްމަސްނުވާ އެ ދަރިފުޅުގެ ކޮލުގައި ލޯބިން ފިރުމައި ބޮސްދީ ހަދައެވެ. ހަމަ މިގޮތަށް ނާފިޒުގެ މަންމަ އެގެއަށް އައިސް އުޅޭ ވަގުތުތަކުގައި ނާފިޒުގެ މަންމައާއި ވާހަކަ ދައްކައި ލޯބިން މަންމަގައިގައި ފިރުމާ ހަދައެވެ.

ދުވަސްތައް ފާއިތުވެ ދެއެއެވެ. ނާފިޒު ގޭގައި އެކަހެރި ކުރިތާ ތޭރަ ވަނަޔަށް ވީދުވަހެވެ. ނާފިޒުގެ ލޯބިވާ އެ ކުޑަކުޑަ ދަރިފުޅު ވަރަށް ގަދަޔަށް ހުން އައިސްގެން ނާޒިޔާ އެ ވާހަކަ ނާފިޒު ގާތު ބުންޏެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ރަށުގެ ސިއްޚީމަރުކަޒަށް ދާން ބޭނުންވާ ވާހަކަ ބުންޏެވެ. މިހެން ބުނުމުން މަންމައާއި ނާޒިޔާ ދަރިފުޅު ގޮވައިގެން ޑޮކްޓަރަށް ދިއުމަށް އެދުނެވެ. އެއީ ނާފިޒުއަށް އަންގާފައި އޮތީ ސާދަ ދުވަސް ހަމަކޮށްފައި ކައުންސިލަށް އެގިގެން ނޫނީ ބޭރަށް ނުކުމެ އުޅެގެން ނުވާނެކަމަށެވެ. އެހެންވެ ނާޒިޔާއާއި މަންމައާއި ދެމީހުން އެ ދަރިފުޅު ގޮވައިގެން ޑޮކްޓަރަށް ދެއްކުމަށް ދިޔައެވެ. ޑޮކުޓަރު ބެލުމަށްފަހު ދަރިފުޅުގެ ހުންގަދަވެފައި ހުރިވަރުން ހައިރާންވިއެވެ. އަދި ކޮރޯނާގެ އަލާމާތްތައް ފެންނަން ހުރިކަމަށްބުނެ ދަރިފުޅުގެ ކޮރޯނާ ވައިރަހަށް ޓެސްޓްކޮށް، ނަތީޖާ ލިބޭނީ މާލެއަށް ފޮނުވައިގެން ކަމާއި ލިބުނުހާ އަވަހަކަށް އަންގާނަމޭ ބުނެ އެ ދަރިފުޅަށް ބޭނުންވާ ބޭސް ދިނުމަށްފަހު ނަތީޖާ ލިބެންދެން ގޭގައި މަޑުކުރަން އެ ދެމައިންނަށް އެންގިއެވެ.

ޖެހިގެން އައި ދުވަހެވެ. ނާފިޒަށް ހޭލެވުނީ މާގަދަޔަށް ކެއްސާތީއެވެ. އެހެންކަމުން ކޮޓަރިން ނިކުމެ ނާޒިޔާއާއި ދަރިފުޅު ކޮބައިތޯ ބަލައިލިއެވެ. އޭރު ނާޒިޔާ އެނދުމަތީ ފާޑަކަށް އޮތްތައް ފެނެއެވެ. ދަރިފުޅު އޮތީ ނިދާފައެވެ. މަޑުމަޑުން އެ ކޮޓަރިއަށް ވަދެ ނާފިޒާއަށް ގޮވާލީމެވެ. އެވަގުތު ބަލިއަޑަކުން އަހަރެން މި އޮތީ ވަރަށް ގަދަޔަށް ހުންއައިސްފައޭ ނާޒިޔާ ބުންޏެވެ. އެހެންކަމުން ނާފިޒު ނިންމީ ރަށުގެ ޓާސްކް ފޯހަށް ގުޅާ މި ވާހަކަ ހިއްސާކުރާށެވެ. އެއީ އެފަދަ އަލާމާތެއް ހުރިނަމަ އަމިއްލައަށް ޑޮކްޓަރަށް ދިއުން އެހާ ރަނގަޅު ނުވީމައެވެ. މި ވާހަކަ ޓާސްކު ފޯހާއި ހިއްސާކުރުމުން އެ ޓީމުން ވަގުތުން އެގެއަށް އައެވެ. އަދި ގެއަަށް އައިސް ދަރިފުޅުގެ ޓެސްޓް ފައްސިވެފައިވާކަމަށް އެޗްޕީއޭއިން ހަމަ ދެންމެ އެންގިކަމަށާއި، މި ގެ އެއްކޮށް ކަރަންޓީނުކޮށް ނާފިޒުއާއި ނާޒިޔާ އަދި ނާފިޒުގެ މަންމަވެސް ކަރަންޓީނު ފެސިލިޓީއަށް ގެންދަން ޖެހޭނެކަމަށް ބުންޏެވެ. އެހެންކަމުން އެޗްޕީއޭގެ ލަފަޔާއެކު ޓާސްކުފޯހުން އަންގާފައިވާގޮތަށް ނާފިޒުއާއި ނާޒިޔާ އަދި އެ ތުއްތު ދަރިފުޅާއި ނާފިޒުގެ މަންމަ ކަރަންޓީނު ކުރިއެވެ.
ޓެސްޓުކުރިތާ ސައްވީސް ގަޑިއިރުގެ ތެރޭގައި ތުއްތު ދަރިފުޅު ފިޔަވާ ދެން ތިބި އެންމެންގެ ނަތީޖާތައް ލިބުނެވެ. އެންމެންގެ ނަތީޖާވެސް ވަނީ ފައްސިވެފައެވެ. އެ ވަގުތު ޓާށްކުފޯހުގައި މަސައްކަތްކުރާ އޮފިސަލަކު ބުންޏެވެ. މިކަން މިހެން ދިމާވީ ނާފިޒުގެ ފުށުންކަމަށްވެސް ޑޮކުޓަރުންނާއި ޓާސްކުފޯހުން ބެލިބެލުމުން އެގުނެވެ. އެއީ ބަލީގެ އަލާމާތް ނުފެނި ހުރިނަމަވެސް ޑޮކުޓަރުންގެ ލަފަޔާއި އިރުޝާދުތަކަށް ނާފިޒު ބޯ ނުލެބުމުގެ ހިތި ނަތީޖާކަމަށްވެސް އެ އޮފޮސަލު ބުންޏެވެ. މިކަމާއި ގުޅިގެން ނާފިޒުމެންގެ ރަށް ވަނީ ބިރުވެރިކަމެއްގެ ތެރޭގއެވެ. ރަށުގެ ރައްޔިތުން ވަނީ ގޭ ބަންދުވެފައެވެ.

އޭގެ ހަފުތާއެއް ފަހެވެ. ނާފިޒުގެ ލޯބިވާ ދަރިފުޅާއި އަންހެނުންގެ ހާލު ވަރަށް ބޮޑުވެގެން މާލެ ގެންދިޔައެވެ. އަދި އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި އަވަސްފަރުވާ ދެމުން ދިޔަ ނަމަވެސް އެ ދެމައިން ދިޔައީ މަރާ ހަނގުރާމަ ކުރަމުންނެވެ. ޑޮކުޓަރުންނާއި ސިއްޚީ ޚިދުމަތްތެރިންނަށް ދެވުނު ފަރުވާއެއް ދެމުން ކޮޅުކޮޅު މައްޗަށް ދުވަނީއެވެ. ނަމަވެސް އެއްވެސް މީހަކަށް މަރެއް ނުހިފެހެއްޓޭނެއެވެ. ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެވުނީ އެންމެ ދުވަހަކުއެވެ. އެ ދެމައިން މި ދުނިޔެއާއި އަލްވަދާއު ކިޔައިފިއެެވެ. އިންނާ ލިއްލާއި ވައިންނާ އިލައިހި ރާޖިޢޫން.

ނާޒިފަށް މި ޚަބަރު ލިބުމުން މީހާ ދުނިޔެއިން މޮޔަވި ކަހަލައެވެ. ބަލި އެނދުގައި އޮވެ ދެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހޮރެމުން ދިޔައެވެ. ލޯބިވާ އަނބިމީހާއާއި އެ މަޢުސޫމް ތުއްތު ދަރިފުޅުގެ މޫނު ބަލާކަށްވެސް ނާފިޒަކަށް ނުދެވުނެވެ. ނާފިޒު އާއި ނާފިޒުގެ މަންމަގެ ހާލު ރަނގަޅު ނަމަވެސް އެ ދެމައިން ވަނީ ނޮވެލް ކޮރޯނާއަށް ފައްސިވެފައެވެ. ސަރުކާރުގެ ބެލުމުގެ ދަށުން ކަރަންޓީނުކޮށް އެ ދެމައިންނަށް ދަނީ ދަރުވާދެމުންނެވެ. ކުރާނެކަމެއް ނެތެވެ. މިއީ ޑޮކުޓަރުންގެ ލަފަޔާއި އިރުޝާދުތަކަށް ބޯ ނުލެބުމުގެ ނަތީޖާއެވެ.

– ނިމުނީ –

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.