މިއީ “މުނިއަވަސް – ކުރު ވާހަކަ މުބާރާތް 1441” އަށް ލިޔުންތެރިޔާ ފޮނުއްވެވި ވާހަކަ، ފޮނުއްވި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ޝާއިޢުކޮށްފައިވާ ޝާއިޢުކުރުމެކެވެ.

ފެނުން ތޮޅެލި އިރުގެ ރަން ދޯދިތައް އަތިރިމަތީގައި ރުކުރުވާލި ރުއްތަކުގެ ކުރިން ގަސްކަރައާއި އެޅި ނިވާވެފައިވާ ގެފަތީގެ ތެރެއަށް ފާއްދާލިއެވެ. ރިފްގާ ގޭގެ ފެންޑާމަތީ ފުއްޕާ މަތިހަށި ނެގި އަރަދާރަ ގޮނޑިއެއްގައި މާޔޫސްވެފައިވާ ހާލު ފޫގަޅައިގެން އިންދައެވެ. ދުނިޔެއާއި ދުރު ޚިޔާލުތަކެއްގައި ގެއްލިފައި އިނދެ އޭނާގެ ކަޅި ހިންގަމުންދަނީ އުނގުގާއޮތް ކަރުދާހަށެވެ. އެއީ ފަށުވި ތާނަ އަކުރުން ލިޔެފައިވާ ލިޔުމެކެވެ. އިއްޔެ ނިޔާވި އޭނާގެ މަންމަގެ ސިޓީއެވެ.

” ލޯބިވާ ދަރިފުޅާއެވެ. މަންމަ މިއަދު މިކިޔާދެނީ ދަރިފުޅު އަބަދުވެސް ކުރަމުން އަންނަ ސުވާލުގެ ޖަވާބެވެ. މަންމަ މިވާހަކަތައް މިކިޔާދެނީ ވަރަށް ވިސްނާފައެވެ. ފަސްޖެހުނަސް އެހާމެ ހިތްވަރުކޮށްފައެވެ. މަންމަ މިވާހަކަތައް ކިޔާދޭން ހުރީ ދަރިފުޅު ނޫން ކާކު ހެއްޔެވެ. މަންމަގެ ހުރިހާވެސް މީހަކީ ތިޔައީއެވެ. ދަރިފުޅު ތިހިރީ މިހާރު ވިސްނޭ ވަރަށް ބޮޑުވެފައެވެ. އެހާވަރަށް ސިކުޑި ތަނަވަސްވެފައެވެ. ނަމަނަމަ މަންމަ މިކިޔާދޭ ވާހަކައަކުން ދަރިފުޅު ރުޅި ނާންނައްޗެވެ. ރުޅި އަޔަސް ކުރާނެ ކަމެއް ނެތެވެ. ދަރިފުޅު ނޫން އިތުރު މީހެއް މަންމަގެ ނެތެވެ.

ދަރިފުޅާއެވެ. ދަރިފުޅުގެ ބައްޕައަކީ ހާދަ ހެޔޮ މީހެކެވެ. އެހާ ހެޔޮ މީހަކު ދުނިޔެއިންވެސް ނުވާނެ ތޯޗެކެވެ. ދަރިފުޅުގެ ބައްޕައަކީ މަންމައާއި ކުޑައިރުވެސް ފެނިދެނިވެ ރައްޓެހިމީހެކެވެ. ބޮޑުވަމުން އައިވަރަކަށް މަންމަގެ ހިތް ބައްޕައަށް ކިޔަންފެށިއެވެ. ބައްޕަގެ ކިބައިގައި ހުރީ ދިވެއްސެއްގެ ކިބައިގައި ވަރަށް މަދުން ނޫނީ ނުހުންނާނެ ސިފަތަކެކެވެ. ބާމަތިފުޅާވެފައި އިސްކޮޅުން ދިގުވާނެއެވެ. އުމުރަށްވުރެ ހަރުވެފައި އެހާ ސަކަ ވާނެއެވެ. އެމޫނު ފެނިފެނި ފޫހިނުވެ މަންމައަށް ބައްޕަދެކެ ލޯބިވެވުނެވެ. އޭރުގެ އުސޫލާ ޚިލާފަށް މަންމަ ބައްޕައަށް ލޯބި ހުށަހެޅީމެވެ. އެވަގުތު ބައްޕަބުނި އާ ބަހުން ނަސީބޭ ހިތަށްއެރިއެވެ.

މާލަސްތަކެއްނުވެ ބައްދަލު ކުރަން ފެށުނެވެ. އިރުއޮއްސޭ ދަޅައަށް އަތިރިމަތީގައެވެ. މޫސުންވެސް މަންމަމެންގެ ބައްދަލުވުންތަކަށް ތަންދޭފަދައެވެ. އިރުގެ ރަންދޯދިތައް ކަނިވެ ނިވެމުންދާއިރު ސާފު މޫދުގެ ލޮނުގަނޑު މަޑުނޫކުލައަކުން މަޑުރަތަކަށް ބަދަލުވާ މަންޒަރަކީ ބައްޕައަށް މާ ހިތްގައިމު މަންޒަރެކެވެ. ކަނޑުން އަންނަ ނަލަނަލަ ފިނި ރޯޅިއަކީ ފުރާނައަށް ފިނިކަންދޭ ދުނިޔެވީ ފިކުރުތަކުން އެއްކިބާ ކުރުވާ ހައިރާނެކެވެ. ލޯބީގެ މަސްތުގައި ތިބެ އެރެއަށް ދެމީހުން ވަކިވާނީ ހުޅަނގު ފަރާތު އުދަރެހުން ތަރިތައް ފާޅުވެ ހަނދުވެސް ރަނިކަމަށް އިސްވާ ފަހުންނެވެ.

ނަމަވެސް އެގޮތުގައި މަންމަމެންނަށް މާކަ ގިނަރެއަކު ހޭދައެއް ނުކުރެވުނެވެ. އެހާ ވަގުވަގަށް ދުރުދުރުން އުޅުނީމާވެސް ފަތުއަޑު ކިޔާފައި ރަށު ތެރެއަށް ވާހަކަ ފެތުރުނެވެ. ތުންތުން މަތިން ދަރިފުޅުގެ ކާފައާއި ހަމައަށް ވާހަކަ ފޯރިއެވެ. މުދިމެއްގެ ހުރި އަންހެން ދަރިއަކު އެގޮތަށް އުޅުން ކާފައަށް ހުތުރުވިއެވެ. ރަށު ފަގީރުކޮއެގެ ސޮރާ އެފަދަ ގުޅުމެއް ބާއްވަން ކާފަ ނުރުހުނެވެ. ކާފަގެ ނިންމުމަކާއި ދެކޮޅަށް އެއްޗެށް ބުނާކަށް މާމައަކަށް ލާހިކެއް ނޫނެވެ. ދަރިފުޅުގެ ބައްޕަ ފަގީރުވެފައި ނިކަމެތި ވިޔަސް މަންމައަށް ވަރިހަމައެވެ. އެހާ ހެޔޮ ޞާލިހު މަސައްކަތްތެރި އިތުރު މީހަކު މަންމައަށް ނުލިބޭނެކަން ޔަޤީނެވެ.

އެކަމުގައި މީހުން ކީބަސްތަކަށް ކާފަ ގަތްލަދެއްގެ ސަބަބުން ކާފަ ހަނު ނުހުންނާނެކަން މަންމައަށް ކަށަވަރުކޮށްދިނީ މާމައެވެ. އެދުވަހުން ފެށިގެން މަންމައާއި ބައްޕަ ބައްދަލުވާން ނިންމީ ދަންބެރުޖަހާ ރަށް ހިމޭންވާ ފަހުންނެވެ. އަތިރިއަށްވުރެ އެތެރެއިން، ވަލުގެވެސް ތަންކޮޅެއް ބިއްދޮށުންނެވެ. ފުޅިބައްތި ހިފައިގެން މަގުދައްކަމުން ހިނގާނީ ބައްޕައެވެ. ބައްޕަ ދައްކާ ސަކަފޮނި ވާހަކަތަކުން ދުނިޔެ މަތިންވެސް ހަނދާންނެތެއެވެ. ދެން ދިމާވާނެ ކަމުގެ އުންމީދެއް ނެތް ހާލު ކޮންމެ ރެއަކުވެސް ވަކިވާނީ ކާފަ ފަތިސްނަމާދަށް ހޭލުމުގެ ކުރިންނެވެ.

މާމަ މާ ހާސްވެފައި ދައްކާ ވާހަކަތަކުން މަންމަމެންނަށް އެކުއުޅޭނެ ވަގުތު ކުޑަތަން ވާހެން ހީވިއެވެ. އޭގެ ކުރީގައި ހޯދޭނެހާ އުފަލެއް ހޯދުމަށް މަންމަމެއް ބޭނުންވިއެވެ. ވަގުތު ކުޑަތަންވީ ވަރަކަށް ބައްދަލުވުންތައް ގިނަ ކުރީމެވެ. ހޯދެން އޮތް އުފަލެއް ހޯދޭތޯ ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކީ ތިޔައީއެވެ. މަންމައާއި ބައްޕަގެ ދަރިފުޅެވެ. އެކަން އޭރު މަންމައަކަށްވެސް ނޭނގެއެވެ. އެހެންކަމުން ބައްޕަ ގާތު އެވާހަކަ ބުނާނެ ގޮތެއްވެސް ނޯންނާނެ ނޫންހެއްޔެވެ.

މައިލަގޮނޑިއަށް ކެތްނުވެގެން މާމަ އެއްދުވަހު ބުނި ވާހަކައަކުން މަންމަގެ ދެލޯބޮޑުވިއެވެ. ކާފަގެ އަމިއްލަ އަތުން އެރޭ ދަންވަރު ފަންޑިތަ ހެދި ވާހަކަ މާމަ ކިޔާދިނެވެ. އެހުރިހާ ދުވަހު ކާފަ ތައްޔާރުވަމުން އައީ އެކަމަށް ކަމަށް މާމަ ބުންޏެވެ. ކާފަ ކޮށްފާނެ ކަމަކުން ކުރިން މާމައަށް އެވާހަކަ ބުނަން ނުކެރުނީއެވެ. ފަންޑިތަ ހަދާފައި ހުރީ ބައްޕަގެ ގޭދޮށަށްކަމަށް ބުނުމުން ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. އެއީވެސް ކުރިއެކޭ އެއްގޮތަށް ބައްދަލު ކުރުމަށް ނިންމައިގެން ތިބި ރެއެކެވެ. އެ ދުއްޕާން ބޮޑު ރޭ ފުރަމެންދަމުގެ އަނދިރިގަނޑު ތެރެއިން މަންމަ އެހިސާބަށްދާން ދުއްވައިގަތީ ދެފައިގައި ހުރިއްޔާ ހުރި ބާރެއްލާފައެވެ. ދެލޮލުން ކަރުނަ އޮހެމުންދާ ހާލުގައެވެ. އެހިސާބަށް ދެވުނު ވަގުތަކީ ބައްޕަވެސް ފުޅިބައްތި ހިފައިގެން ނުކުތް ވަގުތަށެވެ. ވަގުތު މާބޮޑަށްވެސް ކުޑަތަންވީއެވެ. ހެޔޮހާލުގައި ކޮޅަށް ހުރި ބައްޕަމަރުވެގެން ވެއްޓުނީ މަންމަގެ ދެލޮލުގެ ކުރިމަތީގައެވެ.

ދަރިފުޅުގެ ކާފަ، ދަރިފުޅުގެދޮންބައްޕައާއި މަންމަ ދެވީ ދަރިފުޅުގެ ބައްޕަގެ މަރަށްފަހުއެވެ. ނަމަވެސް އެކައިވެނީގެ ކުރިން މަންމަގެ ހަށިގަނޑު ތެރޭގައި ދަރިފުޅު ވާކަމުގެ އިހުސާސް މަންމައަށް ވަނީ ކުރެވިފައެވެ. އެހެނަސް އެކަން މަންމަ ސިއްރު ކުރީ ދަރިފުޅުގެ ހައްގުގައެވެ. މަންމަ ދަރިފުޅު ވިހެއީ ދޮންބައްޕަގެ ދަރިއެއްގެ ނަމުގައެވެ. މަންމަގެ ދިރިއުޅުން އެހާ ފޮނި ނުވިކަމުގާ ވިޔަސް ދަރިފުޅުގެ ދިރިއުޅުން ފޮނިވާނެކަމަށް އުންމީދު ކުރަމެވެ. މަންމަ ދިރިއުޅުނީ ވީހާވެސް އަވަހަކަށް މަރުވެ ދަރިފުޅުގެ ބައްޕަގެ ގާތަށް ދެވޭތޯ ދުޢާ ކުރާ ހާލުގައެވެ. ނަމަވެސް ދަރިފުޅުގެ ހައްގުގައި އުމުރު ގުރުބާން ކުރީއެވެ. ދަރިފުޅުގެ ބައްޕަހާ ހެޔޮ މީހަކު ހަމަ ނުހުންނާނެއެވެ. ދޮންބައްޕައަށްވުރެ ބައްޕަ މަންމައަށް މާހެވެވެ. ދަރިފުޅަށް އަދި ކިހާ ހެޔޮވީސް ހެއްޔެވެ. ދަރިފުޅާއެވެ. މިވާހަކަ ސިއްރުކޮށް ދެއްޗެވެ. އެއީ ދަރިފުޅަށްޓަކައެވެ. ދަރިފުޅުގެ އުފަލަށްޓަކައެވެ. އެހެން ނޫން ނަމަ މިއަދު ދަރިފުޅު ބޮޑުވާނީ ދޮންބައްޕަގެ އެއްވެސް އެހީއެއްނެތި ބިކަ ހާލުގައެވެ. މިވާހަކަ މިއަދު މަންމަ މިކިޔާދިނީ މިއީ ދަރިފުޅަށް ކޮންމެހެން އެނގެންޖެހޭ ވާހަކައަކަށްވާތީއެވެ. މިހަގީގަތް މަންމަ މުޅި ދުނިޔެއަށް ސިއްރުކުރީ ދަރިފުޅުގެ ހައްގުގައެވެ. ދަރިފުޅު މަންމައަށް މާފު ކުރާނެކަމަށް އުންމީދު ކުރަމެވެ.”

ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ރިފްގާ ފޮހެލާފައި ވިސްނާލިއެވެ. އޭނާގެ ހިތުގައި އަބަދުވެސް އޮންނަ ސުވާލަށް މިއަދު ޖަވާބު ލިބިއްޖެއެވެ. އޭނާގެ މައިންބަފައިންކުރެ އެކަކާވެސް އޭނާ ވައްތަރު ނޫނީ ކީއްވެތޯ ކުރެވޭ ސުވާލެވެ. މަޖަލަކަށް ހަދާފައި އޭނާގެ ރައްޓެހިންވެސް ބައެއް ފަހަރު އެވާހަކަ ދައްކައެވެ. އޭނާގެ “އަސްލު” އެނގުނީތީ މިއަދު އޭނާ ހިތްހަމަޖެހިއްޖެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަބްދުﷲ ޝާހިދު